މެއި މަހު މާލޭގެ މަގުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފި

ރައްޔިތުންނަށް ފަސޭހަކުރުމަށް، ހުސްވި މެއި މަހު މާލޭގެ މަގުތަކުގެ ގިނަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ކޮށްފިއެވެ.

މި ގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ ހުސްވި މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މާލޭގެ 21 މަގެއްގައި 33 މަގު ބައްތި ޖަހައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާ ބެހޭ ބައިން، މަހަކު އެއްފަހަރު ނެރެމުން އަންނަ، ރިޕޯޓްގައި ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރެއިން، ހުސްވި މެއި މަހު، 21 މަގެއް ގައި ލައިޓް ޖެހުމުގެ އިތުރުން، 35 ސަރަހައްދެއްގެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެ ރިޕޯޓްގައި ވާގޮތުން، ކާނު ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން ހުސް ވި މެއި މަހު 3998 އަށް ވުރެ ގިނަ ކާނު ވަނީ ސާފު ކޮށްފައެވެ. އަދި އެ ކާނުތައް ސާފު ކޮށްފައިވަނީ، މާލޭގެ 29 މަގަކުން ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެ ރިޕޯޓްގައި ވާގޮތުން، މާލޭގެ މަގުތަކުގައި ހުރި ޓްރެފިކް ނިޝާންތަކުގެ ތެރެއިން 23 މަގެއްގައި ސްޕީޑް ބެރޭކަރ ނިޝާން ކުރަހާފައި ވާއިރު، 23 މަގެއްގައި ވަނީ، ބަސް ސްޓޮޕް ޒޯންތައް ކުރަހާފައެވެ. އަދި 16 މަގެއްގައި ޒިބްރާ ކްރޮސް ކުރަހައިފައި ވާއިރު، 18 މަގެއްގައި ވަނީ ރޭމްޕުގައި ދަވާދު ލައިފައެވެ.

މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި، ހިތްހަމަޖެހޭ، މާޙައުލެއް ގާއިމްކޮށް ދެއްވުމަށް ޓަކައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ ޚާއްޞަ އިސްނެންގެވުމަށް އަންނަނީ ވަރަށް ގިނަ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ޕާކުތައް ރީތިކޮށް، މާލޭގެ މަގުތަކުން ކުނި ނަގައި، ވާރޭ ވެހޭ ދުވަސްވަރު، ގިނަ މަގުތަކުން ފެން ހިދުމުން ވެސް، ބައެއް މަގުތަކުގައި ފެން ނުހިދި އޮންނާތީ، އެ މަގުތަކުގެ ފެންނުހިދި އޮންނަ ސަރަޙައްދު ރަނގަޅުކުރުން ހިމެނެއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ، މި ފަދަ ތުރާތަކުން، މާލޭގައި ދިރިއުޅުއްވާ ރައްޔިތުން ސަލާމަތްކޮށް، ހިތް ފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުމެވެ. މި ކަންކަން ޙާޞިލް ކުރުމަށް، ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، މުރާލިކަމާއެކު މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ވާހަކަ ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.