އިސްރާއީލުގެ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދަން ނިންމުމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލު އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދާނެ ކަމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާޢީލުން ހާމަކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ މުޅިންހިލާފު ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުގެ މި ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައި ވެއެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލާފައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.  މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަަމަށް ވެސް ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.