12 August 2025 (Tuesday)

ރައީސުލްޖުމްހޫރިއްޔާ، ކެންދޫ ކައުންސިލާއި ކޮމެޓީތަކާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ސިނާއީ މަސައްކަތްތައް ކުރުމަށާއި އުޅަނދުފަހަރު ބާލާ މަރާމާތު ކުރުމަށް ތަނެއް ހަމަޖެހިފައި ނެތުމާއި ރަށު މިސްކިތުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމާއި، ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބިން ހިއްކުމާކި ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ހިއްސާކުރެއްވިއެވެ. އަދި، ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން މަގުތައް ހެދުމަށާއި، ރަށުގެ އިންޖީނުގޭގެ ނެޓްވޯކް، އަޕްގްރޭޑް ކުރުމާއި ރަށުގައި ކުނި މެނޭޖްކުރުމަށްޓަކައި ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އިތުރަށް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށުގެ ފުޓްބޯޅަ ދަނޑު ބޮޑުކުރުމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި އެ މަރުކަޒަށް ސްޕެޝަލިސްޓް ޑޮކްޓަރެއް ހޯއްދަވައިދެއްވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.