ހިޔާވެހި ފައިނޭންސް ސްކީމް: ބީ.އެމް.އެލް އާ ގުޅިގެން ދޫކުރާ ލޯނުތަކުގެ ތަފުސީލު ހާމަކޮށްފި

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ފަށާފައިވާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމްތަކުގެ ތަފުސީލުތައް މިހާރު ވަނީ ހާމަކުރެވިފައެވެ.

މި ސްކީމަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ޙައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން ލޯނު ހަމަޖެއްސުމަށްޓަކައި، ކަމާބެހޭ މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސްއާ އެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ވަނީ ފަހުމުނާމާގައި ސޮއިކުރެވިފައެވެ. މި ފަހުމުނާމާއާ އެކު މި ޕްރޮގްރާމް އިފުތިތާހު ކުރެވުނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 05 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 08 ވަނަ ދުވަހު މި ޕްރޮގްރާމުގެ އުސޫލުތައް ގެޒެޓްކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވުނެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 2025 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވާއިރު، ޖުމްލަ 2256 ފޯމު ހުށަހަޅާފައިވެއެވެ. މި ފޯމުތަކުގެ ތެރެއިން "ރަށްވެހި" ސްކީމަށް 1329 ފޯމު، "ސަހަރް" ސްކީމަށް 586 ފޯމު، އަދި "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށަހަޅާފައިވެއެވެ. މިވަގުތު މި ފޯމުތައް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ކަމާބެހޭ ފަރާތުން މައުލޫމާތު ދެއެވެ.

އިވެލުވޭޝަންގެ މަސައްކަތް ނިމުމާއެކު، ފޯމުތައް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ލޯނުތައް ދޫކުރެވިގެންދާނެ ކަމަށް ބެލެވޭ މަސްކަމަށް 2025 ވަނަ އަހަރުގެ ޖުލައި މަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ އުސޫލުތަކަށް 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ އިސްލާހު ގެނެވިފައެވެ. މި އިސްލާހުގެ ދަށުން، ހުރިހާ ތިން ސްކީމަށްވެސް މިނިސްޓްރީއާއެކު ސޮއިކުރާ ބޭންކުތަކުން ލޯނު ދޫކުރެވޭނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް މަގުފަހިވެ، މާލެ ސަރަޙައްދާއި ރާއްޖޭގެ ރަށްތަކުގައި ފަޅު ގޯތިތަކާއި ގެ އަޅަންފަށާ ނުނިމި ހުރި ގޯތިތަކުގެ މައްސަލައަށް ޙައްލެއް ލިބި، ގެދޮރުނެތިފައިވާ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަންވެސް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.