ޢީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ

މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމަށް، ރައްޔިތުން ހިންގާ ޙަރަކާތްތަކަށް މަގުފަހިކުރުމަށް ޓަކައި، ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހައި މަގުތަކުގައި، ދުއްވާ އެއްޗެހި ދުއްވުން މަނާ ކަމެއް ކަމުގައި މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ ޢާންމު އިޢުލާނެއްގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކުރި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކާ، އެ ކައުންސިލްގެ ޢާއްމު ޚިދުމަތާއި ބެހޭ ބައި (ތައިސޭކޮށިން) ދޫ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ގޮތުން، ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް އަދި، އެ ދުވަހުގެ މެންދުރު ފަހު 14:00 ން 15:45 އަށް ކަމަށް ވެސް އެ އިޢުލާންގައި ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލެ މަގުތަކުގައި ޢީދު ދުވަހު ހަވީރު 16:00ން 18:00އަށް، އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މި ނިންމުމަކީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 150 ވަނަ ރަސްމީ ޢާންމު ޖަލްސާއިން ފާސްކޮށްފައިވާ ނިންނުމެކެވެ.

މި ނިންމުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފިތުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހު، ހަވީރު 16:00ން 18:00އަށް، މާލެ ސިޓީގެ މަގުތަކުގައި ދުއްވާ އެއްޗެހި ނުދުއްވޭ ގޮތަށް ހަމަޖައްސާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.