
މައިންބަފައިންނަށް ހެޔޮކޮށް ހިތައި، އޯގާތެރިވުމަށް، ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސްކުރައްވައިފިއެވެ.
މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ، މައިންބަފައިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހިންނަކީ ސައްސަތައިން ސައްތަ މުސްލިމުން ކަމަށްވުމުން، އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް، މައިންބަފައިންނަށް ހެޔޮކޮށް ހިތައި، އޯގާތެރިވުމަށް، ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރާ ކަމަށާއި، މާތް ވެގެންވާ އިސްލާމް ދީނުގައި ވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި ކަމޭ ހިތުމަށް، ވަރަށް ބޮޑަށް އަންގަވައިފައިވާ ކަމަށެވެ
މޭޔަރ ޢާޒިމް ވިދާޅުވީ އެއްވެސް ޝައްކެއްނެތް ގޮތުގައި، މައިންބަފައިންނަކީ ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އައުމުގެ އަސްލު ކަމަށެވެ. އަދި މައިންބަފައިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، މޭޔަރ ޢާޒިމް ވަނީ ދިވެހި ލޮބުވެތި ހުރިހައި މައިންބަފައިންނަށް، ލޯތްބާއެކު އަރިސްކުރައްވައިފައެވެ.
"މައިންބަފައިންގެ މަތިވެރިކަމާއި އެ މީހުން، ދަރިންނަށްވާ ލޯތްބާއި، ދަރިންގެ މުސްތަޤުބަލް ބިނާކުރުމަށް ކުރައްވާ މަސައްކަތާއި، ވެ ވަޑައިގަންނަވާ ޤުރުބާނީ، އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭނީ، އަޅުގަނޑުމެން މައިންބަފައިންނަށް ވުމުން." މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ މައިންބަފައިންގެ ދުވަސް ފަހަގަ ކުރާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ.