19 June 2025 (Thursday)

މެޑަމް ސާޖިދާ، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގެ އިފްތިތާޙީ ސެޝަންގައި ތަޤުރީރުކުރައްވައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ގެ އިފްތިތާޙީ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު މިއަދު ތަޤުރީރުކުރައްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޚައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި 8 އަހަރު، އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ ދިގު ތާރީޚުގައި އިޖުތިމާޢީ ތަރައްޤީގެ ތަފާތު ޕްރޮގްރާމްތައް، މެރކް ފައުންޑޭޝަނުން ހިންގާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މެރކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ ޢައްޔަންކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ މިއާއެކު، ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ދޭކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ. މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެން ނަމަވެސް މުހިންމު ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ، ގުޅުންތައް ދެމެހެއްޓުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ޞިއްޙީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

ހަމަ މިއާއެކު އެކަމަނާ ވަނީ، ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަރޓެންޝަން ފަދަ ބަލިތަކާއި، އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމަށް މެރކް ފައުންޑޭޝަނާ ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތައްވެސް، ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ. އަދި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދީ، އަންހެނުންނަށް އިންސާފު ލިބުމުގެ ފުރުސަތު އިތުރުކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދީ، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން، ޖެންޑަރ އިކުއަލިޓީ ޕޮލިސީތައް ތަޢާރަފުކުރުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި)ގެ 7 ވަނަ ސަމިޓު ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނާއެއްގެ ހައިސިއްޔަތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.