
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އުފައްދަވާފައިވާ، މައުމޫން ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ ޅެންހެދުމުގެ މުބާރާތެއް ހުޅުއްވައިލައްވައިފިއެވެ.
ދިވެހި ގައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އެއްބައިވަންތަކަން ދިވެހިންގެ ހިތްތަކުގައި ދިރުވައި އާލާކުރުމާއި، ދިވެހި ޅެންވެރިކަމަށް ޝައުގުވެރިކަން އުފެއްދުމާއި، ދިވެހިބަހުން ޅެންހެދުމުގެ ހުނަރު އާލާކުރެއްވުމުގެ މަގުސަދުގައި ކުރިޔަށް ގެންދަވާ މި މުބާރާތަށް ޅެން ހުށަހެޅުމުގެ ސުންގަޑިއަކީ، 27 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް ހުށަހަޅުއްވާފައިވާ އިނާމަކީ، 5000 ރުފިޔާއެވެ. ދެވަނައަށް 3500 ރުފިޔާއެވެ. 3ވަނައަށް 2000 ރުފިޔާއެވެ.
މި މުބާރާތުން ވަނަވަނައަށް ހޮވޭ ޅެންތައް މައުމޫން ފައުންޑޭޝަނުން ޝާއިއުކުރައްވަން ގަސްތުކުރައްވާކަމަށާއި މުބާރާތާ ބެހޭ އިތުރު މައުލޫމާތު، މައުމޫން ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުން ލިބޭނެކަމަށް ވެސް އެ ފައުޑޭޝަނުން ހާމަކުރައްވާފައިވެއެވެ.
ދީނީ، ގައުމީ ތަފާތު މުނާސަބަތުތައް ފާހަގަކުރެއްވުމަށް ޖަލްސާތަކާއި ހަފުލާތައް ބާއްވަވާ އަދި ފޮތްތައް ޝާއިއުކުރެއްވުމާއި މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވުން ފަދަ ގައުމަށާއި މުޖުތަމައަށް ފައިދާހުރި ތަފާތު ހަރަކާތްތައް މައުމޫން ފައުޑޭޝަނުން ހިންގަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.