ހަނދު އޭގެ ހަނދުވަރާ ނުލާ ... ( 13 )

( 25 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މީރަބަށް ކުރިމަތިވަމުން އެދާ ކަންކަމާމެދު ، މުރުތަސިމަށް ނުވިސްނައެއް ނުހުރެވުނެވެ. އެކަންކަން އޭނާގެ ކުރިމައްޗަށް އައިސް އުނދަގޫ ކުރެއެވެ. އޭނާވެސް ވަނީ ، މީރަބްގެ މޫނުމަތީ އެތިފަހަރެއް ޖަހާފައެވެ. ދެން ، އެޖެހީ މަންމައެވެ. މީރަބަށް ވެގެން އުޅޭގޮތް ، މުރުތަސިމަށް އޮތީ ސާފުކޮށްދީފައެވެ. މީރަބްގެ ޙަޔާތް އެކޮޅުކޮޅުންޖެހި ، އޭނާއާބެހޭގޮތުން ، އެތައް ޒަމާނެއް ވަންދެން ސިއްރުކުރެވިފައިވާ ބޮޑު ޙަޤީޤަތެއް ، މިހާރު އެވަނީ ފަޅާއަރާފައެވެ. މީރަބްގެ މިޒާޖާއި ނަފްސަށް ކުރި އަސަރާއި ތަކްލީފު އޭނާއަށް އެއުޅެނީ ، މައިތިރި ނުކުރެވިގެންނެވެ. އެ ޖަޒްބާތުތަކަށް ކެތް ނުކުރެވިގެންނެވެ. އެންމެ ދެރަވެގެން ، މުރުތަސިމަކީ އޭނާގެ ފިރިމީހާކަމަށް ޤަބޫލުކުރާކަށްވެސް މީރަބް ބޭނުމެއް ނުވެއެވެ.

ވައްޤާސްގެ ދެމަފިރިންވެސް ، މީރަބަށް ކުރިމަތިވަމުންދާ ކަންކަމާމެދު ކަންބޮޑުވެއެވެ. އެއީ ، މީރަބަށް ހޯދައިދިނުމަށް އެދެމަފިރިން ބޭނުންވި މުސްތަޤްބަލެއްނޫނެވެ. މީރަބްގެ ހިތް އެދަނީ އަނިޔާއާއި ތަކްލީފުން ޒަޚަމްވަމުންނެވެ. ޖިސްމާނީގޮތުންވެސް އަދި ނަފްސާނީގޮތުންވެސް ، މީރަބަށް ކުރިމަތިވަމުންދާ އަނިޔާ ހުއްޓުވުމަށް ، އެދެމަފިރިންނަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ޚާނަމްއާ ކުރިމަތިލުމަކީ ، އެގެއާއި އެގެޔާ ގުޅިފައިވާ އެއްވެސް އިންސާނަކަށް ކުޅަދާނަކަމެއްނޫނެވެ. ޚާނަމްއަކީ ، އެއްވެސް މީހެއްގެ އަމުރާއި ބާރުހިނގާމީހެއްނޫނެވެ. ޚާނަމްއާ ދެކޮޅަށް ، ބަހެއް ބުނުމުގެ ޙައްޤު ، އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ.

މެންދަމު ، މުރުތަސިމަށް ހޭލެވުނުއިރު ، މީރަބް އެނދަކު ނެތެވެ. އެނދުގައި ރުލެއްވެސް ނެތެވެ. އޭގެ މާނަޔަކީ ، އެރޭ ނިދުމަށްޓަކައި މީރަބް އެކޮޓަރިޔަށް ނާންނަނީއެވެ. މުރުތަސިމްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ގޭގެ އެތަންމިތަން ބެލިއިރުވެސް ، މީރަބެއް ނުފެނުނެވެ. ސްވިމިންގޕޫލް ކައިރިޔަށްގޮސް ، މުރުތަސިމްގެ އަޑަށްބާރުލާފައި މީރަބަށް ގޮވައިލިއެވެ. އެނބުރިލިތަނުން ، ގޭގެ ޓެރަސްމަތީ މީރަބް ހުއްޓާ ފެނުނެވެ. މީރަބް ވިސްނަމުން އެގެންދަނީ ، ސްވިމިންގޕޫލަށް ފުންމާލަންކަން މުރުތަސިމަށް އެނގުނެވެ. ފަޔަށް ބާރުލާފައި ، ސިޑިން އަރައިގެން ޓެރަހަށް ދެވުނުއިރު ، މީރަބް އޮތީ ފާރުބުރިމައްޗަށް ގުދުވެގެން ތިރިޔަށް ބަލާށެވެ.

އަމިއްލަޔަށް މަރުވުމަކީ ، ބޮޑުފާފައެއްކަމަށް މުރުތަސިމް ބުންޏެވެ. ސްވިމިންގޕޫލްކަހަލަ ، މީރަބް އެހާ ހިތްނޭދޭ ތަނަކަށް ފުންމާލައިގެން ، ހިތަށްވެސް ލިބޭނެ ހަމަޖެހުމެއްވެސް ނުއޮންނާނެއެވެ. އެއީ ، ރަނގަޅު ޚިޔާލެއްނޫންކަމަށްވެސް ، މުރުތަސިމް ބުންޏެވެ.

" އަހަރެން ބޭނުންވާ ގޮތަކަށް އަހަރެންގެ ފުރާނަޔަށް ގޮތްގޮތް ހެދިދާނެއެވެ.  އަހަރެން މަރުވާނީ މީހެއްގެ ގާތު ބުނެ ، ހުއްދަ ހޯދައިގެންނެއްނޫނެވެ. " މީރަބް ބުންޏެވެ.

މީރަބަށް ކުރެވުނު ކުށް ޤަބޫލު ނުކުރަން އުޅެނީ ކީއްވެގެންތޯ މުރުތަސިމް ސުއާލު ކުރިއެވެ.

އެހެންމީހުން އެމީހުންނަށް ކުރެވުނު ކުށް ޤަބޫލު ނުކުރަންވީ ކީއްވެގެންތޯ ، މީރަބްވެސް ސުއާލު ކުރިއެވެ. އޭނާގެ ހިތް އުފާކޮށްލުމަށްޓަކައި ، އަދި ނަށަމުން ގެންދިޔަ އޭނާއާ އެއްފުރާގެ ކުދިންނާ ބައިވެރިވެލުމަށްޓަކައި ، އެކުދިންނާ އެކީ ނަށައިލުން އެއީ ، މީރަބްގެ ނަޒަރުގައި އޭނާއަށް އެހާބޮޑު އަދަބެއް ލިބެންވީ ކުށެއްނޫނެވެ. އެހާ ނާތަހުޒީބު ވިސްނުމެއް ، މުރުތަސިމްމެން އެގެންގުޅެނީ ކީއްވެގެން ހެއްޔެވެ ؟

މުރުތަސިމަށް ފެންނަ ގޮތުގައި އެއީ ، ނާތަހުޒީބުވުމެއްނޫނެވެ. އެއީ ، ވާރުތަވެގެން އައިސްފައިވާ އާދަކާދައެވެ.

" އެއީ އާދަކާދައެއްނޫނެވެ. އެއީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. މުރުތަސިމްމެންނަކީ ، މުއްސަނދި މަހުޖަނުންނެވެ. ނަށަމުންގެންދިޔަ ކުދިންނަކީ ، ނިކަމެތި ފަޤީރުންނެވެ. އެކުދިންގެ ޖަޒުބާތާއި އުފަލުގައި ބައިވެރިވެލުމަކީ ، މުރުތަސިމްމެންގެ ކިބުރުވެރިކަމާ ދެކޮޅު ކަމެކެވެ. އެކަމަކު ، އަހަރެންނަކީ ފަޤީރެއްކަމަށްވާތީ ، އަހަރެންގެ ހިތުގައި އޮންނަ ޖަޒްބާތާއި މުރުތަސިމްމެންގެ ހިތުގައި އޮންނަ ޖަޒްބާތު ތަފާތުވާނެއެވެ. މުރުތަސިމަށް އަހަރެންގެ ފަރާތުން ފެންނަމުން ތިދަނީ ، ކުރިޔަށް އޮތްތާނގައިވެސް ފެންނާނެ ، އެތަފާތެވެ. އަހަރެންގެ ޙަޤީޤަތަކީ އެއީއެވެ. އެއީ މުރުތަސިމްމެންނަށް ޤަބޫލުކުރެވޭނެ ޙަޤީޤަތެއްނޫނެވެ. " މީރަބް ބުންޏެވެ.

މީރަބް އެބުނާ ބޮޑާކަމާއި ކިބުރުވެރިކަމުގެ ޙިއްޞާއަކަށް މީރަބް ވެއްޖެކަމަށް މުރުތަސިމް ބުންޏެވެ. އޭނާގެ އަނބިމީހާއަށް މީރަބް ވުމާއެކީ ، މީރަބަކީ ކުރީގެ މީރަބަށް ވެގެންނުވާނެއެވެ. މީރަބްގެ އުޅުމަށާއި ވިސްނުމަށް ގެންނަންޖެހޭ ބަދަލުތަކެއް އަދި ، ބަދަލުކުރަންޖެހޭ އާދަތަކެއްވެސް ހުންނާނެއެވެ.

މީރަބްގެ ވިސްނުމަށްވެސް އަދި އުޅުމަށްވެސް އެހާ އަވަހަށް ބަދަލުތަކެއް އަންނާނެކަމަށް ، މުރުތަސިމް އުއްމީދު ނުކުރުމަށް މީރަބް އެދުނެވެ. މުރުތަސިމްގެ އަނތްބަކަށް ވުމާއެކީ ، އޭނާއަށް ލިބެމުން އެދަނީ އަނިޔާއާއި ތަކްލީފެވެ.

މުރުތަސިމަށް އެތާ ހުރެވުނުނަމަ ، އެކަން އެގޮތަށް ވިޔަކަ ނުދޭނެއެވެ. އެހެނަސް ، އެއީ މީރަބަށް ޤަބޫލުކުރެވޭ ކަމެއްނޫނެވެ. އެވީކަމެއްވެދިޔައީ ، ވަލީމާއަށް ޚާޟިރުވެއޮތް އެންމެންގެ ކުރިމަތީގައެވެ. ޢާއިލާގެ ޤަދަރާއި ޢިއްޒަތަކީ ، ޢާއިލާގެ ޅީދަރިފުޅަށްވުރެ މަތީ އެއްޗަކަށް އެއޮތީ ވެފައެވެ. ނަށަމުންގެންދިޔަ ކުދިންގެ ތެރެޔަށް މީރަބް ނުކުމެ އެކުދިންނާ ބައިވެރިވުމުން ، އެޢާއިލާގެ ޤަދަރާއި ޢިއްޒަތް އުފުލި ، އެކަމާ ހިތްހަމަޖެހުނު އެތައްބަޔަކު އެތާތިބޭނެކަން ޔަޤީނެވެ. އެހެނެއްކަމަކު ، އެއީ މުރުތަސިމްމެން ބަލަން ބޭނުންކަމަކަށް ނުވިއެވެ. ޅީދަރިފުޅަށް ހަދާލިގޮތުން ، ޢާއިލާގެ އަބުރާއި ޢިއްޒަތް ގެއްލިގެންދާ ފަދަ ވިސްނުމާއި ފިކުރުގެ މީހުންވެސް އެތަނަށް ޙާޟިރުވެ ތިއްބެވެ.

މީރަބް ވިސްނާ ވިސްނުމުން ވިސްނާ އެއްވެސް އިންސާނަކު އެގެޔަކު ނެތެވެ. މީރަބްގެ ކަންކަށިމަތީ އެޖެހިޖެހުމުން މީރަބަށް އެނގުނު އެއްޗަކީ ، އޭނާއަށް އެއުޅެވެނީ ގޭބަންދުގެ ޙާލަތެއްގައި ކަމުގައެވެ. އޭނާގެ ބަހެއް އެއްވެސްކަމަކަށް ނުވިކެއެވެ. އޭނާގެ އަބުރެއް ޢިއްޒަތެއް ނެތެވެ. އޭނާ ބޭނުންވާ އެއްވެސް ކަމެއް ، އެ ޤައިދުޚާނާގައި ފުރިހަމައެއް ނުވާނެއެވެ.

" ތިއީ މީރަބް އަމިއްލަޔަށް ވިސްނާ ގޮތެވެ. އަހަރެންގެ އަނތްބަކަށްވުމަކީ ، މިގޭގެ ހަތަރުފާރުގެ ތެރޭގައި މީރަބް ބަންދުވުމެއް ނޫނެވެ. މިއަދުވެސް ތިއީ ހަމަ ކުރީގެ މީރަބެވެ. ތެދު ޤަބޫލުކުރާ އިންސާފަށް ލޯބިކުރާ ، އެ މީރަބެވެ. ހިތްވަރުގަދަ އަދި ޖެހިލުމެއްނުވާ ، ވިސްނުނތެރި ، އެ މީރަބެވެ. " މުރުތަސިމް ބުންޏެވެ.

މީރަބަކީ ، އެގޭގެ ޙިއްޞާއެއްގެ ގޮތުގައި ޤަބޫލު ކުރުމަށް މުރުތަސިމް އެދުނެވެ. މުރުތަސިމަށް އިތުބާރުކުރުމަށްވެސް އެދުނެވެ. އެއީ އެހާ އުނދަގޫކަމަކަށް ނުވާނެއެވެ. އަދި މީރަބަށް ލިބުނު ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި ބަލައިގަތުމަކީ ، މުރުތަސިމްގެ އެދުމެކެވެ.

މަންމަޔަކީ ، ޚުދުމުޚުތާރު މީހެއްކަން މުރުތަސިމަށްވެސް އެނގެއެވެ. އެކަމަކު ، ހިތްތިރި އަދި ހިތްހެޔޮ އިންސާނެއްކަމަށް މުރުތަސިމް ބުންޏެވެ. ހަމައެއާއެކީ ، މަންމަގެ އަތަކީ ބާރުގަދަ އަތެއްކަމަށް ، މީރަބްވެސް ބުންޏެވެ.

މުރުތަސިމްގެ ހިތްހަމަ ނުޖެހުމަކީ ، މަންމައާ އަދަބެއް އިޙްތިރާމެއްނެތި ، މީރަބް ޖަދަލު ކުރުމެވެ. އެހެނަސް ، މީރަބް ، ޖަދަލެއް ނުކުރެއެވެ. ޚާނަމް ބުނި އެއްޗަކަށް އޭނާ ޖަވާބު ދިނީއެވެ.

" މީރަބް އެވެ ! މަންމަޔަކީ ، މިގޭގެ އެންމެ އިސްމީހާއެވެ. އެއްވެސް މީހަކު ، މަންމަގެ ކުރިމަތީ ބަހުސެއް ނުކުރާނެއެވެ. އަހަރެންވެސް އެކަމެއް ނުކުރަމެވެ. އެކުވެރިޔާއެވެ ! ޢިއްޒަތް ލިބޭނީ ޢިއްޒަތްދީގެންނެވެ. އިޙްތިރާމް ލިބޭނީ އިޙްތިރާމް ކޮށްގެންނެވެ. އެ ހުންނަނީ އަގަކާ ނުލައި ލިބޭ އެއްޗިއްސެވެ. ބައެއްފަހަރަށް ވިސްނުން ބަދަލުކޮށްލަނިކޮށް ، އެކަންކަން ލިބޭނެއެވެ. " މުރުތަސިމް ބުންޏެވެ.

ނިދަން ދާން ބުނެބުނެ ، މީރަބް ގުޑައެއް ނުލިއެވެ. އެހެންކަމަށް ވަންޏާ ވިސްނައިގެން އެތާ ހުރުމަށް މުރުތަސިމް ބުންޏެވެ. އަދި އެގޭގެ ޙާލަތާބެހޭގޮތުން ، މީރަބް ބިރުގަންނުވައިލިއެވެ. އެގެޔަކީ ، ވަރަށް ގިނަދުވަހު ހުހަށްހުރި ގެޔެކެވެ. ބޮޑުތަނެއްވީމަ ޖިންނި އަވަލާފައި ހުރި ޢިމާރާތެކެވެ. ރޫޙުވެސް ބައެއްފަހަރަށް ފެނެއެވެ. އެއީ ، މުރުތަސިމްގާތު ބައެއމީހުން ބުނެފައިވާ ވާހަކަ ކަމަށް ބުނެ ، މީރަބް ބިރުގަންނުވައިލިއެވެ. އަދި ، ބަލައިގެން އުޅުމަށް ، ޚާއްޞަކޮށް މީރަބް މިހާރުހުރި ތަނަށް ސަމާލުކަން ދީގެން ހުރުމަށް ނަޞޭޙަތްތެރިވަމުން ، މުރުތަސިމް ގޭތެރެޔަށް ވަންނަން ހިނގައި ގެންފައި މީރަބް ބިރުގަތީތޯ ސުއާލު ކުރިއެވެ.

މީރަބް ބިރުނުގަންނަކަމަށް ޖަވާބު ދިނެވެ. އެކަމަކު ، މުރުތަސިމް އެތަނުން ނުގޮސް ހުރީތީ ، އޭނާ ގޭތެރެޔަށް ދަނީކަމަށްބުނެ ހިނގައިގަތެވެ. ފަހަތުން މުރުތަސިމްވެސް ހިނގައިގަތެވެ. ދަމުން ދަމުން ، މުރުތަސިމަށް އެތާހުރި ސްވިޗެއް ފެނުމުން  ނިއްވައިލާ ތަން އަނދިރި ކޮށްލިއެވެ. ކުއްލިޔަކަށް މުޅިތަން އަނދިރިވުމުން ބިރުންގޮސް ، މުރުތަސިމަށް ގޮވައިލުމަށްފަހު ، މުރުތަސިމް ގާތަށްގޮސް ، މީރަބަށް މުރުތަސިމްގެ ގައިގައި ބައްދައިލެވުނެވެ.

މުރުތަސިމްގެ އަތުގައި އޮތް ލައިޓަރ ދިއްލައިލުމާއެކު ، މީރަބަށް މުރުތަސިމާ ދިމާލަށް ބަލައި ލެވުނެވެ. އަދި އެ ދެމީހުންނަށް  އެތައް އިރެއް ވަންދެން އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނެވެ. އެހެނަސް ، އެތަން ދިއްލައިލުމާއެކީ ، އެއީ މުރުތަސިމް ކުރިކަމެއްކަން މީރަބަށް އެނގުނެވެ.

މީރަބާއެކީ ، އެނދުގައި އޮށޯވެލުމަށް މުރުތަސިމް ބޭނުންވިއެވެ. އެހެނަސް އެކަން މީރަބަށް ވިސްނިގެން ، ބާލީސް ދިއްކޮށްލުމުން ، އެއީ މީރަބް އެދޭގޮތެއްނޫންކަން މުރުތަސިމް ދެނެގަތެވެ.

ސޯފާއަށްގޮސް ، ނިދަން އުޅެއުޅެ މުރުތަސިމަކަށް ނުނިދުނެވެ. ނިދިނައިސްގެން އުޅެނީ ކީއްވެތޯ މީރަބް ސުއާލު ކުރިއެވެ.

" އަހަރެންނަކަށް ނޭނގެއެވެ. ( މުރުތަސިމްގެ މެޔަށް ޢިޝާރާތްކޮށް ) މިތަނަށް ތަދުވަނީއެވެ. މީރަބަކަށް އެއްވެސްކަމެއް ނުވިސްނޭނެއެވެ. " މުރުތަސިމް ބުންޏެވެ.

އަނީލާ ބާރުއަޅައިގެން ، ވައްޤާސްގޮސް އަންވަރާ ބައްދަލުކޮށް ، އެދެމަފިރިންގެ ކަންބޮޑުވުން ، އަންވަރާ ޙިއްޞާ ކުރިއެވެ. އަންވަރުވެސް ޤަބޫލުކުރިގޮތުގައި ، މީރަބާ ދޭތެރޭ އެގޭގައި ކަންކުރެވެނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެއީ ، އޭނާގެހުރި ހަމަ އެކަނި ދަރިފުޅެވެ. މީރަބާ ދޭތެރޭ އެގޭގައި ބޭއިންސާފުން އެއްވެސްކަމެއް ހިނގިޔަނުދޭނެކަމަށް ، ވައްޤާސްއަށް އަންވަރު ވަޢުދު ވިއެވެ.

އަންވަރުގެ ކަންބޮޑުވުންތަކައިގެން ، ޚާނަމްގާތަށްގޮސް ، މީރަބާދޭތެރޭ ޚާނަމް ކަންކުރާގޮތާމެދު ޝަކުވާ ކުރިއެވެ. މީރަބްގެ ޢަމަލުތައް އެގޮތަށް ހުންނަކަމަށްވަންޏާ ، ޚާނަމްވެސް ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. ޚާނަމްގެ ގާތުން އަންވަރު އެދުނީ ، މީރަބްގެ އަސްލުގޮތުގައި މީރަބް ބަލައިގަތުމަށެވެ. ޢާއިލީ ކަންކަމަށް އަހުލުވެރިވުމަށް ، މީރަބަށް ވަގުތު ދިނުމަށެވެ. ލޯތްބާއި އަޅާއިލުމާއެކީ ، މީރަބަށް ނަސޭޙަތްދީ މަގުދައްކައި ދިނުމަށެވެ. އޭނާއަށް އަނިޔާ ނުކުރުމަށެވެ. މަރިޔަމްއާއި ޙަޔާއަކީ ، ޚާނަމްގެ ދަރިންގެ ގޮތުގައި ބަލައި ބޮޑުކުރަމުން އަންނަ ގޮތަށް ، މީރަބަށްވެސް އެދަރަޖަ ދިނުމަށެވެ.

މުރުތަސިމާއި ޚާނަމްއާ ދެމައިންވެސް ، މީރަބާ ބެހޭގޮތުން ވާހަކަ ދައްކައި ބަހުސް ކުރިއެވެ. މުރުތަސިމްވެސް ބޭނުންވީ ، މީރަބަށް ޙައްޤު މަޤާމު އޭނާއަށް ދިނުމަށެވެ. ގޭގައި އޭނާގެ އަނބިމީހާއަށް އޮންނަ ޙައްޤުތަކާއެކީ ، ޒިންމާއާއި މަސްއޫލިއްޔަތުވެސް މީރަބާ ޙަވާލު ކުރުމަށެވެ. އެހެން ނޫންކަމަށް ވަންޏާ ، މަންމައާއި އޭނާގެ ޤަދަރާއި ޢިއްޒަތްވެސް އިސާހިތަކު ، މީސްތަކުންގެ ކުރިމަތީ ނެތި ދާނެއެވެ. މީރަބަކީ އާދައިގެ އަންހެންކުއްޖެއްނޫންކަން އޭނާގެ މަންމަޔަށް ، މުރުތަސިމް ހަނދާން ކޮށްދިނެވެ. އެއީ ، މުރުތަސިމްގެ ދައްތަގެ ދަރިއެކެވެ. އޭނާގެ އަނބިމީހާ ހަމަމަގަށް އެޅުވުމަށް އޭނާ ކުރަންޖެހޭ ކަންކަން އޭނާ ކުރާނެކަމަށް މުރުތަސިމް ބުންޏެވެ.

މީރަބްގެ މިޒާޖާއި ބަހުސްތަކަށް މުރުތަސިމް ގަޔާވަމުން ދިޔައެވެ. އަދި ، މުރުތަސިމް ދޫކޮށްލާފައި ނުދިއުމަށް މީރަބްގެ ކިބައިން އެދުނެވެ. މުރުތަސިމަކީ އޭނާގެ ފިރިމީހާކަމަށް މީރަބް ބަލައިގެންފިނަމަ ، މީރަބާދޭތެރޭ ހިތްހަމަ ނުޖެހޭ އެންމެންވެސް ، މުރުތަސިމްގެ މަސައްކަތުން މައިތިރި ކުރާނެއެވެ. މީރަބް ރުޅިއަންނަ ވަރަކަށް މުރުތަސިމްގާތަށް އަންނަނީ ހިންޏެވެ. އަދި ، އެކަމާ ގުޅިގެން މީރަބްގާތަށް އަންނަ ރުޅި އިތުރަށް ގަދަވަމުން ދެއެވެ. މީރަބް ފަދައިން މުރުތަސިމަކީވެސް ، އޭނާ ބޭނުންވާ ކަމެއް ޙާޞިލް ކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެކެވެ. މުރުތަސިމް ހުންނަނީ އެކަމުގައި މީރަބަށްވުރެ އެތައް ދަރަޖައެއް ކުރީގައެވެ. މީރަބް އެހުރީ ، މުރުތަސިމްގެ އަނތްބަކަށް ވެފައެވެ. އެހެނަސް މީރަބް އެކަން ބަލައެއް ނުގަނެއެވެ. މީރަބް އެކަމަށް އެއްބަސް ކުރުވުމަށްޓަކައި ، މުރުތަސިމްގެ ކުރިމަތީގައިވާ ގޮންޖެހުން އޭނާ ކާމިޔާބު ކުރާނެއެވެ. އެހެން ނޫންކަމަށް ވަންޏާ ، އެއީ ، މުރުތަސިމް އަޙްމަދު ޚާން އެއްނޫނެވެ. އަދި ޝާހް ނަވާޒްގެ ދަރިއެއްވެސް ނޫނެވެ.

މީރަބްވެސް ޚާނަމްގާތަށް ޙާޟިރު ކުރެވުނެވެ. އޭގެކުރިން ، މުރުތަސިމް އޮތީ ޚާޟިރު ކުރެވިފައެވެ. މަންމަގާތު މުރުތަސިމް ބުނީ ކީކޭތޯ މީރަބް ސުއާލު ކުރިއެވެ.

" މަންމަ ހިތްހަމަ ނުޖެހޭ އެއްވެސްކަމެއް މީރަބް ކޮށްފިއްޔާ ، ކަންކަށިމަތީ ޖަހަން ނުހަދައި ، އެއްފަހަރުން ބަޑިޖަހައި މަރައިލާށޭ އަހަރެން ، މަންމަ ގާތު ބުނީމެވެ. " މުރުތަސިމް ބުންޏެވެ.

މުރުތަސިމްގެ އެ ސަމާސާ ވާހަކައިންވެސް މީރަބްގާތަށް އިތުރަށް އައީ ރުޅިއެވެ. މުރުތަސިމާއެކީ ، ދިރިއުޅުމާމެދު ، އެންމެ ސިކުންތަކަށްވެސް އޭނާ ނުވިސްނާނެކަމަށް ، މީރަބް ބުންޏެވެ.

މީރަބް ގެންގޮސް ، ޢާއިލާގެ ހުރިހާ ރަނާއި ފައިސާއެއް ރައްކާކުރެވިފައިވާ ތިޖޫރީތަކުގެ ތަޅުދަޑިފަތި ، ޚާނަމްގެ އަތުން މީރަބާ ޙަވާލު ކުރިއެވެ. އެއީ ، ޚާނަމްގެ މަރްޙޫމް ފިރިމީހާ އޭނާއާ ޙަވާލުކުރި އަމާނާތެކެވެ. އެއަމާނާތް ، ޚާނަމް އެ ޙަވާލުކުރީ ، އެޢާއިލާގެ ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތެއް  ކުރިޔަށް އޮތްތާނގައި އުފުއްލަންހުރި މީރަބާއެވެ. އެތަކެތި އަމާނާތްތެރިކަމާއެކީ ބެލެހެއްޓުމަށް ވަޢުދުވުމަށް ، ޚާނަމް އެދުނެވެ. ޚާނަމްގެ އެދުމާ އެއްގޮތަށް ، އެކަމަށް މީރަބް ވަޢުދު ވިއެވެ. ހެއްކެއްގެ ގޮތުގައިހުރީ ޙަޔާއެވެ. އެއީ ، ޙަޔާގެ ހިތަށް ތަކުލީފުލިބިގެންދިޔަ ވަގުތު ކޮޅެކެވެ. ޙަޔާގެ މުޅި ޙަޔާތުގައި އުއްމީދުކޮށްގެންހުރި އެންމެ މުހިންމު ކަންތައްވެސް އަތުން ބީވެގެންގޮސް ، އެލައްވާލީ މީރަބާއެވެ. ޙަޔާގެ ހިތަށް ލިބުނު ކެކުޅުމުން އުފެދުނު ކަރުނަތައް ލޮލުން ފައިބައިގަތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.