
(9 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޮންމެވެސް މީހެއް ފަރުބަދައިގެ ކުރިޔާ ފަންސާހަކަށް ގަޒު ދުރުން ހިލަގަނޑެއްގެ ނިވަލުން ބޯ ނެރެފިއެވެ. އޭނާ ހިންދީ ބަހުން ހަރު އަޑުން ބުންޏެވެ. "ތިޔަބައިމީހުންގެ ފުރާނަ ސަލާމަތް ކުރާން އެދޭ ކަމުގައި ވާނަމަ ހަތިޔާރު ބަހައްޓައިފައި ތިރިޔަށް ފައިބާށެވެ."
އޭގެ ޖަވާބުގައި ރަންބީރުގެ ދުނިދަނޑީން ނުކުތީ ވައި ކަފައިލައިފައި ދިޔަ ދުންޏެކެވެ. ވާހަކަ ދެއްކި މީހާ އަވަސްއަވަހަށް ހިލަގަނޑުގެ ނިވަލަށް ޖެހިލައިފިއެވެ. ފަރުބަދަ ވަށައިލި މީހުން ހަތަރު ފަރާތުން ދުނީގެ ވާރޭ ވެއްސާން ފަށައިފިއެވެ. އެ ވަގުތު ރަންބީރަށާއި އޭނާގެ އެކުވެރީންނަށް ހަތިޔާރު ބަހައްޓާން ގޮވައިލި މީހާ ހިލަތަކާ ނިވައި ވަމުން ވަރަށް ބާރަށް ވިއްސަކަށް ގަޒު މައްޗަށް އަރައިފިއެވެ. އޭނާ އަނެއްކާވެސް ވަރަށް ބާރަށް ބުންޏެވެ. "އަހަރެން ހީ ކުރި ވަރަށް ވުރެ ތިޔަބައިމީހުން މާ ބޮޑަށް ވެސް މޮޔަކަން އެނގިއްޖެއެވެ. އެހެން ނަމަވެސް އަހަރެން އަނެއްކާވެސް ތިޔަބައިމީހުންނަށް ވިސްނާނެ ފުރުޞަތު ދެމެވެ." މި ފަހަރު އޭނާ ހިލަގަނޑުގެ ނިވަލުން ބޯ ނެރޭކަށެއް މަސައްކަތެއް ނުކުރެއެވެ. އޭނާ ހިންދީ ބަހުން ދައްކާ ވާހަކައިގެ ރާގާއި ބަސްމަގު ހެކި ދެނީ އޭނާ އަކީ އިންޑިއާގެ މީހެއްކަމެވެ. ނުވަތަ އޭނާގެ ޙަޔާތުގެ ގިނަ ދުވަސްތައް އިންޑިއާގައި ހޭދަ ކޮށްފައި ވާ މީހެއްކަމެވެ. ރަންބީރާއި އޭނާގެ އެކުވެރީންގެ ފަރާތްޕުޅުން އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ ބުންޏެވެ. "އަހަރެން ވަޢުދު ވެފައި ވަނީ އިރު އޮއްސުމުގެ ކުރީން ފަރުބަދަމައްޗަށް އަރާށެވެ. ތިޔަބައިމީހުން ތިޔަ ތިބީ އަމިއްލައަށް މަރު ވާން ތައްޔާރަށް ކަމުގައި ނުވާ ނަމަ ހަތިޔާރު ބަހައްޓައިފައި ތިރިޔަށް ފައިބާށެވެ. އަހަރެން ތިޔަބައިމީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމުގެ މަސްއޫލިއްޔަތާ ޙަވާލު ވަމެވެ. ކޮންމެވެސް ދުވަހަކުން ތިޔަބައިމީހުންގެ ގޭގެއަށް ދެވޭ ގޮތް ވުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ!"
ރަންބީރާއި އޭނާގެ އެކުވެރީންގެ އަރިހުގައި އެ ވާހަކަތައް ހިމެނުނީ އަވާމެންދުރެއް ކަމުގައެވެ. ނަމަވެސް އެ އަވާމެންދުރުގެ ހިތްގައިމުކަން އެ ބޭފުޅުންގެ ޚިޔާލުފުޅުތަކުގެ މައްޗަށް ކުޑަ އިރުކޮޅަކަށް ވެރި ވެގަތެވެ. ކޮންމެވެސް ދުވަހަކުން މިނިވަން ވެވަޑައިގެން އަމިއްލަފުޅު ގެއަށް ވަޑައިގެންނެވޭނެކަމުގެ ވަހުމީ ޚިޔާލު އުއްމީދު ގެއްލުމުގެ އަނދިރިކަމުގެ ތެރެއިން ބައްތިއެއް ދިއްލައިފިއެވެ. އެ ބޭފުޅުންނަށް އެ ބައްތީގެ އަލީގައި މަރުގެ މޫނުމަތި ކުރިޔަށް ވުރެ މާ ބޮޑަށް ނާމާންކޮށް ފެނިވަޑައިގަންނަވާން ފަށައިފިއެވެ. އެ ވާހަކައިގެ ޖަވާބު މާ ދުރުން، އެތަކެއް ކޯހުގެ ދުރުން އެނބުރި އަންނަ އަޑު އިވިވަޑައިގަންނަވަމުން ދިޔައެވެ. އެ ބޭފުޅުންގެ މައިބަފައިކަލުންނާއި، ބޭފުޅުންނާއި، ރަޙުމަތްތެރީންނާއި، ގާތްތިމާގެފުޅު ބޭފުޅުން ވިދާޅުވާ އަޑު އިވިވަޑައިގަންނަވަމުން ދާން ފަށައިފިއެވެ. "ކޮންމެވެސް ދުވަހަކުން މަނިކުފާނަށް އަޅުގަނޑުމެން ފެނިވަޑައިގަތުން އެކަށީގެން ވެއެވެ."
ވާހަކަ ދައްކާ މީހާ އިރުކޮޅަކަށް ހިމޭން ވެއްޖެއެވެ. ކުއްލިޔަކަށް ރަންބީރުގެ އެކުވެރިޔަކު ހަތިޔާރު އެއްލައިލައިފައި ތެދު ވެއްޖެއެވެ. އޭނާ ދެ އަތް މައްޗަށް ނަގައިގެން ހުރެ ތިރިޔަށް ފައިބާން ފަށައިފިއެވެ. އިރުކޮޅަކު މަޑު ޖެހިލައިފައި އަނެއްކާވެސް ތިން މީހުން އޭނާގެ ފަހަތުން ހިނގައިގެންފިއެވެ. ދެން ތިބި މީހުން ރަންބީރާ ދިމާޔަށް ބަލަހައްޓައިގެން ތިބީއެވެ. އޭނާ ބެދިފައި ވާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަހަންނާ ދިމާޔަށް ތިޔަ ގޮތަށް ނުބަލާށެވެ. ތިޔައިގެ ތެރެއިން ބޭނުން މީހަކު ދިޔަޔަސް އެންމެ ރަނގަޅެވެ. އަހަރެން އުފަލާ އެކު އަމުރު ދީފީމެވެ."
އަނެއްކާވެސް ހަތަރު މީހަކު ތެދު ވެގެން ތިރިޔަށް ހިނގައިގެންފިއެވެ. އޭގެ ތެރެއިން އެކަކު ތަންކޮޅަކަށް ގޮސްފައި އެނބުރި ރަންބީރާ ދިމާޔަށް ބަލައިލައިފައި ދެންނެވިއެވެ. "އޭނާ އެ ހަދަނީ ތެދެއް ކަމުގައި ވުން އެކަށީގެން ވެއެވެ. އޭނާ ވާހަކަ ދައްކަނީ އަޅުގަނޑުމެންގެ ބަހުންނެވެ. އެއީ ދުޝްމަނުންނާ ބައިވެރި ވެވަޑައިގެންނެވި ރާޖުޕޫތުން ކުރެ ބޭފުޅަކު ކަމުގައި ވެދާނެއެވެ. އޭނާގެ ބޭނުންފުޅަކީ އަޅުގަނޑުމެން ފުރާނަ ސަލާމަތް ކުރެއްވުން ކަމުގައި ވެސް ވެދާނެއެވެ."
ރަންބީރު ހިތާމަވެރި ރާގެއްގައި ހަޅޭއްފުޅު ލައްވަވައިގެންނެވިއެވެ. "ކަލާކޮށްޓަކައި ދާށެވެ! އަހަރެން ކަލޭގެ މަޝްވަރާއެއް ބޭނުމެއް ނޫނެވެ." އެ މީހާ ދުވެފައި ގޮސް އޭނާގެ އެހެން އެކުވެރީންނާ އަރައި ހަމަ ކޮށްފިއެވެ. ފަރުބަދަމަތީގައި ކުޑަ އިރުކޮޅަކު ހަމަހިމޭންކަން ވެރި ވެފައި އޮތެވެ. އަނެއްކާވެސް އެއްކަލަ ހިލައިގެ ބިތްދޮށުން އަޑު އަތުވެއްޖެއެވެ. "އިރު އޮއްސެނީއެވެ. ތިޔަބައިމީހުންނަށް އަދިވެސް އިރުކޮޅަކަށް ވިސްނާން ފުރުޞަތު ދެމެވެ. ހިތްވަރުގަދަކަމާއި މޮޔަކަމަކީ ވަރަށް ތަފާތު ދެ ކަމެއްކަން ހަނދާން ކުރާށެވެ."
އެތައް އިރެއް ވީ އިރު ވެސް ރަންބީރުގެ ދެން ތިބި އެކުވެރީންގެ ތެރެއިން އެކަކު ވެސް ގުޑައިނުލުމުން ވާހަކަ ދައްކާ މީހާ ބުންޏެވެ. "އަހަރެން އެކަނި މައްޗަށް މި އަރަނީއެވެ. ތިޔަބައިމީހުންނަށް އަހަރެން ނުހުއްޓުވޭނެކަން ޔަޤީން ކޮށްދެމެވެ."
އިސްކޮޅުން ދިގު ރީތި މީހެއް ހިލަގަނޑެއްގެ ފަހަތުން ނުކުމެ ހިތްގައިމުކަމާ އެކު ފިޔަވަޅު އަޅަމުން ފަރުބަދަމައްޗަށް އަރާން ފަށައިފިއެވެ. ރަންބީރު އޭނާއާ ދިމާޔަށް ދުނި އަމާޒު ކުރައްވައިފައި އޭނާގެ އެކުވެރީން ގާތު ވިދާޅުވިއެވެ. "މިއީ ވަރަށް ބޮޑު މަކަރެކެވެ. އޭނާ އެކަންޏަކު މައްޗަކަށް ނާރާނެއެވެ. ތިޔަބައިމީހުން ހަތަރު ފަރާތަށް ވިސްނައިގެން ތިބޭށެވެ." ނަމަވެސް އެބައިމީހުންނަށް އެއްވެސް ޙަމަލައެއްގެ އަސަރެއް ނުފެނުނެވެ. ފަރުބަދަ ވަށައިލި މީހުންގެ ތެރެއިން ބައެއް މީހުން އެބައިމީހުން އިށީނދެ ތިބި ތަންތަނުން ތެދު ވެ ހިތްގައިމުކަމާ އެކު ފަރުބަދައިގެ ކުރިޔަށް ބަލަހައްޓައިގެން ތިއްބެވެ. ރަންބީރުގެ އެކުވެރީންގެ ތެރެއިން ހަތިޔާރު ބަހައްޓައިފައި ފެއިބި މީހުން ވެސް އެބައިމީހުންގެ ކައިރީގައި މަތި ބަލަހައްޓައިގެން ތިއްބެވެ.
އިސްކޮޅުން ދިގު މީހާ ދިހަވަރަކަށް ފަނަރަވަރަކަށް ފިޔަވަޅު ކުރިޔަށް އަޅައިފިއެވެ. ރަންބީރު އޭނާގެ ދިފާޢީ މަރުކަޒުން ނުކުމެވަޑައިގެން އޭނާއާ ދިމާޔަށް ދުނި އަމާޒު ކުރައްވައިގެން ހުއްޓިވަޑައިގެންފިއެވެ. އޭގެ ޖަވާބުގައި ފަރުބަދައިގެ ތިރީން އެތައް ބަޔެއް އެބައިމީހުންގެ ދުނިތައް ރަންބީރާ އަމާޒު ކޮށްފިއެވެ. ނަމަވެސް އިސްކޮޅުން ދިގު މީހާ ކުއްލިޔަކަށް ފަހަތަށް އެނބުރި ބަލައިލައިފައި އަތުގެ އިޝާރާތުން ދުނި އުކުން މަނާ ކޮށްފިއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ރަންބީރާ ދިމާޔަށް އެނބުރިއްޖެއެވެ. އޭނާ ކުރީގެ ހަރުދަނާކަމާއި ސާބިތުކަމާ އެކު މައްޗަށް އަރަމުން ދިޔައެވެ. އޭނާގެ އިސްކޮޅެކޭ އެއްގޮތަށް އޭނާގެ މޫނު ވެސް ބަލާ މީހުންގެ ލޯތައް ހުއްޓުވައެވެ. ރީތި ބުރުސޫރައަކާއި، ވިދަވިދައި ހުރި ކަޅު ދެ ލޮލާއި، ތަނަވަސް ނިތްކުރި އޭނާގެ ހުރި ކެރުމާއި ޢަޒުމު ވަރުގަދަކަމާއި ކެތްތެރިކަމަށް ހެކި ދެއެވެ. އޭނާ ހިނގައިފައި ދަނީ ފާތިޙެއްގެ ބީދައިންނެވެ. ނަމަވެސް އޭނާގެ މޫނުމަތީގައި ވާ ހިނިތުންވުން ސާބިތު ކޮށްދެނީ އޭނާ އެ ދަނީ، އޭނާގެ އަތުން ބަލި ވެފައި ތިބި ދުޝްމަނުން ޤަތުލު ކުރާކަށެއް ނޫންކަމެވެ. އަދި ކީއްތޯއެވެ! އެބައިމީހުން އޭނާގެ މޭގައި ޖައްސައިލާން ކަމެވެ. ރަންބީރުގެ އެކުވެރީން ތިބީ ޙައިރާން ވެގެން އޭނާއާ ދިމާޔަށް ބަލަހައްޓައިގެންނެވެ. ރަންބީރު އަނެއްކާވެސް ދުނި ޖައްސަވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އޭނާގެ ގައިކޮޅުގައި ދުނި ޖެއްސެވޭހައި ހިތްވަރެއް ނެތެވެ. އޭނާ ދެތިން ފިޔަވަޅެއް ފަހަތަށް ޖެހިވަޑައިގެން އަނެއްކާވެސް ދުނި އަމާޒު ކުރެއްވިއެވެ. ނަމަވެސް އޭނާގެ އެކުވެރީންގެ ތެރެއިން އެކަކު ދުވެފައި އައިސް އޭނާގެ ކުރިފުޅުމައްޗަށް އަރައިފިއެވެ. އޭނާ ވަރަށް ބާރަށް ދެންނެވިއެވެ. "ނުޖައްސަވާށެވެ! ރަންބީރެވެ! ނުޖައްސަވާށެވެ!"
ފަރުބަދަމައްޗަށް އެރި މީހާ ބުންޏެވެ. "ތިޔަ ފަދަ ބުރުސޫރައެއް ލިބިވަޑައިގެންފައި ވާ ޒުވާނަކު ދިރިއުޅުއްވުން ދެކެ ތިޔަހައި ވަރަށް ފޫހިފުޅު ވާކަށެއް ނުވާނެއެވެ. އަދި މިހައިތަނަށް މަނިކުފާނުގެ ކަންފަތްޕުޅާ ހަމަޔަށް އެއްވެސް "މީހެއްގެ" އަޑު ފޯރައިވައި ނުވަނީތޯއެވެ؟ މަނިކުފާނުގެ ހިތްޕުޅުގައި ކޮންމެވެސް މީހަކާ ދެވަނަ ފަހަރަށް ބައްދަލު ވެވަޑައިގެންނެވުމުގެ އުއްމީދުގައި ދިރިހުންނެވުމުގެ އެދުން އުފެދިފައި ނުވުމަކީ އެކަށީގެންވާ ކަމެއްތޯއެވެ؟"
ރަންބީރު އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އޭނާގެ އަތްޕުޅުން ދުނިދަނޑިކޮޅު ވެއްޓިއްޖެއެވެ. އޭނާ އެތައް ހާސް މޭލެއްގެ ދުރުން ކޮންމެވެސް މީހެއްގެ އަންނަނިވި ލަފުޒުތަކުގެ އަޑު އައްސަވަނީއެވެ. "ބޭބޭއެވެ! ދޭވަތާ ބޭބެއަށް ނަޞުރު ދެއްވާށިއެވެ! އަވަހަށް އެނބުރިވަޑައިގެންނެވޭތޯ ބައްލަވާށެވެ. އަންހެން ކޮއްކޮޔަކަށް އޭނާގެ ބޭބެ ފިޔަވައި އެހެން އެކައްޗެއް ވެސް ބޭނުމެއް ނޫނެވެ."
"މަނިކުފާނު ޒަޚަމް ވެވަޑައިގަތީތޯއެވެ؟" އިސްކޮޅުން ދިގު ޒުވާނާ ރަންބީރުގެ ލޭފޮދުން ފޯ ވެފައި ވާ ގަމީސްކޮޅުގެ އަތުކުރިފުޅު ދެކެފައި ދެންނެވިއެވެ. ރަންބީރު ވަކި ޖަވާބެއް ނުދެއްވުމުން އޭނާ ކުރިޔަށް ޖެހިލައިފައި ރަންބީރުގެ އަތްޕުޅުގައި ހިފަހައްޓައިފިއެވެ. ގަމީސްކޮޅުގެ އަތުކުރިފުޅު އޮޅައިލައިފައި ރަންބީރުގެ މުލައްދަނޑިފުޅުގައި ހުރި ޒަޚަމް ބަލައިލިއެވެ. އޭނާގެ ކުޑަ ރުމާލުން ޒަޚަމް ބަނދެލައިފައި ދެންނެވިއެވެ. "ޒުވާން ޢުމުރުފުޅުގައި މި ބާވަތުގެ ޒަޚަމްތައް ވަރަށް އަވަހަށް ފަސޭހަ ވެދާނެއެވެ. ނަމަވެސް މަނިކުފާނު އުޅުއްވާން ވާނީ ރައްކައުތެރި ވެވަޑައިގެންނެވެ."
ސިފައިންގެ އިތުރު މީހުން ވެސް އެހައިތަނުން ފަރުބަދަމައްޗަށް އަރާން ފަށައިފިއެވެ. ސިފައިން އެބައިމީހުންގެ ކޮމާންޑަރުގެ އަމުރުފުޅަށް ރަންބީރުގެ އެކުވެރީންގެ ތެރެއިން ޒަޚަމް ވެފައި ތިބި ދެ މީހެއްގެ ޒަޚަމް ބެންޑޭޖު ކޮށްދީފިއެވެ.
އެބައިމީހުންގެ މި ޢަމަލުތަކަކީ ރަންބީރާއި އޭނާގެ އެކުވެރީން އުއްމީދު ކުރައްވައިގެން ތިއްބެވި ގޮތާ ޚިލާފަށް ހިނގި ކަމެކެވެ. އެ ބޭފުޅުންގެ ކަންބޮޑު ވެވަޑައިގެންފައި ވާ ނަޒަރު ދުޝްމަނުންގެ މޫނުމަތީން "ދެން ވާނީ ކީއްބާވައެވެ؟" މި ސުވާލުގެ ޖަވާބު ހޯއްދަވަނީއެވެ. ފަރުބަދައިގެ ވަށަވަށައިގެން އެތަކެއް ކޯހުގެ ދުރަށް ފެތުރިފައި ވާ ހިރަފުހުގެ ވިލާތައް ސާބިތު ކޮށްދެނީ ބަލި ވި ލަޝްކަރުގެ ވިއްސިވިހާލި ވެފައި ވާ ޖަމާޢަތްތައް ހައްޔަރު ކުރުމުގެ މަސައްކަތް ހިނގަމުންދާކަމެވެ. އިރުކޮޅެއްގެ ފަހުން ރަންބީރާއި އޭނާގެ ހަ އެކުވެރީން ވެސް ޤައިދީންގެ ގޮތުގައި ފަރުބަދައިން ފައިބައިވަޑައިގެންފިއެވެ. އެ ބޭފުޅުންގެ އެކުވެރީން ކުރެ ހަތިޔާރު ބެހެއްޓެވުމުގައި އިސް ނެންގެވި އެކުވެރީންނާ ބައްދަލު ވެވަޑައިގެންފިއެވެ.
ކޮމާންޑަރު ސިފައިންގެ ބަޔަކަށް، ޤައިދީން ރައްކައުތެރިކަމާ އެކު ލަޝްކަރުގެ ތެރެޔަށް ގެންދާން އަންގަވައިފިއެވެ. އޭނާ އަސްމައްޗަށް ސަވާރު ވެވަޑައިގެން ސިފައިންގެ ދެން ތިބި މީހުން ގޮވައިގެން އެއްފަރާތަކަށް ވަޑައިގެންފިއެވެ.
(ނުނިމޭ)