
މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.
އެމްޖެމް އެޑްވޮކޭޓުންނަކީ 2019 ވަނަ އަހަރު ތަސްދީގުކޮށްފައިވާ މިންތީގެ ހަމަހަމަކަމާއި ބެހޭ ގައުމީ ސިޔާސަތާ ގުޅިގެން 2022 ވަނަ އަހަރު އިފްތިތާހުކޮށްފައިވާ ނެޝަނަލް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށާއި އަންހެނުން ބާރުވެރި ކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާފައިވާ ފަރާތްތަކެވެ.
އެމްޖެމް އަކީ ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ހާސިލްކުރުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ.
މިގޮތުން މި ނިޒާމުގެ ދަށުން އެމްޖެމް އެޑްވޮކޭޓުން ކަނޑައެޅުމުގެ މަގުސަދަކީ، ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށް ގާނޫނާއި ގަވައިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް މަގުފަހިކުރުމެވެ.
މިގޮތުން ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާއަކާއި، ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން 70 ފަރާތެއްވަނީ އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކަނޑައަޅާފައެވެ. އެޑްވޮކޭޓުންގެ ހައިސިއްޔަތުން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވާ މުވައްޒަފުންނަކީ އެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިސް ދައުރެއް އަދާ ކުރާނެ ފަރާތްތަކެކެވެ.
މި މަގާމަށް ހޮވުމުގައި އަންހެން މުވައްޒަފުންނަށް އޮޓަމެޓިކުން ހަވާލުކުރުމުގެ ބަދަލުގައި، ފިރިހެން މުވައްޒަފުންނަށް ވެސް މި މަގާމަށް ކުރިމަތިލުމަށް ހަމަހަމަ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ކޮންމެ އެޑްވޮކޭޓަކީ އެ އިދާރާއެއްގައި މަދުވެގެން 2 އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި އެމްޖީއީއެމް އެޑްވޮކޭޓުންނަކީ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވޭ ފަދަ ސީނިއަރ ފެންވަރުގެ ފަރާތަކަށް ވާންޖެހެއެވެ.
މިއީ މި ފަރާތްތަކުގެ ބައިވެރިވުމަކީ ހަމައެކަނި ރަމްޒީ ބައިވެރިވުމެއްގެ ބަދަލުގައި މާނަހުރި ބައިވެރިވުމަކަށް ހެދުމަށްޓަކައެވެ.