މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ެރުނު ބަޔާނެއްގައި ބުނީ މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުން ކަމަށެވެ. އަދި އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން މި ބަޔާނުގައި ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.