
( 22 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
" ތިބާގެ މަރްޙޫމް ރަޙްމަތްތެރިޔާގެ އަންހެންދަރިފުޅުގެ ވަލީމާގައި ބައިވެރިވުމަށްފަހު ،ކަރާޗީއަށް ދާށެވެ ! " ވައްޤާސްއާ މުޚާތަބުކޮށް މީރަބް ބުންޏެވެ.
މުރުތަސިމް އެރޭ ހޭދަކުރީ އޭނާއާއެކީކަން މީރަބަށް އަންގައިލަން ޙަޔާހުރީ ބޭނުންވެފައެވެ. އެކަން ކުރާނެ ވަގުތަކަށް ކެތްތެރިކަމެއްނެތި އިންތިޒާރުގައެވެ. ވައްޤާސްމެންނާ ވާހަކަ ދައްކާފައި މީރަބް އަންނަނިކޮށް ، ފެނުމާއެކީ ، އެރޭގެ ވާހަކައިން ޙަޔާ ފެއްޓިއެވެ. އަލަތުކައިވެނީގެ ރޭ ދިޔައީ ކިހިނެއްތޯ މީރަބާ ސުއާލު ކުރިއެވެ. މީރަބަށް އެއީ ވަރަށް ހަމަޖެހިލަން ލިބުނު ރެޔެކެވެ. ޙަޔާގެ ޙާލު ބަލައިލަން މީރަބްވެސް ބޭނުންވިއެވެ. ޙަޔާވެސް އެރޭ ހުރީ ވަރަށް އުފަލުންކަމުގައި ބުނެ މީރަބްގެ ހިތްތަޅުވައިލަން ބޭނުންވިއެވެ.
" އަލަތު ކައިވެނީގެރޭ ، އަނބިމީހާ ދޫކޮށް މުރުތަސިމް އުޅުނީ އަހަރެންނާއެކީގައެވެ. އަނބިމީހާގެ ހިތަށް ކިހާބޮޑު ކެކުޅުމެއް ލިބޭނެ ހެއްޔެވެ ؟ ދޯއެވެ ! ހުރިހާ އުފަލެއް ލިބުނީ އަހަރެންނަށެވެ. " ޙަޔާ ބުންޏެވެ.
ޙަޔާގެ ވާހަކައިން ، މީރަބަށް އެއްވެސް އަސަރެއް ނުކުރިއެވެ. ކަހެރުވަކެކޭވެސް މީރަބްގެ ހިތަކަށް ނާރައެވެ. އެކަމަކު ، އެއްކަމެއް އޭނާއަށް ޔަޤީންވިއެވެ. އެއީ ، މުރުތަސިމް އެރޭ ބޭރުގައި އުޅުނީ ޙަޔާއާ އެކީގައި ކަމެވެ. އެއަށްވުރެ އިތުރު އެއްޗެއް އެނގޭކަށްވެސް މީރަބް ބޭނުމެއް ނޫނެވެ. އެހެނަސް ، ޙަޔާގެ އަތުގައި އޮތް ބެންޑޭޖް ފެނުމާއެކު ، އެއްޗެއް ބުނެނުލައި މީރަބަކަށް ނުހުރެވުނެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި ވަށްކަޅިން މުރުތަސިމާ ދިމާލަށް ބަލަހައްޓައިގެން ، ޙަޔާހުރިތަން ފެނުނުކަމަށް މީރަބް ބުނެލިއެވެ. އަދި ، އޭނާ އެކައިވެންޏާ ރުހި ޤަބޫލުކަމަށް ބުނިތަނުން ، ޙަޔާގެ ލޮލުން ފައިބައިގަތް ކަރުނަތައްވެސް ، އެއޮށްދުރުން ފެނުނު ކަންވެސް އަންގައިލިއެވެ. ކިހާ ކެކުޅުމެއް ހިތުގައި އަޅައިގެން ހެއްޔެވެ ؟ އަތަށް އަމިއްލަޔަށް އަނިޔާދީ ، ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންގޮސް ބެންޑޭޖް އަޅަންޖެހޭނީ ، ޙަޔާގެ ހިތަށް ލައްކަ ބޮޑުވަރު ވެގެންނެވެ. ކެތްކުރަން އުނދަގޫ ވެގެންނެވެ. މަގުމަތީ ހިނގާފައިދާ މީހެއްގެ އަތުން ލޭފައިބާތަން މުރުތަސިމަށް ފެނުނަސް ، ވަގުތުން އެމީހާއާ އެހީވާނެކަން ޔަޤީނެވެ. މީރަބްގެ މަލާމާތުގެ ބަސްތަކުން ، ޙަޔާގެ ހިތަށް އިތުރަށް ލިބުނީ ތަކްލީފެވެ.
ކައިވެނިޕާޓީއަށް މުރުތަސިމާއި މީރަބާ ދެމީހުން ވަންނަންޖެހެނީ އެކީގައެވެ. ތައްޔާރުވެގެން މީރަބް ބަލައި މުރުތަސިމް ކޮޓަރިޔަށް ވަތްތަނުން މީރަބާ ދިމާވެ ، މުރުތަސިމްގެ ހިތް މީރަބްގެ މައްޗަށް ލެނބިގެންދިޔައެވެ. ނަލަ ހެދި ޕަރީއެއްހެން ތައްޔާރުކުރެވިފައި އިން މީރަބް ފެނުމާއެކީ ، މުރުތަސިމްގެ ތަލިން ކުޅު ހިކުނެވެ. މީރަބްގެ މައްޗަށް އޭނާގެ ހިތުގައި އޮތް ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާންގަނޑު ، ފެންއެއްޗެއް ޖެހީމައި ނިވި ، އާވިއަރަންފެށި ކަހަލައެވެ. އެތައް އިރެއްވަންދެން ، މުރުތަސިމަށް މީރަބާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. މުރުތަސިމް އައިސް ހަމަ އެހެން ބުނެލާއިރަށް މީރަބް ނުދާނެކަމަށް މީރަބް ބުންޏެވެ. އެއީ ، އޭނާގެ ކައިވެނީގެ ވަލީމާއެވެ. އެ ޕާޓީއަށް މީރަބްދާނީ ، އޭނާ ދާންބޭނުންވި އިރަކުންކަމަށްވެސް ބުންޏެވެ. ހަމައެއާއެކީ ، މުރުތަސިމަށް ، އިތުބާރު ނުކުރެވޭކަމަށާއި ، ކޮންމެ އިރަކުވެސް ، މުރުތަސިމް ވެފައިވާ ވަޢުދާ ޚިލާފުވެދާނެކަމަށް ، މީރަބް ބުންޏެވެ.
" އަހަރެން ވީ ވަޢުދާ ޚިލާފެއް ނުވާނަމެވެ. ވަޢުދާ ޚިލާފުވެއްޖެނަމަ ، ކޯޓަށް މައްސަލަ ހުށަހަޅަންވީއެވެ. " މުރުތަސިމް ބުންޏެވެ.
އަންނާށޭ ބުނެ ، މުރުތަސިމް ދިއްކޮށްލި އަތުގައި ހިފާނީތޯ ނުވަތަ އަތުގައި ނުހިފައި އެކަނިދާނީތޯ ވިސްނައިލަން ، މީރަބް އިރުކޮޅަކު މަޑުކޮށްލިއެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެއެވެ. އެ ކައިވެންޏާ ގުޅިގެން ، މީރަބްވެސް ފުރިހަމަކުރަންޖެހޭ ވާޖިބުތަކެއް ހުންނާނެއެވެ. އެކަންކަން އޭނާ ފުރިހަމަ ނުކޮށްފިނަމަ ، ފަޟީޙަތްވާނީ ހަމައެކަނި މުރުތަސިމްގެ ޢާއިލާ އެކަންޏެއްނޫނެވެ. އެއީ ، އޭނާއަށްވެސް ރައްދުވާނެ މަލާމާތެކެވެ.
މުރުތަސިމް ދިއްކޮށްގެންހުރި އަތުގައި ހިފައި ތެދުވުމަށްފަހު ، މުރުތަސިމްގެ އަތުގައި ބައްދާލައިގެންހުރެ ، ރަސްމިއްޔާތަށް ނުކުތުމަށް ، މީރަބް ހިގައިގަތެވެ. ޙާޟިރުވެފައިވާ މީހުންގެ ތެރެޔަށް މީރަބް ނުކުތީ ހިނިތުންވެލައިގެން ހުރެއެވެ.
ދެޢަރޫޝުންނަށް ޚާއްޞަކުރެވިފައިހުރި ، ތަނުގައި މުރުތަސިމާއި މީރަބް އިށީނުމާއެކީ ، މުޅިތަނަށް ވެރިވި މިޔުޒިކީ އަޑާއެކު ، އަންހެންކުދިންތަކެއްގެ ، ނެށުމުގެ ފަރި ޙަރަކާތެއް ފެށުނެވެ. އެދެމީހުންތިބި ތަނުގެ އެއްފަރާތެއްގައި ޚާނަމްވެސް ، މީރަބާޖެހިގެން އިށީނދެލައިގެން ތިއްބެވެ. ފަހަރަކު މީހަކު އައިސް ، މީރަބާއި މުރުތަސިމަށް މަރުޙަބާ ކިޔަމުން ގެންދިޔައެވެ. އެންމެ ފުރަތަމަވެސް އައީ ވައްޤާސްގެ ދެމަފިރިންނެވެ. އެއަށްފަހު ، އަންވަރެވެ. މީރަބްއިނީ އެތަނުގައި ބޭންދިފައެވެ. ކޮޅަށްތެދުވެ ، އެންމެންނާ ސަލާމް ކުރަމުން ގެންދިޔައީ މުރުތަސިމެވެ. ކޮންމެ މީހަކުވެސް ، މުރުތަސިމްގެ ގައިގާ ބައްދާލައި ސަލާމްކޮށް ، އެދެމަފިރިންނަށް ހެޔޮދުޢާ ކުރަމުން ، މީރަބްގެ ބޮލުގައި ފިރުމާލަމުން ގެންދެއެވެ.
ކުއްލިޔަކަށް މީރަބަށް ތެދުވެވުނެވެ. އިވެމުން އެދާ ރީތި ލަވަޔާއި އަންހެންކުދިންގެ ފަރި ނެށުމުގެ ޖަޒުބާތުގައި ޖެހި އެދިމާލަށް މީރަބަށް ހިނގައިގަނެވުނެވެ. އެންމެންގެ މޫނުމަތިންވެސް ޙައިރާންކަން ފާޅުވިއެވެ. އެއީ މީރަބްކޮށްގެންވާނެ ކަމެއްނޫންކަން ، ޚާނަމްގެ މޫނުމައްޗަށް ވެރިވި ނުރުހުމާއި ދެބުމަ ގޮށްޖެހިގެން ދިއުމުން އެނގުނެވެ. ނަށަންތިބި ކުދިންތަކުގެ ތެރެޔަށް ވަދެ ، އެކުދިންނާ އެއްހަމަޔަކުން ، މީރަބްވެސް ނަށަން ފެއްޓިއެވެ. މީރަބްހުރީ ، ފޮޅިފައިވާ ފިނިފެންމަލެއްހެން ، އުފަލުންގޮސް ފޮޅިފައެވެ. މީރަބްގެ ނެށުމާއެކީ ، އެތާތިބި އެންމެންވެސް ޙައިރާންކަމުން ، އަނގަހުޅުވިގެން ދިޔައެވެ. ޚާނަމްގާތަށް އައި ރުޅީގައި ވައްޤާސްއާ ދިމާލަށް ވައިއަޑުން އެއްޗެތި ކިޔައިގަތެވެ. އެއީ އެރަސްމިއްޔާތުގެ އާދަކާދަޔާ ޚިލާފުކަމެއްކަން ޚާނަމް އެންގިއެވެ.
މީރަބަކީ ، އަޚްލާޤްދަށް ކުއްޖެއްނޫންކަމާއި ، އެއީ އޭނާގެ މޮޔަ އަދި ސާދާ ސަކަ މިޒާޖުގެ ސަބަބުން ކުރެވުނުކަމެއްކަން ސާފުކޮށް ދެވޭތޯ ، ވައްޤާސް މަސައްކަތް ކުރިއެވެ. އަންވަރުވެސް ، ވައްޤާސްއާ ބައިވެރިވެ ، މީރަބް ދިފާޢުކުރުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އެއީ ، އެ ޢާއިލާއަށް ލިބުނު ލަދުވެތިކަމެކެވެ. ޚާނަމްގެ ނަޒަރުގައި ، މީރަބް އެމީހުން ފަޟީޙަތް ކޮށްލައިފިއެވެ. އެއީ ، ޅަކަމުން ، މީރަބް ކުރިކަމެއްކަމަކަށް ޚާނަމަކަށް ނުފެނުނެވެ. ގަސްތުގައި އެމީހުން ލަދުގަންނުވައިލުމަށްޓަކައި މީރަބް ކުރިކަމެކެވެ.
މުރުތަސިމްގެ މުށްކެވެމުންގޮސް ބާރުވެ ، މީރަބާ ދިމާލަށް ހިނގައިގަތެވެ. އެދިޔަގޮތަށްގޮސް ، މީރަބް އޭނާގެ ކުރިމައްޗަށް ގެނެސް ، މީރަބް އެކުރީ ގޯސްކަމެއްކަން ހަނދާން ކޮށްދިނެވެ. މުރުތަސިމްގެ މޫނުމަތިން ފާޅުވަމުންދިޔަ ރުޅީގެ އިޙްސާސަށް މީރަބް އަޅައެއް ނުލައެވެ. އަދި ވަކި އެއްޗެކޭވެސް ނުބުނެއެވެ.
މުރުތަސިމް ހިނގައިގަތުމާއެކީ ، ކައިރީގައި ހުރި މަރިޔަމްއާ ދިމާލަށް ޙަޔާ ބަލައިލާ ، މުރުތަސިމްގެ މުށްކެވިފައިހުރިތަން މަރިޔަމްއަށް ދައްކައިލިއެވެ. އަދި ، މުރުތަސިމް އެއަންނަގޮތަށް އައިސް ، މީރަބްގެ މޫނުމަތީ ތަފާލެއް އަޅާނެކަމަށް ޙަޔާ ބުންޏެވެ. އެކަމަކު ، އެހެނެއް ނުވިއެވެ. މީރަބްގާތަށް މުރުތަސިމް އައިސް ، މީރަބްގެ އަތުގައި ހިފައިގެން ދަމާފައި ގެންގޮސް ، އޭނާގެ ކޮޓަރިޔަށް ވެއްދިއެވެ. އަދި ، އެމީހުން ފަޟީޙަތްވާނެހާ ކަންކަން މީރަބް ކުރަމުން އެގެންދަނީ ކީއްވެތޯ މީރަބާ ސުއާލު ކުރިއެވެ. މުރުތަސިމް ހުރީ ، އޭނާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭވަރަށް ރުޅި އައިއްސައެވެ.
މީރަބްގެ އިޙްސާސްތައް މުރުތަސިމަކަށް ނުވިސްނޭނެއެވެ. އޭނާގެ ދިރިއުޅުމަށް އެއައި ތޫފާނާ ގުޅިގެން ، މީރަބް އެހުރީ ރަނގަޅާއި ނުބައި ވަކިކުރެވޭވަރަށްވުރެ ބޮޑު ހާސްކަމެއްގައެވެ. އެކަން މުރުތަސިމަށް އިޙްސާސް ނުކުރެވޭނަމަ ، މުރުތަސިމް ބޭނުންގޮތެއް ހަދަންވީކަމަށް މީރަބް ބުންޏެވެ.
" ދުނިޔޭގެ ކުރިމަތީ އަހަރެންގެ އަގުވައްޓާލައި ފަޟީޙަތްކުރަމުންގެންދާއިރު ، އަހަރެންނަށް އެކަމުގެ ތަކްލީފު ނުއުފުއްލޭ ދުވަސް އައުމުން ، އެހުރިހާކަމެއް އަންނާނީ މީރަބްގެ ތަކުލީފުގެ ގޮތުގައިކަން ހަނދާން ކުރައްޗެވެ. " މުރުތަސިމް ބުންޏެވެ.
މީރަބް ގޮވައިގެން މުރުތަސިމް ގޭތެރެޔަށް ވަނީއްސުރެ ، ޚާނަމްގެ ދެފައި އެއްތާކު ނުޖެހެއެވެ. ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ވައްޤާސްއާ ދިމާލަށް އެއްޗެތި ގޮވަމުން ގެންދިޔައެވެ. މިރޭ ، ސަހަރުގެ ކަމުވޮށިވެގެންވާ އެންމެންގެ ކުރިމަތީ ، މީރަބް އެވަނީ ، ދުވަހަކުވެސް ނުވެއްޓޭވަރަށް ، އެޢާއިލާގެ އަގު ވައްޓާލައި ފަޟީޙަތް ކޮށްލާފައެވެ. އެއީ ، މީރަބްގެ ޅަކަމުން ކުރިކަމެއްކަމާއި ، ނޭނގިހުރެ ހެދުނު ގޯހެއްކަމަށް އަންވަރުވެސް ބުނަމުން ގެންދިޔައެވެ. ޚާނަމްގެ ނިންމުމުގައި މީރަބް އެހެދީ ގޯހެއްނޫނެވެ. އެއީ ، މީރަބްކުރި ކުށެކެވެ. އޭނާއާއި އޭނާގެ ޢާއިލާގެ އަގު ވައްޓައިލުމަށް ، ގަސްތުގައި މީރަބް ކުރިކަމެކެވެ.
މީރަބް އުޅެބޮޑުވި މާޙައުލުގެއާދަކާދައިގެ މަތިން ، މީރަބް އެކުރީ ގޯސްކަމެއް ނޫނެވެ. އެއީ ވަރަށް އާދައިގެ ކަމެކެވެ. އަދި ، އެ ރަސްމިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ ، މެހެމާނުންގެ ހިތަށް އުފާވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ. މީރަބް އެކުރީ ކުށެއްކަމަށް ބެލުމަކީ ، ޚާނަމްގެ ނަޒަރިއްޔާތުގައި ޚާނަމްއަށް ފެންނަ ގޮތެވެ. އެތަނަށް އައިސްތިބި އެންމެންނެއް އެގޮތަކަށް ނުބަލާނެއެވެ. އެހެންނަމަވެސް ، ވައްޤާސްގެ ވާހަކައިން ، ޚާނަމްގެ ރުޅި ހައްތާދިޔައީ ގަދަވަމުންނެވެ. އެޢާއިލާގެ އެއްވެސް އަންހެންކުއްޖަކީ ، ޢާއިލާގެ މެންބަރުންގެ ކުރިމަތީ ކޮރުލައްވައި ، ނަށާހަދާނެ ބައެއްނޫނެވެ. އެއަށްވުރެ އެކުދިންގެ އަބުރުވެރިކަން ބޮޑުވާނެކަމަށް ޚާނަމް ބުންޏެވެ. އެކަމަކު ، މީރަބް އެކުށް އެކުރީ ހެވިދިލިފައި ހުރެގެންނެވެ. ވައްޤާސް އާއި އަނީލާ ، މީރަބް ތަރުބިއްޔަތުކޮށްފައިވާ ގޮތަށް މަލާމާތްކޮށް ، އަނީލާއާ ދިމާލަށް ޚާނަމް ލޯއަޅައިގެން ހުއްޓެވެ.
ކޮޓަރިތެރޭގައި މުރުތަސިމާއި މީރަބާދެމެދުގައި ޒުވާބު ހިނގަމުން ދިޔައެވެ. މުރުތަސިމް ބުނިގޮތުގައި ، މީރަބް ޤަބޫލުކުރިޔަސް އަދި ނުކުރިޔަސް ، މީރަބަކީ ، އޭނާގެ އަންހެނުންނެވެ. އެހެނަސް ، އޭނާއަކީ ، މުރުތަސިމްގެ އަނބިމީހާ ކަމަކަށް މީރަބް ޤަބޫލެއް ނުކުރެއެވެ. އޭނާއަކީ ، މީރަބްގެ ފިރިމީހާކަމަށްބުނެ ، ރުޅިއައިސް ރަތްވެފައިހުރެ ، މުރުތަސިމް ނުކުމެގެން ދިޔައެވެ.
ޚާނަމް ފޮނުވައިގެން މީރަބް ބަލައި ، މަރިޔަމްއަށް އާދެވުނީ މުރުތަސިމް ނުކުތްތަނާއެވެ. ކޮޓަރިޔަށް ވަތްތަނުން މަރިޔަމްގެ ފައިބުޑަށް އައިސް އެޖެހުނީ ، މީރަބްގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓިއެވެ. އަނގޮޓި ބާލައި މީރަބް ހޫރައިލީ ، މުރުތަސިމަކީ ، އޭނާގެ ފިރިމީހާކަމަށް ބުނުމާ އެކީގައެވެ. އަގޮނޓި ނަގައި މީރަބް ގާތަށް މަރިޔަމް ޖެހިލިއެވެ.
" މަންމަގެ އިނގިލީގައި މި އަނގޮޓި އަޅައިގެން އުޅެނިކޮށް ، ޙަޔާއަށް އޮތީ ފެނިފައެވެ. މި އަނގޮޓިޔަކީ ، މަންމަ ވަރަށް އިޙްތިރާމާއި ރައްކާތެރިކަމާއެކީ ގެންގުޅުނު އެއްޗެކެވެ. އަނގޮޓި ބަލައި މަންމަ އަންނަން ބޭނުން ވިއެވެ. މިއީ ، ހަމައެކަނި އަނގޮޓިއެއްގެ ސިފައިގާ އޮތް ރަންކޮޅެއްނޫނެވެ. މީރަބް އެވެ ! މިއީ ، ޚަޒާނާއެއްގެ ތަޅުދަނޑިއެވެ. އަސްލު ޚަޒާނާއަކީ ކޮބައިކަން މީރަބަށް އެނގޭ ހެއްޔެވެ ؟ އަހަރެންގެ ބޭބެ ، މުރުތަސިމެވެ. އެއީ ، ވަރަށް ރަނގަޅު އިންސާނެކެވެ. ބޭބެއަށް ޤަދަރާއި އިޙްތިރާމް އަދާކުރުމަކީ ، މީރަބްކުރަންޖެހޭނެ ކަމެކެވެ. " މަރިޔަމް ބުންޏެވެ.
މަރިޔަމް އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ، އަނގައިންވެސް ނުބުނެ މީރަބް ހުއްޓެވެ. އެހެންނަމަވެސް ، އޭނާގެ ބޭބެ މުރުތަސިމަކީ ، މީރަބަކީ ކާކުކަން އަންގައިދޭ އައިޑެންޓިޓީ ކަމަށް މަރިޔަމް ބުނުމާއެކީ ، މީރަބަށް އަނގައިން ނުބުނެއެއް ނުހުރެވުނެވެ. އެއީ ، އޭނާގެ ކޮން އައިޑެންޓިޓީއެއްތޯ މީރަބް ސުއާލު ކުރިއެވެ.
" ކުރީގެ މީރަބް ކޮބައި ހެއްޔެވެ ؟ މިއަދު ، މީރަބް ތިހުރީ ކޮން މަޤާމެއްގައި ހެއްޔެވެ ؟ ކިހާ ނަސީބުގަދަ ހެއްޔެވެ ؟ މިއަދު ، ތިޔަ މީރަބަކީ މިއޮއްބޮޑު ގޭގެ ވެރިމީހާއެވެ. ޤަދަރާއި ޢިއްޒަތުގެ ވެރިޔެކެވެ. އެއީ ، އަހަރެންގެ ކާފަގެ ޝަރަފާއި ޢިއްޒަތުން ، ރަސްމަތިފުށުން އައިސްފައިވާ ފުރިހަމަ ކަމެކެވެ. " މަރިޔަމް ޖަވާބު ދިނެވެ.
އޭނާ އެހުރީ ، ކޮންފަދަ ޝަރަފްވެރި މަޤާމެއްގައި ، އުފަލުން ނަށަމުންދާ މަޤާމެއްގައިކަން ކަނޑައެޅުމަށް ، މަރިޔަމް އެއީ ކާކުތޯ މީރަބް ސުއާލު ކުރިއެވެ. މީރަބްގެ ހިތްވަރުގަދަކަން ޤަބޫލުކުރަން ޖެހޭކަމަށް މަރިޔަމް ބުންޏެވެ. މީރަބްގެ ފަރާތުން ، ވަރަށްގިނަ ކަންކަން މަރިޔަމް ދަސްކުރަން އެބަ ޖެހެއެވެ. މީރަބްގެ ފަރާތުން ކަންކަން ދަސްކުރުމަށާއި ، އެކަމުން މަރިޔަމްއަށް ފައިދާ ލިބޭނެކަމަށް މީރަބް ބުންޏެވެ. މީރަބްގެ މައްސަލަ ކޯޓުގައި ސާބިތުވުމުން ، އެކަންކަން މަރިޔަމް ދަސްކޮށް އެއަށް ޢަމަލުވެސް ކުރާނެއެވެ. މީރަބް މިހާރު އެހުރީ ސަބަބަކަށްވެފައި ކަމަށާއި ، އެކަމާ ކުރިމަތިލުމަށް މީރަބަށް މަރިޔަމް ނަސޭޙަތްތެރި ވިއެވެ. މަރިޔަމްގެ އަތުގައި އޮތް އަނގޮޓި ، މީރަބްގެ އަތަށްލައި މީރަބަށް މަންމަ އެބަގޮވައޭ ބުނެ ، މީރަބް އަންނަންދެން ދޮރުކައިރީ މަޑުކޮށްލިއެވެ.
މީރަބް ބޭރަށް ނުކުތުމާއެކީ ، ޚާނަމްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. ޚާނަމް ބުނިގޮތުގައި ، މީރަބް އެކުރިކަމެއް އެކުރީ ، އެންމެންގެ ކުރިމަތީ ، ޚާނަމްގެ ޢާއިލާ ބޭޒާރުކޮށް ފަޟީޙަތްކޮށް ، އެމީހުންގެ އަގުވައްޓައިލާން ވެގެންނެވެ. އެއީ ، އެފަދަ ނިޔަތެއްގައި މީރަބް ކުރިކަމެއް ނޫންކަމަށް މީރަބް ބުނަމުން ގެންދިޔައެވެ. އެއީ ، ޚާނަމްގެ ޚިޔާލަށް ފެންނަ ގޮތެވެ. މީރަބް ، ޚާނަމަށް ދެމުންގެންދިޔަ ރައްދު ޖަވާބަށް ޚާނަމަކަށް ކެތެއް ނުކުރެވުނެވެ. އަތުގެ ނެތްބާރުލާފައި ، މީރަބްގެ ކަންކަށިމަތީ ، ޚާނަމްގެ އަތް ބަހައްޓައިލިއެވެ. ޚާނަމް ޖެހިލެއް ބާރުކަމުން ، މީރަބް އެއްލިގެން ދިޔައެވެ.
" ހަނދާން ކުރައްޗެވެ. އަހަރެންނަކީ މީރަބް ކިޔާހާ ލަވަޔަކަށް ނަށަމުންގެންދާ ، މީރަބްގެ ފިރިމީހާއެއްނޫނެވެ. މީގެފަހުން ، އަހަރެމެންގެ ޢާއިލާ ބަދުނާމްވާފަދަ ޢަމަލެއް ކޮށްފިނަމަ ، އަހަރެންނަކީ ނުލަފާ މީހެއްކަން ދައްކައިލާނަމެވެ. " ޚާނަމް ، މީރަބަށް އިންޒާރު ދިނެވެ.
ރޮވިފައިހުރި މީރަބް ފަހަތަށް އެނބުރިލިއިރު ، އޭނާގެ ކުރިމަތީގައި ހުއްޓިލައިގެން މުރުތަސިމް ހުއްޓެވެ. މީރަބާ ދިމާލަށް އެތިވަރު ގޮވައިގެންފައި ، ޚާނަމް ގޭތެރެޔަށް ވަދެގެން ދިއުމުން ، ފަހަރަކު މީހަކު އެތަނުން ދިޔައެވެ. އެކަމާ އެންމެ އުފާވީ ، މަރިޔަމްއެވެ. މަރިޔަމް އެންމެ ބޮޑަށް އުފާވީ ، އެއްވެސް އެއްޗެކޭ ނުބުނެ ، މުރުތަސިމް އެތަން ބަލަހައްޓައިގެން ހުރިތަން ފެނުމުންނެވެ. އޭގެ މާނަޔަކީ ، މީރަބަށް ލިބޭ ތަކުލީފުން ، މުރުތަސިމްގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަމެވެ. އަދި ، އެކައިވެންޏަކީ ، ހަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެވިފައި އޮތް އެއްޗެއްކަމެވެ. ޙަޔާވެސް އެހުރީ ހުސްހަށިބަޔަށެވެ. މީހަކާ އިނަސް ، މުރުތަސިމްވެސް އެހުރީ ހުސްހަށި ބަޔަށެވެ. އެއަށްވުރެ ބޮޑު އެހެން އުފަލެއް ޙަޔާއަކަށް ނުލިބޭނެއެވެ.
އެންމެން އެތަނުން ދިޔައިރުވެސް ، މީރަބް އެކަނިކޮށްލާފައި މުރުތަސިމެއް ނުދެއެވެ. މީރަބާ ގާތަށް މުރުތަސިމް ޖެހިލިއެވެ. މުރުތަސިމްގެ މޫނުމަތިން ހިތްދަތިކަން ފާޅުވެއެވެ. އޭނާ އެހުރީ ، މީރަބަށް އެކުރިމަތިވި ޙާލަތަށް އޭނާގެ ހިތުގައިވާ ހަމްދަރުދީ ފާޅުކުރާނެގޮތެއް ނޭނގިފައެވެ. މީރަބްވެސް މުރުތަސިމާ ގާތަށް ޖެހިލިއެވެ. އަދި ބުންޏެވެ.
މުރުތަސިމްވެސް ، މުރުތަސިމަށް ލިބިގެންވާ ބާރުގެ ބޭނުން ކޮށްލާށެވެ ! މަންމަ ޖެހިވަރަށްވުރެ ބާރަށް ، އޭނާގެ މޫނުމަތީގައި މުރުތަސިމް ޖެހުމަށް ، މީރަބް އެދުނެވެ. އެއީ މުރުތަސިމް އެދޭގޮތް ނޫންކަމަށް މުރުތަސިމް ބުންޏެވެ. އެހެންނަމަވެސް ، މުރުތަސިމް އެހަދަނީ ދޮގެއްކަމަށް މީރަބް ބުންޏެވެ. މަންމައާ ދަރިފުޅަކީ އެއްވަރުގެ ދެމީހުންކަމަށްބުނެ ، މުރުތަސިމާ ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު ، މީރަބް ގޭތެރެޔަށް ވަންނަން ހިނގައިގަތެވެ. ( ނުނިމޭ )
varahves reethi shukuran