
( 10 އޯގަސްޓް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
" އެންމެ ބޮޑު ސުއާލަކީ ، އެ ލިޔުމުގައި މުރުތަސިމް ސޮއިކޮށްފައި އޮއްވާ ، މީރަބް ބަލިވެ އިނދެދާނެތޯ އުފެދޭ ސުއާލެވެ. މީރަބް ބުނެބަލާށެވެ ! އެ ބޮޑު ދޮގު ، ތެދަކަށް ހަދާނީ ކިހިނެއް ހެއްޔެވެ ؟ " ޙަޔާވެސް ، ވާހަކައިގެ ތެރެޔަށް އަނގަ ބޭނިއެވެ.
އެވަގުތު ، މުރުތަސިމަށްވެސް އެތަނަށް އާދެވުނެވެ.
" އެ ސުއާލުކުރަން ތީ ކާކު ހެއްޔެވެ ؟ " މުރުތަސިމް ، ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
އެ ސުއާލަށް ޖަވާބު ބޭނުންވަނީ ޙަޔާ އެކަނިނޫންކަމަށް ޙަޔާ ބުންޏެވެ. އެތާތިބި އެންމެންވެސް ، މީރަބްގެ ފަރާތުން އެސުއާލުގެ ޖަވާބު ލިބެން ބޭނުމެވެ.
" އެހެން ހެއްޔެވެ ؟ އެއީ ކީއްވެގެން ހެއްޔެވެ ؟ " މުރުތަސިމް ސުއާލު ކުރިއެވެ.
އެސުއާލުގެ ޖަވާބު ބޭނުންވަނީ ، މީރަބް ދޮގުހަދަމުން ގެންދާތީއާއި ، އެކަން ކުރުމަށް މީރަބަށް މުރުތަސިމް އެހީތެރިވަމުން ގެންދާތީކަމަށް ޙަޔާ ބުންޏެވެ. އަދި ، އެ ލިޔުމުގައިވާ ގޮތުން ، މުރުތަސިމާއި މީރަބާ ދެމެދުގައި އަނތްބަކާއި ފިރިއެއްގެ ގުޅުމެއް ނެތެވެ. އޭގެ މާނަޔަކީ ، މީރަބް ބަލިވެ އެއިނީ މުރުތަސިމްގެ ދަރިއަކަށް ނޫންކަންކަމުގައި ޙަޔާ ބުންޏެވެ.
" ޙަޔާއެވެ ! އިތުރަށް އެންމެ ބަހެއް ބުންޏަސް އަހަރެން ، ޙަޔާގެ ދޫ ބުރިކޮށްލާނަމެވެ. " ރުޅިއައިސް ފުންމައިގެންފައި ، ޙަޔާއާ ދިމާލަށް މުރުތަސިމް ހަޅޭއްލަވައިގަތެވެ.
" ޙަޔާއަށްވެސް އަދި މިތާތިބި އެކަކަށްވެސް ޖަވާބުދޭކަށް އަހަރެންނަކަށް ނުޖެހެއެވެ. އަހަރެމެން އެ އެއްބަސްވުން ސިއްރުކޮށްގެން އުޅޭއިރު ، އަހަރެމެންގެ ގުޅުމުގެ ވާހަކަ އެއްވެސްމީހަކުގާތު ބުނާކަށް ނުޖެހެއެވެ. އެކަން ބަލާކަށްވެސް އެއްވެސްމީހަކަށް ނުޖެހެއެވެ. އެހެންނޫނަސް ، އެލިޔުމަކީ ، އަހަރެންގެވެސް ރުހުމާއެކީ އެއްބަސްވެފައިވާ އެއްބަސް ވުމެކެވެ. އެ ލިޔުން ނުލިޔުނަސް ، އަދި ލިޔުނަސް ، މީރަބަށް އެކައިވެންޏާބެހޭގޮތުން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ ؟ އެންމެންވެގެން ތިއުޅެނީ ، އިންސާނަކު ، އޭނާގެ ނުރުހުމުގައި ހައްޔަރު ކޮށްގެންނެވެ. އެއަށްފަހު ، އޭނާގެ ނުރުހުމުގައި މީހަކާ ދެވީއެވެ. އަހަރެންވެސް އެކައިވެންޏަކަށް ޤަބޫލެއް ނޫނެވެ. މީރަބްވެސް އެކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. އެކަން އެހެންވެގެންދިޔައީ މިތާމިތިބަ އެންމެން ބޭނުންވެގެންނެވެ. އަހަރެމެން ދެމީހުންކުރެ އެކަކުވެސް ، އެކައިވެނި ކުރާކަށް ބޭނުމެއްނޫނެވެ. " މުރުތަސިމްގެ ރުޅި ކޮންޓްރޯލުން ނެއްޓެމުން ދިޔައެވެ.
" މީރަބްގެ އުޅުމާއި އަޚްލާޤާބެހޭގޮތުން އެކަކު އެކައްޗެކޭވެސް ބުނެގެން ނުވާނެއެވެ. ބުނެފިމީހަކާމެދު ކަންވާނެގޮތް ވިސްނައިގެން ބުނާ އެއްޗެއް ބުނާށެވެ ! އެ މައްސަލަޔަކީ ، އަހަރެމެން ދެމަފިރިންގެ މައްސަލައެކެވެ. އެއީ އެހެން އެކަކާވެސް ބެހޭކަމެއް ނޫނެވެ. " ޙަޔާއާ ދިމާލަށް އިނގިލި ދިއްކޮށްގެންހުރެ ، މުރުތަސިމް ބުންޏެވެ.
" އެމައްސަލަޔަކީ ކޮންކަމަކާ ގުޅިގެން އުފެދިގެން އުޅޭ މައްސަލައެއް ހެއްޔެވެ ؟ މީރަބާ ދިމާލަށް އެންމެން އެއްޗެތި ކިޔަންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ ؟ މިކުޑަކުޑަ ކަރުދާސްކޮޅުގެ ސަބަބުން ހެއްޔެވެ ؟ " މުރުތަސިމް ބުނަމުން ގެންދިޔައެވެ.
މޭޒުމަތީ ބާއްވާފައި އޮތް ލިޔުން ނަގައި ، އެލިޔުން މުރުތަސިމް އިރައިލިއެވެ. އަދި ، ހުރިހާ ކަމެއް މިނިމުނީ ނޫންހެއްޔޭ ބުނެ ރުޅިއައިސް ހުރެ ، ވީދާލާފައިވާ ކަރުދާސްތައް ހިފައިގެން ، މުރުތަސިމް އެތަނުން ދިޔައެވެ.
މީރަބަށް ކޮޓަރިޔަށް ދެވުނުއިރު ، މުރުތަސިމް އިނީ ، އޭނާ ލައްވާ މީރަބް ސޮއިކުރުވި ލިޔުން ، ޓޭޕް އަޅައި ތަތް ކުރާށެވެ. އެ ކަރުދާސްގަނޑު ، ރަނގަޅަށް ތަތްކުރުމަށްފަހު ، މީރަބް އަތަށް ދިއްކޮށްލިއެވެ. ކަރުދާސްތައް ތަތްކުރަން ނިންމައިގެން ހުރިއިރު ، އެތާނގައިހުރެ ކަރުދާސްގަނޑު އިރައިލީ ކީއްވެތޯ މީރަބް ސުއާލު ކުރިއެވެ. އެތާހުރެ ، އެކަރުދާސްގަނޑު ، މުރުތަސިމް އިރައިލީ ، މީރަބްގެ ޢިއްޒަތުއްނަފްސު ސަލާމަތް ކުރަން ވެގެންނެވެ. އެމީހުން އެކީ އެއްޗެތި އެމީހުންގެ އަނގަޔަށް ޖަހަން ވެގެންނެވެ.
" އަހަރެމެން ދެމީހުންގެ ދެމެދުގައި ހުރަހަކަށް ލެވިފައިވާ ފާރު ނެތި ދިއުމުން ، މިކަރުދާސްގަނޑު މީރަބް އިރައިލަން ޖެހޭނެއެވެ. އެއްދުވަހަކުން ، މީރަބް އެކަން ކުރާނެކަން އަހަރެންނަށް ޔަޤީނެވެ.
މުރުތަސިމް ދިއުމުން ، އެކަރުދާސްގަނޑު އެނދުމަތިން ނަގައި އެއަށް ބަލަހައްޓައިގެން ހުއްޓާ ، ރޮހޭލް އަނެއްކާވެސް ގުޅިއެވެ. ތިންފަހަރަށް ފޯނު ކަނޑައިލީމަވެސް ރޮހޭލް ހުއްޓައި ނުލާ ގުޅަމުން ގެންދިޔައެވެ. ކޮޓަރީގެ އެއްކަނަކަށް ޖެހި ފޯނު ނެގުމަށްފަހު ، އޭނާއަށް ނުގުޅުމަށާއި ، އޭނާއަށް ރޮހޭލާ ވާހަކަ ދެއްކެން ނެތްކަމަށް މީރަބް ބުންޏެވެ. ރޮހޭލްގެ ޖަޒްބާތީ ވާހަކަ ފެއްޓުމާއެކީ ، އޭނާއަށް ކަރާޗީއަށް ނުދެވޭނެކަމަށް މީރަބް ބުންޏެވެ. ކަރާޗީއަށް ގޮސް ރޮހޭލާ ބައްދަލުކުރާނެކަމަށް ، ރޮހޭލަށް ވަޢުދުވެފައި އޮތްކަން ރޮހޭލް ހަނދާން ކޮށްދިނެވެ. އަދި ، އެއްވެސްމީހަކު ދެކެ ބިރުނުގަތުމަށް މީރަބްގާތު ބުނަމުން ގެންދިޔައެވެ.
" އަހަރެންނަކަށް ކަރާޗީއަކަށް ނުދެވޭނެއެވެ. ފަހަރެއްގައި ދެން ، ދުވަހަކުވެސް ބައްދަލެއްވެސް ނުކުރެވޭނެ އެވެ. " ރޮހޭލް ވާހަކަ ދައްކަދައްކާ ހުއްޓާ ، މީރަބް ފޯނުކަނޑައިލިއެވެ.
އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑަށް ، ފުން ނަޒަރަކުން މީރަބް ބަލައިލިއެވެ. އެނދުމަތީ އިށީނދެލައި ، އިތުރަށް އެކަރުދާސްގަނޑަށް ބަލަހައްޓައިގެން އެތައް އިރަކު މީރަބް އިނެވެ. އެންމެންގެ ކުރިމަތީ ، އޭނާގެ ޢިއްޒަތާއި ޤަދަރު ހިފެހެއްޓުމަށްޓަކައި ، މީރަބްގެ ދިފާޢުގައި ، މުރުތަސިމް ބުނިވާހަކަތައް ، މީރަބްގެ ކަންފަތްދޮށުގައި ބަށްވަމުން ދިޔައެވެ.
ޚާނަމް ބުނެގެން ، މީރަބްގެ ފައިގާ ތެޔޮދަމަން ނޯކަރަކު ގޮސްގޮސް ހުއްޓާ ، ޙަޔާ އޭނާ ހުއްޓުވައި މީރަބްގެ ފައިގާ ތެޔޮ ދަމާނީ އޭނާކަމަށް ބުނެ ، މީރަބްގެ ކޮޓަރިޔަށް ޙަޔާ ދިޔައެވެ. ޙަޔާއަކީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެކެވެ. މީރަބަށް ގެއްލުމެއް ދޭކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. އެހެންކަމުން ، ޚާނަމްވެސް ޙަޔާފަހަތުން ދިޔައެވެ. އިރުކޮޅަކު ތެޔޮދަމަން އިނުމަށްފަހު ، ޢަޞުރުވަގުތު ކައިރިވާކަން ، ޚާނަމަށް ޙަޔާ ހަނދާން ކޮށްދިނެވެ. ނަޞީބުދެރަކަމުން ، ޚާނަމް އެހުރީ އަދި މެނަދުރު ނަމާދުވެސް ނުކޮށެވެ. ޙަޔާއާ އެއްކޮޅަށް އެކަން ފަހިވެގެންދިޔައެވެ. ނަމާދުކޮށްލައިގެން އަންނާނަމޭ ބުނެ ، ޚާނަމް ނުކުތުމާއެކީ ، މީރަބްގެ ފަޔަށް ތަދުވާވަރަށް ، ޙަޔާ ތެޔޮ އުނގުޅައިގަތެވެ. މީރަބް ފައިދަމައިގަތުމާއެކީ ، ކައިރީގައި ބާއްވާފައި އޮތް މީރަބްގެ ފޯނު ހިފައިގެން ޙަޔާ ދުއްވައިގަތެވެ. މީރަބްވެސް ތެދުވެ ، އޭނާގެ ފޯނު ދޭށޭ ގޮވަމުން ޙަޔާ ފަހަތުން އައެވެ. މަތީބުރިޔަށް އަރަންހުރި ސިޑީގެ މެދަކާ ހަމަޔަށް ޙަޔާ އެރުމަށްފަހު ، އަތުގައި އޮތް ތެޔޮފުޅި ، ސިޑީމައްޗަށް އޮއްސައިލިއެވެ. އަދި ، މީރަބްގެ ފޯނު ދައްކައިލުމަށްފަހު ، ފޯނު ބަލައި ސިޑިން އަރައިގެން އައުމަށް މީރަބަށް ގޮވަމުން ގެންދިޔައެވެ. ސިޑީގެ މެދަކާ ހަމަޔަށް މީރަބަށް އެރުނުތަނުން ، ސިޑިމަތިން ފުރޮޅާލައިގެން އެނބުރެމުން ، ސިޑިބުޑަށް މީރަބް ޖެހުނެވެ. ފައިގެ ހުޅަށް ތަދުވެގެން މީރަބަށް ރޮއިގަނެވުނެވެ. ޙަޔާހުރީ އެތަން ބަލަހައްޓައިގެން ހޭށެވެ. އިރުކޮޅެއް ކޮށްލާފައި ، ސިޑިބުޑަށް ފައިބާހުރެ ، ޚާނަމް އަށާއި ނޯކަރުންނަށް ޙަޔާ ގޮވަމުން ގެންދިޔައެވެ.
ޚާނަމް އައިއިރު ، މީރަބް އޮތީ ސިޑިބުޑަށް ވެއްޓިފައެވެ. ތަދުވާވަރުން މީރަބަށް ރޮވެއެވެ. އޭރު ، ޙަޔާހުރީ މީރަބްގެ އަތުގައި ހިފަހައްޓައިގެންނެވެ. ދެލޯއަޅައިގެންފައި މީރަބް ، އޭނާގެ އަތް ޙަޔާގެ އަތުތެރެއިން ދަމައިގަތެވެ. އެމަންޒަރު ޚާނަމަށް ފެނުމާއެކު ، މީރަބް ވެއްޓުމުގައި ޙަޔާގެ އަތެއްވާނެކަމަށް ޚާނަމަށް ޝައްކު ކުރެވުނެވެ. މީރަބަށް ގެއްލުމެއް ލިބިއްޖެނަމަ ، ޙަޔާއަށް ހަދާނެގޮތް އެނގޭނީ އޭނާއަށްކަމަށްބުނެ ، ދެލޯ އަޅައިގެންހުރެ ، ޙަޔާއާ ދިމާލަށް ޚާނަމް ހަޅޭއްލަވައިގަތެވެ. އޭރުވެސް ، ޙަޔާގާތަށް ހުރީ ނުބައިފާޑެއްގެ ހިންޏެއް އައިއްސައެވެ. ބަޚްތިޔާރަށް ގޮވައިގެން ގެނެސް ، ޚާނަމް އަވަސްވެގަތީ ، މީރަބް ހޮސްޕިޓަލަށްގެންދިއުމަށެވެ.
މީރަބް ގޮވައިގެން ހޮސްޕިޓަލަށްދާން ޚާނަމް ނުކުތުމާއެކީ ، ޙަޔާގޮވައިގެން ފަންޑިތަހަދަންދާ ނޯކަރަށް ގޮވައިގެން ގެނެސް ، ސިޑިމައްޗަށް ޙަޔާއެޅި ތެޔޮތައް ސާފުކުރުވިއެވެ. އޭނާއަށް ފައިސާކޮޅެއްދީފައި ، އެއްވެސްމީހެއްގެ ގާތު އެވާހަކަ ނުބުނުމަށް ބުނެ އިންޒާރު ކުރިއެވެ.
މީރަބް ބެލި ޑޮކްޓަރ ބޭރަށް ނުކުތުމާއެކީ ، އެއީ ކާކުކުރިކަމެއްތޯ ޚާނަމް ސުއާލު ކުރިއެވެ. އެކަހަލަ ކަމެއް އެގޭތެރެއިން އެއްވެސް މީހަކު ނުކުރާނެކަމަށް ބުނިނަމަވެސް ، ޑޮކްޓަރ އެކަމަކަށް އެއްބަހެއް ނުވިއެވެ. އަދި ، އެއީ ޕޮލިސް ކޭސްއެއްކަމަށް ވާތީ ، ހޮސްޕިޓަލްގެ ފަރާތުން އެކަން ތަޙްޤީޤް ކުރުމަށް ޕޮލިހަށް އަންގާފައިވާކަމަށް ޑޮކްޓަރ ބުންޏެވެ.
އެ ޙާދިސާގެ ވާހަކަ މުރުތަސިމަށް އަންގާކަށް ޚާނަމް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ، ޕޮލިސްކޭސް އެއްގެ ވާހަކަ ، ޑޮކްޓަރ ބުނިހިސާބުން ، މަރިޔަމްވެސް ބާރުއަޅައިގެން މުރުތަސިމަށް ފޯނުކުރުމަށް ބަޚްތިޔާރަށް އެނގިއެވެ. އެއީ ކާކު ކުރިކަމެއްކަމެއް ނޭނގެއެވެ. އެވަގުތު ، ޚާނަމްގެ ލޮލަށް މަންޒަރު ކުރެވިގެން އެދިޔައީ ، ޙަޔާގެ އަތުން މީރަބްގެ އަތް ދަމައިގަތް ތަނެވެ. މަރިޔަމްގާތު އެތަނުން ދުރަށް ނުދާން ބުނެފައި ، ގެޔަށް ދިއުމަށް ޚާނަމް ނިންމިއެވެ.
އެވާނީ ޙަޔާ ކުރިކަމެއްކަމަށް ، މަރިޔަމްއަށްވެސް ބުނެވުނެވެ. އެއީ ، ޙަޔާ ކުރިކަމެއްކަމަށް ވަންޏާ ، ޙަޔާގެ ފުރާނަދާވަރު ކޮށްލާނެކަމަށް ޚާނަމް ބުންޏެވެ. އަދި އަމްދުން ، މީރަބްގެ ބަނޑުގައިވާ ދަރިފުޅަށް އެއްވެސްކަމެއް ވެއްޖެނަމަ ، ޙަޔާއަކީ ނެތްމީހަކަށް ހަދާނެކަމަށްވެސް ޚާނަމް ބުނަމުން ގެންދިޔައެވެ.
ޚާނަމަށް ގެޔަށް ދެވުނުއިރު ، ސިޑިބުޑުގައި ހުރެގެން ޚާނަމަށް ދޭނެ ޖަވާބު ، ޙަޔާ ފަރިތަކުރަމުން ގެންދިޔައެވެ. އޭނާ އިނީ މީރަބްގެފައިގާ ތެޔޮދަމާށެވެ. މަޖަލަކަށް ހަދާފައި އޭނާ މީރަބްގެ ފޯނު ނަގައިގެން ދުއްވައިގަތީއެވެ. ސިޑިން އަރަމުން އޭނާއެއް މީރަބަކަށް ނުބަލައެވެ. ފަހަތް ބަލައިލިއިރު ފެނުނީ މީރަބް ސިޑިބުޑަށް ވެއްޓިފައި އޮއްވައެވެ.
" އެހެން ހެއްޔެވެ ؟ އަހަރެންނަށް ދޭނެޖަވާބު ފަރިތަކުރަނީ ދޯއެވެ ؟ " ޙަޔާގެ ކޮނޑުގައި އަޅާ ވިހެލަމުން ޚާނަމް ބުންޏެވެ.
އޭނާއާއެކީ އަންނާށޭ ބުނެ ، ޙަޔާދަމަމުން ގެންގޮސް ، ސޓިންރޫމްގެ ތެރެޔަށް ކޮއްްޕައިލިއެވެ. އަދި ، ތެދުތެދަށް ބުނުމަށް ޚާނަމް ، ޙަޔާއަށް އެންގިއެވެ. ޙަޔާ ، އެއްވެސްކަމެއް ނުކުރާކަމަށް ބުނަމުން ގެންދިޔައެވެ. ޙަޔާ އެހަދަނީ ބުހުތާން ދޮގުކަން ޚާނަމަށް އެނގެއެވެ.
" އަހަރެން އިނީ މީރަބްގެ ފައިގާ ތެޔޮދަމާށެވެ ! މީރަބް އަހަރެންނަށް ގޮންޖެހީއެވެ. މީރަބް ބުންޏެވެ. ޙަޔާއެކޭ އެއްގޮތަށް އަހަރެންވެސް މިހުރީ ގަދަވެ ސަލާމަތުންނެވެ. އެއްވެސްކަމެއް ނުވެއެވެ. ފަޔަކަށްވެސް ގެއްލުމެއް ނުވެއެވެ. ޙަޔާ ދުވާވަރަކަށް އަހަރެންވެސް ޙަޔާފަހަތުން ދުވާނަމެވެ. ދެން ، އަހަރެން ، މީރަބްގެ ފޯނު ހިފައިގެން ދުއްވައިގަތީމަ ، މީރަބްވެސް އަހަރެންގެ ފަހަތުން ދުއްވައިގަތީއެވެ. ސިޑިއާ ހިސާބަށް އައިސް ، މީރަބްގެ ފައިގާ ތެޔޮ ހުންނާނެ ވާހަކަ އާއި ސިޑީން އަރައިފިއްޔާ ވެއްޓިދާނެކަމަށް ބުނީމަވެސް ، މީރަބް ސިޑިން އެރީއެވެ. ދެން ފެނުނީ ސިޑިމަތިން މީރަބް ވެއްޓުނު ތަނެވެ. " ހަދަހަދައިގެ ޙަޔާ އޭނާގެ ވާހަކަ ނިންމައިލިއެވެ.
ޙަޔާއާއެކީ އުޅޭ ނޯކަރަށް ޚާނަމް ގޮވައިލިއެވެ. އަދި ، އޭނާގެ އަތުގައި އޮތް ރުފިޔާކޮޅު އަތުލައި ، އެއީ ކޮންފައިސާއެއްތޯ ޚާނަމް ސުއާލު ކުރިއެވެ. ދެނެހުރިކަމަށްވެސް ޙަޔާ ނުހެދިއެވެ. ދެން އެތާހުރި އަނެއް ނޯކަރަށް ގޮވާފައި އޭނާއަތުގައި އޮތް ކޮތަޅު ދަމައިގަނެ ، އެކޮތަޅު ތެރޭގައިވާ ފަންޑިތަތައް ބިންމައްޗަށް އޮއްސައިލިއެވެ. އެއީ ، ކޮން އެއްޗެއްތޯ ޚާނަމް ސުއާލު ކުރުމުން ، އެއީވެސް އޭނާއަށް އެނގޭކަމެއްނޫނަކަމަށް ޙަޔާ ބުނަމުން ގެންދިޔައެވެ.
ޙަޔާ ހަދަމުން ގެންދިޔަ ދޮގުތަކަށް ޚާނަމަކަށް ކެތެއް ނުކުރެވުނެވެ. ބަޚްތިޔާރަށް ގޮވައިގެން ގެނެސް ، އޭނާ ހޮސްޕިޓަލަށް ލައިދީފައި އައިސް ، ޙަޔާގެންގޮސް ޙަޔާގެ ގެޔަށް ލުމަށާއި ، އޭނާ އެނބުރިގެޔަށް އަންނައިރު ، އެގޭގައި ޙަޔާ ހުރެގެން ނުވާނެކަމަށް ޚާނަމް އެންގިއެވެ. މީރަބްގެ ދަރިފުޅަށް ކަމެއް ވެއްޖިއްޔާ ޙަޔާގެ ދުވަސް ދުއްވައިލާނެކަމަށްބުނެ ، ޙަޔާއަށް ޚާނަމް އިންޒާރު ދިނެވެ.
އޭނާ އެހަދަނީ ދޮގުނޫންކަމަށާއި ، ދޮގުހަދަނީ މީރަބްކަމަށް ޙަޔާ ބުނަމުން ގެންދިޔައެވެ. މީރަބްގެ ބަނޑުގައި ދަރިޔަކު ނެތެވެ. މީރަބް އެއުޅެނީ ، ބަލިވެއިންކަމަށް ހަދައިގެންނެވެ. ޙަޔާ ދައްކަމުން ގެންދިޔަ އެއްވެސް ވާހަކައެއް އިވޭވަރަށްވުރެ ބޮޑަށް ، ޚާނަމްހުރީ ރުޅިގަދަވެފައެވެ.
ޚާނަމަށް ހޮސްޕިޓަލަށް ދެވުމުގެކުރިން ، މުރުތަސިމް ހޮސްޕިޓަލަށް އައެވެ. ހޮސްޕިޓަލުން މުރުތަސިމާ ދިމާވީ މަރިޔަމްއާއެވެ. މަންމަ ( ޚާނަމް ) ވީ ގެޔަށް ގޮހެވެ. އެވަގުތު ޕޮލިސް އިނިސްޕެކްޓަރަކު އައިސް ، މުރުތަސިމާ ބައްދަލުކޮށް ، އެ ޙާދިސާއާބެހޭގޮތުން މުރުތަސިމާ ސުއާލުކުރަން ޖެހޭކަމުގައި ބުންޏެވެ. އެކަން ހިނގީ ކިހިނެއްތޯ މުރުތަސިމް ދިއުމުގެ ކުރިން ، މަރިޔަމްއާ ސުއާލު ކުރިއެވެ. އޭނާއަށް އެނގޭ ވަރަކުން ޖަވާބު ދިނުމަށް އެދުނެވެ. މަރިޔަމް ބުނިގޮތުގައި މީރަބް ސިޑިން ވެއްޓުނުތަނަށް ދިޔައިރު އެތަނުގައި ޙަޔާ ހުއްޓެވެ. މަރިޔަމްއަށް ބުނަން ކެރުނީ އެހާ ވަރަށެވެ. އެކަން ހިނގިގޮތް އެހާ ރަނގަޅަކަށް މަރިޔަމްއަކަށް ނޭނގެއެވެ. އޭނާ އެބުނީ އޭނާއަށް ފެނުނު މަންޒަރެވެ.
ވެގެން އުޅޭގޮތެއް ނޭނގި ، މުރުތަސިމް ހަދާނެގޮތް ބޮޑުވިއެވެ. މީރަބަކާވެސް ބައްދަލެއް ނުކުރެވޭނެއެވެ. މީރަބް އޭރުވެސް އޮތީ ، ހޭނެތިފައިކަމަށް ޑޮކްޓަރު ބުންޏެވެ. މަންމަ ، ޚާނަމްވެސް އެތާކު ނެތެވެ. އިނިސްޕެކްޓަރުގެ ސުއާލުތަކަށް ޖަވާބު ދޭނީވެސް ކިހިނެއް ހެއްޔެވެ. އެ ޙާދިސާ އެ ހިނގީ ، މުރުތަސިމްވެސް ގެއިންބޭރުގައި އުޅެނިކޮށެވެ. ( ނުނިމޭ )
V reethi hisaabakun mi nimenee shukuran