މުލީ އެއާޕޯޓުން ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ: ރައީސް

މިއަދު ހުޅުއްވައިދެއްވި މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މ. މުލީ އެއާރޕޯޓް ހުޅުވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރުންވެފައިވާ ވަޢުދު، މުލަކު އަތޮޅުގައި މި ވަނީ ފުއްދަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ޚާއްޞަކޮށްގެން އެ އެއާޕޯޓްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުލީގެ ތަރައްޤީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އިޤްތިޞާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި މުލީ އެއާޕޯޓްވާނެ ކަމުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މާތް ﷲގެ ވާގިފުޅާއެކު މިއަދަކީ މ. މުލީގެ ތަރައްޤީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުން ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ މަގު ހެދުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ މިއާއެކު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު މިހާރު އޮތީ ޢަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރުވެފައިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގޮތުން ގުޅިފައިވާ ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މ. މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށް ގޮސް، ޓެންޑަރިންގ މަރުހަލާގެ ތެރެއިން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މ. މުލީގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢަކީ ރައްޔިތުންގެ އުންމީދުތަކުގައި، ވަކިން ޚާއްޞަކޮށް ޒުވާނުންނާއި، ގެދޮރުވެރިކަން ނެތް ފަރާތްތަކުން ކުރަމުންދާ އުންމީދުތަކުގައި އެތައް ކުލައެއް ޖެހިގެންދާނެ ކަމެއްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މ. މުއްޔަށް ބަދަލުވާން ބޭނުންވެފައި ތިބި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއާޕޯޓްތައް ތަރައްޤީކުރެވި، ބިންހިއްކައި، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވޭ ރަށްރަށަކީ ސަރަޙައްދީ ގޮތުން ތަރައްޤީ ކުރެވޭ ރަށްތަކެއްގެ ގޮތުގައި ބަލައި، އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާފައެވެ. ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުވާން އޮތީ އެފަދައިން ކަމަށާ، ރަށްރަށަށް ހިޖުރަކޮށް އާބާދީ އެއްފަސްކުރުމަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޯޒްވޭއަކުން މ. މުލަކާއި އެ އަތޮޅު ނާލާފުށި ގުޅާލުމުގެ މަސައްކަތުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިދަތުރުފުޅުގެ ތެރެއިން ކޯޒްވޭ އެޅުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާއިރު، 2026 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން މ. ނާލާފުށީ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ހިނގާ 2 އަހަރަކީ، ތަރައްޤީގެ އަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް ގެންދަވާ، ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާނެ ދުވަސްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ޔަޤީންކޮށްދެއްވިއެވެ.

ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސަވައިދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާ، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މިއަދު ހުޅުވިގެންދިޔަ މުލީ އެއާޕޯޓްގެ ނަތީޖާ، މާތް ﷲގެ އިރާދާފުޅާއެކު ރަނގަޅުވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރައްޔިތުން އެދޭ ކަންކަން، އެގޮތަށް ކޮއްދެއްވުން ނޫން ވިސްނުންފުޅެއް އަދި ޒިންމާއެއްވެސް އެމަނިކުފާނަށް ނެތް ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

މ. މުލީ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރެވުނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ، އޭރުގެ ސަރުކާރުގައި ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން 2014 ވަނަ އަހަރުއެވެ. މިއަދު މުލީގައި ފުރިހަމަ އެއާޕޯޓެއް ތަރައްޤީކޮށް، ރަސްމީކޮށް ހުޅުވިގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި ޚާއްޞަ އިރުޝާދުގެ ދަށުންނެވެ. އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވުމުގެ އަމަލީ މަސައްކަތްތައް، އައު އެއްބަސްވުމެއްގެ ދަށުން އަލުން ފެށުނީ 2024 ވަނަ އަހަރުގައެވެ.

މުލީ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން ހަލުވި ދުވެލީގައި ނިންމެވި ފުރިހަމަ މަޝްރޫޢެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.