ފަނޑުނުވި ޢިލްމީ ކަންޒު، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ

ޑރ. އަޙްމަދު ޒިޔާދު ބާޤިރު

ހިޖުރީ އައު އަހަރެއްގ ފެށިގެން ދާއިރު މީގެ 45 އަހަރު ކުރީން، ދިވެހިރާއްޖޭގައި އިސްލާމީ ޝަޚްސިއްޔަތާއި، އިސްލާމީ ނޫރާއި، އިސްލާމީ ހޭލުންތެރިކަން އުފެއްދެވުމަށް ޓަކައި، 9 ނޮވެންބަރު 1980 ގައި، ވުޖޫދުވެގެން ދިޔަ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ފަޚުރުވެރި ނަން ހަނދާން އައުކޮށްލާން ޖެހެއެވެ. ހަގީގަތުގައި އެއީ، ދިވެހިރާއްޖޭގެ  އިސްލާމީ ހޭލުންތެރިކަމުގެ ފަހުގެ ދަންމަރެވެ. ބިންގާ އެޅުނު ދުވަހުން ފެށިގެން، ދިވެހި ޤައުމަށް އަގުހުރި ކެރޭ، ޚިދުމަތްތެރި ދަރިންތަކެއް ދަސްވެނިކުރުވި، މުއައްސަސާއެވެ.

މިހާރު ފެނިގެންމިދާ، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކަށް ކިޔަވަންދަސްކޮށްދިނުމަށް ފެށުމާ، އެތަކެއް ޤުރްއާން މުދައްރިސުންނާ، އިސްލާމް މުދައްރިސުން ބިނާކުރުމާ، ރާއްޖޭގެ ހުރިހާ މިސްކިތްތަކަށް އިމާމުން ތަމްރީނު ކުރުމާ، ހުރިހާ ރަށެއްގެ ކޯޓްތަކަށް ގާޒީން ތަމްރީނު ކުރުމާ، ލޯޔަރުންތަމްރީނު ކުރުމާ، ރަށްރަށުގެ ވެރިން ތަމްރިނު ކުރުން ފަދަ ބުރަ އެތައް މަސައްކަތްތައް ކޮށްފައިވަނީ މަޢުހަދުންނެވެ. މިއީ ނިޒާމީ (ޔުނީފޯމު) ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރު މަސައްކަތްތަކެވެ.

ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރަމުންގެންދިޔައީ މަޢުހަދުގެ ޒުވާން ދަރިވަރުންނެވެ. ރަމަޟާން މަހުގެ އިޙްޔާ ޕްރޮގުރާމްގައި މަޢުހަދުގެ އިސްވެރިންނާ މުދައްރިސުންނާ، ދަރިވަރުން ފެންނާއެވެ. ރާއްޖޭ އެންމެ ޒަމާންވީ ޓީ.ވީ. ޕްރޮގުރާމް މުޙައްމު ރަސޫލަ ﷲ ދިވެހިބަހަށް ތަރުޖަމާ ކުރެއްވީ މަޢުޙަދުގެ ޢަމީދު، އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއެވެ. ޕްރޮގްރާމަށް އަޑު އެޅުމުގައި ވެސް މަޢުހަދުގެ ދަރިވަރުންގެ ބޮޑު ހިއްސާއެއް އޮތެވެ. މި ނޫނަސް ތަފާތު އެތައް ދާއިރާތަކުން ޓީވީ އަދި ރޭޑިޔޯ ޕްރޮގުރާމްތަކެއް މަޢުހަދުގެ ފަރާތުން ގެނެސްދީފައި ވެއެވެ. ޢަރަބި ޤައުމަކުން ވަފުދުތައް ރާއްޖެ އައިސްގެ ބާއްވާ މަހާސިންތާތަކުގައި ވަފުދުތަކުގެ ބޭފުޅުންގެ  ތަރުޖަމާނުންގެ ގޮތުގައި މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. އަދަބީ ޢިލްމީ އެތަކެއް މަސައްކަތެއް ދިވެހި މުޖްތަމަޢަށް މައުހަދުގެ ތެރެއިން ކޮށްދެމުން ދިޔައެވެ.

އަދި ހުރިހާ ޢަރަބި ޤައުމުތަކެއްގައި ހެން މަޢުހަދުގެ ދަރިވަރުނަށް މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުޞަތުތައް ލިބިގެން ދިޔައެވެ.  މަޢުހަދުގެ ހިޔާވަހި ކަމުގައި ތަޢުލީމް ޙާޞިލުކުރި ދަރިވަރުންނަކީ އަޚްލާޤު ރަނގަޅު ޤައުމަށް ޚިދުމަތްތެރި ދަރިންނެވެ.  މިއަދު، ޞިއްޙީ ދާއިރާގެ ޑޮކްޓަރުންގެ ގޮތުގައި މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. ތަފާތު ދާއިރާ ތަކުގެ އިންޖީނޭރުން ފެންނާނެއެވެ. ވިޔަފާރީގެ ދާއިރާގައި  މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. މީޓްރޮލޮޖީގެ ދާއިރާގައި ވެސް މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. ދިވެހި އަދަބިއްޔާތާ ލިޔުންތެރިކަމުގެ ދާއިރާގައި މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. ކުޅިވަރުގެ ދާއިރާއިން މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. ދައުލަތުގެ މުއައްސާތަކުގެތެރެއިން ޔުނީފޯމް ޚާއްޞަ ކުރެވިފައިވާ މުއައްސަސާތަކުގައި ވެސް މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. އިސްލާމީ ހޭލުންތެރި ކުރުމުގެ ދާއިރާއިން (އިސްލާމީ ދަޢުވަތު)ގެ އިސްސަފުގައި މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. ސިޔާސީ ދާއިރާގައި މަޢުހަދުގެ ދަރިވަރުން ފެންނާނެއެވެ. އެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކީ ވެސް މަޢުހަދުގެ ދަރިވަރެކެވެ. މިނޫނަސް އެތައްއެތައް ދާއިރާތަކުން މަޢުހަދުގެ ދަރިވަރުން ގެންދަނީ ޤައުމަށް ޚިދުމަތް ދެމުންނެވެ.

މި ހުރިހާ މަސައްކަތްތަކެއް ކާމިޔާބީއާ އެކު ކުރިއަށް ގެންދެވިފައި އެ ވަނީ، ހީވާގިކަމާ އެކު ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކޮށްދެއްވި އަޅުގަނޑުމެންގެ ލޮބުވެތި އުސްތާޒް، އަލްއުސްތާޒް އިބްރީމް ރަޝީދު މޫސާގެ މިންނެތް މަސަކަތްޕުޅުކަން ޔަޤީނެވެ. އެއާ އެކު އަރިހުގައި މަސައްކަތް ކުރެއްވި އެންމެހާ ލޮބުވެތި މުދައްރިސުންނާއި މުވައްޒަފުންނަށް ޝުކުރު ޙައްޤެވެ.

މަޢުހަދުގެ މަސައްކަތް އައު މަރްޙަލާއަކަށް ގެންދެވުމަށް ޓަކައި 2000 ވަނަ އަހަރުގެ ކުރީކޮޅު ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ނަމުގައި ޢިލްމީ މުއައްސަސާއެއް އުފެއްދިއެވެ.

މަޢުހަދަކީ ކުރު މުއްދަތެއްގެ ތެރޭގައި ޤައުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރި ޢިލްމީ މުއައްސަސާއެކެވެ. އެހެން ނަމަވެސް ހިތާމައަކީ މިއަދު މި ވަނީ މަޢުހަދުގެ ނަން މުޅީން ފުހެލެވިފައެވެ. ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ ވެސް އުވައިލަން އޭރު ގިނަ މަސައްކަތްތަކެއް ކުރިއެވެ. ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ އެދުވަސްވަރު އުވައިލެވުނު ނަމަ، އިސްލާމީ ތަޢުލީމުގެ ހުރިހާ މުއައްސަސާތަކެއް ދިވެހި ބިމުން ފުހެވިގެން ދިޔައީހެވެ. އެހެން ނަމަވެސް މާތް ﷲގެ ތަނަވަސް ރަޙްމަތާ، އޭރު 2009 ވަނައަހަރު އިންތިޚާބުވި މަޖްލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންގެ މަސައްކަތާ އެކު އެކަން ހުއްޓުވުމަށް ބަޔަކު ކުރި ގިނަގުނަ މަސައްކަތްތަކެއް އޭރު ކާމިޔާބު ނުވިނަމަ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރ ސިޓީ މިއަދު ފެންނާކަށް ނުހުރީހެވެ.

މި މައްސަކަތުގައި ޝުކުރު ޙައްޤުވާ ފަރާތްތަކަށް ޝުކުރު ޙައްޤެވެ. ފާހަގަ ކޮށްލަން ޖެހޭ ބައެއް ނަންފުޅުތަކުގެ ތެރޭގައި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް، އޭރުގެ މަޖްލިސް މެންބަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އޭރުގެ މަޖްލިސް މެންބަރު ޑރ. އަފްރާޝީމް ޢަލީ، އޭރުގެ މަޖްލިސް މެންބަރު، އަލްއުސްތާޒް އިބްރާހީމް ރިޒާ، އޭރުގެ މަޖްލިސް މެންބަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، އޭރުގެ މަޖްލިސް މެންބަރު އިބްރާހިމް ޝުޖާޢުގެ އިތުރުން އޭރުގެ މަޖްލީހުގެ އިދިކޮޅު ހުރިހާ މެންބަރުންގެ، އިތުރުން އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާއާއި މައުހަދުގެ ދަރިވަރު، އޒ. ޢަލީ އިބްރާހިމް ދީދި ފަދަ ބޭފުޅުންގެ އަގުހުރި މަސައްކަތްތައް ފާހަގަ ކޮށްލަން ޖެހެއެވެ.

އަދި މިހާރު ވެސް މަޢުހަދު އިސްދަރިވަރުންނާ ގާތް ގުޅުމެއް ބަހައްޓަވާ، ހުރިހާ އިސްދަރިވަރުންގެ އެކުވެރިކަން ދެމެހެއްޓެވުމަށް ޓަކައި ކުރައްވާ މަސައްކަތް ޕުޅަށް ޓަކައި އުސްތާޒް ޙަސަން ޝާކިރު މުޙައްމަދަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ޙައްޤެވެ.

އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާ މިއަދު ޤައުމީ ޚިދުމަތުގައި ނެތް ކަމުގައިވިޔަސް ކިޔަވާ ކުދިންނަށް ތަފާތު މައުޟޫތަކަށް ދިވެހިބަހުން ފޮތް ލިޔުއްވަމުން ގެންދަވައެވެ. މަޢުހަދު އުފެއްދި އެތައް ދަރިވަރުން ވެސް މި ފަދަ ޢިލްމީ މަސައްކަތްތަކުގައި ދެމި އެބަ ތިއްބެވިއެވެ. އެދެނީ ކާމިޔާބީ އަށެވެ.

މަޢުހަދުގެ ޚިދުމަތްތެރި ހަނދާންތައް އަބަދުމެ ދެމި ހުންނާށިއެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.