ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ކުރާ މަސައްކަތަށް ދިރާގުން އެހީވަނީ

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، ދިރާގުން ވަނީ "ޕާޓްނަރސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕާޓްނަރޝިޕް 2025-2026 އަހަރަށް އައުކޮށްފައެވެ.

މި އައުކުރުމާއެކު، ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެހީތެރިވުމަށް ދިރާގުން ވަނީ އަޒުމު ކަނޑައަޅާފައެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން، ކާރިސާތަކުގެ ވަގުތުގަ އާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދެއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ އެހީ ފޯރުކޮށްދިނުން، ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ދިނުން އަދި މީގެ އިތުރުންކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން، ދިވެހި ރެޑް ކްރެސެންޓްގެ އިންސާނީ ހިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދެއެވެ.

''ދިވެހި ރެޑް ކްރެސެންޓުން ގައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި އަދި މުހިންމު މަސައްކަތްތަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް.  އަދި މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ކުރައްވަވާ މިންނެއް މަސައްކަތް ފާހަނގަކޮށް ދިރާގުގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން'' ދިރާގުގެ ސީނިއާރ މެނޭޖާރ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ފާހަނގަ ކުރިގޮތުގައި މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި  އަދި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.