
ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރަން ފަށައިފިއެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދަނީ ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށެވެ. މި ސަރަހައްދުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކެވެ.
މިގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި އަދި ޓޯވކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ވަނީ ބުނފައެވެ.
ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައިވެއެވެ.
މި ފިޔަވަޅަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދހ މުޢިއްޒުގެ ސަރުކާރުން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.