ޗައިނާގެ ސަފީރު، ޑރ ޢާއިޝަތު ޝިހާމް އާ ބައްދަލުކުރައްވައިފި

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ހިސް އެކްސެލެންސީ ކޮންގް ޝިއަންހުއާ އާއި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ޗައިނާގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ތަޢުރީފު ކުރައްވާފައެވެ. އަދި މި އާދަކާދަތަކަކީ، އެޤައުމުގެ އިޖުތިމާޢީ ފޭރާން ރަނގަޅުގޮތުގައި ދެމިއޮތުމުގެ އަސްލުކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދެމިގެންވާ ގުޅުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހަމައެހެންމެ، ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކޮށް، އިތުރަށް އެހީތެރިކަން ބޭނުންވާ ކަންކަމާމެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

ދިވެހިރާއްޖެއަށް ޗައިނާގެ ފަރާތުން ދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓޭނެކަމަށާއި އަދި ކުރިއަރާފައިވާ މުސްތަޤްބަލެއް ހިއްސާކުރުމަށްޓަކައި އެކުގައި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެކްސެލެންސީ ސަފީރު ކޮންގް ވަނީ ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.