ކުނީގެ މައްސަލައަކީ ޙައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލަ: މޭޔަރ ޢާޒިމް

ކުނީގެ މައްސަލައަކީ، މާލެ ސިޓީ ކައުންސިލަށް ކުރިމަތި ވެފައިވާ، ޙައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލަ ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ، ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ)ގެ ގޯތި ތެރޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢަޒިމް ވިދާޅުވީ، ކުނީގެ މައްސަލަ ޙައްލުކުރުމަށް ޓަކައި، މަގުތަކުން ކުނި ނެގުމުގެ އިތުރަށް، މަގުތަކަށް ކުނި އެޅުން ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް، ވޭތުވެދިޔަ ހަ މަސް ދުވަހު ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާ ކަމަށެވެ.

"ކުނީގެ މައްސަލައަކީ، އަބަދު ވެސް މާލެ ސިޓީއަށް ކުރިމަތިވެފައިވާ، އިޖުތިމާޢީ އަދި ތިމާވެށީގެ އެންމެ ބޮޑު މައްސަލަ" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ވޭތުވެދިޔަ 6 މަސްދުވަހު، މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ޕަކުތަކާއި އޮފީސްތަކާއި ގޮނޑުދޮށް ތަކާއި އަދި ކައުންސިލުން ބަހައްޓާފައިހުރި ޑަސްބިންތައް ހިމެނޭގޮތުން، 41374 ޑަސްބިން ކޮތަޅުގެ ކުނި ނެގިފައިވާ ކަމަށެވެ.

މާލެ ސިޓީގެ މަގުތައް ސާފުކޮށް ރީތިކޮށް ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން 318 މަގެއްގައި، 153 ދުވަހު، 58293 ފަހަރު ކުނިކަހާފައި ވާއިރު، މި މަސައްކަތުން ނެގުނު ކުނީގެ ޢަދަދު 4333.4 ޓަނަށް އަރައެވެ.

މީގެއިތުރުން ވެމްކޯގެ ޑިސްޕޯސަލް ސައިޓަށް 6618.41 ޓަނުގެ ކުނި ގެންދެވިފައިވާއިރު، މާލެ ސިޓީގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ކުނި އުކަން ފަސޭހަކުރުމަށް، ކުނި ބަހައްޓަން ކަނޑައަޅާފައިވާ ޕޮއިންޓްތަކުން، 48386 ޑަސްބިން ކޮތަކުގެ ކުނި، ވޭތުވެދިޔަ 6 މަސް ދުވަހު ނެގިފައިވާ ކަމަށް، ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މާލެ ސިޓީގެ ފަޅުތެރެއިން، ވޭތުވެ ދިޔަ 6 މަސްދުވަހު، 7116 ޑަސްބިން ކޮތަޅުގެ ކުނި ނެގިފައިވާ ކަމަށް ވެސް ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން، މާލެ ސިޓީގެ ކުނި މެނޭޖުކޮށް، ސާފު، ރީތި، ހިތްގައިމު، ސިޓީއަކަށް ހެދުމަށް، މާލެ ސިޓީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް، މަގުތަކާއި ޕާކުތަކާއި މައިޒާން ތަކާއި އަދި ފަޅުތެރެއަށް ވެސް ކުނި ނޭއްޅުއްވުމަށް ލޮބުވެތި ރައްޔިތުންނަށް މާލެ ސިޓީ ކައުންސިލުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.