
(17 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ކާރަށް އަރަން މީރަބް ދިޔަތަނާ ، މީރަބްގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ، މުރުތަސިމް ފާހަގަ ކުރިއެވެ. އަދި ، އަންވަރުބޭބެ ބުނީ ކީކޭތޯ ސުއާލު ކުރިއެވެ.
" އޭނާބުނީ ، އެއްވެސް އިރަކު ، އެއްވެސް ޙާލެއްގައި ، މީހެއްގެ ދިރިއުޅުން ބަރުބާދު ކޮށްނުލާށޭ އެވެ ! އެއްވެސް މީހެއްގެ ފުރާނަ ދުއްވައި ނުލައްޗެވެ. " މީރަބް ބުންޏެވެ.
މީރަބްގެ ފަހު ޖުމްލަޔަކީ ، އޭނާއަށް އަމާޒުކޮށް ، މީރަބް ބުނި އެއްޗެއްކަން މުރުތަސިމް ދެނެގަތެވެ. ކައިވެނީގެކުރިން ، އެކަން މީރަބަށް ނޭނގެނީތޯ މުރުތަސިމް ސުއާލު ކުރިއެވެ. މުރުތަސިމްދެކެ ، މީރަބް ބިރުނުގަންނަކަމަށް ، މީރަބް ބުންޏެވެ. މުރުތަސިމްވެސް އެދޭގޮތަކީ އެއީއެވެ. އޭނާދެކެ ބިރުގަންނަން ޖެހިދާނެކަމެއް މީރަބް ނުކުރުމެވެ. އެހެން ބުނެ ހިނިތުންވެލުމަށްފަހު ، ކާރުގައި މީރަބް ބޭންދިއެވެ.
މީރަބް ކަރާޗީއަށް އައުމުގެކުރިން ، އަންވަރު ، ވައްޤާސްއާ ގުޅިއެވެ. ރޮހޭލްގެ ކިބައިން މީރަބް ސަލާމަތްކޮށްދީ ، ރޮހޭލް މީރަބާ ގާތްވިޔަ ނުދިނުމަށް ވައްޤާސްގެ ކިބައިން އެދުނެވެ. ވަކި ސަބަބެއް ނުބުނެއެވެ.
މީރަބް ގެޔަށް ވަތްއިރު ، ގޭތެރެ އޮތީ އޭނާއަށް މަރުޙަބާކިއުމަށްޓަކައި ޒީނަތްތެރި ކޮށްފައެވެ. އެގޭތެރެއިން މީރަބް ފެނުމުން އަނީލާއާއި ވައްޤާސްއަށް ލިބިފައިވާ އުފާވެރިކަން ކޮޅުންލިއެވެ. އުފަލުންގޮސް އަނީލާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގެއެވެ. ވައްޤާސްހުރީ އެއްޗެއްބުނަން ނުކެރިފައި މަޑުންނެވެ. އަނީލާ ދައްކަމުން ގެންދިޔަ ވާހަކަތައް މީރަބަށް އަޑުއިވުނުނަމަވެސް ، އެއްވެސް އެއްޗެކޭ ނުބުނެ ، ސިޑިންލާފައި ، އޭނާއުޅުނު ކޮޓަރިޔާ ދިމާލަށް މައްޗަށް އަރައިގެން ދިޔައެވެ.
ވައްޤާސްމެންގާތު ޚާނަމް ބުނެފައި އޮތީ ، ސިޑިމަތިން ވެއްޓި މީރަބަށް ލިބުނު ގެއްލުމުގައި މީރަބްގެ ދަރިފުޅު ސަލާމަތް ނުކުރެވުނު ކަމުގައެވެ. މީރަބް ، ބަލިވެ ނީންނަކަމަށާއި އެއީ ޚާނަމަށް އެރި އޮޅުމެއްކަމަށެއް ނުބުނެއެވެ. ސިޑިމަތިން ވެއްޓި އޭނާއަށް ލިބުނު ގެއްލުމާ ގުޅުވައިގެން ދަރއެއްގެ ވާހަކަ ދެއްކުން އެއީ ޚާނަމްގެ ވަހުމެއް ކަމަކަށް ނުބުނެއެވެ.
މުރުތަސިމް ހުންނަން ގެސްޓްހައުސް ހަމަޖައްސަން މީރަބް ބުންޏެވެ. އެކަމާ އިދިކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް އަނީލާއަކަށްވެސް އަދި ވައްޤާސްއަކަށްވެސް ނުކެރުނެވެ. މުރުތަސިމްވެސް އެކަމާބެހޭގޮތުން ، އެއްވެސް އެއްޗެކޭ ނުބުނެއެވެ.
އަނެއްދުވަހުގެ ހެނދުނުހެނދުނާ ، އިރުއެރިތަނާ ނާސްތާވެސް ނުކޮށް ، އޭނާގެ ރަޙްމަތްތެރި ސަބާއާ ބައްދަލުކުރުމަށް ބޭރަށްދާން މީރަބް ބޭނުންވިއެވެ. ގޭގެކާރުގައި ޑްރައިވަރާއެކީ ފޮނުވަން ، ގޭގެ ނޯކަރު ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، މީރަބް ބޭނުންވީ ކެބެއްގައި ދާށެވެ ! ސަބާއަށް ފޯނުކޮށް ، ބައްދަލުވާނެތަނެއް ނިންމައި ، އަވަސްއަރުވާލާފައި މީރަބް ގެއިން ނުކުތެވެ. މީރަބް ބޭނުންވީ ، އެއްވެސްމީހަކު ތެދުވެގެން ބޭރަށް ނުނުކުންނަނިސް ، ގެއިން ނުކުތުމަށެވެ.
މީރަބް އިން ކާރު ، ވަކިހިސާބަކަށް ދިޔަތަނާ ކުރިމަތިން ކާރެއް ހުރަސްކޮށް ، މީރަބް އިން ކާރު ހުއްޓުވިއެވެ. އެކާރުން ފޭބީ ރޮހޭލެވެ. ރޮހޭލް ބޭނުންވީ ، އޭނާގެ ކާރުގައި އޭނާއާއެކީ މީރަބް ދާށެވެ ! އެހެންނަމަވެސް ، ރޮހޭލާ ބައްދަލުކުރަން މީރަބް ބޭނުންނުވާކަމަށް މީރަބް ބުނެބުނެ އޮއްވައި ، ކާރުގެ ދޮރުހުޅުވައިގެން ، ގަދަކަމުން ގެންގޮސް ، ރޮހޭލްގެ ކާރަށް މީރަބް އެރުވިއެވެ. މުރުތަސިމް ކަރާޗީގައި ހުއްޓައި ، ރޮހޭލާއި މީރަބް އެއްތާކުން ފެނިއްޖެނަމަ ، މުރުތަސިމް މަޑުން ނުހުންނާނެކަން މީރަބަށް އެނގެއެވެ. ރޮހޭލް މަރައިލާކަށްވެސް މުރުތަސިމް ފަހަކަށް ނުޖެހޭނެއެވެ. މީރަބްގެ ސަލާމަތާއި ރައްކާތެރިކަމަކީ ، މުރުތަސިމް އެންމެ އިސްކަންދޭނެ ކަންތައްކަން މީރަބަށް އެނގެއެވެ. މުރުތަސިމާއެކީ އޭނާއަށް ހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި ، މީރަބަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ.
ވައްޤާސް އާއި އަނީލާ ތެދުވެގެން ބޭރަށް ނުކުތްއިރު މީރަބް ބޭރަށް ހިނގައްޖެއެވެ. މުރުތަސިމް ތެދުވެގެން އައިސް މީރަބާ ބެހޭގޮތުން ސުއާލެއް ކޮށްފިއްޔާ އެމީހުން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ މީރަބަށް ގުޅާގުޅާ ފޯނެއް ނުނަގައެވެ. މީރަބަށް ވައްޤާސް ފޯނުކުރިތަނުން ، މީރަބްގެ ފޯނު ، ރޮހޭލް އަތުލިއެވެ. އަދި ، އެއްވެސް ފޯނަކަށް ޖަވާބުދީގެން ނުވާނެކަމަށް އެންގިއެވެ. ރޮހޭލް ދިޔަގޮތަށް ދިޔައީ ، އޭނާގެ ގެޔަށެވެ. ގޭގައި އެވަގުތު އެއްވެސް މީހަކު ނެތެވެ. ސަބާވެސް ވީ މީރަބާ ބައްދަލުކުރަން އެމީހުން އެއްބަސްވި ކެފޭއަށް ގޮހެވެ. ސަބާއާއި މީރަބާ ދެމީހުން ވާހަކަ ދެއްކި އަޑު ރޮހޭލްއަށް އިވުނެވެ. އަދި ، މީރަބް އެދާ ތަނަކަށް ދިއުމުގެކުރިން މީރަބް އަތުލައިގަތުމަށް ، ރޭވީއެވެ.
ކޮޓަރިޔަށް ނުވަންނަން މީރަބް ގަދަހެދިނަމަވެސް ، އަތުލަފިކޮށްގެން ގެންގޮސް ، ރޮހޭލްގެ ކޮޓަރިޔަށް މީރަބް ވެއްދިއެވެ. ކޮޓަރީގެ ފާރުގެ އެތަންމިތާނގައި ، މީރަބްގެ ފޮޓޯ ތަތްކުރެވިފައިހުރިތަން ، މީރަބަށް ފެނުނެވެ. އޭގެ ތެރެއިން ބައެއް ފޮޓޯގައި ރޮހޭލްވެސް ހުއްޓެވެ. އެއީ ، ކޮންކަމެއްތޯ މީރަބް ސުއާލު ކުރިއެވެ.
" މިއީ ، މީރަބްގެ މައްޗަށް އަހަރެންގެ ހިތުގައި އުފެދިފައިވާ ލޯބީގެ ހެކިތަކެވެ. މީރަބްދެކެ އަހަރެން ، އިންތިހާއަށް ލޯބިވަމެވެ. ގަދަކަމުން ތިކުރެވުނު ކައިވެނިން ސަލާމަތްވެގެން ، އަހަރެންގާތަށް އަންނާށެވެ ! އެއްވެސް މީހަކުދެކެ ބިރުގަންނާނެކަމެއް ނެތެވެ. އެހުރިހާ މީހުންގެ ކިބައިން އަހަރެން މީރަބް ސަލާމަތް ކޮށްދޭނަމެވެ. " ރޮހޭލް ބުނަމުން ގެންދިޔައެވެ.
އެއީ ، އޭނާ ކުރަން ބޭނުންވާކަމެއްނޫންކަމަށް ބުނެ ، ރޮހޭލަކީ އޭނާގެ ރަޙުމަތްތެރިއެއްކަމުގައި މީރަބް ބުނަމުން ގެންދިޔައެވެ. މީރަބަކީ ، މީހެއްގެ އަނބެއްކަން އެނގިހުރެ ، ރަޙުމަތްތެރިޔަކާމެދު ، އެފަދަ އިހާނެތިގޮތަކަށް ޢަމަލުކުރުމަކީ ، ދީނީގޮތުންވެސް ހުއްދަކަމެއް ނޫންކަން ، ރޮހޭލަށް ވިސްނައިދެވޭތޯ ، މީރަބް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، މީރަބް ދައްކާ އެއްވެސް ވާހަކައެއް އަހާކަށް ރޮހޭލް ބޭނުމެއް ނޫނެވެ. ރޮހޭލް ބޭނުންވަނީ ، މުރުތަސިމްގާތުން ވަރިވެގެން ، ރޮހޭލްގެ ގާތަށް މީރަބް އައުމަށެވެ.
މީރަބަށް ފޯނުކޮށްކޮށް ފޯނު ނުނަގައިގެން ވައްޤާސް އާއި އަނީލާއާ ދެމަފިރިން ކަންބޮޑުވެފައި ތިއްބާ ، އެތަނަށް މުރުތަސިމް އަތުވެއްޖެއެވެ. މިހާރު އޮތީ ، މީރަބްގެ ފޯނު ކަނޑައިވެސް ލާފައެވެ. މުރުތަސިމް އައިސް ، ފުރަތަމަވެސް އެހީ މީރަބް ކޮބައިތޯއެވެ. ކަމެއް ދިމާވެގެން އެމީހުން އަނބުރާ އަޙްމަދުއާބާދަށް ދާން ޖެހުނު ވާހަކަ އެވެ.
އެމީހުން ގޭތެރެޔަށް ނުކުތްއިރު ، މީރަބް ގޭގައި ނޫޅޭކަމަށް ވައްޤާސް ބުނުމާއެކީ ، މުރުތަސިމްގެ ދެބުމަ ގޮށްޖެހުނެވެ. ފޯނުނަގައި ، މީރަބަށް ގުޅިއިރު ފޯނު އޮތީ ކަނޑައިލާފައެވެ. މީރަބް ދިޔައީ ކޮންތާކަށްކަން ޑްރައިވަރަށް އެނގޭނެކަމަށް ބުނެ ޑްރައިވަރަށް ގޮވަން މުރުތަސިމް އެދުނެވެ. އެހެންނަމަވެސް ، ގޭގައި ގެންގުޅޭ ނޯކަރު އެއަށް ޖަވާބު ދިނެވެ. މީރަބް ދިޔައީ ކާރަކު ނޫނެވެ. ދިޔައީވެސް ޑްރައިވަރާ އެކީގައެއްނޫނެވެ. ކެބެއް ގެނެސްގެންނެވެ. އެހެން ނުހެދުމަށް އޭނާވެސް މީރަބަށް ނަޞޭޙަތްތެރި ވިއެވެ. ނޯކަރު ބުނިގޮތުގައި އޭނާއަކަށްވެސް މީރަބް ދިޔަ ވަކިތަނެއް ނުއެނގެއެވެ. އެކަމަކު ، ސަބާކިޔާ ކުއްޖަކާ މީރަބް ވާހަކަ ދެއްކިއަޑު އޭނާއަށް އިވުނެވެ. ސަބާއަކީ ކާކުތޯއާއި ، ސަބާގެ ގެ ހުންނަތަން ، ވައްޤާސް ކުރެން އަހައިގެން މުރުތަސިމް ހޯދިއެވެ.
ރޮހޭލް ދައްކާ އެއްވެސް ވާހަކައެއް މީރަބް ނޭހިއެވެ. އެނދުމަތީ އިށީނދެލައި ހަމަޖެހިލައިގެންތިބެ ، ކަން ކުރާނެގޮތް ދެމީހުންވެގެން ރޭވުމަށް ބުނެ ، މީރަބް ގެނެސް އެދުމަތީ ބައިންދައި ، މީރަބްގެ އަތުގައި ރޮހޭލް ހިފައިލުމާއެކީ ، ގޭގެބޭރު ދޮރުގައި މީހަކު ތަޅައިގަތްއަޑު އިވުނެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ރޮހޭލަށް އެއީ ކާކުކަން ނޭނގުނަސް ، އެއީ މުރުތަސިމް ނޫން އެހެން މީހަކަށް ނުވާނެކަން މީރަބަށް އެނގުނެވެ. އަދި ބިރުންގޮސް މީރަބް ތުރުތުރު އަޅާން ފެށިއެވެ. ރޮހޭލްގެ އިތުރަށް މިފަހަރު ، އޭނާގެވެސް ދުވަސް ދިޔައީއެވެ.
ރޮހޭލްގޮސް ދޮރުހުޅުވައިލިއިރު އެއީ މުރުތަސިމެވެ. ރޮހޭލް ކޮއްޕައިލާ ދުރަށް ލުމަށްފަހު ، މީރަބަށް ގޮވަމުން މުރުތަސިމް ، ގޭތެރެޔަށް ވަނެވެ. ތަންކޮޅަކަށް ދިޔަތަނާ ކޮޓަރިތެރޭ ހާސްވެފައިހުރި މީރަބް ، ފެނުނެވެ. އެދިޔަގޮތަށްގޮސް ، މީރަބްގެ އަތުގައި ހިފައި އޭނާއާއެކީ އައުމަށް ބުންޏެވެ. މުރުތަސިމްގާތަށް އައިސްހުރި ރުޅި ، ކޮންޓްރޯލް ކުރަމުން ، މީރަބާ ދިމާލަށް އެއްޗެކޭ ނުބުނެވޭތޯ ބަލަމުން ގެންދިޔައެވެ. މީރަބްގެ އަތުގައި ހިފައިގެން ތަންކޮޅަކަށް އައިތަނާ ރޮހޭލްގޮސް މީރަބްގެ އަތުގައި ހފައި މީރަބް ހުއްޓުވިއެވެ. މުރުތަސިމް އެގެންދަނީ އޭނާގެ އަނބިމީހާ ކަމަށާއި އޭނާ ހުއްޓުވަން އެއީ ކާކުތޯ މުރުތަސިމް ސުއާލު ކުރިއެވެ. މީރަބްގެ އަތުގައި ރޮހޭލް ހިފުމާއެކީ ، މުރުތަސިމްގެ ރުޅިގަނޑު ފަޅައިގެން ގޮސް ، އޭނާގެ އަނބިމީހާ ހުއްޓުވަން އެއީ ކާކުތޯ ، އަނެއްކާވެސް މުރުތަސިމް ސުއާލު ކުރިއެވެ.
" އަހަރެންނަކީ ، މީރަބާ އެއްކްލާހެއްގައި ކިޔެވި މީހެކެވެ. މީރަބަކީ އަހަރެންގެ ލޯބިވެރިޔާއެވެ. " ރޮހޭލް ބުންޏެވެ.
އެހިސާބުން ، މުރުތަސިމް ކޮންޓްރޯލުން ނެއްޓިއެވެ. މީރަބްގެ އަތުން އޭނާގެ އަތް ދޫކޮށްލުމަށްފަހު ، ރޮހޭލްގެ ކަންކަށިމަތީ ވީއްލައިލި އެތިފަހަރުގެ ބާރުކަމުން ، ރޮހޭލް ބިންމައްޗަށް ވެއްޓުނެވެ. ރޮހޭލްގެ ގައިމަތީ އިށީނދެ އިނދެ ، ރޮހޭލްގެ ގައިގާ ، މުރުތަސިމް ތަޅަމުން ގެންދިޔައެވެ. އަދި އޭނާގެ ޖީބުގައި އޮތް ފިސްތޯލަ ނަގައި ރޮހޭލްގެ ބޮލަށް އަމާޒު ކުރިއެވެ. މީރަބް އައިސް ، އެހެން ނުހެދުމަށް މުރުތަސިމަށް އާދޭސް ކުރަމުން ގެންދިޔައެވެ. އޭނާ އެގެޔަށް އަންނަންޖެހުނުގޮތް ، ގެޔަށްގޮސް ސާފުކޮށްދޭނެކަމަށް މީރަބް ބުނަމުން ގެންދިޔައެވެ. މީރަބް އެތައް ވަރަކަށް ކިޔައިގެން ، މުރުތަސިމްގެ ފިސްތޯލަ ޖީބަށް ލިއެވެ.
ގެޔަށް އައިސް ، މުރުތަސިމް ބޭނުންވީ ، ވީ އެންމެ އަވަހަކަށް އަޙްމަދުއާބާދަށް ދާށެވެ. މީރަބަށްވެސް އޭނާއާއެކީ ދާންޖެހޭނެކަން އެންގިއެވެ. އޭނާ އެގެޔަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައި ނޫންކަން ސާފުކޮށްދެވޭތޯ މީރަބް މަސައްކަތް ކުރިއެވެ.
" މީރަބްގެ ކާރުގެ ކުރިބައްދާ ، ކާރުން ނެރެގެން އޭނާގެ ކާރަށް އަރުވައި ، ގެޔަށް ގެންދިޔައީ ނޫންހެއްޔެވެ ؟ މީރަބަކީ އޭނާގެ ލޯބިވެރިޔާކަމަށް އަހަރެންގެ ކުރިމަތީ އިޢުލާންވެސް ކުރީ ނޫންހެއްޔެވެ ؟ " މުރުތަސިމް ބުންޏެވެ.
އެގެޔަށްދާން މީރަބް ބޭނުންނުވާ ވާހަކަ މީރަބް ބުންޏެވެ. ސަބާއަށް ފޯނުކޮށްގެން ، އެހެންތާކުން ބައްދަލުކޮށްލަން ރޭވީވެސް އެހެންވެގެންނެވެ. އެކަމުގައި އޭނާއާ ދޭތެރޭ ، ގޯސް އެއްވެސް ގޮތަކަށް ހީނުކުރުމަށް ، މީރަބް އެދުނެވެ. މުރުތަސިމަށް އެއީ ވަރަށްބޮޑު މައްސަލައެކެވެ. މީރަބަކީ ، އޭނާ ބޭނުންނުވާކަމެއް ކުރާނެ މީހެއްނޫނެވެ. މީރަބްގެ ގޮތް ދިފާޢުކުރުމަށް ކުރިމަތިލާނެއެވެ. މިއަދު ، އެ މީރަބް ކޮބައި ހެއްޔެވެ ؟ މީރަބްގެ މަޖްބޫރުކަން މުރުތަސިމަކަށް ޤަބޫލެއް ނުކުރެވުނެވެ. ގަދަކަމުން ތާކަށް ގެންދަން އުޅުނުއިރު ، އޭނާގެ ކާރަށް އަރައި މީރަބް އިށީންނަންވީ ސަބަބެއް މުރުތަސިމަކަށް ނުވިސްނުނެވެ. މީރަބް ދިޔަ ކެބަށް ގުޅި ފޯނުނަންބަރު މުރުތަސިމަށްދީ ، ޑްރައިވަރުކުރެން އެކަންވީގޮތް ސާފުކުރުމަށް މީރަބް އެދުނެވެ. އެހެންނަމަވެސް ، މީރަބްގެ ބަހަނާގެ އަޑުއަހާކަށް މުރުތަސިމް ބޭނުމެއްނޫނެވެ.
މީރަބަކީ އޭނާގެ އަނބިމީހާއެވެ. ހިލޭ ފިރިހެނެއްގެ ކޮޓަރިން އޭނާގެ އަނބިމީހާ ، އެހެން ފިރިހެނަކާއެކީ ފެނުމަކީ ، މުރުތަސިމަށް ބަރުދާސްތު ކުރެވޭނެ ކަމެއްނޫނެވެ. މީރަބަށް ނޭނގުނުނަމަވެސް ، މީރަބްދެކެ ، އޭނާ އިންތިހާއަށް ލޯބި ވެއެވެ. މުރުތަސިމް ބޭނުންވަނީ ، ގަދަބާރު ދައްކައިގެން ، މީރަބްގެ ލޯބި ޙާޞިލްކުރާކަށް ނޫނެވެ. މީރަބްދެކެ އޭނާ ލޯބިވާވަހަކަ ނުބުނަން އެހުންނަނީވެސް އެހެންވެގެންނެވެ. މުރުތަސިމް އެހުންނަނީ ، އޭނާގެ ލޯބީގެ އަގު މީރަބަށް ވަޒަންކުރެވިގެން ، މީރަބްގެ ހިތުގައި އޭނާގެ މައްޗަށް ލޯބި އުފެދުމަށް ފުރުޞަތުދީގެންނެވެ.
ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ރޯކުރަމުން ، ގޯތިތެރޭގައި ހުރި މޭޒެއްގައި އިށީނދެލައިގެން މުރުތަސިމް އިނެވެ. މުރުތަސިމްގެ ކުރިމަތީ ނިއުޅެމުން އެދާ ފީތާއަކީ ، މީރަބާ ކައިވެނިކުރުމަށް ، މަންމަ ނިންމި ހިސާބުން ދެން ކަންވެގެންދިޔަގޮތުގެ މަންޒަރު ތަކެވެ. ކައިވެނިކުރެވުނު ހިސާބުން ، މުރުތަސިމް ގެންދިޔައީ އޭނާގެ ވާޖިބު އަދާކުރަމުންނެވެ. އޭނާގެ ކައިވެނި ، ކޮންމެ ގޮތަކަށް ކުރެވުނު ނަމަވެސް ، ފިރިއެއްގެ ވާޖިބު އަދާކުރުމަށް އެންމެ ފަހަރަކުވެސް ފަހަތަކަށް ނުޖެހެއެވެ. މުރުތަސިމްގެ ބަސްމަގާއި ޢަމަލުތައް ހަރުކަށިނަމަވެސް ، އެއީ އޭނާގެ މިޒާޖެވެ. ޝާހީ ޢާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެންދަރިޔަށްވާތީ ، ޢަދްލުއިންސާފާއި ، ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ، އޭނާގެ ވާޖިބު އަދާކުރުމަށް ، ޢާއިލާއިންވަނީ ދަސްކޮށްދީފައެވެ.
މީރަބްގެ ހިތަށް ތަކްލީފެއްލިބޭނެ ހުރިހާކަމަކުން ، މީރަބް ސަލާމަތްކޮށްދިނުމަށް މުރުތަސިމް ބޭނުމެވެ. އެހެންނަމަވެސް ، މުރުތަސިމްގެ ބާރު ނުހިނގާގޮތަށް ، މީރަބްގެ ޢަމަލުތައް ހުންނަގޮތުން މީރަބަށް ލިބޭ ގެއްލުމާއި ތަކްލީފަކީ ، އޭނާއަށް ހުއްޓުވޭނެ ކަންކަމެއްނޫނެވެ. މީރަބް ބޭނުންވާ ކޮންމެކަމެއް ، ބޭނުންވާ ގޮތަކަށް ، އެއްވެސް ލަހެއްފަހެއްނެތި ، މުރުތަސިމް އަންނަނީ ކޮށްދެމުންނެވެ. އެއީ އޭނާގެ މަންމަޔާ ދެކޮޅަށް ކުރަންޖެހޭ ކަމެއްކަމަށްވިޔަސް ، ދުލެއް ނުދެއެވެ.
ރޭގަނޑުގެ ފިނީގައި މުރުތަސިމް ބޭރުގައި ، ގޯތިތެރޭގައި އިންކަން މީރަބަށް އެނގޭކަމަކަށް ނުހަދައެވެ. މުރުތަސިމާ ވާހަކަ ދައްކާލަން ބޭނުންވާކަމަށް މީރަބް ބުނިނަމަވެސް ، މުރުތަސިމް އެއަކަށް އަޅައެއް ނުލައެވެ. ބޭރުގައި ، އެކަނިމާއެކަނި މުރުތަސިމް އެއިނީ ، އެއްވެސްމީހަކާ ވާހަކަދައްކަން ބޭނުން ނުވާތީއެވެ. އެކަނިވެލަން ވެގެންނެވެ.
މުރުތަސިމަކީ އާދައިގެ މީހެއްނޫންކަމަށާއި ، އެއީ އަބުރުވެރި ، ޤަދަރުވެރި ޢާއިލާއެއްގެ ޢިއްޒަތްތެރިއެއްކަން ، މީރަބަށް ވިސްނައިދެވޭތޯ ވައްޤާސްއާއި އަނީލާ މަސައްކަތްކުރަމުން ގެންދިޔައެވެ. މީރަބް އެކުރިކަމަކުން ، މުރުތަސިމްގެ އަބުރަށްވެސް ހުތުރެވެ. މުރުތަސިމަކީ ހިތްހެޔޮ ، އޯގާތެރި މީހެކެވެ. މީރަބްދެކެ ލޯބިވާ ފިރިއެކެވެ. މުރުތަސިމްގެ އަބުރަށް ހުތުރުވާނެ އެއްވެސްކަމެއް ، މީރަބްގެ ފަރާތުން ހިނގައިގެން ނުވާނެއެވެ. މީރަބާއި ވައްޤާސްއާ އަދި އަނީލާ ތިބީ ކޮޓަރިތެރޭގައެވެ. ރޮހޭލާއެކީ މީރަބް ހުއްޓާ ފެނުމަކީ ، މުރުތަސިމަށް މަރުވުމެކޭ އެއްފަދަ ކަމެކެވެ. އެހެންކަމާއެކުވެސް ، މީރަބާ ދިމާލަށް އެއްޗެކޭ ނުބުނެ ، ގޯތިތެރޭގައި އެކަނި އެއިނީ ، އޭނާގެ އަނބިމީހާއަށް ކުރާ އިޙްތިރާމެއްގެ ސަބަބުންނެވެ. އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބޭކަށް މުރުތަސިމެއް ނޭދޭނެކަމަށް ވައްޤާސް ބުންޏެވެ. މީރަބަށް ނަޞޭޙަތް ދޭން ވައްޤާސް ހުއްޓާ ، ކުއްލިޔަކަށް ، ގޯތިތެރެއިން އެއިވުނީ ފިސްތޯލައެއްގެ އަޑެވެ. މުރުތަސިމްގެ އަތުގައި ފިސްތޯލައެއް އޮތްކަން މީރަބަށް އެނގެއެވެ. އަނެއްކާ މުރުތަސިމް އަމިއްލަޔަށް ، ގަޔަށްފިސްތޯލަ ޖެހީބާވައެވެ ؟ ނޫނީ ، ރޮހޭލް އެގެޔަށް އައީ ބާވައެވެ ؟ ބާރަށް ރޮއިގެންފައި ދެފަޔަށް ބާރުލައި ، މީރަބް ދުއްވައިގަނެވުނެވެ. ( ނުނިމޭ )