
ދިވެހި ސަރުކާރުން ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ސިޔާސީ ގޮތުން ވެސް ނަގަން ނުވާނެ ވަރުގެ މުހިންމު މައްސަލައެކެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިއެރުން 7% ގައި ހުރި އިރު، ފާއިތުވި 5 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 20 އިން 25 އަށް ވުރެ ގިނަ ކެޑޭޓް ޕައިލެޓުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިފައިވަނީ ހަމައެކަނި މޯލްޑިވިއަން އަދި ޓީ.އެމް.އޭ.އޭ ފަދަ މަދު އެއަރލައިންތަކަކުންނެވެ.
"އެއްވެސް އެއަރލައިނެއް ހަމައެކަނި ކެޑޭޓް ޕައިލެޓުން ލައިގެން އޮޕަރޭޓް ނުކުރެވޭނެ," މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި މިނިސްޓަރ ހާމަކުރެއްވި ގޮތުގައި، ނިމިދިޔަ 5 އަހަރު ތެރޭގައި 500 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕައިލެޓް ޓްރެއިނިންގއަށް ސްކޮލަރޝިޕް ދީފައިވެއެވެ. މިއީ ޤައުމަށް ބޭނުންވާ ވަރަށްވުރެ އިތުރު އަދަދެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި ކެޑޭޓް ޕައިލެޓުންގެ ވަޒީފާ ބިދޭސީންނަށް ނުދެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު އޮތް މިންގަނޑަށްވުރެ އިތުރަށް ކުދިން ނެގުމަށް އޮޕަރޭޓަރުންނަށް އަންގާފައިވާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.
"މިވަގުތު އިތުރު ޕައިލެޓް ޓްރެއިނިންގއަށް ފުރުސަތުތައް ހުޅުވާނެކަމަކަށް ޤަބޫލެއް ނުކުރަން. އެހެންނަމަވެސް، ކުރިން ފުރުސަތު ލިބިފައިވާ ދަރިވަރުންނަށް އެއްވެސް ހުރަހެއް ނާޅާނަން," މިނިސްޓަރ އަމީން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމަށާއި، ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.