ޖޭ.ޑީ.އެސް ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސެންޓަރ (ޖައިސް)ގެ ފަރާތުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، ޖަޕާން ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭ.ޑީ.އެސް)އާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، ޖަޕާނުގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ދޫކުރާ ޖޭ.ޑީ.އެސް ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މި ސްކޮލަރޝިޕްގެ ދަށުން، 2020 ވަނަ އަހަރުން ފެށިގެން 22 ދިވެހި ދަރިވަރުންނަށް ވަނީ ޖަޕާނުގެ އެކި ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ލިބިފައެވެ. އެގޮތުން، ކުރިއަށްއޮތް އަހަރުތަކުގައި ވެސް މިފަދަ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަށް ދިވެހިރާއްޖެއަށް ފަހިކޮށްދިނުމާއި މެދު ވަނީ މަޝްވަރާކުރެވިފައެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސެންޓަރ (ޖައިސް)ގެ ފަރާތުން ހެޑް ކުއަރޓަރސްގެ ޕްރޮޖެކްޓް ލީޑަރ، މސ. ސައިޓޯ ޗިހިރޯ އަދި ޖޭ.ޑީ.އެސް މޯލްޑިވްސް ކަންޓްރީ އޮފިސަރ، މސ. ކަސަމަޓްސު މާކީ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް، ޑރ.އަބްދުޢްރަޙީމް ޙަސަންގެ އިތުރުން އެ ވުޒާރާގެ ސްކޮލަރޝިޕް ސެކްޝަންގެ ޑައިރެކްޓަރ، އަޙްމަދު ރިޒާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.