
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސްން (45އ) މިރޭ ނިޔާވެއްޖެއެވެ.
މަސްތުވާތަކެތީ މައްސަލައެްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޛުކުރަމުން ދިޔަ މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެކެވެ. މޫސާ ޙަސަން ނިޔާވެފައި ވަނީ 5 ޖޫން 2025ގެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެންނެވެ.
މޫސާ ޙަސަން ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.