ހަނދު އޭގެ ހަނދުވަރާ ނުލާ .......(30)

( 24 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މުރުތަސިމް އެވަގުތުހުރީ ވަރަށް ހުޝިޔާރީ ޙާލަތެއްގައެވެ. އަބުރާއި ޢިއްޒަތް ޤުރްބާންކޮށްފައި ، މީރަބް އެތަނުން ފުންމާލަފާނެކަން ، މުރުތަސިމަށްވެސް އެނގެއެވެ.

ކުއްލިޔަކަށް ، މީރަބްގެގާތަށް ކުރިޔަށް ޖެހިލައި ، މުރުތަސިމްގެ އަތް މީރަބާ ދިމާލަށް ދިއްކޮށްލަމުން ބުންޏެވެ.

" މަޑުކުރާށެވެ ! މީރަބްހަދަނީ ތެދުކަން އަބަދުވެސް އަހަރެން ޤަބޫލުކުރަމެވެ. އެހެންނަމަވެސް ، އަހަރެންނަށް ވަޢުދެއްވާން ޖެހެއެވެ. އެއީ ، ދުވަހަކުވެސް ، ރޮހޭލާ ބައްދަލުނުކުރާނެކަމަށް އަހަރެންނަށް ވަޢުދުވުމެވެ. " މުރުތަސިމް ބުންޏެވެ.

މުރުތަސިމާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ، މީރަބް ހުއްޓެވެ. އަދި މަޑުމަޑުން އޭނާގެ އަތް ގެންގޮސް ، މުރުތަސިމް ދިއްކޮށްގެންހުރި އަތުގެ ތެރެޔަށްލައި ، މުރުތަސިމްގެ އަތުގައި ހިފިއެވެ.

" ތިކަހަލަ ވަޢުދެއްވުމަށްވުރެ ، މަރުވުންވެސް މާފަސޭހައެވެ. އެއީ ، ކީއްވެގެންކަން އެނގޭ ހެއްޔެވެ ؟ ކުރާހާ ވަޢުދަކާ ހުވަޔަކީ ، މަރާއެކު ނެތިދާނެ އެއްޗެކެވެ. އެކަމަކު ، ދިރިހުންނަންޖެހޭނީ ، އެވާ ވަޢުދެއް ފުއްދުމަށްޓަކައެވެ. " މީރަބް ބުންޏެވެ.

މުރުތަސިމް ކޮއްޕައިލުމަށްފަހު ، މުރުތަސިމްގެ އަތުން ދޫވެގެން ގޭތެރެޔަށް ވަދެގެން މީރަބް ދިޔައެވެ. މުރުތަސިމްހުރީ ، މީރަބްގެ ޖަޒްބާތީ އެ ވާހަކައިގެ ތެރެޔަށް ގެއްލިފައެވެ.

ގޭތެރެޔަށް ވަދެގެން ދިޔަގޮތަށްގޮސް ނޯކަރަކަށް ގޮވައި ، މީރަބް ކެއްކި ހުރިހާ އެއްޗެއް އުކައިލުމަށް އެންގިއެވެ. އެގޭގައި ، ބަނޑުހައިވެފައިހުރި އެކަކުވެސް ނެތެވެ.

" މަޑުކުރާށެވެ ! އަހަރެން މިހުރީ ބަނޑުހައިވެފައެވެ. އަހަރެން ކާނަމެވެ. " ގޭތެރެޔަށް ވަދެގެން އަންނަމުން މުރުތަސިމް ބުންޏެވެ.

މުރުތަސިމް އައިއިރު ، ހިތްހަމަ ނުޖެހިފައި ހުއްޓަސް ، އޭނާއަށް މީރަބް ކާންދޭނެކަމަށް މުރުތަސިމް ހީކުރިއެވެ. އެހެންނަމަވެސް ، ބޯ ހޫރައިލުމަށްފަހު ، މީރަބް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އެތަނުގައި މަޑުކުރާކަށް ނުހެދިއެވެ. ނޯކަރު އައިސް ، މުރުތަސިމްގެ ތަށްޓަށް ކާ އެއްޗެތި އަޅަން ފެށުމުން ، މުރުތަސިމް ބަލައިލިއިރު މީރަބެއް އެތާކު ނެތެވެ. ކާ އެއްޗެތި އަޅާނީ އޭނާ އަމިއްލަޔަށްކަމަށް ބުނެ ، ނޯކަރު ފޮނުވައިލިއެވެ. މާނޭވާއެއްލައި ، މުރުތަސިމްގެ ހިތުގައިވާ އުދާސްގަނޑު ބޭރުކޮށްލިއެވެ.

މީރަބްގޮސް ކޮޓަރިޔަށް ވަތްތަނުން ، ފޯނެއް އައުމުން ބަލައިލިއިރު އެއީ ސަބާގެ ފޯނެކެވެ. މީރަބް ، ފޯނުނެގުމާއެކީ ރޮހޭލް އާ ބައްދަލުކޮށްލަން އެގެޔަށް އައުމަށް ރޮހޭލް އެދޭވާހަކަ ސަބާ ބުންޏެވެ. މީރަބް މިހާރު އެހުރީ އަޙްމަދުއާބާދުގައެވެ. ކަރާޗީއަކު ނޫނެވެ. އެހެންވީމާ އެއީ ވާނެކަމެއްނޫނެވެ.

ސަބާއަތުން ފޯނުއަތުލައި ، އޭނާއަށް އަންގައިނުލާ މީރަބް ދިއުމުން ރޮހޭލް ޝަކުވާކޮށްގަތެވެ. އަދި ރޮހޭލްގެ ޢާންމު ވާހަކައިން އޭނާގެ ލޯބި މީރަބަށް އިޙްސާސްކޮށްދޭން މަސައްކަތް ކުރިއެވެ. އެހެނަސް ، މީރަބަށް އެވަގުތު ވާހަކަ ދެއްކެން ނެތްކަމަށްބުނެ ، ފަހުންވެސް ރޮހޭލާ ބައްދަލު ކުރެވޭނެކަމެއް ނޭނގޭކަމަށް ބުނަމުން ، ރޮހޭލް ދައްކާ ވާހަކަޔަކަށް ނުބަލައި ، މީރަބް ފޯނުކަނޑައިލިއެވެ. މުރުތަސިމަކީ ރުޅިގަދަ މީހެކެވެ. ރޮހޭލްއާއި މީރަބާ ދެމީހުން އެއްތާކުން ފެނިއްޖިއްޔާ ރޮހޭލް މަރައިލަންވެސް މުރުތަސިމް ފަހަކަށް ނުޖެހޭނެއެވެ. ދެމީހުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ، އެކަކު އަނެކަކު ހަނދާން ނައްތައިލުމެވެ.

ދެމަފިރިއެއްގެ ގުޅުމުން ، މީރަބާއި މުރުތަސިމާ ދެމެދު ، އެއްވެސްކަމެއް ނުހިނގާކަމަށް ، މީރަބަށް އޮތީ ރޮހޭލްގާތު ބުނެވިފައެވެ. އެކަމާ ގުޅިގެން ، މީރަބްވެސް ރޮހޭލްދެކެ ލޯބިވާކަމަށް ރޮހޭލް ހުންނަނީ ޔަޤީންކޮށްގެންނެވެ. ކޮންމެފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް ، މުރުތަސިމްގެ ކިބައިން މީރަބް ސަލާމަތްކޮށްގެން ، ރޮހޭލްގެ މީހަކަށް މީރަބް ހެދުމަށް ރޮހޭލް އެހުންނަނީ ހުވާކޮށްގެންނެވެ.

އަނެއްދުވަހުގެ އިރުއޮއްސުނުތަނާ ، މީރަބްގެނެސް ބުރުގާ އަޅުވައިދީ ، ޙަޔާ ބަލައި އަވަށަށް ދިއުމަށް މީރަބަށް ، ޚާނަމް އެންގިއެވެ. މުރުތަސިމްގާތު ނުބުނެ ، ބޭރަށްދާކަށް މީރަބް ބޭނުމެއް ނުވިއެވެ. އިހަކަށްދުވަހު އެ ހިނގައިދިޔަ ޙާދިސާއާ ގުޅިގެން ، މީރަބް ހުންނަނީ ވަރަށް ވިސްނައިގެންނެވެ، މުރުތަސިމް ހިތްހަމަ ނުޖެހިދާނެ ކަމެއް ކުރެވިދާނެތީ ބިރުންނެވެ. މުރުތަސިމްގެ ކަންތައް އޭނާ ހަމަޖައްސާނެކަމަށް ޚާނަމް ބުނެ ، އެއްގޮތަކަށްވެސް ދުލެއް ނުކުރިއެވެ. މީރަބަށް ޙަޔާގެ ފަރާތުން އިހަކަށްދުވަހު އެލިބުނު އަނިޔާއާ ގުޅިގެން ، ޙަޔާއަކީ އޭނާއަށް ކޮންމެފަދަ އަނިޔާއެއްވެސ ދީފާނެ މީހެއްކަން މީރަބަށް އެނގެއެވެ. އަނެއްކާ ، ޚާނަމާއި ޙަޔާއާ ދެމީހުން ބައިވެރިވެގެން ، މީރަބަށް އަނިޔާއެއްދޭން ރާވަނީ ނޫންބާވައެވެ. ހަދާނެ ވަކިގޮތެއް ނޭނގިފައި މީރަބް ހުއްޓާ ، ޚާނަމް ކުރުނުކޮށްގެން އެންމެފަހުން ، ޙަޔާ ބަލައި މީރަބް ނުކުތެވެ. ކާރު ފޮނުވި ވާހަކައާއި ކާރު ދިޔައިމަ ލަސްނުކޮށް ޙަޔާ އެގެޔަށް އައުމަށް ޙަޔާއަށް ޚާނަމް އެންގިއެވެ.

ޙަޔާ ހުރީ ، އޭނާބަލައި އަންނާނީ މުރުތަސިމްކަމަށް ބަލައިގެން އުފަލުންގޮސް ފޮޅިފައެވެ. އެހެން ހުއްޓާ އޭނާ ބަލައި އެއައީ މީރަބެވެ. މީރަބާއެކީ ނުދާން ޙަޔާ ގަދަ ދައްކައިލިއެވެ. އެހެނަސް ، އެނބުރި އެގެޔަށްދާން ލިބުނު ފުރުޞަތު ނަގައިލާކަށް ޙަޔާ ބޭނުމެއް ނުވިއެވެ. މީރަބާ އެކީ އެރޭ ނުގޮއްސިއްޔާ ދެން ދުވަހަކުވެސް އޭނާއަށް އެގެޔަށް ނުދެވިވެސް ދާނެއެވެ. ޚާނަމްއަކީ ފާޑެއްގެ މީހެކެވެ. ހިތް ނޭދުނަސް އެންމެފަހުން ، މީރަބާއެކީ ގެޔަށްދާން ޙަޔާ ނުކުތެވެ.

ގެއިން ފުރަތަމަވެސް ޙަޔާއާ ބައްދަލުކުރީ މަރިޔަމްއެވެ. މަންމަޔާއި ބޭބެއާ ދެމީހުން ޙަޔާގެ އިންތިޒާރުގައި ސިޓިންގރޫމުގައި ތިބި ވާހަކަ ބުނުމާއެކު ، ޙަޔާ ދުއްވައިގަތެވެ. އޭނާގެ ލޮލަށް މުރުތަސިމް ނުފެންނަތާ މިހާރު ދެހަފުތާ ވެއްޖެއެވެ.

ޙަޔާއަށް ސިޓިންރޫމަށް ދެވުނުއިރު ، އޭނާ ނުދަންނަ އެހެން އަންހެނަކާ ޒުވާން ފިރިހެން ކުއްޖަކު ޚާނަމްއާއެކީ ތިއްބެވެ. ޙަޔާ އެތަނަށް ދިއުމާއެކީ ، ޙަޔާއަށް އެއަންހެނާއާއި ފިރިހެންކުއްޖާ ތަޢާރުފް ކޮށްދިނެވެ. ޙަޔާއަށް ތަޢުރީފް ކުރަމުން ، އެ އަންހެނާގެ ގާތުގައި އިށީނުމަށް އޭނާ އެދުނެވެ. އަދި ، އޭނާގެ ޅީދަރިއެއްގެ ގޮތުގައި ޙަޔާ ބަލައިގަންނަން ރުހޭކަމަށް ޚާނަމް ގާތު ބުންޏެވެ. އަދި ، އެކަމަށް އެމީހުން ހުއްދަ ދިނުމަށް އެދުނެވެ. ގޭގެ އެކަހަލަ ކަންކަން ނިންމާނީ މުރުތަސިމްކަމަށްބުނެ ، އެ ޒިންމާ ، ޚާނަމް ޙަވާލުކުރީ މުރުތަސިމާއެވެ. މުރުތަސިމް އެކަމަށް އިޒުނަދީ ، އެކައިވެންޏަށް ރުހި ޤަބޫލުކަމަށް މުރުތަސިމް ބުންޏެވެ.

ޙަޔާއަށް އެތާ އިނދެވެނީކީ ނޫނެވެ. ކުއްލިޔަކަށް ތެދުވެ ، އޭނާގެ ކޮޓަރިޔަށްގޮސް ، މަރިޔަމްގާތު ، ޚާނަމްގެ ޝަކުވާ ކޮށްގަތެވެ. އެއީ އެމީހުންނާ ގާތް ޢާއިލާއެއްގެ ކުއްޖެއްކަމަށް ބުނެ  މަރިޔަމްވެސް ، އޭނާއާ ޙަޔާ ކައިވެނިކުރުމަށް ނަޞޭޙަތްދީ ބާރު އެޅިއެވެ. އެހެނަސް ، ޙަޔާ އެކަމަކަށް އެއްބަހެއް ނުވިއެވެ. މުރުތަސިމް ނުލިބިއްޖިއްޔާ އޭނާ ހުންނާނީ މީހަކާ ނުއިނދެއެވެ. ކޮންމެވެސް އެއްދުވަހަކުން އޭނާ ، މުރުތަސިމް ޙާޞިލްކުރާނެކަމަށް ބުނަމުން ، ޚާނަމާ ދިމާލަށް އެއްޗެތި ކިޔަމުން ގެންދިޔައެވެ. ޚާނަމާ ދިމާލަށް އެތިވަރުގޮވަން ޙަޔާ ހުއްޓާ ، ޚާނަމް އެތަނަށް އައިސް ، ޙަޔާ ޤަބޫލަސް އަދި ނުޤަބޫލަސް އެކައިވެނި ކުރެވޭނެކަމަށް ޚާނަމް ބުންޏެވެ.

ޚާނަމް ދިޔައިމަވެސް ، ޚާނަމާ ދިމާލަށް ޙަޔާ އެއްޗެތި ކިޔަމުން ގެންދިޔައެވެ. ޙަޔާ އެންމެ ރުޅިއައީ ، މީރަބަށް ޙަޔާ އަނިޔާދޭ ވާހަކަ ޚާނަމް ބުނުމުންނެވެ. އެކަމަށް މަޢާފަށް އެދުމުންވެސް ، ޙަޔާއަކަށް ޚާނަމް މަޢާފެއް ނުކުރިއެވެ. ޙަޔާގެ އަދަބަކީ އެކައިވެނި ކުރުމެވެ. މީރަބާއި މުރުތަސިމަށް ހަމަނޭވާލައިގެން އުޅެވޭނީ ، މީހަކާ ދެވާފައި ޙަޔާ އެގެއިން ފޮނުވައިލެވުނު ދުވަހަކުންނެވެ.

އެކައިވެނިން ޙަޔާ ސަލާމަތް ކުރެވިދާނެގޮތެއްގެ ލަފާ މަރިޔަމް ދިނެވެ. އެއީ ، މުރުތަސިމްބޭބެ އެކަމަށް އިންކާރު ކުރުމެވެ. އެކަމުން ޙަޔާ ސަލާމަތް ކޮށްދެވޭނީ ހަމައެކަނި ބޭބެއަށްކަމުގައި މަރިޔަމް ބުނުމާއެކީ ، މުރުތަސިމާ ބައްދަލުކުރަން ޙަޔާ ދުއްވައިގަތެވެ. އެކަމަކު ، ދޮރާ ހަމަޔަށްގޮސް މަޑުޖެހުނެވެ. މީރަބަށް އެދެވުނު އަނިޔާއާ ގުޅިގެން ، މުރުތަސިމް އޭނާއަކާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ވާހަކައެއް މުރުތަސިމެއް ނާހާނެއެވެ. މުރުތަސިމްބޭބެގާތަށް ގޮސް އެވާހަކަ ބުނެލައި ވާގޮތެއް ބަލައިލުމަކީ ނެތްކަމެއް ނޫންކަމަށް މަރިޔަމް ބުނުމާއެކީ ، ދެފައިކުރިޔަށް ބާރުލާފައި އަނެއްކާވެސް ހިނގައިގަތެވެ.

ޙަޔާ ދިޔައިރު ކޮޓަރިޔަކު މުރުތަސިމެއް ނެތެވެ. މުރުތަސިމާބެހޭ ސާފު މަޢުލޫމާތެއް މީރަބްގެ ފަރާތަކުންނެއް ނުލިބުނެވެ. މުރުތަސިމް އަންނާނެ ވަޤުތަކަށް އިންތިޒާރުކޮށްގެން ، ސިޓިންރޫމުގައި ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލަ ހުއްޓާ މުރުތަސިމް ގެޔަށް އައިސް ވަނުމާއެކީ ، މުރުތަސިމްގާތަށް ދިޔައެވެ. އަދި ، އެކައިވެނިކުރަން ބޭނުންނުވާ ވާހަކައާއި މަންމަޔާ ވާހަކަ ދައްކައިގެން އެކައިވެނި ހުއްޓުވައި ދިނުމަށް މުރުތަސިމްގެ ޖިބައިން އެދުނެވެ.

" މީރަބަށް އަނިޔާ ދިނުމަށްޓަކައި ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ބާކީ އެބަ އޮތް ހެއްޔެވެ ؟ މަންމަޔާ އަހަރެން ވާހަކަ ދައްކަންވީ ސަބަބެއް ބުނެބަލާށެވެ ! އެހެންނޫނަސް ، ތި ކައިވެންޏަކީ ޙަޔާގެ ކައިވެންޏެވެ. މަންމަޔާ ވާހަކަ ދައްކަން އެހެންމީހުން ފޮނުވަންވީ ކީއްކުރަން ހެއްޔެވެ ؟ " މުރުތަސިމް ބުންޏެވެ.

އޭނާ ބޭނުންވާކަމެއް ކޮށްލަދޭށޭ ކިޔާފަ ދާނީ ކާކުގާތަށްތޯ ޙަޔާ ސުއާލު ކުރިއެވެ. އެނާގެ ހުރިހާ އުއްމީދެއްވެސް އަބަދުވެސް ގުޅިފައިވަނީ މުރުތަސިމާއެވެ. ޙަޔާއަށް ކުށްކުރެވިފައިވާކަމަށް ޙަޔާވެސް އެއްބަސް ވިއެވެ. އެހެނަސް ، އޭގެ މާނަޔަކީ ، އޭނާ ގެއިންބޭރުކޮށްލުން ނޫންކަމަށް ، ޙަޔާ ބުންޏެވެ.

އެގޭގެ އެއްވެސްމީހަކު ، ޙަޔާ ގެއިންބޭރުކޮށްލަން ނޫޅޭކަމަށް މުރުތަސިމް ބުންޏެވެ. ކައިވެންޏަށްފަހު ، ޙަޔާ ބޭނުންކޮންމެ ގަޑިޔަކު އެގެޔަށް އާދެވޭނެއެވެ. އެކަމަކުވެސް ، އެކައިވެންޏަކީ ، އޭނާ ނުކުރާނެ ކައިވެންޏެއްކަމުގައި ޙަޔާ ބުންޏެވެ.

" އެއީ ، ވަރަށް ރަނގަޅު ކުއްޖެކެވެ. އަހަރެންގެ ރައްޓެއްސެކެވެ. އަދި އެއްފަހަރު ، ރަނގަޅަށް ވިސްނައިލާށެވެ ! އަހަރެންވެސް ބޭނުމީ ، ޙަޔާވެސް މީހަކާ އިނުމަށެވެ. " މުރުތަސިމް ބުންޏެވެ.

އެއީ ، ކީއްވެގެންތޯ އަހައި ، ޙަޔާ ވާހަކަ ދައްކަދައްކާ ހުއްޓާ ، މުރުތަސިމް އެތަނުން ދިޔައެވެ. މީރަބްވެސް އޭރު މަޑުމަޑުން ހިނގަމުން އައިސް އެމީހުންނާ އަރާ ހާމަކުރިއެވެ. ޙަޔާ ހިނގައިގަތްތަނާ މީރަބް ގޮވައިލިއެވެ. ޙަޔާ ބޭނުންކަމަށް ވަންޏާ ، މުރުތަސިމާ އޭނާ އެވާހަކަ ދައްކަންތޯ އަހައިލިއެވެ.

މީރަބް ބުނާކަމެއް ، މުރުތަސިމް ކޮށްދޭނެކަން އެނގިހުރެމެ ، މީރަބްގެ އެހީތެރިކަން ، ޙަޔާ ބޭނުމެއް ނުވިއެވެ. ތުންއޫ ކޮށްފައި ޙަޔާ އެތަނުން ދިއުމާއެކީ ، ސިޓިންގރޫމުގައި މަސައްކަތެއްކުރަން  މުރުތަސިމް އިންދާ ، މީރަބް އެތަނަށްގޮސް އިށީނދެލިއެވެ. އެ ކައިވެންޏަށް ޙަޔާ އަދި ތައްޔާރުނޫންކަމަށް މީރަބް ބުންޏެވެ. މީރަބްގެ ވާހަކަ ނުނިމެނިސް ، މީރަބަށް މުރުތަސިމް ޖަވާބު ދިނެވެ. އެއީ ، ޙަޔާ ކުރަންޖެހޭނެ ކައިވެންޏެއްކަމަށް ބުނެއެވެ. ޙަޔާގެ ކައިވެނިވެސް ، ގަދަކަމުން ކުރެވެނީތޯ މީރަބް ސުއާލު ކުރިއެވެ. އޭނާ އެ އަދާކުރަނީ އޭނާގެ ވާޖިބުކަމަށް ބުނެ ، މީރަބަށް މުރުތަސިމް ޖަވާބު ދިނެވެ. މީރަބްވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު ، އެ ކައިވެންޏަށް ޙަޔާ ދެކޮޅުހަދާކަމަށް މީރަބް ބުންޏެވެ. މުރުތަސިމްވެސް ، މީރަބާ ސުއާލު ކުރިއެވެ. އެފިރިހެންކުއްޖާގެ ކިބައިން އުނިވަނީ ކޮންކަމެއް ހެއްޔެވެ. ބަލާބެލުމަށް އެއީ ގޯސް ކުއްޖެއް ހެންނެއް މީރަބަކަށް ހިއެއް ނުވެއެވެ.

" އަހަރެންނަށް ހީވަނީ ، ޙަޔާ ކައިވެންޏެއް ކުރަން ވެއްޖެ ހެންނެވެ. އޭރުން ، އަހަރެންނަށް ދެން ކުރިމަތިލާން ޖެހޭނީ ، ގޮތްދޫނުކުރާ އެކަކާއެވެ. ޙަޔާ މިގޭގައި ހުރިއްޔާ އަހަރެންނަށް ދެމީހުންނާ ކުރިމަތިލާން ޖެހޭނެއެވެ. " މުރުތަސިމް ބުންޏެވެ.

އޭނާ ގޮތްދޫނުކުރޭތޯ މީރަބް އެހިއެވެ. ޙަޔާ ބަލައި އަވަށަށް އޭނާ ދިޔައީ ، ގޮތްދޫކޮށްގެންނެވެ. އޭނާއާ ދޭތެރޭ ޙަޔާ އިހާނެތިކޮށް ހިތާނެކަންވެސް އެނގި ހުރެއެވެ.  އޭގެކުރިން އޭނާއާ ދޭތެރޭ އެހާ ގޯސްކޮށް ޙަޔާ ކަންތައް ކޮށްފައި އޮއްވައެވެ.

އެކަން ޤަބޫކުރާކަމަށް އެއްބަސްވުމަށް ބޯޖަހައިލަމުން މުރުތަސިމް ތެދުވުމާއެކީ ، މިހާރު އެދަނީކޮންތާކަށްތޯ މީރަބް ސުއާލު ކުރިއެވެ. މުރުތަސިމް އެދަނީ ކޮފީއެއް ހަދަންވެގެންނެވެ. އޭނާ ކޮފީ ހަދައިދީފާނެކަމަށް ބުނެ ، މީރަބްވެސް ތެދުވިއެވެ. ބަދިގެތެރެޔަށް ވަދެގެން ދަނިކޮށް ، ކުރިންވެސް އެގޭތެރެއިން މީރަބަށް ފެނުނު ހިޔަނި ފެނިއްޖެއެވެ. މިފަހަރު މީރަބް ބިރެއް ނުގަތެވެ. އޭނާ ގޮވައިލީމަ އަޑުއިވޭ ހިސާބުގައި މުރުތަސިމް ހުރިކަން އެނގޭތީއެވެ. އެ ހިޔަންޏަކީ ކާކުގެ ކަމެއްތޯ ބެލުމަށް މީރަބް ނިންމިއެވެ. ސިޑިން މައްޗަށް އަރައިގެންގޮސް ، މަތީބުރީގައިހުރި ކޮޓަރިއެއްގެ ދޮރު ހުޅުވައިލިތަނުން މީރަބް ދިޔައީ ސިހިގެންނެވެ. ހަޅޭއްލަވައި ނުގަނެވުނީވެސް ހަމަ ކިރިޔާއެވެ. އޭނާއަށް ފެނުނީ ، މަރިޔަމްއާއެކީ ފިރިހެނަކު އެކޮޓަރިތެރޭގައި ހުއްޓައެވެ. އެވަގުތު ، މުރުތަސިމްވެސް މީރަބްގެ ފަހަތުން އައިސް މީރަބަށް ގޮވަމުން ގެންދިޔައެވެ. ސަލާމަތްކޮށްދޭން އެދި ، މަރިޔަމްގެ ޢިޝާރާތުން މީރަބަށް އަންގަމުން ދިޔައެވެ. މީރަބް އޭނާގެ މޭގައި އަތްއަޅައި ބޯޖަހައިލުމަށްފަހު ، ދޮރުލައްޕައިލިއެވެ. އަދި ، މުރުތަސިމް އައިއްސާނެތީ ، އަވަސް އަވަހަށް ސިޑިންލާފައި ތިރިޔަށް ދިޔައެވެ.

މީރަބް މައްޗަށް އެރީމަ ، މުރުތަސިމް ހުރީ ޙައިރާން ވެފައެވެ. ބަދިގެ އެހުންނަނީ ތިރީގައި ވިއްޔާއެވެ. މީރަބް އެއައީ ، އިމްތިޙާނަށް ފިލާވަޅު ދަސްކުރަން މަރިޔަމް އިނީމަ ކޮފީއެއް ބޭނުންތޯ އަހާފައެވެ. ދެމީހުންވެގެން ކޮފީހަދަން ހިނގާށޭބުނެ ، މުރުތަސިމްގެ އަތުގައި ހިފައިގެން މީރަބް ހިނގައިގަތެވެ. މުރުތަސިމްގެ ހިތަށްލިބުނު ހަމަޖެހުމާއެކީ ، މީރަބާ ދިމާލަށް ބަލައިލުމަށްފަހު ، ހިނިތުންވެލިއެވެ. ބަދަލުގައި ، މީރަބްވެސް ހުރީ މުރުތަސިމާ ދިމާލަށް ، ލޯބިގޮތަކަށް ބަލަހައްޓައިގެންނެވެ. މުރުތަސިމްގެ އުއްމީދުގައި ކުލަޖެހެމުން އަންނަ ކަމުގެ އިޙްސާސް ކުރެވުނެވެ. މީރަބްވެސް މިހާރު އެބަ ބަދަލު ވެއެވެ. ކުރިންކުރާ ގޮތަށް ، ކޮންމެ ކަމަކާ މުރުތަސިމާ ޖަދަލެއް ނުކުރެއެވެ. ވާހަކަ ދައްކަނީވެސް މަޑުމައިތިރިކަމާ އެކުގައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.