
ދިފާޢީ ވުޒާރާގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެވްސެކޮމްގައި 32 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތްކުރައްވައި ރިޓަޔަރ ކުރެއްވި މުޙައްމަދު އިލްޙާމްގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ޚާއްޞަ ފިލައެއް ވަނީ އަރުވާފައެވެ.
އަދި 30 އަހަރަށް ވުރެ ގިނަ މުއްދަތެއްގައި އެވްސެކޮމްއަށް ޚިދުމަތްކުރައްވާފައިވާ 25 ބޭފުޅަކަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
ގިނަ މުއްދަތުގެ ޚިދުމަތުގެ ފިލާ މި ބޭފުޅުންނަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ޢާއިޝަތު ޞަފޫރާއާއި ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމް ދެއްކެވި ވާހަކަފުޅުގައި، ގިނަ މުއްދަތުގެ ޚިދުމަތުގެ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުން ކުރައްވާފައިވާ އިޚްލާސްތެރި މަސައްކަތް ފާހަގަކުރައްވައި މި ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގައި ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.