ޖަލުތަކުގަ އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފައްދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީޢެސް) އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްސީއެސްގެ ފަރާތުން މި ފަހުމުނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފަވާއިރު، ސޮނެވާ ނަމޫނާއިން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަޒްހޫރާ އަޙްމަދުއެވެ. މި ފަހުމްނާމާގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

މި ފަހުމުނާމާގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުމެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައެވެ.

މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ޤައިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.