
މާލެ ސިޓީގެ ރައްޔިތުންގެ މިއަހަގެ ދެވަނަ ބައްދަލުވުން ޖުލައި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓ ކައުންސިލްގެ 4 ވަނަ ދައުރުގެ 197 ވަނަ ޖަލްސާގައެވެ. މިއީ ޤާނުން ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި، ސިޓީ ކައުންސިލް ތަކުން ކޮންމެ އަހަރަކު ދެ ފަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މިއަހަރު ބާއްވާ ދެވަނަ ބައްދަލުވުމެވެ.
މި ތާރީޚުގައި ޖަލްސާ މި ބައްދަލުވުން ބޭއްވުމަށް، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މޭޔަރ އާދަމް އާޒިމް އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.