އެންމެ ފަހުގެ ޙަމަލާ – 22

(22 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ޖިފުޓީގެ ދޮރަކީ ފުދޭ ވަރެއްގެ ވަރުގަދަ ދޮރެކެވެ. އާދައިގެ ގޮތަކަށް ކޮއްޕައިލައިގެން އެ ދޮރުފަތް ހަލާކު ކޮށްނުލެވޭނެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް ޤުދުރަތު އަޅުގަނޑާ އެހީ ވެވޮޑިގެންފިއެވެ. ކުއްލިޔަކަށް އެއް ފަރާތަކުން ސިފައިން ހޯބޯލަވާ އަޑު އިވޭން ފަށައިފިއެވެ. އަޅުގަނޑު ވަރަށް ބާރަށް ދޮރުގައި ޓަކި ދީފައި ގޮވައިލައިފީމެވެ. "ސާހިބާއެވެ! ސާހިބާއެވެ! ދުޝްމަނުން ޙަމަލަ ދީފިއެވެ. މަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވާށެވެ!"

އަޅުގަނޑުގެ ތަދުބީރު ކާމިޔާބު ވެއްޖެއެވެ. ޕަރައުގަތުގެ ކޮއްކޮ އަވަސްއަވަހަށް ދޮރު ހުޅުއްވައިލައްވައިފައި ބޭރު ބައްލަވައިލައްވައިފިއެވެ. އަޅުގަނޑު އޭނާގެ މޭފުޅުގައި ކަނޑީގެ ތުނޑު ޖައްސައިފައި ދަންނަވައިފީމެވެ. "ޚަބަރުދާރެވެ! މަނިކުފާނު ހަޅޭއްފުޅު ލައްވާން އުޅުއްވައިފި ކަމުގައި ވާނަމަ، މަނިކުފާނުގެ ފުރާނަފުޅު ލިބިވަޑައެއްނުގަންނަވާނެއެވެ."

ޕަރައުހަތުގެ ކޮއްކޮ ފަސްފަހަތަށް އެތެރެޔަށް ވެދެވަޑައިގެންފިއެވެ. އަޅުގަނޑު ޖިފުޓީގެ ތެރެޔަށް ވަނުމާ އެކު އަނެއް އަތުން އޭނާގެ މޫނުފުޅުމަތީގައި ތަފާލެއް ޖަހައިފީމެވެ. އާޝާ ގިސް ލަމުން އައިސް އަޅުގަނޑާ އޮޅުލައިގެންފިއެވެ. ޕަރައުހަތުގެ ކޮއްކޮ ހޭފުޅު ނެތިފައި އޮންނެވިތަން ފެނުމުން، އޭނާ ބަނުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނުނެވެ. ކޮޓަރީގައި ރޯ ކޮށްފައި ހުރި ދަންމަރު ނިއްވައިލައިފައި އަޅުގަނޑު އާޝާ ގޮވައިގެން ބޭރަށް ނުކުމެއްޖައިމެވެ. އޭރު ބުންސީދާސް ވެސް އަތުވެއްޖެއެވެ. އޭނާ އަޅުގަނޑު ގާތު ބުންޏެވެ. "އަޅުގަނޑު ޤައިދީންތައް ދޫ ކޮށްލައިފީމެވެ. ނަމަވެސް އެބައިމީހުން ލަޝްކަރުގެ ތެރެއިން ބޭރަށް ނުކުތުމުގެ ކުރީން، ބުރު ޖަހަމުން ދިޔަ ފާރަވެރީންގެ ޖަމާޢަތަކަށް އެމީހުން ފެނިގެން ހަޅޭއް ލަވައިގެންފިއެވެ. މިހާރު ވަރަށް ގިނަ ސިފައިން ޖަންގައްޔާ ދިމާޔަށް އެބައިމީހުން ފަހަމުން އެބަދެއެވެ. ލަޝްކަރުގެ ދެން ތިބި މީހުން ޙައިރާން ވެގެން އެކި ދިމަދިމާޔަށް ފިލާން އެބަދުވެއެވެ. ސިފައިންގެ ގިނަ މީހުންނަށް ހީ ވެގެން އުޅެނީ ދުޝްމަނުން އަޅުގަނޑުމެންނާ ޙަމަލަ ދިނީކަމަށެވެ. ތިރީގެ ޖަންގައްޔަށް ވުރެ އަޅުގަނޑުމެންނަށް ރަނގަޅު ވާނީ ފަރުބަދަމަތީގެ މަގުތަކެވެ."

އަޅުގަނޑުމެން ފަރުބަދަޔާ ދިމާޔަށް ހިނގައިގެންފީމެވެ. ވިދުވަރުގެ އަލީގައި ބައެއް ފަހަރު އަޅުގަނޑުމެންނަށް ދާން ވީ މަގު ފެނިލައެވެ. ސިފައިން ބިރުން ހަޅޭއް ލަވަމުން އެކި ފަރާތްފަރާތަށް ދުވަމުންދެއެވެ. އެމީހުން ހާސް ވެފައި ތިބި ވަރުން، އަޅުގަނޑުމެންނަކީ ޤައިދީން ކަމުގައި ވީ ނަމަވެސް އެއްވެސް މީހަކު އަޅުގަނޑުމެންނާ މެދު ސަމާލުކަން ދޭނެއެކޭ ހީއެއްނުވެއެވެ. އެހެންކަމުން، އެއްވެސް އުނދަގުލަކާ ނުލައި އަޅުގަނޑުމެންނަށް ލަޝްކަރުގެ ތެރެއިން ބޭރަށް ނުކުމެވިއްޖެއެވެ. ކުޑަ އިރުކޮޅެއްގެ ފަހުން ފެނާރުގެ ފެންގަނޑު ފައިބާ އަޑު އިވުމުން އަޅުގަނޑަށް އިޙުސާސް ވީ އަޅުގަނޑާ އާޝާއާ އެންމެ ފުރަތަމަ ބައްދަލު ވި ތަނުގެ ކައިރިޔަށް އާދެވިއްޖެކަމެވެ. އެ ދިމާޔަށް ދާން އޮންނަ ހަނި މަގު ވެސް ވިދުވަރުގެ އަލީގައި އަޅުގަނޑުމެންނަށް ފެނިއްޖެއެވެ. ނަމަވެސް އެ ހަނި މަގު ފަސް ދީ އަޅުގަނޑުމެން ދިޔައީ ސީދާ ފަރުބަދަޔާ ދިމާޔަށެވެ. އަޅުގަނޑަށް ލިބެމުން ދިޔަ ޖިސްމާނީ ވޭންތައް އެއްގޮތަކަށް ވެސް އިޙުސާސެއް ނުވެއެވެ. އާދަޔާ ޚިލާފު ޢަޒުމެއްގެ ސަބަބުންނެވެ. ނަމަވެސް ހިތްހަމަޖެހުމުގެ ނޭވާ ލެވުމާ އެކު އަޅުގަނޑުގެ ހިތްވަރު އެލޭން ފަށައިފިއެވެ. ދުވާލު އާޝާ ޖަންގައްޔަށް ގެންދާން އުޅުމުގެ ތެރޭގައި އަޅުގަނޑުގެ ކަށިމަތީގައި ހުރި ޒަޚަމް ވަނީ ދެވަނަ ފަހަރަށް ނުބައި ވެފައެވެ. އެހެންކަމުން، ފަރުބަދަމައްޗަށް އަރާން ޖެހުމުން އަޅުގަނޑުގެ ފަޔަށް ވަރަށް ބޮޑަށް ތަދު ވާން ފަށައިފިއެވެ. އަޅުގަނޑަށް މާ ގިނަ އިރަކު އާޝާ އާއި ބުންސީދާސާ އެކު ނުހިފެހެއްޓޭނެކަމުގެ އިޙުސާސް ހިމެނުނީ ވަރަށް ހިތްދަތި އަސަރުތަކެއް ކުރުވި އިޙުސާސެއް ކަމުގައެވެ. އަޅުގަނޑު ވެއްޓެމުން ތެދު ވަމުން އެބައިމީހުންނާ އެކުގައި ދާ ކަމުގައި ވާނަމަ، ފަތިސް ވާ އިރު ވެސް މާކަ ދުރަކަށް ނުދެވޭނެއެވެ. އަލި ވިލުމާ އެކު ސިފައިންނަށް އަޅުގަނޑުމެން ހޯދައިގަނެވިދާނެއެވެ. އޭރުން އަޅުގަނޑާ ހުރެ އިތުރު ދެ މީހެއްގެ ފުރާނަ ގެއްލިދާނެއެވެ. ކަށިމައްޗަށް ވަމުން ދިޔަ ތަދު އިރުކޮޅަކަށް ވުރެ އިރުކޮޅެއް ބޮޑު ވަމުން ދާތީ، ކޮންމެވެސް ގޮތެއް އަވަހަށް ނިންމާން އަޅުގަނޑަށް މަޖުބޫރު ކޮށްފިއެވެ.

އަޅުގަނޑު ބުންސީދާސް ލައްވައި އަޅުގަނޑުގެ ކޮންމެ އެންގުމަކާ އެއްގޮތަށް ޢަމަލު ކުރާން ވަޢުދު ކުރުވައިފީމެވެ. އޭގެ ފަހުގައި އާޝާ ގާތު ބުނެފީމެވެ. "އާޝާއެވެ! މި ހިސާބުން އަހަރެމެންގެ މަގު ވަކި ވީއެވެ. ދެން އަހަންނަށް ކަލެޔާ އެކުގައެއް ނުދެވޭނެއެވެ. އެހެންކަމުން ދެން ކަލެޔާ އެކުގައި ދާނީ ބުންސީދާސެވެ."

އާޝާ ބުނެފިއެވެ. "މަނިކުފާނު ފިޔަވައި އަޅުގަނޑަށް އެހެން އެއްވެސް އެކުވެރިޔަކު ބޭނުމެއް ނޫނެވެ. އަޅުގަނޑުމެން ދެ މީހުން ފުރާނަ ދޫ ކޮށްލާނީ އެކުއެކީގައެވެ."

އަޅުގަނޑު ބުނެފީމެވެ. "އާޝާއެވެ! އަހަރެންގެ ބަސް ޤަބޫލު ކުރާށެވެ. އަހަންނަށް އެއްވެސް ނުރައްކަލެއް ނެތެވެ. އަހަންނަކީ އެބައިމީހުންގެ އަމީރަކީމެވެ. އެބައިމީހުން އަހަންނަށް އެއްވެސް ކަމެއް ނުކުރާނަމެވެ. އަހަންނަށް އަހަރެންގެ އަމިއްލަ ސިފައިންގެ ބާރުގައި ލަޝްކަރުގެ ކޮންމެ އަމީރަކާ ވެސް ދެކޮޅު ފެށިދާނެއެވެ. ނަމަވެސް ކަލޭ ހައްޔަރު ވެއްޖެ ކަމުގައި ވާނަމަ، ކަލޭގެ ޙިމާޔަތުގައި އަހަރެންގެ އަމިއްލަ ސިފައިން ވެސް ކަނޑިޔަކު އަތެއް ނުލާނެއެވެ. އާޝާއެވެ! އަހަރެން ކަލެޔާ ބައްދަލު ކުރާނަމެވެ. ނަމަވެސް ކަލޭ ހައްޔަރު ވެއްޖެ ކަމުގައި ވާނަމަ އަހަރެން ކަލޭގެ ކުރިމަތީގައި އަހަރެންގެ މެޔަށް ޚަންޖަރު ހަރައިލާނަމެވެ. އަހަރެންގެ ބަސް ޤަބޫލު ކުރާށެވެ. އާޝާއެވެ! އަހަންނަށް އެއްވެސް ނުރައްކަލެއް ނެތެވެ." މިއީ އަޅުގަނޑު އޭނާއަށް ހެދި މަކަރެކެވެ. މި ހާދިސާއަށް ފަހު އެކަކު ވެސް އަޅުގަނޑުގެ ޙިމާޔަތުގައި އިނގިއްޔެއް ވެސް ހަލުވައިނުލާނެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އާޝާއަށް އަޅުގަނޑުގެ ވާހަކައިން އަސަރު ނުކޮށެއްނުދިޔައެވެ.

އޭނާ ގިސް ލަމުން ބުންޏެވެ. "އަޅުގަނޑު މަނިކުފާނުގެ އަމުރުފުޅާ ޚިލާފު ވެގެން ނުވާނެއެވެ. ނަމަވެސް ހަނދުމަފުޅު ކުރައްވާށެވެ. މަނިކުފާނާ ވަކީން އެންމެ ހިނދުކޮޅަކަށް ވެސް ދިރިހުންނާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ."

އަޅުގަނޑު ބުނެފީމެވެ. "އަހަރެމެން ވަރަށް އަވަހަށް ބައްދަލު ވާނަމެވެ. އާޝާއެވެ! އަވަހަށް ދާށެވެ."

އޭނާ ބުންސީދާސާ އެކު ހިނގައިގެންފިއެވެ. އަޅުގަނޑު ތަންކޮޅެއް ދުރުން ވިދުވަރުގެ އަލީގައި އޭނާގެ ސޫރަ އެންމެ ފަހު ފަހަރު ބަލައިލުމަށް ފަހު ހިލައެއްގެ މަތީގައި އިށީނދެއްޖައީމެވެ. އިރުކޮޅެއްގެ ފަހުން ވާރޭ ހުއްޓައިލައިފިއެވެ. ފަތިސް ހަނދުވަރުގެ އަލީން ޖައްވު އުޖާލާ ވެއްޖެއެވެ. އެއްވެސް އާރެއް ބާރެއް ނެތްކަމުގެ އިޙުސާސް، ވަށައިގެން ވާ ހުރިހައި އެއްޗެއްސެއް އަޅުގަނޑުގެ ހަނދާނުން ފޮހެލައިފިއެވެ. އަޅުގަނޑު ވަރުބަލި ފިލުވާން އިންދައި އިރުކޮޅަކުން ކުއްލިޔަކަށް ވީ ގޮތެއް ވެސް ނޭނގެއެވެ. އެ ހިލައެއްގެ މަތީގައި ފިޔަވަޅު އެޅުމަށް ފަހު އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ދުނިޔެއިން ނުކުމެވި އާޝާގެ ދުނިޔެއަށް ވަދެވުނު ހިލަ ދެކޭ ހިތް ވެއްޖެއެވެ. އަޅުގަނޑު އެނބުރި އައިސް ކޯރާ ދިމާޔަށް ތިރިޔަށް ފައިބާން އޮންނަ އަނދިރި ހަނި މަގާ ދިމާއިން އަނެއްކާވެސް ނޭވާ ހަމަޖައްސައިލުމަށް ޓަކައި ފަރުބަދައިގެ ކުންޑެއްގެ މަތީގައި އިށީނދެއްޖައީމެވެ. ތިރިން ފެނާރުގެ މަންޒަރު ބަލާން ފަށައިފީމެވެ. ނަމަވެސް މިހާރު އަޅުގަނޑަށް އެ މަންޒަރުގައި އެއްވެސް ހިތްގައިމުކަމެއް ނެތެވެ. އަސަރެއް ނެތެވެ. ޙަޔާތާ އަޅުގަނޑާ ދެމެދުގައި ވާ ހުރިހައި ގުޅުންތައް ކެނޑޭން ފަށައިފިއެވެ. އަޅުގަނޑު އުޑުތިލަމަތީން އޮށޯވެ އުޑާ ދިމާޔަށް ބަލާން ފަށައިފީމެވެ. ވިލާތައް ކެހިއްޖެއެވެ. އުޑުމަތީން ހަނދާއި ތަރިތައް ފެނުމުން އަޅުގަނޑުގެ ހިތަށް އެރިއެވެ. ކުޑަ އިރުކޮޅެއްގެ ކުރީން މި ޖައްވުގައި ފެތުރިފައި އޮތީ ބިރުވެރި ނާމާން އަނދިރިކަމެކެވެ. ނަމަވެސް މިހާރު ޤުދުރަތުން ކަޅުވިލާތަކުގެ ބަދަލުގައި ވަނީ ހަނދާއި ތަރިތަކުގެ ކަނދިލިތައް ދިއްލަވައިފައެވެ. ނަމަވެސް މި ޤައުމަށް އެތަކެއް ޤަރުނުއްސުރެ ވެރި ވެފައި ވަނީ އަނދިރިކަމާއި ނާމާންކަމެވެ. އެ އަނދިރީގެ ތެރޭގައި ހައްޔަރު ވެފައި ތިބި މީހުންގެ ނަޒަރު އަލިކަމެއް ފެނޭތޯ ހޯދަމުން ދާނީ ކިހައި ދުވަހެއް ވާންދެން ބާވައެވެ! އެއް އިންސާނެއްގެ ހިތުގައި އަނެއް އިންސާނަކާ މެދު ފޫއްސާއި ނަފުރަތުގެ އޮށް އިންދި ދޭވަތާއިންތަކުގެ ސިޙުރު މި ބިންމަތީން ބާޠިލު ވެގެންދާނީ ކޮން އިރަކުން ބާވައެވެ!

އަޅުގަނޑުގެ ނިމުމާ މެދު އަޅުގަނޑު ޚިޔާލު ކުރާން ފަށައިފީމެވެ. އިރު އެރުމާ އެކު އަޅުގަނޑު ހައްޔަރު ކުރެވޭނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑާ ދެކޮޅަށް ހެކި ދޭނެ އެތައް ބަޔަކު ތިބޭނެއެވެ. ޕަރައުހަތުގެ ކޮއްކޮ ހޭފުޅު އެރުމާ އެކު ކީރިތި ކުރައްވައި ހަޅޭއްފުޅު ލައްވާން ފައްޓަވާނެއެވެ. އޭނާ ނަގަރުކޯޓުގެ ސިފައިންގެ ކޮންމެ މީހަކީ އަޅުގަނޑުގެ ލެޔަށް ދަހިވެތިވެ ފެންބޮވައިގެންފައި ހުރި މީހަކަށް ހައްދަވާނެއެވެ. އަޅުގަނޑުގެ އަމިއްލަ ސިފައިން ހީ ކުރާނީ އަޅުގަނޑު މޮޔަ ވީ ކަމުގައެވެ. ނަމަވެސް އެބައިމީހުން އަޅުގަނޑު ޤަތުލު ކުރުމުގެ ބަދަލުގައި ދިރިހުއްޓައި އަތުލައިގަނެވޭތޯ މަސައްކަތް ކުރާނެއެވެ. އެއަށްފަހު ނަގަރުކޯޓުގައި ކާލީ ދޭވީގެ ކުރިމަތީގައި އަޅުގަނޑު ޤުރުބާން ކުރެވޭނީއެވެ. އަޅުގަނޑުގެ ލެއިން ކާލީ ދޭވީގެ ފައި ދޮވެވެމުންދާނެއެވެ. އެއް ވެފައި ތިބޭ މީހުން "ކާލީ ދޭވީއަށް ނަޞްރެވެ" ގޮވައި ނަޢުރާ ކުރަމުންގެންދާނެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.