އެސްޓީއޯ އަދި މަކިޓާގެ 25 އަހަރުގެ ޕަރޓްނަރޝިޕް ފާހަގަ ކުރުމަށް ހަފުލާއެއް ބާއްވައިފި

މި ހަފްލާ އަކީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ޕާރޓްނަރޝިޕް ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސް ރިޒޯޓްގައި ބޭއްވުނު ހަފްލާއެކެވެ.

މި އިވެންޓް ޝަރަފްވެރި ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް އަދި މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓަރ، ކޯޕަރޭޓް އޮފިސަރ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއަރޓަރ، އޮމޮޓޭ ޓަކާޝީ ވެސް ވަނީ މިހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ހަފްލާގައި މަކިޓާގެ އައު ޓޫލްސްތައް ތައާރަފް ކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރެވޭ ގޮތް ހަފްލާގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލޮއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން ވަނީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލާ، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ހަމަ އެއާއެކު، އެސްޓީއޯ މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯ މަކިޓާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް މި ހަފްލާގައި ވަނީ އަރުވާފައިވެއެވެ. އޭގެ ތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވަރސަލް ހޯކްސް ޕްރައިވެޓް ލިމިޓެޑް، އަލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް، އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް ފަދަ ފަރާތްތަށް ހިމެނެއެވެ.

މި ހަފްލާ ނިންމާލުމުގެ ގޮތުން، މަކިޓާގެ ޑިރެކްޓަރ، ކޯޕަރޭޓް އޮފިސަރ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއަރޓަރ، އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅުން ވަނީ މަކިޓާއާއި އެސްޓީއޯއާއި ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ހަމަ އެއާއި އެކު މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ކޮށްފައިވާ ހެޔޮ ބަދަލު ތައް ސަފީރު ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.