
ޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރައްވަން ނިންމަވައިފިއެވެ.
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް މި އުޅަނދު ހަދިޔާކުރައްވާކަން އިޢުލާނުކުރެއްވީ، ރާއްޖެ ވަޑައިގެންނެވި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާޢިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒު، ބަންޑާރަކޮށްޓަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. އެކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިކަމާ ގުޅޭ އެމްއޯޔޫގައި އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާޢިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސްއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއެވެ.
މި އާ އުޅަނދާ އެކު އޮސްޓްރޭލިއާއިން ރާއްޖެއަށް 'މަލްޓި ބީމް އިކޯ ސައުންޑާ'އެއް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ހައިޑްރޯގްރަފީ ދިރާސާކުރުމަށް ޓަކައި ބޭނުންކުރާ އާލާތެކެވެ. މި ހައިޑްރޯގްރެފިކް އިކުއިޕްމަންޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ފަށަލަ މެޕްކުރުމުގެ ގާބިލުކަން އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިގުތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށް ދިފާޢީ ވުޒާރާއިން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވަނީ، އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދާއި ހައިޑްރޯގްރެފިކް އިކުއިޕްމަންޓް ހަދިޔާ ކޮށްދެއްވަން ނިންމާފައިވާތީ، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މިހާރު ބަންނަމުންދާ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދު، 2026 ވަނަ އަހަރުގެ އެޕްރީލު މަހުގެ ތެރޭގައި ދިވެހި ސިފައިންގެ ޚިދުމަތަށް ނެރެވޭނެ ކަމަށް ބެލެވޭ ކަމަށާއި، މި އެހީތެރިކަމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ އަދި ދެމެހެއްޓެނިވި ގުޅުމުގެ ހެއްކެއް ކަމުގައި ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
އަދި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯސްޓްގާޑުގެ ބާރު، ދެގުނައަށް އިތުރުކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ޤާބިލުކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދިފާޢީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ދިފާޢީ ވަޒީރު ވިދާޅުވީ، އޮސްޓްރޭލިއާއިން ވެދެއްވާ މި އެހީތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް މި އެހީތެރިކަމުގެ ސަބަބުން ކުރިއަށް އިތުރު ފިޔަވަޅެއް އެޅިގެން ގޮސްފައިވާ ކަމުގައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާޢިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާއިން ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ރާއްޖެއާ ގުޅިގެން ބައިވެރިވުމަކީ ފަޚުރުވެރިވެވަޑައިގަންނަވާކެމެކެވެ. އަދި އެ ޤައުމުގެ ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޮސްޓްރޭލިއާއިން ދަނީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި، އިރުއުތުރު އިންޑިއާ ކަނޑުގެ އެކި ކަންކޮޅުތަކުގައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުން ކަމަށް ވިދާޅުވިއެވެ.
ރާއްޖެ ވަޑައިގެންނެވި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާޢިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒު، ބަންޑާރަކޮށްޓަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރގާޑެއް އަރުވާފައެވެ. ބަންޑާރަކޮށިން އެ މަނިކުފާނަށް އިސްތިގުބާލުކުރެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ޖެނެރަލް އޮފިސަރުންނެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނާޢިބު އަދި ދިފާޢީ ވަޒީރު، އޮނަރަބަލް ރިޗާޑް މާލްސް ބަންޑާރަކޮށްޓަށް ކުރެއްވި ޒިޔާރަތުގައި، ދިފާޢީ ދާއިރާއާއި، ސަލާމަތާއި، ސަރަޙައްދީ ހަމަޖެހުމުގެ ރޮނގުން، ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާ ބައްދަލުވުން ބާއްވާފައިވެއެވެ.
ޖޫން 1އިން 2ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި، ދިވެހިރާއްޖޭގެ ނާޢިބް ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. އަދި، މާލޭ ހުކުރު މިސްކިތަށް ވަޑައިގެން އެތަން ބައްލަވާލައްވައި، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަށް ޒިޔާރަތް ކުރައްވާފައިވެއެވެ. އޭގެ އިތުރުން، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށާއި، ހުޅުމާލޭގައި ކޯސްޓްގާޑުގެ އުޅަނދުތައް އެލޯންގްސައިޑްކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ.