ހަނދު އޭގެ ހަނދުވަރާނުލައި ... (9)

( 11 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ކަރާޗީއަށް ދިއުމަށްފަހު ، މީރަބް ނެތުމާގުޅިގެން ، ގޭތެރެޔަށް ވެރިވެފައިވާ ފަޅުކަމުން ، ވައްޤާސްގެ ދެމަފިރިންނަށް ލިބިފައިވާ ތަކުލީފަށް އެދެމީހުންނަށް ކެތްކުރެވެނީކީ ނޫނެވެ. އަހަރެންގެ ލޯބިވާ ބައްޕާއޭ ބުނެ ، ދުވެފައި އައިސް ، ވައްޤާސްގެ ގައިގައި މީރަބް ބައްދާލާ ހަނދާން އެއީ ، ދުނިޔޭގައި ވައްޤާސް ދިރިހުރުމުގެ ފަރުވާއެވެ. މީރަބް ނުކާން ބޮޑާ ހެދީމާ ، ފަހަތުން ދުވެގޮސް ، އަތުލަފިކޮށްގެން ، އުނގުތެރެޔަށްލައިގެން ، ކާންދޭ ހަނދާން އެއީ ، އަނީލާގެ ހިތުގެ ތަސައްލީއެވެ. އެދެމަފިރިންނަށް ލިބިފައިވާ ތަކްލީފުން ހިތްފަޅައިގެންދާ ވަރު ވެއެވެ.

ބައްޕައާއި މަންމަޔަށް މީރަބް ފޯނުކުރިއިރު ، ދެމީހުންކުރެ އެކަކުވެސް ފޯނެއް ނުނަގައެވެއެވެ. އެންމެ ފަހަރަކު އެމީހުންނާ ވާހަކަ ދައްކާލަން މީރަބް ބޭނުން ވިއެވެ. އޭގެފަހުން ، އެދެމަފިރިން ، އޭނާ ދޫކޮށްލިޔަސް މައްސަލައެއް ނެތެވެ. އެކަމަކު ، އޭނާ ކަރާޗީއަށް ދާނީ ކިހިނެއް ހެއްޔެވެ ؟ އޭނާ އަމިއްލަޔަކަށް އެކަމެއް ނުކުރެވޭނެއެވެ. ގޭގެ އެއްވެސް ކާރެއްގައި މީރަބް އަމިއްލަޔަށް ، އެކަނި ބޭރަށްދިއުން ، ޚާނަމް އޮތީ މަނާކޮށްފައެވެ. ގޭގެ ޗޯކީދާރުންނާ ހަނގުރާމަކޮށްގެން ، މީރަބަކަށް އެކަމެއް ނުކުރެވޭނެއެވެ. އޭނާއަށް އެކަން ކޮށްދެވޭނެ ހުރީ ހަމަ އެންމެ މީހެކެވެ. އެއީ މުރުތަސިމެވެ.

މުރުތަސިމް ގާތަށްގޮސް ، އޭނާ ކަރާޗީއަށް ގެންގޮސް ދިނުމަށް މީރަބް އެދުނެވެ. މުރުތަސިމްގެ އެތައް ސުއާލުތަކެއް މީރަބާ ކުރިމަތި ވިއެވެ. މުރުތަސިމް ބޭނުންވީ ، އެވާހަކަ އަންވަރުގާތު ބުނެގެން ، މީރަބް ކަރާޗީއަށް ދިއުމަށެވެ. އެހެނަސް ، މީރަބް ބޭނުންވީ ، މުރުތަސިމް އޭނާއަށް އެކަން ކޮށްދިނުމަށެވެ. އަންވަރުގާތު ، އެއްވެސް ކަމަކު ކިޔާކަށް މީރަބް ބޭނުމެއް ނޫނެވެ. އެންމެ ފަހުފަހަރަށް އޭނާ ކަރާޗީއަށް ގެންގޮސްދިނުމަށް ، މުރުތަސިމްގެ ކިބައިން މީރަބް އެދުނެވެ. ވައްޤާސްގެ ދެމަފިރިންނާ އެންމެ ފަހުފަހަރަށް ބައްދަލުކޮށްލުމަށްފަހު ، މުރުތަސިމާއެކީ އޭނާ އަނބުރާ އަޙްމަދުއާބާދަށް އަންނާނެއެވެ.

މީރަބް ހަމަޔަކަށް އެޅެންދެން ، މީރަބްގެ ކަންކަން ބެލެހެއްޓުން ، ޚާނަމް ޙަވާލުކޮށްފައި އޮތީ މަރިޔަމްއާއެވެ. ޙަޔާގެ ފަހަތުން ނުދުވެ ، ދުވަސްކޮޅަކަށް މީރަބާއެކީ ވަގުތު ހޭދަކޮށް ، މީރަބް ބެލެހެއްޓުމަށް މަރިޔަމްއަށް ޚާނަމް އޮތީ އަންގާފައެވެ.

މީރަބް އެދުނުގޮތަށް ، ކަރާޗީއަށް ގެންގޮސް ދިނުމަށް މުރުތަސިމް އެއްބަސްވިއެވެ. އެހެނަސް ، ޝަރުތަކާ އެކީގައެވެ. އެއީ ، އޭނާއާއެކީ ، މީރަބް އެނބުރި ކަރާޗީއަށް އައުމެވެ. އެކަމަށް މީރަބް ވަޢުދުވިއެވެ.

ދޮރުގައި ތަޅައިގަތްގޮތުންވެސް ، އެއީ މީރަބްކަން ވައްޤާސްއަށް އެނގުނެވެ. އެކަމަކު ، އޭނާގެ ގޭގެދޮރު ، މީރަބަށްޓަކައި ބަންދުކޮށްގެންހުރެ ، އެދޮރ ހުޅުވާނީ ކިހިނަކުން ހެއްޔެވެ ؟ އެގެޔަކީ މީރަބްގެ ކާފަ ، ޝާހްނަވާޒްގެ ދީލަތިކަމުން ، ވައްޤާސްއަށް ހޯދައިދީފައިހުރި ގެޔެކެވެ. އޭގޭގެ ދޮރު ، މީރަބަށްޓަކައި ، ވައްޤާސްއަކަށް ބަންދެއް ނުކުރެވޭނެއެވެ. މީރަބް ކަމަށް ވަންޏާ ، ކަރާޗީއަށް އެއައީ ކިހިނެއް ހެއްޔެވެ ؟ މީރަބް އެގެއިން ނުކުމެގެން އަންނާކަށް ޚާނަމް ދުލެއް ނުކުރާނެއެވެ. އެކަމަކު ، އެއީ މީރަބެވެ. މީރަބް ބޭނުންވާ ކަމެއް ކޮންމެ ގޮތަކުން ނަމަވެސް ކުރާނެއެވެ. އެތައް ވަރަކަށް ދޮރުގައި ތެޅީމާ ، އަނީލާ އާދޭސްކޮށްގަތީމަވެސް ، ދޮރު ހުޅުވާކަށް ވައްޤާސް އެއް ނޫޅުނެވެ. އެ ސެމަފިރިންނަށްވެސް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ މީރަބެވެ. އެންމެ ފަހު ފަހަރަށްނަމަވެސް ، ދޮރުހުޅުވާލަ ދިނުމަށް ، ރޮމުން އާދޭސް ކުރަމުން ދޮރުގައި ތަޅަމުން އެގެންދަނީ މީރަބެވެ. އެއީ ، މީރަބްގެ އަޑުކަން އެދެމީހުންނަށްވެސް އެނގެއެވެ.

ޚާނަމް ބުނެގެން މީރަބަށް ކާންހިފައިގެން މަރިޔަމް ދިޔައިރު ، މީރަބް ކޮޓަރިޔަކު ނެތެވެ. ގޭގެ އެތަންމިތަން ހޯދާވެސް މީރަބެއް ނުފެނުނެވެ. މީރަބް އެދިޔައީ ކަރާޗީއަށްކަމުގައި ޙަޔާއަށް ބުނެވުމާއެކީ ، މީރަބް ކަރާޗީއަށް ދާން އެހީތެރިވެދިނީ ޙަޔާކަމަށް ޚާނަމް ޝައްކު ކުރިއެވެ. އެހެންނޫނީ ، މީރަބް ކަރާޗީއަށް ދިޔަކަން ޙަޔާއަށް އެނގެންވީ ސަބަބެއް ނެތެވެ. އެހެނަސް ، މަރިޔަމްވެސް އަދި ޙަޔާވެސް ، އެކަމުގައި މީރަބަކަށް އެހީތެރިއެއް ނުވެއެވެ. މީރަބަށް އެކަހަލަ ކަމެއްގައި އެހީތެރިވާން ، ދެން އެގޭގައި ހުންނާނީ ކާކު ހެއްޔެވެ ؟

" މުރުތަސިމެވެ. މީރަބް ކަރާޗީއަށް ގެންގޮސްދިނީ މުރުތަސިމެވެ. " ފަހަތުން ހިނގާފައި އަންނަމުން ، އަންވަރު ބުންޏެވެ.

އަންވަރު ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. މީރަބް އެދިޔައީ ފިލައިގެންނެއްނޫނެވެ. މީރަބް އެދިޔައީ ، މުރުތަސިމް ގެންގޮސްދިނީމައެވެ. މުރުތަސިމް އެކަން ކޮށްދޭންވީ އެއްވެސް ސަބަބެއް ނެތެވެ. އެވާނީ ، މީރަބް ކިޔައިގަތްގަތީނުންގޮސް ، ސަލާމަތް ނުވެގެން ، މުރުތަސިމް އެކަން ކޮށްދިނީ ކަމަށެވެ. މީރަބް ދިޔަތޯ ބަލަން ، ވައްޤާސްއާ އަންވަރު ގުޅިއެވެ. އަދި ، މީރަބް ދިޔައިމަ އަނބުރާ ކަރާޗީއަށް ފޮނުވައިދިނުމަށް އެންގިއެވެ. ޚާނަމްހުރީ އެކަމާ ކަންބޮޑުވެފައިކަމުގައިވެސް އަންވަރު ބުންޏެވެ. އެކަން ކުރާނެކަމަށް ބުނެ ، ވައްޤާސްވެސް އެކަމަށް ވަޢުދުވިއެވެ.

ދޮރުހުޅުވައިލަދިނުން އެދި ރޮމުންރޮމުން މީރަބް އާދޭސްކުރަމުން ގެންދިޔައެވެ. އޭނާގެ މުޅި ޙަޔާތުގައި އެދެމަފިރިންގެ ފަރާތުން ލިބިފައިވާ އޯގާތެރިކަން ހަނދާން ކޮށްދީ ، އޭނާއަށް އެހެން ނުހެދުމަށް މީރަބް އާދޭސް ކުރަމުން ގެންދިޔައެވެ. އެމީހުންނާ ބައްދަލުކޮށްލާފައި އޭނާ އެނބުރި ކަރާޗީއަށް ދާނެކަމަށް ބުނަމުން ގެންދިޔައެވެ. އެމީހުންނަށް މީރަބް ގޮވާއަޑު ، އެމީހުންނަށް އިވޭކަން މީރަބަށް އެނގެއެވެ.  އެމީހުންނަށް އާދޭސް ކުރަމުން ، ރޮމުންރޮމުން ދޮރުގައި ތަޅަމުން ގެންދާތަން ބަލަން ، ފަހަތުގައި ހުއްޓިލައިގެން މުރުތަސިމް ހުއްޓެވެ.

އެގޭގެ ދޮރު ، އެމީހުން ނުހުޅުވާނެކަމަށް މުރުތަސިމް ބުންޏެވެ. އޭނާ ތުއްތުއިރުއްސުރެ އުޅެބޮޑުވިގޭގެ ދޮރު އޭނާއަށް ބަންދުކުރެވިގެން ނުވާނެއެވެ. ބަފަޔަކު އޭނާގެ ދަރިފުޅަށް އެހެން ހަދާފާނެ ހެއްޔެވެ ؟ އެގޭގެ ދޮރު އޭނާއަށްޓަކައި ބަންދުކުރެވުނީ ، މީރަބްގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟ އޭނާގެ މައިންބަފައިންގެ ގޭގެދޮރު ، އޭނާއަށްޓަކައި ބަންދު ކުރެވުނީމަ ، ދެން އޭނާދާނީ ކޮންތާކަށް ހެއްޔެވެ ؟

" އަހަރެންނާއެކީ ، އަހަރެންގެ ގެޔަށް ހިނގާށެވެ ! " މުރުތަސިމް ބުންޏެވެ.

މީރަބްގެ ޙާލު ފެނިފައި ، އެއޮށް ހަރުކަށި މުރުތަސިމްގެ ލޮލުންވެސް ހުރީ ކަރުނަ ފާއްދާލާފައެވެ. ހިތްތިރިކަމާއެކީ ، ހިތިއަސަރަކުން މުރުތަސިމް އެބުނިބަސް ، މީރަބްގެ ކަންފަތުގައި ޖެހުމާއެކީ ، މީރަބް ކޮޅަށް ތެދުވިއެވެ. މުރުތަސިމްގެ ލޮލުން ފާޅުވާންހުރި ހަމްދަރުދީގެ އަސަރު ، މީރަބަށްވެސް އިޙްސާސް ކުރެވުނެވެ. އަދި މުރުތަސިމްގެ ލޮލުން ފާއްދާލާފައިހުރި ކަރުނަވެސް މީރަބަށް ފެނުނެވެ. މުރުތަސިމްގެ އަތް އޮތީ މީރަބާ ދިމާލަށް ދިއްކޮށްލެވިފައެވެ.

މުރުތަސިމްގެ އަތުގައި ހިފައިގެން ތެދުވެ ، މީރަބް މަޑުމަޑުން ހިނގާފައިގޮސް ކާރަށް އެރިއެވެ. ކަރާޗީއަށް އައި މަގުމަތީ ، ދެންހަދާނީ ކިހިނެއްތޯ ، މީރަބްއާ މުރުތަސިމް ސުއާލު ކުރިއެވެ. އެއަކަށް މީރަބް ޖަވާބެއް ނުދެއެވެ.

" މިހާރު އިރުއަރަން ތައްޔާރުވަނީއެވެ. ފަތިސްނަމާދުކޮށްލަން އަހަރެން ބޭނުމެވެ. މިތަނުން ތާކަށް ކާރު ހުއްޓާލަ ދޭށެވެ ! " މީރަބް ބުންޏެވެ.

ނަސީބަކުން ކަރާޗީގެ ޖަމާއީ މަސްޖިދު އެހިސާބާ އެހާ ދުރެއްނޫނެވެ. ކަރާޗީގެ ޖަމާއީ މަސްޖިދަކީ ، މުޅި ޕާކިސްތާނުގައިވެސް ހުރި އެންމެ ބޮޑު މިސްކިތެވެ. އެމިސްކިތަށް އަށްލައްކަ މީހުންނަށް އެއްފަހަރާ އެރެއެވެ. މިސްކިތުގެ ގޯތި ތެރެޔަށް ކާރު ހުއްޓާލައި ، ނަމާދުކުރަން މީރަބް ފޮނުވުމަށްފަހު ، މުރުތަސިމްވެސް ނަމާދު ކުރުމަށްޓަކައި ފިރިހެނުން ނަމާދަށް އަރަން ޚައްޞަ ކޮށްފައިވާ ބަޔަށް ވަނެވެ. ނަމާދުކޮށްނިމިގެން ، މީރަބް ކޮބައިތޯ ބަލައިލަން މުރުތަސިމް ހިނގައިގަތްތަނުން ، އަންހެނުން ނަމާދަށް އަރާބައިގާ ، ނަމާދުކޮށް ނިމިގެން ދުޢާކުރުމަށް ދެއަތް އުފުލާލައިގެން ، މީރަބް އިންތަން މުރުތަސިމަށް ފެނުނެވެ. އޭރު ، މީރަބް ދުޢާކުރަމުން ގެންދިޔައެވެ.

" އޭ މަތިވެރިވަންތަ އިލާހެވެ ! މިއަޅާއަށް ކުރިމަތިވެފައިވާ ހިތާމައާއި ހިތްދަތިކަމުގެ ތަކުލީފު ދެނެވޮޑިގެންވާނީ ، ހަމައެކަނި އިބަ އިލާހެވެ. މިއަޅާގެ ދިރިއުޅުމުގައި ، އިބައިލާހު ފިޔަވައި ހަމައެކަކުވެސް ނެތެވެ. އެންމެންވެސް މިއަޅާ ދޫކޮށްލައިފިއެވެ. މިއަޅާ އެކަނިވެރި ނުކުރައްވާދޭނވެ ! މިއަޅާގެ ހުރިހާ އުއްމީދެއް ނެތި ހިގައްޖެއެވެ. އިބަ އިލާހަކީ ، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. މިއަޅާގެ އޮތީ ހަމަ އެންމެ އުއްމީދެކެވެ. އެކަން ފުއްދައި ދެއްވޭނީ ، ހަމައެކަނި އިބައިލާހުގެ ޙަޟްރަތުން މިއަޅާއަށް މިންވަރު ކުރައްވާ ގޮތަކުންނެވެ. މިއަޅާއަށް ، މިއަޅާ އެދޭ ގޮތްތަކުގައި ސާބިތުވެ ، ހަރުދަނާކަންމަތީ ހުރުމުގެ ހިތްވަރާއި ތަވްފީޤު ދެއްވާށިއެވެ ! "

މިސްކިތުން ނުކުމެގެން މީރަބް ހިނގައިގަތްތަނާ ، ދުވަސްވީ ފިރިހެނަކާ މީރަބާ ދިމާވިއެވެ.

" ދަރިފުޅާއެވެ ! ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ދެރަގޮތެއް އިރާދައެއް ނުކުރައްވާނެއެވެ. ވެދިޔަކަމެއް އެވީވެސް ރަނގަޅަކަށެވެ. ކުރިޔަށް އޮތްތަނުގައި ވާކަމެއްވާނީވެސް ރަނގަޅަކަށެވެ. އިންސާނާގެ ބޭނުމާއި މަޤްޞަދު ، އެނގޭނީ އެކަލާނގެ ނޫން އެހެން ކޮންފަރާތަކަށް ހެއްޔެވެ ؟ ދަރިފުޅުގެ ދުޢާވެސް އެކަލާނގެ އައްސަވައި ވޮޑިގެންފިއެވެ. އިންސާނާ ޚަލްޤު ކުރައްވައި މިބިންމައްޗަށް ފޮނުއްވީ ﷲ އެވެ. އެއްވެސް އިންސާނަކު އެކަލާނގެ ރަޙުމަތުން ބޭރެއް ނުކުރައްވާނެތެވެ. އަދި ، އެއްވެސް އިންސާނަކު އެކަނިވެރިޔެއްވެސް ނުކުރައްވާނެތެވެ. ﷲ އަށް ވަކީލު ކުރާށެވެ ! ހުރިހާކަމެއްވެސް ރަނގަޅު ވާނެއެވެ. " އެބޭބެ ، މީރަބާ މުޚާތަބު ކޮށް ބުންޏެވެ.

އެ ބޭބެގެ ވާހަކަތަކުން ، މީރަބްގެ ހިތަށް ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ލިބުނެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއްލައި ، މަތިބަލައިލާ ، ދެލޯމަރައިލުމަށްފަހު ،މީރަބް ކުރިޔަށް ހިނގައިގަތެވެ.

މީރަބް ކުރި ދުޢާގެ އަޑު ، މުރުތަސިމަށްވެސް އިވުނެވެ. އޭނާގެ މޫނު މައްޗަށް އުފުލި ، މީރަބްގެ ދުޢާ ޤަބޫލުކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވައި ، މީރަބް ބޭނުންވާ ގޮތަކަށް އޭނާގެ މުރާދުތައް ޙާޞިލްކޮށްދެއްވުން އެދި ، ދެއަތް މައްޗަށް ނަގައި ، މުރުތަސިމްވެސް ދުޢާ ކުރިއެވެ. ދުޢާކުރުމަށް ދެލޯމަރާލައިގެން ހުރެ ، ނިމިގެން ، ދެލޯހުޅުވައިލިއިރު ، މީރަބް ހުރިތަނަކު މީރަބެއް ނެތެވެ. މުރުތަސިމްގެ ދެލޯ ބޮޑުވިއެވެ. ދުވަމުންގޮސް ، އެކޮޅު މިކޮޅު ހޯދައި ބެލިއިރުވެސް ، މީރަބެއް ނުފެނުނެވެ. އެތައް ތަނެއް ބެލުމަށްފަހު ، ހާސްވެފައިހުއްޓާ ، މިސްކިތުގެ ބޭރުގައިހުރި ތަނބެއްގައި މީރަބް ލެނގިލައިގެން ހުއްޓާ ފެނުނެވެ. ފިނިކަމުން ، މީރަބްހުރީ ތުރުތުރު އަޅައަޅައެވެ.

މުރުތަސިމް ކަންބޮޑު ނުވުމަށް މީރަބް ބުންޏެވެ. އޭނާ ފިލައިގެން އެއްވެސްތާކަށް ނުދާނެއެވެ. އެހެން އެއްވެސްގޮތެއް އޭނާއަކަށް ނެތެވެ. މަންމަޔާ ވާހަކަ ދައްކައިގެން އެހެންގޮތެއް ފެނޭތޯ ބަލާނެކަމަށް މުރުތަސިމްވެސް ބުންޏެވެ.

ގެޔަށް އައިސް ވަތްތަނުން ، ޚާނަމްގެ ސުއާލުތަކާ މީރަބަށް ކުރިމަތިލާން ޖެހުނެވެ. ޚާނަމްގެ ސުއާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި މީރަބް ބުނީ އެހެން ވާހަކައެކެވެ. އެއީ އެތާ ތިބި އެންމެން ސއްސައިގެންދިޔަ ވާހަކައެކެވެ.

" އަހަރެން ، މުރުތަސިމާ ކައިވެނިކުރަން އެއްބަސް ވަމެވެ. " މީރަބް ބުންޏެވެ.

މީރަބްގެ އެ ވާހަކައިން ، ޚުދު މުރުތަސިމްވެސް ދިޔައީ ސިއްސައިގެންނެވެ. އެއީ ، މީރަބްގެ ދުލުން ބޭރުވެދާނެކަމަށް ، މުރުތަސިމް ހީކޮށްގެންހުރި ވާހަކައެއް ނޫނެވެ.  ޙަޔާގެ ދެލޯ ވަކިން ބޮޑުވެގެން ދިޔައެވެ. އެވާހަކައިން މޫނުމައްޗަށް ހިނިތުންވެރިވެގެންދިޔަ ދެމީހަކުވެސް އެތާ ތިއްބެވެ. އެއީ ، ޚާނަމްއާއި އަންވަރެވެ. ޚާނަމްގެ އަނގަވެސް ތަންމިނަށް ހުޅުވުނެވެ. އެހެނަސް މަޑުމަޑުން ، ހިނިތުންވުމަކަށް ބަދަލުވިއެވެ. މަރިޔަމްވެސް ހުރީ އާގަމަ ވެފައެވެ.

ޚާނަމްއަށް މީރަބް އެބުނި ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. މީރަބްގެ ގާތަށްޖެހިލައި ، މީރަބް އެބުނީ ކީކޭތޯއާއި އަދި އެއްފަހަރު އެހެން ބުނެލުމަށް ޚާނަމް އެދުނެވެ. މީރަބް ، މުރުތަސިމާ ދިމާލަށް ބަލައިލިއެވެ. އެކަމަށް އެއްބަސް ނުވުމަށް މުރުތަސިމްގެ ބޮލުން އިޝާރާތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ދެލޯ މަރައިލުމަށްފަހު ، މީރަބް އެބުނި ވާހަކައެއް އަލުން ތަކުރާރު ކުރިއެވެ. އޭނާ ، މުރުތަސިމާ ކައިވެނިކުރަން ތައްޔާރަށް ހުރިކަން ހާމަކުރިއެވެ.

ޙާލާގެ ހިތަށްވީތަދުން ، އެތާ ހުންނަން ނުކެރިގެން ފަހަތަށް އެނބުރި އޭނާގެ ކޮޓަރިޔާ ދިމާލަށް ދުއްވައިގަތެވެ. މުރުތަސިމްހުރީ މީރަބްދެކެ ރުޅިއަންނަންވެސް އަދި ޙައިރާންވާންވެސް ނޭނގި ދެލޯ ބޮޑުވެފައެވެ.

ޚާނަމަށް ލިބުނު އުފާވެރިކަން އިތުރު ވިއެވެ. މީރަބްގެ ނިތްކުރީގައި ޚާނަމް ބޮސްދިނެވެ. އޭނާއަށް އެލިބުނީ ، ދުވަހަކުވެސް ނުލިބޭފަދަ އުފާވެރިކަމެކެވެ. ކޮލުދަތަށް ދަންދެން ދިއްކޮށްގެންހުރެ ، މުރުތަސިމާ ދިމާލަށް ޚާނަމް އެނބުރިލިއެވެ. ޚާނަމް އެއްޗެކޭ ނުބުނަނިސް ، އެކަމަށް ގޮތެއް ނިންމަން ، އޭނާއަށް ވަގުތު ބޭނުންވާކަމަށް ބުނެ ، ކޮޓަރިޔާ ދިމާލަށް މުރުތަސިމް ހިނގައިގަތެވެ.

ޚާނަމްވެސް އިރުކޮޅެއްކޮށްލާފައި ، މީރަބް ކޮޓަރިޔަށް ފޮނުވައިލުމަށްފަހު ، މުރުތަސިމްގެ ކޮޓަރިޔަށް ދިޔައެވެ. މީގެ ކުރިން މުރުތަސިމް އޮތީ ކުއްޖަކާ ރައްޓެހިވެފައެވެ. އެ ކުއްޖާއާ މުރުތަސިމްގެ ކައިވެނި ނުކުރެވުނީ ، ޚާނަމް އެކަމަށް އެއްބަސް ނުވެގެންނެވެ. އޭގެ މާނަޔަކީ ، އެ ޢާއިލާގެ ވާރިސެއްގެ ގޮތުގައިހުރެމެ ، މުރުތަސިމަށް އޭނާގެ އަމިއްލަ ނިންމުންތައް ނިންމުމުގެ އިޚްތިޔާރު ލިބިފައި ނެތުމެވެ. އެހެނަސް ، އެކައިވެންޏަށް ޚާނަމް އެއްބަސް ނުވުމުގައި ، އޭރުގެ ޙާލަތާގުޅޭ ސަބަބުތަކެއް ހުއްޓެވެ. އެއީ ، މުރުތަސިމަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ނޫންކަމަށްވިޔަސް ، ޚާނަމް އޭނާގެ ގޮތްދޫނުކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ، މުރުތަސިމަށް އޭނާގެ ލޯބިވެރިޔާއާ ވަކިވާން ޖެހުމެވެ.

މީރަބާ މުރުތަސިމް ކައިވެނިކުރަންޖެހޭ އެތައް ޙުއްޖަތެއް ޚާނަމް ދައްކަމުން ގެނދިޔައެވެ. މީރަބަކީ ، އެޢާއިލާގައި ހުރި އެންމެ ރީތި ކުއްޖާއެވެ. އެންމެ މޮޅަށް ކިޔަވައިގެންހުރި ކުއްޖާވެސް މެއެވެ. އަދި ، މުދާވެރިކަމުގެ ގޮތުންވެސް ، މީރަބަކީ މިހާރު މުރުތަސިމާ އެއް ފެންވަރެއްގެ ކުއްޖެކެވެ.

މީރަބާ ކައިވެނިކުރަން މުރުތަސިމް ބޭނުންނުވާ އެންމެބޮޑު އެއްސަބަބަކީ ، އެކައިވެންޏަށް މީރަބް ހިތްހަމަ ނުޖެހުމެވެ. އެހެންނަމަވެސް ، މީރަބް އާނއެކޭ ބުނުމުގެ މާނަޔަކީ ، އެކައިވެނިން އުފާވެރިކަމެއް ލިބިދާނެކަމަށް މީރަބަށް އުއްމީދެއް އޮތުމެވެ. އެކަން ޤަބޫލުކުރާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. އެއީ ، ޚާނަމް މެންނަށްވުރެ ބޮޑަށް  ، މުރުތަސިމަށް މީރަބް އެނގޭތީއެވެ. އެކަމަކު ، އެކައިވެންޏަށް މީރަބް އެއްބަސްވި ސަބަބު މީރަބްކުރެން އަހަން ބޭނުންކަމަށްބުނެ ، މުރުތަސިމް އެތަނުން ނުކުމެގެން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.