
ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ، މާލެއިން އަނދިރި މަގުތައް މަދުވެއްޖެއެވެ.
މާލޭގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހެދުމަށް، މާލެ ސިޓީ ކައުންސިލުން އަބަދު ވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކާއި ގޯޅިތަކުގައި އިތުރު ލައިޓް ހަރުކޮށް، ހަލާކުވެފައިވާ ލައިޓްތައް މަރާމާތުކުރެއެވެ. އެ ގޮތުން އަނދިރިކޮށް އޮންނަ މަގުތައް އަލިކޮށް، އެ މަގުތަކުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް، ފަހަކަށް އައިސް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ.
މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފަސޭހަ ކޮށްދެއްވުމަށް، އެ ގޯޅިތައް ތަރައްޤީކޮށް، ލައިޓް ހަރުކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަމުންނެވެ.
މާލެ އަލިކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް، މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމާށާއި މި ކަމުގެ ސަބަބުން އެ ގޯޅި ތަކުގައި ދިރި އުޅުއްވާ ބޭފުޅުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން، ރޭ ގަނޑުގެ ވަގުތު ތަކުގައި އެއްވެސް ކަހަލަ އަލި ކަމެއް ނެތުމުން، އެ ގޯޅިތަކުން ހިނގާ ބިނގާވެ އުޅުއްވާ ބޭފުޅުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލްގެ އަމާޒަކީ، އަނދިރިކޮށް ހުރި ހުރިހައި މަގެއް އަލިކޮށް، މަގުތައް އަނދިރިވުމުން، ރައްޔިތުންނަށް ކުރިމަތިވާ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް، ހިތް ފަސޭހަ މާހައުލަކަށް، މާލެ ސިޓީ ހެދުންކަމަށެވެ. މި ކަންކަން ޙާޞިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވިދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ވާހަކަ ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މާލެ ތެރެ އަލިކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދާދި ފަހުން ވަނީ މާލޭގެ ސަހަރާތަކާއި އާޓިފިޝަލް ބީޗް ވެސް ދިއްލައި އަލިކޮށްފައެވެ.