
(13 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ގޭތެރޭގައި ކަންހިނގާނެ ގޮތަކާމެދު ވިސްނަން މަރިޔަމް އިންދާ ޚާނަމްވެސް އެތަނަށް އަތުވެއްޖެއެވެ. އެންމެ ފުރަތަމަވެސް މަރިޔަމްއަށް އަހައިލެވުނީ ޙަޔާ ކޮބައިތޯއާއި އެއީ ޙަޔާކުރިކަމެއްތޯއެވެ. ޙަޔާގެ ނަންގަންނަންވެސް ، ޚާނަމް ބޭނުމެއް ނުވިއެވެ. ޙަޔާއަށް އޭނާ ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ ؟ މަރިޔަމްއާ އެއްވެސް ތަފާތެއް ނުކޮށް ލޯބިދީ ، ގަހަނާ ހޯދައިދީ މަރިޔަމެކޭ އެއްފަދައިން ދަރިއެއްގޮތަށް ބަލައި ބޮޑުކުރީމަ ، ޚާނަމަށް ޙަޔާދިން ހަދިޔާއަކީ އެއީއެވެ. ސިޑިމައްޗަށް ތެޔޮ އަޅައިގެން ، މީރަބް ވައްޓައިލީ ޙަޔާއެވެ. އޭގެ އިތުރަށް ، މުރުތަސިމާއި މީރަބަށް ، ސިހުރު ފަންޑިތަވެސް ހަދައިފިއެވެ. ގެޔަކަށްވެސް އަދި އެގޭގައި ދިރިއުޅޭ އެއްވެސް މީހަކަށްވެސް މިހާރު ރައްކާތެރިކަމެއް ނެތެވެ. ޙަޔާ އެދިޔައީ އެ ގެޔަކީ ނާމާން އަދި ބިރުވެރި ކިއްލާއަކަށް ހަދާފައެވެ. އަހަރެންގެ މާމަދަރިފުޅަށް ގޮތެއް ނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅޭ ބުނަމުން ، ޚާނަމް ރޮއިގަތެވެ.
މުރުތަސިމް އައިސް ، އެއީ ޙަޔާކުރިކަމެއްތޯ ސުއާލު ކުރިއެވެ. ޚާނަމް އާނއެކޭ ބުނެ ޖަވާބު ދިނެވެ. އެކަމާ މުރުތަސިމް ކަންބޮޑު ނުވުމަށް ޚާނަމް ބުންޏެވެ. މީރަބަކަށް ގެއްލުމެއް ނުލިބޭނެއެވެ. އޭނާގެ މާމަދަރިފުޅުވެސް ސަލާމަތް ވާނެއެވެ. ޚާނަމް އެއައީ ، ޙަޔާ ގެއިން ނެރެލައި ، އޭނާގެ އަވަށަށް ގެންގޮސް ލައިދިނުމަށް ބަޚްތިޔާރުގާތު ބުނެފައެވެ. ސިހުރު ފަންޑިތަ ހެދުމުގައި އޭނާއަށް އެހީތެރިވި ނޯކަރުވެސް ޙަޔާއާއެކީ ފޮނުވައިލިއެވެ. އެއީ ، ޙަޔާ ގެނެސްގެން އުޅޭ ، އެ އަވަށަށް ނިސްބަތްވާ އަންހެނެކެވެ.
ޑޮކްޓަރ އައިސް ، މީރަބްގެ ޙާލުހުރިގޮތް ސާފުކޮށްދިނެވެ. ދެދުވަހެއް ވަންދެން މީރަބް ހޮސްޕިޓަލްގައި ބާއްވާނެއެވެ. އެތެރެއިން ފަޔަށް ލިބިފައިހުރި ގެއްލުން ރަނގަޅުވާނީ ވަރަށް ދުވަހުންކަމަށް ބުނެ ޑޮކްޓަރ ހިނގައިގަތްތަނާ ، މީރަބްގެ ދަރިފުޅުގެ ޙާލު ކިހިނެއްތޯ ޚާނަމް ސުއާލު ކުރިއެވެ. ޑޮކްޓަރ ބުނިގޮތުގައި ، މީރަބް އިނީ ބަލިވެއެއްނޫނެވެ. މީރަބްގެ ބަނޑުގައި ކުއްޖަކު ނެތެވެ. ޑޮކްޓަރ އެބުނި ވާހަކައެއް ޔަޤީންކޮށްލުމަށްޓަކައި ، ދެފަހަރަށް ޚާނަމް ސުއާލު ކުރިއެވެ. ޑޮކްޓަރ ދިނީ އެއްޖަވާބެކެވެ. މީރަބް އިނީ ބަލިވެ ނޫންކަމުގައެވެ. މުރުތަސިމްހުރީ ، މަންމަޔަށް ވާނެގޮތް ނޭނގޭތީ ހާސްވެ ކަންބޮޑުވެފައެވެ.
އެކަމާބެހޭގޮތުން ، މުރުތަސިމާ ޚާނަމް ސުއާލުކުރަން ފެއްޓިއެވެ. މުރުތަސިމްވެސް އޭނާއަށް ކަންތައްތަކެއް ސިއްރުކުރަނީތޯ ސުއާލު ކުރިއެވެ. މީރަބް އިނީ ބަލިވެއެއް ނޫންހެއްޔެވެ ؟ މީރަބްވެސް އަދި މުރުތަސިމްވެސް ޚާނަމަށް ކަންތައްތަކެއް އޮޅުވައިލަނީ ހެއްޔެވެ ؟ ހާސްވެގެންގޮސް ، ކައިރީހުރި ގޮނޑިޔަށް ޚާނަމް ތިރިވިއެވެ.
މާމަ ދަރިފުޅެއް ނެތެވެ. މީރަބް އިނީ ބަލިވެއެއް ނޫނެވެ. ޙަޔާވެސް ދެއްކި ވާހަކަޔަކީ އެއީއެވެ. މީރަބް އެހަދަނީ ދޮގުކަމަށް ޙަޔާ އަބަދުވެސް އައީ ބުނަމުންނެވެ. އެކަމަކު ، މުރުތަސިމާއި މީރަބަށް އިތުބާރުކޮށްފައި ޙަޔާގެ ވާހަކަ ޚާނިމަށް ޤަބޫލު ނުކުރެވުނީއެވެ.
ގެޔަށް އައުމާއެކީ ، މީރަބަށް ކުރިމަތިވަމުންދިޔައީ ، ނުރުހުމުގެ ބަސްތަކެވެ. މުރުތަސިމާއި މީރަބާ ދެމީހުންވެގެން ، ޚާނަމަށްވެސް އަދި އަންވަރަށްވެސް ދޮގުހަދައި އޮޅުވައިލީއެވެ. ޙަޔާ އެހަދަނީ ދޮގުކަމަށް ބަލައި ، މީރަބްގެ ސަލާމަތަށްޓަކައި ޙަޔާ ގެއިން ބޭރުކޮށްލައިފިއެވެ. އެކަމަކު އެއަށްވުރެ ބޮޑު ދޮގެއްހަދައި ، އެމީހުންނަށް އޮޅުވައިލީ މީރަބާއި މުރުތަސިމާ ދެމީހުންނެވެ. އަންވަރުގާތަށްވެސް ހުރީ ރުޅިއައިއްސައެވެ. އޭނާއަކީ ބައްޕަކަމަށް ނުބަލައި މީރަބް އޭނާއަށް އޮޅުވައިލިޔަސް ، މުރުތަސިމް އެހެން ހަދާނެކަމަކަށް އަންވަރުގެ ހިތަކަށް ނާރައެވެ. އެމީހުންގެ ޖަޒްބާތާކުޅެލައި ، ބޮޑުވެގެންވާ އޮޅުވައިލުމެއްގެ ތެރޭގައި މުޅި ޢާއިލާ ތަޅުވާލައިފިއެވެ. މީރަބާ ދިމާލަށް ޚާނަމް އެތިވަރު ގޮވަމުން ގެންދަނިކޮށް ، މީރަބް ދޮގުނުހަދާކަމުގައި މުރުތަސިމް ބުންޏެވެ. މަންމަޔަށް ފެނުނު މަންޒަރަކަށް ބަލައިގެން މަންމަޔަށް ގޯސްކޮށް ވިސްނުނީއެވެ. މީރަބް ބަލިވެއިން ވާހަކަ ، މީރަބްގެ އަނގައިން ދުވަހަކުވެސް ނުބުނެއެވެ.
އެހެނަސް ، މީރަބް ބަލިވެ ނީންނަކަން މީރަބަށް އެނގޭއިރު ، އެކަން ސާފުކޮށްދޭން ޖެހޭނެކަމަށް ޚާނަމް ބުންޏެވެ. އެންމެ ފުރަތަމަ ، މަންމަޔަށް ކުށްހީއެއް ހީވެގެން ބަލިވެ އިނުމާބެހޭ ވާހަކަ ބުނިތަނުން ، އެކަހަލަކަމެއް ނުވާކަމަށް މީރަބް އޮތީ ބުނެފައެވެ. އެކަން ޚާނަމަށް މުރުތަސިމް ހަނދާން ކޮށްދިނެވެ. އެވާހަކަ ޤަބޫލުކުރާކަށް މަންމަ ބޭނުމެއް ނުވިއެވެ. އެހެންކަމުން ، މީރަބްވެސް ބެލީ ، މަންމަޔަށް އެލިބުނު އުފާވެރިކަން ނެތިހިނގައިދާނެތީ ކުއްލިޔަކަށް އެވާހަކަ ނުބުނެ ، ކޮންމެވެސް ގޮތަކުން ، އެކަން ސާފުކޮށް ދިނުމަށެވެ. މިސާލަކަށް މިފަހަރު މިދިމާވި ޙާދިސާއިން އެކަން އެއޮތީ ސާފުވެފައިކަމަށް މުރުތަސިމް ބުންޏެވެ. އަނގައިންވެސް ނުބުނެ މީރަބް އިނެވެ. މީރަބްގެ ހަނުހިމޭންކަން ވިސްނިގެން ، މީރަބް ދިފާޢުކޮށްދިނުމަށްޓަކައި ވާހަކަ ދައްކަމުން އެގެންދަނީ މުރުތަސިމެވެ. މުރުތަސިމަކީ ، ކިހާ ރަނގަޅު މީހެއްކަން މީރަބަށް ވިސްނެމުން އެބަދެއެވެ. އޭނާއާ ދިމާލަށް ރައްދުވާ ކޮންމެ ބަހަކަށް އަދި ކޮންމެ ކަމަކަށް ، މުރުތަސިމް އެއަންނަނީ ޖަވާބުދާރީވެ ، މީރަބް ދިފާޢުކޮށްދެމުންނެވެ.
ޙަޔާއަށް އެޚަބަރު ލިބުމާއެކީ ، އުފަލުންގޮސް ނަށަމުން ހެމުން ރޮމުން ގެންދިޔައެވެ. ޙަޔާއަށް އެ ޚަބަރުދިނީ މަރިޔަމްއެވެ. ވަގުތުން ، އަޙްމަދުއާބާދަށް އަނބުރާ ދިއުމަށް ޙަޔާ ނިންމިއެވެ. އެހެންނަމަވެސް ، މަންމަ ހުއްދަ ނުދެނިސް ޙަޔާއަށް އެގެޔަށް ނާދެވޭނެކަން ޙަޔާއަށް މަރިޔަމް ހަނދާން ކޮށްދިނެވެ. އަދި ، ޙަޔާއަށް އެކަން ކޮށްދޭނެކަމަށް މަރިޔަމް ބުންޏެވެ.
މީރަބްގެ ޙާލު މަޑުމަޑުން އައީ ރަނގަޅުވަމުންނެވެ. މީރަބަށް ހުރިހާކަމެއް ކޮށްދެނީ މުރުތަސިމެވެ. ޚާނަމް މިހާރަކު މީރަބަކާ އަޅައެއް ނުލައެވެ. މީރަބަށް ކާންދީ ހަދަނީވެސް މުރުތަސިމެވެ.
ޚާނަމްގެ ކިބައިން މަޢާފަށް އެދުމަށް މީރަބް ބޭނުންވިއެވެ. އޭނާ އެހުންނަނީ އެކަމާ ވަރަށް ލަދުންނެވެ. މީރަބަށްވުރެ ބޮޑަށް އެކަމުގައި ލަދުގަންނަންޖެހެނީ މުރުތަސިމަށެވެ. މީރަބަކީ ޅީދަރިއެވެ. މުރުތަސިމަކީ އުފަން ދަރިއެވެ. މުރުތަސިމް މާބޮޑަށް ލަދުގަންނަން ޖެހޭނެ ނޫންހެއްޔެވެ. މަންމަ ރުޅިއައިސް އެހުރީ މީރަބްދެކެ ނޫންކަމުގައި މުރުތަސިމް ބުންޏެވެ. މަންމަ އެހުންނަނީ މުރުތަސިމްދެކެ ރުޅި އައިއްސައެވެ. އެހެންވީމާ ، މަޢާފަށް އެދޭނީ ، މަންމަގެ ހިތަށް ތަދުކުރި މީހާއެވެ. އެއީ ، އޭނާކަމުގައި މުރުތަސިމް ބުންޏެވެ.
ޚާނަމްއާ ބައްދަލުކުރުން މުރުތަސިމަށް އޮތީ މަނާކޮށްފައެވެ. އޭނާގެ ކޮޓަރިޔަށް ، އޭނާއާ ބައްދަލުކުރަން ، ޚާއްޞަކޮށް މުރުތަސިމް އައިއްސިއްޔާ އެ ކޮޓަރިޔަށް ނުވައްދަން ، ޚާނަމްއޮތީ ، ނޯކަރުންނަށް އަންގާފައެވެ. އެކަން މުރުތަސިމަށްވެސް އެނގެއެވެ. އެހެންނަމަވެސް ، މުރުތަސިމް ގޮސް އެއްދުވަހަކު އެކޮޓަރިޔަށް ވަނެވެ. ޚާނަމްގެ ކޮނޑުމަތީ މުރުތަސިމްގެ އަތް ބޭއްވުމާއެކީ ، މުރުތަސިމްގެ އަތް ފޮޅުވައިލިއެވެ. ޚާނަމް އިނީ މޫނުން ފޫގަޅައިގެންނެވެ. މުރުތަސިމާ ވާހަކަ ދައްކާކަށްވެސް ބޭނުމެއްނޫނެވެ. ޚާނަމްއިނީ ، ކައިރީގައިހުރި މޭޒުމަތީ ، މީރަބްގެ ދަރިފުޅަށް އޭނާ ހޯދާފައިވާ ހުރިހާ ހެދުންތަކެއް ބަހައްޓައިގެން އެ ހެދުންތަކާ ކުޅޭށެވެ. ނޯކަރު ހާޖަރާއަށް ގޮވާލައި ، އެހެދުންތައް ފަޤީރަކަށްދޭން ނުވަތަ ކޮންމެވެސް ތާކަށް އުކާލާން އެންގިއެވެ. މުރުތަސިމް އެކަން މަނާކޮށް ، އެތަނުން ހާޖަރާ ދިއުމަށް އެންގިއެވެ. ޚާނަމްގެ ކުރިމަތީހުރި ގޮނޑީގައި ޚާނަމާ ކުރިމަތިލައިގެން ، މުރުތަސމް އިށީނދެލިއެވެ. އަދި އޭނާއަށް މަޢާފުކުރުމަށް އެދުނެވެ.
" މީރަބް އެހުރީ އަހަރެންނަށް ދޮގުހަދާފައެވެ. އަދި މީރަބްގެ ދޮގަށް މުރުތަސިމް ތިހުރީ ތާއީދުކޮށްގެންނެވެ. " ޚާނަމް ބުންޏެވެ.
އެދެމީހުންވެސް މަންމަޔަށް ދޮގުހަދައިފިކަމަށް މުރުތަސިމް އެއްބަސްވިއެވެ. އެކަމަކު ޙަޤީޤަތަކީ އެއީއެވެ. މީރަބްގެ މަޤްޞަދަކީ ޚާނަމްގެ ހިތުގައި ޖެއްސުމެއްނޫނެވެ. މުރުތަސިމްގެ ކުށަކީ ، އެކަން ވަންހަނާކޮށްގެން މަޑުން ހުރުމެވެ. އެއީ ޚާނަމްވެސް އަދި ޚާނަމްގެ ބައްޕަވެސް ދަސްކޮށްދިން ގޮތެއްނޫނެވެ. އަބަދުވެސް ތެދުވެރިކަމުގައި ސާބިތުވެ ހުރުމަށް ، މުރުތަސިމްގާތު ޚާނަމް ބުނަމުން ގެންދެއެވެ. ހަމަ އެގޮތަށް ، ތިމާގެ ގުޅުންތައް ރަނގަޅުގޮތުގައި ދެމެހެއްޓުމަށްވެސް ޚާނަމް މުރުތަސިމަށް ބާރުއަޅަމުން ގެންދެއެވެ. އޭނާ އެހުންނަނީ އެގޮތުގައެވެ.
އަނތްބެއްގެ ވާޖިބު މީރަބަށް އަދާނުކުރެވެންޏާ ، މީރަބް ދޫކޮށްލުމަށް ، މުރުތަސިމަށް ޚާނަމް އެންގިއެވެ. އެއީ ، މުރުތަސިމް ބޭނުންވިޔަސް ، އޭނާ ކުރާނެކަމެއްނޫނެވެ. އެންމެ ޝަރުތެއްނޫނެވެ. މަތިމައްޗަށް ސަތޭކަ ޝަރުތު ހުށަހެޅިޔަސް އޭނާ ، މީރަބް ދޫކޮށެއް ނުލާނެއެވެ.
މުރުތަސިމަށް އެހާބޮޑަށް މީރަބްދެކެ ލޯބިވެވުނީތޯ ޚާނަމް ސުއާލު ކުރިއެވެ. އެކަމަށް މުރުތަސިމް އާނއެކޭ ބުންޏެވެ. މީރަބްދެކެ ލޯބިވެވުނުގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާއަށް އެހުރެވެނީ މީރަބްދެކެ ، އިންތިހާއަށް ލޯބިވެވިފައެވެ. މީރަބްގެ ފަރާތުން އޭނާއަށް އެއްވެސްކަމެއް ނުލިބުނަސް މައްސަލައެއް ނޫނެވެ. އެހެނަސް ، މުރުތަސިމް ޤަބޫލުކުރާގޮތުގައި ، އެއްދުވަހަކުން މީރަބަށްވެސް އޭނާގެ ލޯބީގެ އަގު ވަޒަން ކުރެވި ، މުރުތަސިމް ދެކެ ލޯބިވެވޭނެއެވެ. އޭނާ އިންތިޒާރުކުރަމުން އެގެންދަނީ އެދުވަހަކަށެވެ.
ޢާއިލާގެ އިތުބާރު މުރުތަސިމަށް ލިބިފައިވަނީ ޚާނަމްގެ ސަބަބުންނެވެ. އެކަން އެހެން އޮއްވާ ، ޚާނަމް އޭނާދެކެ ރުޅިއައިސް ހުރެއްޖެނަމަ ، މުރުތަސިމް ބަރުބާދުވެދާނެކަމަށް މުރުތަސިމް ބުންޏެވެ. އެހެންވީމާ ، މުރުތަސިމްދެކެ ރުޅިއައިސްގެން ނުހުރުމަށް މުރުތަސިމް އެދުނެވެ.
" މުރުތަސިމް ތިހާވަރަށް މީރަބްދެކެ ލޯބިވަންޏާ ، ކޮންމެ ގޮތަކަށް މުރުތަސިމް އުޅުނަސް ، އަހަރެންނަކަށް މުރުތަސިމް ދެކެ ރުޅިއައިއްސައެއް ނުހުރެވޭނެއެވެ. " ޚާނަމް ދެރަވެފައި އިނދެ ބުންޏެވެ.
ކުރިޔަށް އޮތްތަނުގައި އެ ހިނގިކަހަލަ އެއްވެސްކަމެއް ނުހިނގާނެކަމަށް މުރުތަސިމް ވަޢުދުވިއެވެ.
ޚާނަމާ ބައްދަލުކޮށް ، ޙަޔާ އަލުން އެގެޔަށް ގެންނަން މަރިޔަމް އެދުނެވެ. އެހެންނަމަވެސް ، އެކަމަކަށް ޚާނަމް އެއްބަހެއް ނުވިއެވެ. ޙަޔާ އެހުރީ ، ސިޑިމަތިން މީރަބް ވައްޓައިލާފައެވެ. މީރަބާއަދި މުރުތަސިމަށް ސިހުރު ހަދާފައެވެ. ޙަޔާއަށް މިހާރު އެ ލިބެނީ އޭނާކުރި ކުށުގެ އަދަބުކަމަށް ޚާނަމް ބުންޏެވެ. މަރިޔަމަށް ޙަޔާމަތިން ހަނދާންވެ ހިތަށް އުނދަގޫވަންޏާ ޙަޔާއާ ބައްދަލުކުރަން ދިއުން އެއީ ޚާނަމަށް މައްސަލައެއްނޫނެވެ. ޙަޔާއާ ބައްދަލުކުރަން މަރިޔަމް ހިނގައްޖެނަމަ ، އޭނާއާއެކީ ޙަޔާ އަންނާނެކަމަށް މަރިޔަމް ބުންޏެވެ. އެހެންކަމަށް ވަންޏާ ދާނެކަމެއް ނެތްކަމަށް ބުނެ ، ޚާނަމްގެ ވާހަކަ ނިންމައިލިއެވެ.
މުރުތަސިމް ކޮޓަރިޔަށް އައިއިރު ، ނޯކަރަކު ގެނެސްގެން ، މީރަބްގެ ފޮށްޓަށް އެއްޗެތިއަޅައި ޕެކްކުރަމުން ގެންދިޔައެވެ. މީރަބްދާ ތަނަކާ ބެހޭގޮތުން މުރުތަސިމް ސުއާލު ކުރުމާއެކީ ، އޭނާ ކަރާޗީއަށް ދަނީކަމުގައި މީރަބް ބުންޏެވެ. އެއީ ، މުރުތަސިމް ބޭނުންވާ ގޮތެއްނޫނެވެ. މީރަބަށް މިވަގުތު ބޭނުމީ ، އަރާމު ކުރުމެވެ.
" އަހަރެން މިއިނީ ބަލިވެއެއް ނޫނެވެ. އެހެންވީމާ ، އަރާމުކުރުމުގެ ބޭނުމެއް ނެތެވެ. އަހަރެންގެ މިޙާލަށް އަހަރެން ޝުކުރު ކުރަމެވެ. އަހަރެންނަށް ދެވިދާނެއެވެ. ގޭ އެންމެން އަހަރެންދެކެ ރުޅިއައިސް ތިބޭއިރު މިގޭގައި އިނުމަށްވުރެ ، ކަރާޗީއަށް ދިޔައިމަ ހިތަށް މާ ފަސޭހަވާނެއެވެ. " މީރަބް ބުންޏެވެ.
މީރަބްހަމަ ، ގެއިން ނުކުމެގެން ދަނީތޯ މުރުތަސިމް ސުއާލު ކުރިއެވެ. މީރަބް ދާން ބޭނުންވީ މުރުތަސިމާ އެކީގައެވެ. މުރުތަސިމަށް އެކަން ކޮށްދެވެން ނެތިއްޔާ ، އޭނާ އެކަނިވެސް ހިނގައިދާނެއެވެ. މުރުތަސިމް އެހުރީ މީރަބް ކަރާޗީއަށް ގެންގޮސްދޭށެވެ. މީރަބް އެކަނި ފޮނުވައިލާކަށް މުރުތަސިމް ބޭނުމެއްނުވެއެވެ. އެއީ ، މީރަބް އެކަނި ހިނގައްޖެއްޔާ އެނބުރި އެގެޔަށް ނައިއްސާނެތީ އެކަމުގެ ބިރަށްތޯ މީރަބް ސުއާލު ކުރިއެވެ.
" އެހެންކަމަށް ވަންޏާ އެއީ އަދި ބިރުވެރިކަން މާ ބޮޑުކަމެކެވެ. އަހަރެންނަށް މީރަބް ބީވުމަކީ ، އެއްވެސް ޙާލެއްގައި އަހަރެން އެދޭގޮތެއްނޫނެވެ. ކޮންމެ ފަދަ ޤުރްބާނީއެއް ވެގެންވެސް އަހަރެން މީރަބް ބޭނުމެވެ. އެކަމަކު މީރަބް ބޭނުންވާ ހުރިހާކަމެއް އަހަރެން ކޮށްދޭނަމެވެ. " މުރުތަސިމް ބުންޏެވެ.
ކަރާޗީއަށް ދިއުމުގެ ކުރިން މަންމަޔާ ބައްދަލުކޮށްލުމަށް މުރުތަސިމް ބޭނުން ވިއެވެ. މުރުތަސިމާއެކީ މީރަބްވެސް ދިޔައެވެ. ޚާނަމަށް މީރަބް ފެނުމާއެކީ ލޯއަޅައިގެންފައި މީރަބާ ދިމާލަށް އެއްޗެތި ކިޔަމުން ގެންދިޔައެވެ. މީރަބް ބަލިވެ ނުއިންނަ ވާހަކަ ވައްޤާސް އާއި އަނީލާގާތު ، ޚާނަމެއް ނުބުނެއެވެ. އޭނާބުނީ ، ސިޑިން ވެއްޓި މީރަބްގެ ދަރިފުޅު ގެއްލި ދިޔައީކަމުގައެވެ.
ކާރަށް އަރަންދިޔަތަނުން އަންވަރު ނުކުމެ ، މުރުތަސިމާ ސަލާމް ކޮށްލިއެވެ. މުރުތަސިމް ދިއުމާއެކީ ، މީރަބާ ވާހަކަ ދައްކަން އަންވަރު މަޑުކޮށްލިއެވެ. މީރަބް އެދަނީ ރޮހޭލާ ބައްދަލުކުރަންތޯ ސުއާލުކުރިއެވެ.
މީރަބް ބުނިގޮތުގައި އޭނާ ކޮންމެ މީހަކާ ބައްދަލުކުރަން ދިޔަޔަސް ، އެއީ އެހެންމީހުންނާ ބެހޭކަމެއް ނޫނެވެ. މީރަބަކީ ، އަންވަރުގެ ދަރިއެއްކަން މީރަބަށް އަންވަރު ހަނދާން ކޮށްދިނެވެ. ރޮހޭލާ މީރަބް ބައްދަލުކުރިކަން ، އެނގޭނީ ހަމައެކަނި ވައްޤަސްއާއި އޭނާއަށެވެ. މުރުތަސިމަކަށް އެކަމެއް ނޭނގޭނެއެވެ. އެހެންނަމަވެސް ، މުރުތަސިމަށް އެކަން އެނގޭ ވަގުތަކީ މީރަބްގާތު އެއްވެސް ވާހަކައެއް ނުބުނެ ، ރޮހޭލް މަރައިލާނެ ވަގުތެވެ. ކުރާކަމެއް ވިސްނައިގެން ރައްކާތެރިކަމާއެކީ ކުރުމަށް މީރަބަށް ، އަންވަރު ނަޞޭޙަތް ދިނެވެ. އެކަމުގެ ގެއްލުން ލިބޭނީ ހަމައެކަނި މީރަބަކަށް ނޫނެވެ. އެއީ އޭނާއަށްވެސް ލިބޭނެ ގެއްލުމެކެވެ. އެފަދަކަމެއް ދިމާވެއްޖެނަމަ ، ދިރިއުޅުމުގައި މީރަބް އުފުއްލަންޖެހޭނެ ތަކްލީފަކީ ، އަންވަރުގެ ހިތަށްވެސް ތަޙައްމަލު ކުރެވޭނެ ކަމެއްނޫނެވެ.
އަންވަރު އެދެއްކި ވާހަކަޔަކާމެދު ، މީރަބް ވިސްނައިލިއެވެ. އެއީ ، އޭނާވެސް ވިސްނަންޖެހޭނެ ކަމެއްކަމަށް މީރަބަށް އިޙްސާސްވިއެވެ. އެހެނަސް ، ކަރާޗީއަށް އޭނާ އެދަނީ ރޮހޭލާ ބައްދަލު ކުރާކަށް ނޫނެވެ. އެގޭގެ ތަކްލީފުން ފުރިގެންވާ މާޙައުލުން ބޭރުގައި ، އޭނާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ރޮހޭލާ ބައްދަލުވެސް ވެދާނެއެވެ. އެހެނަސް ، މުރުތަސިމްގެ ޙަޔާތުން ދުރަށްގޮސް ރޮހޭލާ ގުޅުމުގެ އެއްވެސް ކަހަލަ ވިސްނުމެއް މީރަބްގެ ހިތަކު ނެތެވެ. ( ނުނިމޭ )