
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި، ދުވާލަކު 10 ހާސް ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީ އަށް 29 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާ، މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި، ކުންފުނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ބޯރޑު މެންބަރުންނެވެ.
ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް މިއަދު ފެށުނު މި ޢިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. މި ޢިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެއެވެ.
މިއަދު ޢަމަލީ މަސައްކަތް ފެށިގެން މިދިޔަ، އާރް.އޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.