ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރުންތަކެއް އެމްޑީޕީއާ އަލުން ގުޅިއްޖެއެވެ.

އެފަރާތްތައް އެމްޑީޕީ އާ ގުޅުމުން ސަލްޓަން ޕާކުގައި އެޕާޓީން ރޭވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި، ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެނބުރި ޕާޓީ އާއި ގުޅިވަޑައިގަތުމުން ގެއަށް ވަޑައިގެންނެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

" މިރޭ މިތަނަށް އައިސް ހުންނައިރު އިންތިހާއަށް އަޅުގަނޑު އުފާވޭ. އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި. އަލުން އަނބުރާ ގެއަށް އައުމުން ރަށަށް އައުމުން އެވާ އުފާ އަޅުގަނޑު ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ. ތިބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކުފުޅުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. އަދި އެ ޕާޓީން ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވާއިރު، އެމަނިކުފާނު އެޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު 2023 ވަނަ އަހަރުގެ ޖޫންމަހުއެވެ. އެއަށްފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު ހަމަ އެއަހަރުގެ ޖުލައިމަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް މިހާތަނަށް އައިއިރު ސިޔާސީގޮތުން މާބޮޑު ކާމިޔާބީއެއް ލިބިފައިނުވެއެވެ. އަދި 5000 މެމްބަރުންވެސް ހަމަވެފައެއް ނުވެއެވެ.

އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވި ރައީސް ނަޝީދު އެޕާޓީއާ އަލުން ގުޅިވަޑައިގަތީ ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވުމަށް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަޤްޞަދުގައިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަން އިއުލާންކުރެެއްވުމާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ރައީސް ސާލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.