ހަނދު އޭގެ ހަނދުވަރާނުލާ ... (23)

(30 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މުރުތަސިމް ޙާޞިލްކުރުމަށްޓަކައި ، ޙަޔާ ކުރަމުންގެންދާ މަސައްކަތް ހުއްޓައެއް ނުލައެވެ. ފަންޑިތަ ހަދާވަރުން ފަނޑިތަ ހަދައެވެ. ފުރުޞަތެއް ލިބިއްޖިއްޔާ މުރުތަސިމް ގަޔާވާ ކަހަލަ ވާހަކަތައް ދައްކަމުން ، މުރުތަސިމް ބޭނުންވާނެހާ ކަމެއް ކޮށްދެވޭތޯ ބަލަމުން ގެންދެއެވެ. މަރިޔަމް ކޮލެޖަށްލާން މުރުތަސިމް ދާތަން ފެނިއްޖިއްޔާ ، ކާރުގެ ކުރީޝީޓަށް އަރައި މީރަބްގެ ޖާގަ ހޯދުމަށް މަސައްކަތް ކުރެއެވެ.

މުރުތަސިމްގެ މައްޗަށް މީރަބްގެ ހިތް ކިލަނބު ކުރެވޭތޯ އަދި މީރަބަށް ޖެއްސުންކުރެވޭތޯވެސް ، ޙަޔާ ނުކުރާކަ ކަމެއް ނެތެވެ. މީރަބަށް ޙަޔާއާ ދޭތެރޭ ޝައްކު ކުރެވޭނެ ހުރިހާކަމެއް ފުރިހަމަކުރަމުން ގެންދެއެވެ. މީރަބަށްވެސް އެކަމުން އަސަރު ކުރަމުން ގެންދާކަން ، ޙަޔާއަށް އެނގެއެވެ. އަދި ، މީރަބަށް އަންނަމުންދާ ބަދަލުތައް މުރުތަސިމަށްވެސް ފާހަގަ ކުރެވެއެވެ. މުރުތަސިމްގެ ހިތުގައި ޙަޔާގެ މައްޗަށް އެއްވެސް ކަނެއް ދީފައިނުވާކަމަށް ، ކިތަންމެ ވަރަކަށް މުރުތަސިމް ބުންޏަސް ، މުރުތަސިމްގެ ޢަމަލުތައް ހުންނަގޮތުން ، މީރަބްގެ ހިތަށް އުނދަގޫވާ އެތައްކަމެއް މިހާރު ، ދިމާވަމުން އެބަ ދެއެވެ.

އެހުރިހާކަމެއް ، ޚާނަމްއަށްވެސް މިހާރު ފާހަގަ ކުރެވެން ފަށައިފިއެވެ. އެއްދުވަހެއްގެ މެންދުރުގެ ކެއުމުގެ ވަގުތުގައި ، ޚާނަމް އެވާހަކަ ފެއްޓިއެވެ. ޙަޔާގެ ޢަމަލުތައް ހުންނަގޮތުން މީރަބް ކަންބޮޑުވާކަން ޚާނަމަށް އެނގޭކަން އަންގައިލިއެވެ. ޙަޔާގެ ކަންތައް ތަންކޮޅެއް ބޮޑުވަމުންދާކަމުގައި ، މީރަބަށްވެސް ބުނެވުނެވެ. އޭގެ މާނަޔަކީ ، މުރުތަސިމާ ދޭތެރޭ މީރަބްގެ ވިސްނުން ބަދަލުވަމުން ދިއުންކަން ، ޚާނަމަށް ވިސްނުނެވެ. މުރުތަސިމް ހިތްހަމަ ޖެހޭގޮތަށް އުޅެ ، މުރުތަސިމަށް ލޯބިދިނުމަށް މީރަބްގެ ކިބައިން ޚާނަމް އެދުނެވެ. އަދި އަނތްބެއްގެ ވާޖިބާމެދު ވިސްނައި ، މަޑުމަޑުން ބަދަލުވަމުންގޮސް މުރުތަސިމަކީ ، މީރަބްގެ ޙައްޤެއްކަން ޙަޔާއަށް އަންގައިދިނުމަށް ނަޞޭޙަތްތެރި ވިއެވެ. އަދި ، މީރަބް އެކަމާ ކަންބޮޑުނުވުމަށާއި ޙަޔާގެ ކަންތައް ، ހަމަޔަކަށް އަޅުވާނެކަމަށް ޚާނަމް ބުންޏެވެ.

ޙަޔާ އެހުންނަނީ މުރުތަސިމާހުރެ ، މަރުވާވަރު ވެފައެވެ. އެވަރުން މުރުތަސިމައިގެން ޙަޔާ އުޅެއުޅެ ހުއްޓާ ، މުރުތަސިމްގެ ކައިވެނި ޙަޔާއާ ކޮށްނުދީ ، އޭނާ މުރުތަސިމާ ދެވީ ކީއްވެތޯ ،  ޖެހިލުންވެފައި އިނދެ މީރަބް ، ޚާނަމް ކުރެން އެހިއެވެ.

" ޙަޔާއަކީ ، މުރުތަސިމްގެ ދެބެންގެ ދެދަރި ކުއްޖެކެވެ. ޙަޔާއަކީ މުރުތަސިމާ އިނދެގެން އުޅެވޭކަހަލަ ކުއްޖެއްނޫނެވެ. މުރުތަސިމާ އިނދެގެން މުރުތަސިމާ އެކީ އުޅެވޭނީ ތިކަހަލަ ކުއްޖަކަށެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން އަހަރެންގެ މުރުތަސިމާ ދެވަން ، އަހަރެން އިޚްތިޔާރު ކޮށްގެން މިހުރީ މީރަބެވެ. " މީރަބްގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ޚާނަމް ބުންޏެވެ.

މުރުތަސިމަކީ ޚާނަމްގެހުރި ހަމައެކަނި ފިރިހެން ދަރިއެވެ. މުރުތަސިމްދެކެ ، އިންތިހާއަށް އޭނާ ލޯބިވެއެވެ. މީރަބަކީ ، ޚާނަމްގެ ދުޝްމަނެއްނޫނެވެ. މީރަބާދިމާލަށް ޚާނަމަށް ބުނެވޭ އެއްޗަކާ ، މީރަބަށް ކުރެވޭކަމެއް ވިއްޔާ އެ ކުރެވެނީ ، މުރުތަސިމްގެ ޙައްޤުގައެވެ. މީރަބަށް ދިރިއުޅެން ދަސްކޮށްދޭން ވެގެންނެވެ. މުރުތަސިމަށް މީރަބް ދަސްކޮށްދޭންވެގެންވެސް މެއެވެ.

މަރިޔަމް ކޮލެޖަށްލާން މުރުތަސިމް ދިޔަ ދުވަހެއްގައި ، ޒުބޭރު އައިސް މުރުތަސިމާ ބައްދަލު ކުރިއެވެ. އޭނާއަކީ އަދިވެސް މުރުތަސިމްގެ ދުޝްމަނެއްކަމުގައި ޒުބޭރު ބުންޏެވެ. ޒުބޭރުގެ ބައްޕަ މާލިކުގެ އެދުމަށް އޭނާއަށް މުރުތަސިމް މަޢާފް ކުރިޔަސް ، އެ މަޢާފަކީ ޒުބޭރު ބޭނުންވާ އެއްޗެއް ނޫނެވެ. މުރުތަސިމްގެ ކިބައިން އޭނާ ބަދަލު ހިފާނެކަމަށްބުނެ މުރުތަސިމަށް ޒުބޭރު އިންޒާރު ދިނެވެ. އޭނާއަށް ޖެއްސުން ކުރުމަށްޓަކައި ، އެ ސަރަޙައްދުން މުރުތަސިމަށް ޒުބޭރު އިތުރަށް ފެނިއްޖެނަމަ ގެޔަށް ގެންދަންޖެހޭނީ ޒުބޭރުގެ ޤަބުރުކަމުގައި ބުނެ މުރުތަސިމްވެސް ، ޒުބޭރަށް އިންޒާރު ދިނެވެ.

ޒުބޭރާއި މުރުތަސިމާ ދެމީހުން ޒުވާބު ކުރަމުން ގެންދިޔައިރު ، ކާރުގައި ޙަޔާ އިނެވެ. މުރުތަސިމް އައިސް ކާރަށް އެރުމާއެކީ އެއީ ކާކުތޯ ޙަޔާ އެހިއެވެ. އެއީ ، ޒުބޭރުކަމަށް މުރުތަސިމް ބުނުމާއެކީ ، ޚާނަމްގާތު ކުޓުވާލަން އިތުރު ކަމެއް ޙަޔާއަށް ލިބުނީތީ ، ޙަޔާއިނީ އުފަލުންނެވެ. މައްސަލައިގެ ނާޒުކުކަމާއި ނުރައްކަލަށްވުރެ ، ޙަޔާގެ ހިތަށްވަނީ ، މީރަބާ ދެކޮޅަށް ކޮށްލާނެ ޖެއްސުމެއްގެ ވިސްނުމެވެ.

ޓްރެފިކް ލައިޓަށް މުރުތަސިމްގެ ކާރު މަޑުކުރުމާއެކީ ، މަގުމަތީ މާވިއްކަން އުޅުނު ފަޤީރު ކުއްޖަކު އައިސް ، މުރުތަސިމްގެ އަންހެނުންނަށް އެއިން މާބޮނޑިއެއް ގަތުމަށް އެކުއްޖާ އެދުނެވެ. އެތަނުން ދެ މާބޮނޑި ގަތުމާއެކީ ، އެކުއްޖާ އެބެލީ ޙަޔާއަކީ ، މުރުތަސިމްގެ އަންހެނުންކަމަށް ބުނެ ، މާބޮނޑީގައި ހިފުމަށް ޙަޔާ އަތްދިއްކޮށްލިއެވެ. ޙަޔާއަކީ ، މުރުތަސިމްގެ އަންހެނުން ނޫންކަމަށާއި ، ޙަޔާއާ މުރުތަސިމްގެ ކައިވެންޏަކީ ،  ނުވާނެކަމެއްކަމަށް މުރުތަސިމް ބުންޏެވެ. އަދި މީރަބަށް އުނދަގޫކުރުން ހުއްޓާލައި ، ޙަޔާ ދެކެމުންއެދާ ހުވަފެނުން ހޭލުމަށް މުރުތަސިމް ނަޞޭޙަތް ދިނެވެ.

ގެޔަށް އައިސް މުރުތަސިމް ފޭބީ ، ކާރުގައި މާބޮނޑި ބާއްވާފައެވެ. ވަގުތު ބަލާފައި މާބޮނޑި ނަގާ ، ދޮޕައްޓާ ތެރެޔަށްލައި ފޮރުވައިގެން ޙަޔާ ގޭތެރެޔަށް ވަދެގެން ދަނިކޮށް މީރަބާ ދިމާވިއެވެ. އެ މާބޮނޑިޔަކީ އޭނާއަށް މުރުތަސިމް ގަނެދިން އެއްޗެއްކަމަށް ބުނެ . މީރަބަށް މާބޮނޑި ދައްކައިލިއެވެ. އަދި ، މާވިއްކި ކުއްޖާ ބެލީ ، ޙަޔާއަކީ މުރުތަސިމްގެ އަންހެނުންކަމަށް ކަމުގައިވެސް ، ހެވިދިލިފައި ހުރެ ، ޙަޔާ ބުނެލިއެވެ. ޙަޔާގެ އެއުފާވެރިކަމަށް މީރަބް މަރުޙަބާ ކިޔެވެ. އެކަމާ ، އޭނާ އެއްގޮތަކަށްވެސް ކަންބޮޑުނުވާކަމަށް މީރަބް ބުންޏެވެ.

" ޙަޔާ ކިތަންމެ ވަރަކަށް ހެދިގެން އުޅުނަސް އަހަރެންނަށް މައްސަލައެއް ނޫނެވެ. އަހަރެންނެއް ، އަހަރެންގެ މައްޗަށް މުރުތަސިމް ލަންބާކަށް އެއްވެސް ކަމެއް ނުކުރާނަމެވެ. އެކަމަކު ، ކޮންމެ މީހަކަށްވިޔަސް ، އެމީހަކަށް ޖެހޭނީ އަހަރެންގާތަށް އަންނާށެވެ ! މުރުތަސިމަށްވެސް ވާނީ އެހެންނެވެ. ތިހުރިހާ ސަކަރާތެއް ޙަޔާ ޖަހަޖަހާ ހުއްޓާ ، މުރުތަސިމް އަހަރެން ގާތަށް އަންނާނެއެވެ. ޙަޔާގެ އުއްމީދު ، ޙަޔާ ދޫކޮށް ނުލާށެވެ ! " ހިނިތުންވެލައިގެން ހުރެ މީރަބް ބުނަމުން ގެންދިޔައެވެ.

ކޮޓަރިޔަށްގޮސް މާބޮނޑީގެ ވަސްބަލަމުން ، ޙަޔާގެ އުއްމީދުތައް އޭނާގެ ހިތަށް ކިޔައިދެމުން ގެންދަނިކޮށް ، އެތަނަށް ޚާނަމް އައެވެ.

ޙަޔާ އެކުރާކަމެއް ޚާނަމަށް އެނގެއެވެ. އަނގައިން ނުބުނެ ހުއްޓަކަސް ، މީރަބާއި މުރުތަސިމްގެ ދިރިއުޅުން ހަލާކު ކުރުމަށް ޙަޔާ ކުރަމުންގެންދާ ހުރިހާކަމެއް ޚާނަމަށް އެނގެއެވެ. ހުރިހާ ވާހަކަތަކެއް ކިޔައި ނަޞޭޙަތް ލައިދިނުމަށްފަހު ، އެދެމަފިރިންގެ ދެމެދަށް ނުވަނުމަށް ޙަޔާއަށް ޚާނަމް އިންޒާރު ކުރިއެވެ. އެކަހަލަކަމެއް ޙަޔާގެ ފަރާތުން ކުރިމަތި ވެއްޖިއްޔާ ، ޙަޔާއަށް ވާނެގޮތަކާމެދު ވިސްނާލައިގެން އުޅުމަށްވެސް ޚާނަމް ނަޞޭޙަތް ދިނެވެ.

މުރުތަސިމަށް ކޮޓަރިޔަށް ދެވުނުއިރު ، މީރަބްހުރީ ރުޅިއައިސް ރަތްވެފައެވެ. ޙަޔާ ގޮވައިގެން މުރުތަސިމް ކާރުދުއްވަން ދިޔަކަން އެނގިގެންނެވެ. އެއީ ކިހިނެއްވީކަމެއްކަން ސާފުކޮށްދިނުމަށް މުރުތަސިމް ދެއްކި ހުރިހާ ވާހަކައެއް ވީ ބޭކާރެވެ. ކާރުގެ ތަޅުދަނޑިހިފައިގެން މީރަބް ހިނގައިގަތުމާއެކީ ، މީރަބް އެދަނީ ކާރުގައި ބޭރަށްކަން މުރުތަސިމަށް އެނގުނެވެ. މީރަބް އެކަނި ބޭރަށްގޮސް އުޅުމަކީ ، ނުރައްކާ ކަމެކެވެ. އެހެން އުޅެނިކޮށް ، ޒުބޭރަށް ފެނިއްޖިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެކަހަލަ ކަންކަން ވިސްނައިގަނެވޭ ވަރަށްވުރެ ، މީރަބްގެ ހިތްތިރިކަން ، މުރުތަސިމަށް އެނގެއެވެ. މީރަބް ދާން ބޭނުންވާ ތަނަކަށް ގެންގޮސްދޭނީ އޭނާކަމަށްބުނެ ، މީރަބް ގޮވައިގެން މުރުތަސިމް ނުކުތެވެ. މުރުތަސިމް ދުއްވަމުން ގެންދިޔައީ މީރަބް ބުނާ މިސްރާބަކަށެވެ. އަވަށުގެ މެދެއްހާ ހިސާބުގައި އޮތް އާދައިގެ ބާޒާރަކަށް ކާރު ހުއްޓައިލުމަށް މީރަބް އެދުނެވެ.

އެސަރަޙައްދުގައި އުޅޭ އެންމެންނަށްވެސް މުރުތަސިމް އެނގޭނެކަމަށްބުނެ ، އެއީ އޭނާގެ އަބުރަށްލިބޭ ހުތުރަކަށް ވެދާނެކަމަށް މުރުތަސިމް ބުންޏެވެ. މީރަބް ދިޔަގޮތަށްގޮސް ހުއްޓުނީ ، އެތާހުރި ޕާނިޕޫރީހަދާ ގާޑިޔަލެއްގެ ކައިރިޔަށެވެ. އެތާނގައި   ޕާނިޕޫރީ ހަދަންހުރިމީހާއަށް މުރުތަސިމް ދައްކާފައި ، އެއީ އޭނާ ދަންނަ މީހެއްތޯ މީރަބް ސުއާލު ކުރިއެވެ. އޭނާއަކަށް މުރުތަސިމަކީ ކާކުކަމެއް ނޭނގުނެވެ.

މުރުތަސިމްގެ އަތުގައި ހިފައިގެން ގާޑިޔާ ކައިރިޔަށް ގެނެސް ، ޕާނިޕޫރީ ޕެކެޓެއް ދިނުމަށް އެދުނެވެ. އެއީ ދުވަހަކުވެސް މުރުތަސިމް ކޭ އެއްޗެއްނޫނެވެ. އަދި އަމްދުން ، މަގުމަތީގެ ކާނާއަކީ އޭނާ ކާ އެއްޗެއްނޫނެވެ. މީރަބްގެ ބަނޑު ސަކަރާތްވެދާނެތީ ، ޕާނިޕޫރީ ކެއުން މުރުތަސިމް މަނާ ކުރިއެވެ. މުރުތަސިމްގެ ބަހެއް މީރަބް ނާހައެވެ. ޕާނިޕޫރީ ކަމުންގޮސް ކުޅިވެގެން ޗޯބާލާ ހިސާބަށް ދިޔައިރުވެސް ހުއްޓައެއް ނުލައެވެ. އެންމެފަހުން ، މީރަބް ހުއްޓާލީ ، މުރުތަސިމަށްވެސް ގަދަކަމުން ، ޕާނިޕޫރީ ކާންދީފައެވެ.

އެތައް ދުވަހަކަށްފަހު ، ޕާނިޕޫރީ ކައިގެން މީރަބަށް ލިބުނު ހިތްހަމަ ޖެހުމުގައި އެ ސަރަޙައްދުގައި މީރަބް އެނބުރިގަތެވެ. މުރުތަސިމްވެސް މީރަބްގެ ފަހަތުން އައެވެ. ވަކި ހިސާބަކަށް ނުކުމެވުނުތަނާ ، މީރަބްގެ ކުރިމަތިން އެ ފެނުނީ ރޮހޭލްއެވެ. މީރަބަށް ލިބުނު ޙައިރާންކަމުގައި އަނގަ ހުޅުވިފައި ހުއްޓާ ، މުރުތަސިމަށްވެސް ، މީރަބަށް ގޮވަމުން އެތަނަށް އާދެވުނެވެ. އެވަގުތު ، އޭނާގެ ކުރިމަތިން ރޮހޭލް ގެއްލުނެވެ. އަނގައިން ނުބުނެ ، މީރަބް ކުރިމައްޗަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި ، މީރަބް އެހުންނަނީ އެތަނުން ކޮން އެއްޗެއް ފެނިގެންތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެކަމާބެހޭގޮތުންވެސް ، މީރަބް ވަކި އެއްޗެއް ނުބުނެއެވެ. އޭނާ ބޭނުންވީ ، އަވަހަށް އެތަނުން ދިއުމަށެވެ. މީރަބަށް ލިބިފައިހުރި އުފާވެރިކަން ކުއްލިޔަކަށް ގެއްލި ދިއަތަން ފެނުމާއެކީ ، މުރުތަސިމް އެތައް ސުއާލެއް ކުރިއެވެ. ގެޔަށް އައިސްވެސް ، އެކަމާބެހޭގޮތުން ، މުރުތަސިމް ކުރި އެއްވެސް ސުއާލަކަށް މީރަބަކަށް ޖަވާބެއް ނުދެވުނެވެ. އެހެންނަމަވެސް ، އެތަނުގައި ކޮންމެވެސްކަމެއް ހިނގައިފިކަން ނުވަތަ ކޮންމެވެސް މީހަކާ މީރަބާ ބައްދަލުވިކަން ، މުރުތަސިމަށް ޔަޤީން ކުރެވުނެވެ.

ޒުބޭރުގެ ނުލަފާކަން ހުއްޓައެއް ނުލައެވެ. މުރުތަސިމްމެންގެ ދަނޑުގައި މަސައްކަތްކުރާ ތިންމީހަކު މިއަދުވެސް މަރާލައިފިއެވެ. ބަޚުތިޔާރު އައިސް މުރުތަސިމަށް އެޚަބަރު ދިނުމާއެކީ ، ވަގުތުން އެތަނަށް ދިއުމަށް މުރުތަސިމް ބޭނުންވިއެވެ. މުރުތަސިމް އެކަނިދާން ދޫކޮށްލާކަށް ޚާނަމް ބޭނުމެއް ނުވިއެވެ. މީރަބް އަދިވެސް ނިދާ ހޭލައިގެންނެއް ނާދެއެވެ. އެންމެ ފަހުން މުރުތަސިމާއެކީ އޭނާ ދާން ޚާނަމް ނިންމިއެވެ. ވަގުތު ބަލާފައި ، ޙަޔާ އަނގަ ބޭނިއެވެ. އަދި ، މުރުތަސިމާއެކީ އޭނާ ހިނގައިދާނެކަމަށް ޙަޔާ ބުނުމާއެކީ ، އެކަމަށް ޚާނަމްވެސް ބާރު އަޅައި މުރުތަސިމާއެކީ ފޮނުވިއެވެ.

މީރަބް އަދިވެސް ނިދައި ނުހޭލާތީ ، މީރަބާ ދިމާލަށް ހަޅޭއްލަވަމުން ޚާނަމް އައިސް ކޮޓަރިޔަށް ވަތްތަނުން ، އަޑުގަދަވެގެން މީރަބަށް ހޭލެވުނެވެ. މީރަބްގެ ބޮލުގައި ރިއްސާތީ ނުތެދުވެ އޮވެވުނީކަމަށް މީރަބް ބުންޏެވެ. އެހެނަސް ، އެއީ މީރަބްގެ ކަންނެތްކަމުން ދައްކާ ބަހަނާއެއްކަމަށް ބުނަމުން ، އެއްޗެތިކިޔަމުން ގެންދިޔައެވެ. ކުއްލިޔަކަށް މޭނުބައިކޮށްގެން އޯކަށްދަމަމުން ، އެނދުން ތެދުވެގެން މީރަބް ފާޚާނާއާ ދިމާލަށް ދުއްވައިގަތެވެ. ފާޚާނާއަށް ވަނުމާއެކީ ، މީރަބަށް ހޮޑުލެވުނެވެ.

އެއާއެކީ ، މީރަބާ ދިމާލަށް އެއްޗެތި ކިޔަމުން އައި ޚާނަމްގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ދުވެފައިގޮސް ފާޚާނާއާ ހަމައިން މީރަބް އަތުލަފިކޮށްގެން ގެނެސް އެނދުގައި ބޭންދިއެވެ. މީރަބް ބަލިވެ އިނުމާގުޅިގެން ، ﷲ އަށް ޙަމްދުކޮށް މީރަބްގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އޭނާއަށް މީރަބްގެ ފަރާތުން އެލިބުނީ ، ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އުފަލެވެ. މުރުތަސިމްގެ ދަރިފުޅު ބަލައި ބޮޑުކުރުމަކީ ، އޭނާކުރަމުން އައި އެންމެ ބޮޑު އުއްމީދެވެ. އެކަހަލަ ކަމެއް ނުވާކަމަށް އޭރު ، މީރަބް ބުނަމުން ގެންދިޔައެވެ. މީރަބްގެ ވާހަކައެއް ޚާނަމެއް ނާހައެވެ. ނޯކަރުންނަށް ގޮވައިގެން ގެނެސް ، ޞޮދަޤާތް ދިނުން އިންތިޒާމް ކުރިއެވެ. އެނދުން ނުތެދުވެ ، މީރަބް އޮތުމަށް އެންގިއެވެ. ވީ އުފަލުން ، މީރަބްގެ ގައިގާ ފިރުމަމުން ބޮސްދެމުން ގެންދިޔައެވެ.

އަންވަރަށް ގޮވައިގެން ގެނެސް ، އަންވަރަށްވެސް އެ ޚަބަރު ދީފިއެވެ. ވީއުފަލުންގޮސް އަންވަރުވެސް ރޯން ފެއްޓިއެވެ. ކޮޓަރިޔަށްގޮސް އައިސް ، އެތައް ނޫޓުތަކެއް ނޯކަރުންގެ އަތަށްދީ ، އަވަށްޓެރިންނަށް ބެހުމަށް އެންގިއެވެ. އޭނާއާ ދިމާލަށް ބައްޕާއޭ ކިޔާފަ ، މީރަބް އަދި ގޮވައެއް ނުލައެވެ. އެހެނަސް ، މީރަބްގެ ދަރިފުޅު ، އޭނާއާ ދިމާލަށް ކާފާއޭ ކިޔާފައި ގޮވައިލާނެކަމަށް އަންވަރު ބުންޏެވެ.

މީރަބް ގާތު ނުބުނެ ، މުރުތަސިމަށް އާދެވުނީތީ އިނީ ކަންބޮޑުވެފައެވެ. މީރަބާ ގުޅާފައި މީރަބް ނިދާފަ އޮތީމަ ނުބުނެ އާދެވުނު ވާހަކަ ބުނުމަށް ، ޙަޔާގާތު މުރުތަސިމް އެދުނެވެ. ޙަޔާއަށް މުރުތަސިމާއެކީ ހޭދަކޮށްލަން އެލިބުނު އުފާވެރި ވަގުތުކޮޅު ، ހިތްހަމަ ނުޖެހުމުގައި ދުއްވައިލާކަށް ޙަޔާ ބޭނުމެއް ނުވިއެވެ. މީރަބަކީ ، މުރުތަސިމާމެދު ވިސްނާ މީހެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި ޙަޔާ ދައްކަމުން ގެންދިޔަ ވާހަކަތަކުން ، މުރުތަސިމަށް އިތުރަށް ލިބުނީ ހިތްނުތަނަވަސްކަމެވެ. އެންމެފަހުން ، މީރަބާ ގުޅަން ޙަޔާ ބޭނުން ނުވަންޏާ ، މަރިޔަމްއާ ގުޅާފައި އެވާހަކަ މީރަބް ގާތު ބުނެދޭން ، މަރިޔަމްގާތު ބުނުމަށް މުރުތަސިމް އެދުނެވެ. މުރުތަސިމް ކުރުނުކޮށްގެން ، މަރިޔަމްގެ ބަދަލުގައި ، ފަންޑިތަހަދަން އޭނާ ގެންގޮސްދިން ނޯކަރަށް ގުޅައި ، މީރަބްގާތު އެވާހަކަ ބުނުމަށް ޙަޔާ އެދުނެވެ. އެއީ މަރިޔަމް ނޫންކަމުގައި އެނޯކަރު ބުނަމުން ގެންދިޔަނަމަވެސް ، ޙަޔާ ދައްކަންހުރި ވާހަކައެއް ދައްކާފައި ، މަރިޔަމްއަށް ބާއްޖަވެރި ދުވަހަކަށް އެދެމުން . ފޯނުކަނޑައިލިއެވެ. އަދި ، މަރިޔަމް ލައްވާ މީރަބްގާތު އެވާހަކަ ބުންޏަސް ، މުރުތަސިމާ މީރަބް ނުގުޅާނެކަމުގައި ޙަޔާ ބުންޏެވެ.

މުރުތަސިމާއެކީ ، ޙަޔާ ހޭދަކުރާނެ ދިރިއުޅުމުގެ އުފާވެރިކަމުގެ ވާހަކައިން ޙަޔާ ވާހަކަ ފެއްޓިއެވެ. މީރަބަށް މުރުތަސިމަށް ނުދެވޭނެ އެތައް އުފަލެއް ، ހަޔާގެ ފަރާތުން މުރުތަސިމަށް ލިބޭނެކަމަށް ދަޢުވާކުރަމުން ގެންދިޔައެވެ. ޙަޔާގެ ވާހަކަތަކުން މުރުތަސިމަށް އުނދަގޫވިޔަސް ، ޙަޔާގެ ވާހަކަ ހުއްޓައިނުލާ ، އަނގަތަޅަމުން ގެންދިޔައެވެ. އެއީ ، ޙަޔާގެ އިތުގެ އުދާސްތައް މުރުތަސިމްގެ ކުރިމަތީ ބަންޑުންކޮށްލުމަށް ލިބޭނެ ހަނިފުރުޞަތުތަކުން އެއް ފުރުޞަތެވެ. އެ ފުރުޞަތުން އެންމެ ސިކުންތެއްވެސް ނަގާލާކަށް ޙަޔާ ބޭނުމެއްނޫނެވެ. ކާރުތެރޭ އިނދެގެން ކިތަންމެ ވާހަކައެއް ދެއްކިޔަސް ، މުރުތަސިމަށް ކުރެވޭނެކަމެއް ނޯންނާނެއެވެ. ގޭތެރޭގައި އޭނާއަކަށް މުރުތަސިމާ އަނގައިންނެއް ނުބުނެވެއެވެ. ޙަޔާގެ ވާހަކަތަކުން މުރުތަސިމަށް އަސަރެއް ނުކުރިޔަސް ، ޙަޔާއަށް ފަރުވާލެއް ނެތެވެ. އޭނާގެ ހިތުގެ އަޑު މުރުތަސިމަށް އިއްވައިލެވެނިކޮށް އެވީއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.