
މާލެ ސިޓީގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި، މިހާތަނަށް 107 މަގެއްގެ، 12566 އަށް ވުރެ ގިނަ ކާނު ސާފުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް، މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި، ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމުން ކަމަށެވެ.
މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް، ކާނުތައް ސާފު ނުކުރުންމުން، ކުނިން، ކާނުތައް ފުރުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން އެ މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ. އަދި ކާނުތަކުގައި ކުނި ގިނަވުމުން، މާލެއަށް ވާރޭ ވެހޭ ކޮންމެ ފަހަރަކު، ކާނުތަކުން، ކުންޏާއި ނަޖިސް އަރައި މަގުމަތީގައި ފެތުރެއެވެ.
މޭޔަރ ޢާޒިމްގެ އަމާޒަކީ، މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވުމެވެ.