
1446 ވަނަ އަހަރުގެ ބަރަކާތްތެރި ޢަރަފާތު ދުވަހުގެހެޔޮ އެދުމާއި ތަހުނިޔާ، ލޮބުވެތި ދިވެހި އެންމެހައި އަޚުންނާއި އުޚުތުންނަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ފޮނުއްވައިފި އެވެ.
ޢަރަފާތު ދުވަހަކީ، އެންމެ ބަރަކާތްތެރި އެންމެ މާތް ދުވަސް ކަން ފާހަގަ ކުރައްވާ މޭޔަރ ޢާޒިމްގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓް ތަކުން ފޮނުއްވި ދުވަހުގެ ތަހުނިޔާ މެސެޖުގައި ވިދާޅުވެފައިވަނީ ޢަރަފާތު ދުވަހުގެ ސަވާބާއި ދަރުމަ ދިވެހި ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ޢަރަފާތު ދުވަހު ކުރާ އަޅުކަމުގެ ދަރުމައާއި ސަވާބު، އެތައް ގުނައެއް އިތުރުވެގެންދާކަން، ދީނީ ޢިލްމުވެރިންގެ ވާހަކަފުޅުތަކުން އެނގޭ ކަމަށާއި އެހެންކަމުން މި ދުވަހު ސަވާބާއި ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަށް، ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންގެ އަރިހުން އެދޭ ކަމަށެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، މި އަހަރު ރާއްޖެއިން ދިޔަ ހުރިހައި އަޚުންނާއި އުޚުތުންނަށް، މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި، الله ގެ ޙަޟްރަތުގައި ދުޢާދަންނަވާ ކަމަށެވެ.
ޢަރަފާތު ދުވަހުން ދައްކައިދެނީ މި ބިންމަތީގައި މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމެވެ. އެކަން ހާމަ ވެގެންދަނީ ޙައްޖުގެ އަޅުކަމުގެ ތެރެއިންނެވެ. ޙައްޖަކީ އަރަފާތެވެ. މަބްރޫރު ޙައްޖުގެ ޖަޒާއަކީ ސުވަރުގެއެވެ.