
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު ދެކުނުބުރީ މާފަރުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި، ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނ. މާފަރުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި، ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ޖަލްސާގައެވެ.
މި ޖަލްސާގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ވީ އެންމެ ފުރިހަމައަކަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި މޭރުމުން އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ މާފަރުގެ ޞިއްޙީ ދާއިރާއެވެ. އެގޮތުން، އާދީއްތަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމަށް ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށްފަހު، ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް، އަލުން މަސައްކަތް ފެށުމަށް ދަންނަވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަމިއާއެކު މާފަރުގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، 4 ކުލާސްރޫމް އިތުރު ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ ކަންކަން ދާދި އަވަހަށް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބައިނަލްއާޤުވާމީ އެއަރޕޯޓެއް މާފަރުގައި އޮތްއިރު، އެކަމަށް އެންމެ އެކަށޭނަ ފެންވަރުގައި، ވަށާޖެހޭ ގޮތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމާއި އެކަމާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ބޯހިޔާވަހިކަމުގެ ދާއިރާއިން، 2026 ވަނަ އަހަރު އަލަށް މަޝްރޫޢު ފެށިގެންދާ ރަށެއްގެ ގޮތުގައި، ނ. މާފަރު ހިމަނުއްވައި އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ދެންވެސް ހުރި މިފަދަ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.