4 ގައުމެއްގެ އައު ސަފީރުންގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ފަލަސްޠީންގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަފީރު ވަނީ، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ދެބޭފުޅުންވެސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައެވެ.

ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން- ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ސްޓެލާ ނޮކޮމޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ޒިމްބާބްވޭގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް މަރުޙަބާވިދާޅުވެފައެވެ. އައު ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން މަސްލަޙަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާކުރައްވަމުން ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެފަރާތުންވެސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ސަމާލުކަން ދިނުމާއެކު، އިޤްތިޞާދީ ގޮތުން ގުޅުންބަދަހިކުރެވެން ހުރި ފުރުޞަތުތައް ފުޅާކުރުމަށް ގަސްދުކުރައްވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޒިމްބާބްވޭއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 7 ޖަނަވަރީ 1987 ގައެވެ.

އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ސަރްދޯ ރުސްތަމްބޭވް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އުޒްބެކިސްތާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރި، އިޤްތިޞާދު، އަދި ތަޢުލީމީ ދާއިރާގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ. މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ދިވެހިރާއްޖެއާއި އުޒްބެކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1994 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ހަތްވަނަ ދުވަހުއެވެ.

ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ރަސްމުސް އެބިގޯޑް ކްރިސްޓެންސެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި، ޚާއްޞަ ގޮތެއްގައި، އިޤްތިޞާދާއި، މޫސުމީ ނޭދެވޭ ބަދަލުތަކާ އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޑެންމާކް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށްޓަކާ ޝުކުރު އަދާކުރައްވައިފައެވެ. އަދި، ޑެންމާކަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމުން، އެ ސެކްޓަރު އިތުރަށް ފުޅާވެގެންދާނޭކަމުގެ ޔަޤީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ޑެންމާކާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1982 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އަށްވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.