
މިއީ ، ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔެއްކަމުގައިވާ ، ނޫރަން މަޚްދޫމް ، އުރުދޫބަހުން ލިޔެފައިވާ ، ވަރަށް އަސަރުގަދަ ވާހަކައެކެވެ. ލިޔަން ބޭނުންވި އެތައް ވާހަކައެއްގެ ތެރެއިން މިވާހަކަ " ތެރެ ބިން " އިޚްތިޔާރު ކުރެވުނީ ، ކުރިން ލިޔެފައިވާ ވާހަކަތަކާ އަޅާބަލާއިރު ، މިވާހަކައިގެ ތަފާތު ބޮޑުކަމުންނެވެ. މި ވާހަކައިގެ މަޝްހޫރުކަން އެހެން ހުރިހާ ވާހަކަޔަކަށްވުރެ ބޮޑުކަމުންނެވެ. މިވާހަކަ ވަނީ ، ޑްރާމާ ސިލްސިލާއެއްގެ ގޮތުގައިވެސް ކުޅެ ، " ތެރެ ބިން " ގެ ނަމުގައި ، ޢާންމު ކޮށްފައެވެ. ހަތަރު ބިލިއަނަށްވުރެ ގިނަމީހުން ، މި ޑްރާމާ ސިލްސިލާ ބަލާފައި ވެއެވެ. އެހެންކަމުން މިއީ ، ޕާކިސްތާނާއި އިންޑިއާ އަދި ބަންގްލަދޭޝާއި ދުނިޔޭގެ އެހެނިހެން ޤައުމުތައް ހިމެނޭހެން ، އެންމެ ގިނަބަޔަކު ބަލާފައިވާ ، އެންމެ މޮޅު އުރުދޫ ޑްރާމާ ސިލްސިލާކަމަށް ބެލެވޭ ، ރީތި އަދި އަސަރުގަދަ ލޯބީގެ ވާހަކައެކެވެ.
ދެ ޒުވާނެއްގެ ދެމެދުގައި އުފެދިފައިއޮތް ލޯތްބެއްގެ ވަރުގަދަ ޖަޒުބާތާއި ނަފްރަތުގެ އިންތިހާ ، މިވާހަކާގައި ގެނެސްދީފައި ވެއެވެ. ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާނީ ޖަޒުބާތު ، ލޯތްބަށް ބަދަލު ވެއެވެ. ލޯބީގެ ގަދަފަދަ ފޮނި ޖަޒުބާތު ، ނަފުރަތަށް ބަދަލު ވެއެވެ. އާދައިގެ ޢާއިލާއަކާއި ބާރުގަދަ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ދެޒުވާނެއްގެ ދަރަޖަ އާއި ފެންވަރުގެ ތަފާތުތަކުން އޮޅުމެއްގެ ތެރޭގައި އޮތް ، އަމިއްލަ ޝަޚްޞާއި ނަފްސު ދިފާޢުކުރުމަށް ، ކުރަމުން ގެންދިޔަ ހަނގުރާމަ ނިމިގެންދަނީ ، ދެމީހުންކުރެ އެކަކުވެސް ހީކުރި ގޮތަކަށް ނޫނެވެ. އެކަކު އަނެކަކަށްޓަކައި ހިތުގައި އުފެދިފައި އޮތް ، ޢިޝްޤީ ލޯބީގެ ފޮނިމީރު ކަމުން ، ޝަޚްޞީ ލޯބީގެ މައްޗަށް ، ދެމީހުންގެވެސް ނަފްސު ދިފާޢުކޮށް ، ޝަޚްޞުގެ މައްޗަށް ޢިޝްޤު ގަދަވެ ގަނެއެވެ. އެހެން ހުރިހާކަމެއް ހަނދާން ނައްތާލައި ، އެކަކު އަނެކަކާ ނުލާ ، ދެމީހުންކުރެ އެކެއްގެވެސް ދުނިޔެ ނެތްކަމަށް ނިންމަން ޖެހެއެވެ. ޙީލަތްތެރި އަދި ސިއްރު ރޭވުންތަކެއްގެ ޝިކާރަޔަކަށްވެ ، ގެއްލިދިޔަ ޢިއްޒަތާ އަދި ހިތުލޯބި ، ޤަދަރުވެރިކަމާއެކީ ލިބިގެން ، ނިމިގެންދާ މި ވާހަކަވަނީ ، ދުނިޔޭގެ އެތައް ބިލިއަން މީހުންނެއްގެ ހިތާ ކުޅެލައި ރޮއްވައިލާފައެވެ. " ތެރެ ބިން " ، ކަލާއާ ނުލާ ނުވަތަ ހަނދަށް އޭގެ ހަނދުވަރާ ނުލާ ، ފުރިހަމަކަމެއް ނެތްކަމަށް ނިންމައި ، ހުޅެވި ހަނދުގެ ނަލަހަނދުވަރުގެ ގަދަ އަލިކަމުގެ ތެރެޔަށް ނުކުމެ އެކަތިގަނޑަކަށްވެ ، ހިނިތުންވެލަން ، ދެމީހުންވެސް ބޭނުންވިއެވެ. ވާހަކަޔައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.
ލޮލުކޮޅަށް ނުފެންނަ ހިސާބަށް ފަޅޯގަސް ހައްދާފައިވާ ބިޔަ ، ބޮޑުދަނޑެއްގެ ކުރިމަތީ ، މުރުތަސިމް ހުއްޓިލައިގެން އެހުރީ ، އެދުވަހު އޭނާއަށް އަޑުއިވުނު ވާކަޔަކުން ހިތްނުތަނަވަސް ވެފައެވެ. ދަނޑުގައި މަސައްކަތްކުރަން އެތައްބަޔަކު އެމީހުންގެ މަސައްކަތުގައި ، އަވަދިނެތި އުޅެމުން ގެންދެއެވެ. އޭގެތެރެއިން ، އިސްކޮށް އުޅޭ އިބްރާހީމް ކިޔާ މީހަކަށް ، ސާހިބުމީހާ ގާތަށް އައުމަށް ގޮވައި ލެވުނެވެ. ލަހެއް ފަހެއްނެތި ، އިބްރާހީމް ދުވަމުން އައިސް ، އޭނާގެ ސާހިބުމީހާ ، މުރުތަސިމްގެ ކުރިމަތީ ، އަދަބުވެރިކަމާއެކީ ހުއްޓި ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، ގޮވާން ކަނޑަން ތައްޔާރުތޯ މުރުތަސިމް ސުއާލު ކުރިއެވެ.
ގޮވާން ކަނޑަން ތައްޔާރުވެފައި ހުރިކަމަށް އިބްރާހީމް ބުނިއިރު ، އޭނާގެ މޫނުމަތީގައިވާ ބިރުވެރިކަން ، މުރުތަސިމަށް އިޙްސާސް ކުރެވުނެވެ. އަދި އެކަމާބެހޭގޮތުން ސުއާލު ކުރިއެވެ.
" ސާހަބެވެ. މާލިކުގެ މީހުން އަނެއްކާވެސް މިތަނަށް އަތުވެއްޖެއެވެ. އެމީހުން ދިޔައީ އިންޒާރު ދީފައެވެ. ދަނޑުބިމުގައި ރޯކޮށްލާނެކަމަށް ބުނެއެވެ. އަހުރެންގެ އަންހެންދަރިފުޅު ، ވަގަށްނަގާނެކަމަށްވެސް ، މާލިކުގެ ދަރިފުޅު ބުންޏެވެ. " ރޮމުންރޮމުން އިބްރާހީމް ވާހަކަ ދައްކަމުން ގެންދިޔައެވެ.
އޭނާގެ ދަރިފުޅުގެ ދިރިއުޅުން ސަލާމަތްކޮށްދިނުން އެދި ، ދެއަތް ޖޯޑުކޮށް އިބްރާހީމް އާދޭސް ކުރަމުން ގެންދިޔައެވެ. މުރުތަސިމްގެ ދެބުމަ ގޮށްޖެހުނެވެ. ރުޅިއާއި ނަފްރަތުން މޫނުމަތި އުދާސްވެގެން ދިޔައެވެ. މުރުތަސިމްގެ ދެފައިގާ ހިފައި އާދޭސްކުރަމުން ގެންދިޔަ އިބްރާހީމް ކޮޅަށް ނެގިއެވެ. އަދި ، އިބްރާހީމްގެނެސް އޭނާގެ ކާރަށް އަރުވައި ދުއްވައިލިއެވެ.
މާލިކުމެންގޭގެ ސިޓިންރޫމުގައި ، އޭރު ސައްލާ ކުރެވެމުން އެދަނީ ، އެ ދަނޑުބިން އަތުލައިގަންނާނެ ގޮތަކާ ބެހޭގޮތުންނެވެ. މުރުތަސިމަކީ ، އެހާ ފަސޭހައިން ، އެ ދަނޑުބިން ދޫކޮށްލާނެމީހެއްނޫންކަން އެމީހުންނަށް އެނގެއެވެ. ކޮންމެގޮތެއް ހަދާފައިވެސް ، އެބިން މުރުތަސިމްގެ އަތުން އަތުލައިގަންނަން މާލިކު ވަނީ ނިންމާފައެވެ. އޭނާ އެކަން ކުރާނެއެވެ. ވާހަކަ ދައްކައިގެން އެކަމެއް ޙައްލެއް ނުވިއެވެ. ވާހަކަ ދައްކަން އަންނާކަށްވެސް މުރުތަސިމަކަށް ނުކެރުނެވެ.
މުރުތަސިމް އައިސް ، މާލިކުގެ ގެޔަށް ވަނުމާއެކީ ، އެގޭގެ ސެކިއުރިޓީން ދިއްކުރި ބަޑިޔަށް ޖަވާބުދިނީ މުރުތަސިމްގެ ހަށިފާރަވެރިންނެވެ. މުރުތަސިމް އައިގޮތަށް އައިސް ، ގޭތެރެޔަށް ވަނެވެ. އޭނާއާ ކުރިމަތިލި ސެކިއުރިޓީގެ ކަރުގައި ހިފާ ބިންމައްޗަށް ވައްޓައިލުމާއެކީ ، އޭނާ އެއައީކަމަށް މުރުތަސިމް ބުންޏެވެ. އޭނާ އެއައީ ކީއްކުރަންތޯ މާލިކު ސުއާލު ކުރިއެވެ.
" ބައްދަލުކުރަން ނައިސް އަހަރެން ފިލައިގެން އުޅޭވާހަކަ ދެންމެ ބުނީ މާލިކު ނޫންހެއްޔެވެ؟ އަހަރެން މިއައީ މާލިކުގެ ދަޢުވަތަށެވެ. އެކަމަކު ދާނީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައެވެ. " ލިޔުމެއް ދިއްކޮށްލަމުން މުރުތަސިމް ބުންޏެވެ.
އެ ލިޔުމަކީ ، މާލިކުގެ ބޭބެ ނިޔާވުމުގެ ކުރިން ، ބިންވިއްކައި ، މުރުތަސިމްގެ ނަމަށް ، އެބިން ބަދަލުކޮށްފައިވާކަމުގެ ރަސްމީ ލިޔުމެވެ. އެހެނަސް ، އެލިޔުން މާލިކު ޤަބޫލެއް ނުކުރެއެވެ. އެއީ ، މުރުތަސިމަށް މައްސަލައެއްނޫނެވެ.
އެކަމާބެހޭގޮތުން މާލިކަށް ކުރެވެންހުރި ކަންކަން މުރުތަސިމަށް އެނގޭތޯ މާލިކު ސުއާލު ކުރިއެވެ. މާލިކުގެ އަޑުގައިވާ ބޮޑާކަމާއި ޖަދަލުކުރުމުގެ ރާގުން ، މާލިކަށް ކުރެވޭނެ ކަންކަމުގެ މައްޗަށް ވިސްނާކަށް ، މުރުތަސިމް ބޭނުމެއް ނުވިއެވެ. ދެމީހުންނަކީވެސް ސިޔާސީގޮތުންނާއި މުއްސަނދިކަމުގެ ގޮތުން ބާރުގަދަ ދެމީހުންނެވެ. ދަނޑުބިމުގެ މައްސަލާގައި ދެހަތުރުންނަށް ވެފައިތިބި ދެމީހުންނެވެ.
މާލިކުގެ ދަރިފުޅަށް ، ހަމަ އެވަގުތު ގޮވައިލުމަށް މުރުތަސިމް ، އަމުރުކުރިއެވެ. މާލިކުވެސް ، އެނާގެ ދަރިފުޅު ޒުބައިރަށް ތިރިޔަށް އަންނަ ބުނުމަށް ނޯކަރަކަށް އަމުރު ކުރިއެވެ. އިސާހިތަކު ، ޒުބައިރުވެސް އެތަނަށް އައެވެ. އިބްރާހީމަށް މުރުތަސިމް ގޮވައިލިއެވެ. އަދި ، ކުރިމަތީ އެހުރީ އިބްރާހީމުގެ ދަރިފުޅު ވަގަށް ނަގާނެކަމަށް ބުނެ އިންޒާރުދިންމީހާތޯ ސުއާލު ކުރިއެވެ.
އިބްރާހީމް އާއެނކޭ ބުނުމާއެކު ، ޒުބައިރާ ދިމާލަށް މުރުތަސިމް ފުންމައިގަނެ ، އޭނާގެ އަތުގައިވާ ފިސްތޯލަ ، ޒުބައިރުގެ ބޮލަށް އަމާޒު ކުރިއެވެ. އަންހެންކުދިންނާއި އަންހެނުން ، އެމީހުންގެ މައްސަލަތަކުގެ މެދަށް ނުވައްދާ ، ފިރިހެނަކަށްވުމަށް މުރުތަސިމް ބުންޏެވެ.
" މީގެފަހުން ، އަހަރެންގެ ދަނޑުބިމަށް އަދި އެ ދަނޑުބިމުގައި މަސައްކަތްކުރާ މީހަކާދިމާލަށް ވށްކަޅޮޔަކުން ބަލައިލިނަމަވެސް ، ޒުބައިރުގެ މަންމަގެ ނަމުގައި އަހަރެން ބުނަމެވެ. އެ ދަނޑުބިމުގައި އަހަރެން ޒުބައިރު ވަޅުލާނަމެވެ. އެބިމުގައި ވަޅުލެވިގެން އޮވެ ، ދަނޑުބިން ބަލަހައްޓަން އޮންނާށެވެ. " މުރުތަސިމް ބުންޏެވެ.
މުރުތަސިމް ، ފަހަތަށް އެނބުރިލައި އެގެއިން ނުކުންނަން ހިނގައިގަތުމަށްފަހު ، ދޮރާހިސާބަށްގޮސް ހުއްޓުނެވެ. ފަހަތަށް އެނބުރި މާލިކާ މުޚާޠަބު ކުރިއެވެ. މިފަހަރު އޭނާ އެއައީ ވާހަކަ ދައްކާށެވެ. ދެވަނަ ފަހަރަށް އެގެޔަށް އަންނަން އޭނާއަށް މަޖުބޫރު ނުކުރުމަށް މުރުތަސިމް އެދުނެވެ. ދެވަނަ ފަހަރަށް އަންނަން ޖެހިއްޖެނަމަ ، މާލިކު އޭނާގެ ދަރިފުޅަށް ގޮވައިލާއިރަށް ، އަންނާކަށް ޒުބައިރެއް ނުހުންނާނެކަމުގައި އަންގައި އިންޒާރު ދިނެވެ.
މުރުތަސިމްގެ ޢަމަލާއި ބަސްމަގު ހުރިގޮތުން ، ޒުބައިރަށްވެސް ހުރެވެނީކީ ނޫނެވެ. އޭނާވެސް ހުރީ ރުޅި އައިސް ރަތްވެފައެވެ. މުރުތަސިމަށް ޖަވާބުދޭން ޒުބައިރުވެސް ބޭނުންވިއެވެ. އެހެނަސް ، އެތާތިބި އޭނާގެ ބައްޕަގެ ރައްޓެހިން އެކަން މަނާކުރިއެވެ. އެއީ ބަދަލު ހިފުމަށް ރަނގަޅު ވަގުތު ނޫންކަން ، ޒުބައިރަށް ވިސްނައިދެމުން ގެންދިޔައެވެ.
މީރަބްއަކީ ، ޙައިދަރުއާބާދުގައި މަޝްހޫރު ޤާނޫނީ ވަކީލެއްކަމުގައިވާ ވައްޤާސްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަފަދައިން ، ޤާނޫނު ކިޔަވަން މީރަބްވެސް ބޭނުންވެއެވެ. ކޮންމެ ދުވަހަކުވެސް މީރަބް ، އޭނާގެ ބައްޕަޔަށް އެކަން ހަނދާން ކޮށްދެއެވެ. އޭނާގެ ދަރިފުޅަށް އެކަން ކޮށްދޭން ، ވައްޤާސްވެސް ބޭނުން ވެއެވެ. އެހެންނަމަވެސް ، އެއީ ހަމައެކަނި އޭނާގެ އަތްމަތީ އޮތްކަމެއްނޫނެވެ. އެކަން ، އޭނާގެ ދަރިފުޅަށް ހަމަޖައްސައިދެވެން އޮތް ހަމައެކަނިގޮތަކީ ، މީރަބް ޤާނޫނުކިޔަވަން ، އޭނާގެ ސާހިބު މީހާ ، އަންވަރާއި ފަހަރި ، ޚާނަމް އެކަމަށް އެއްބަސްވުމެވެ. އެކަމުގެ ހުއްދަޔަށް އެދި ، އޭނާމިހާރުވަނީ ، މީރަބް ބައިވެރިކުރަން ބޭނުންވާ ޤާނޫނީ ކޯހުގެ މަޢުލޫމާތު އެމީހުންނާ ހަމަޔަށް އަޙްމަދު އާބާދަށް ފޮނުވާފައެވެ. އެމީހުން އެކަމަށް ހުއްދަދިންހާ އަވަހަކަށް ، އޭނާގެ ދަރިފުޅަށް އެކަން ކޮށްދޭނެއެވެ. މިހާރު އިޢުލާންކޮށްފައިވާ ކޯހުގައި ، މީރަބް ބައިވެރިކުރުމަށް ، ކުރަންޖެހޭ ހުރިހާކަމެއް ، އޭނާދަނީ މީރަބަށް ނާންގައި ކުރަމުންނެވެ.
އެވަރުގެ ކަމަކަށްވެސް ، އަންވަރުމެންގެ ހުއްދަ ހޯދަންޖެހޭތީ ، މީރަބް ހުރީ ހިތްހަމަ ނުޖެހިފައެވެ. ތުއްތުއިރުއްސުރެ ފެށިގެން ، މީރަބްގެ ކޮންމެ ކަމަކަށް ، ވައްޤާސް ދަނީ އެމީހުންގެ ހުއްދަ ހޯދަމުންނެވެ. އެއީ ، ކުޑައިރުއްސުރެ މީރަބް ކުރަމުން އަންނަ ޝަކުވާއެކެވެ. މީރަބުގެ ޅަ ސިކުނޑިޔަށް ޤަބޫލުކުރެވޭ ގޮތުގައި ، އަންވަރުމެންނަކީ ، އެމީހުންގެ އަމިއްލަގޭގެ އަމުރު މަޢުރޫފް ހިންގަންޖެހޭ ބަޔެކެވެ. އަމުރުކުރާނީ އެމީހުންގެ ނޯކަރުންނަށެވެ. މީރަބްމެންގެ ގެއާއި ދިރިއުޅުމުގެ ކަންކަމުގައި އެމީހުންނަށް ގޮތްނިންމުމުގެ ޙައްޤު އޮތުމަކީ ، މީރަބްގެ ހިތުގައި އޮންނަ ޖަވާބެއްނުލިބޭ ސުއާލެކެވެ.
ވައްޤާސް ، އޭނާގެ ދަރިފުޅު ބޭނުންވާ ހުރިހާކަމެއް ފުރިހަމަކޮށްދޭނެއެވެ. އަންވަރުމެން އެކަމަށް ނޫނެކޭ ބުނެފިނަމަ ، އެމީހުންގާތަށްގޮސް އާދޭސްކޮށްގެންވެސް ، މީރަބަށް އޭނާ އެކަން ފުރިހަމަކޮށްދޭނެއެވެ. އެކަހަލަ ޖަވާބެއްދީގެން ، މީރަބް ހިތްހަމަ ޖައްސައިދިނުމަކީ ، ވައްޤާސްގެ އާދައެކެވެ. ބައެއްފަހަރަށް ބައެއްކަންކަން ކާމިޔާބު ވެއެވެ. އަނެއްބައިފަހަރަށް ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހެއެވެ.
ޚާނަމްއަކީ އަންވަރުގެ މަންމައެވެ. މުޅި އެއަވަށުގެ އަންހެނުންގެ ބެލެނިވެރިއެއްހެން ، އެމީހުންނާ ކުރމަތިވާ ކަންކަމުގެ ޙައްލު ހޯދަން އަންނަނީ ޚާނަމްގާތަށެވެ. މިއަދަކީވެސް ، އެއަވަށުގެ އަންހެންވެރިން ، އެމީހުންގެ މައްސަލަތަކުގެ ޙައްލު ހޯދުމަށް ޚާންއާ ބައްދަލު ކުރުމަށް އެގެޔަށް އައި ދުވަހެކެވެ.
ނޯކަރެއްގެ ކުޑަދަށުގައި ބޮޑާ ހިނގުމެއްގައި އައިސް ، އެއްވެފައިވާ އަންހެނުންނާ ކުރިމަތިލައި ، އޭނާއަށް ޚާއްޞަވެފައިހުރި ގޮނޑީގައި ޚާނަމް އިށީނދެލިއެވެ. އެވަގުތު ތިންމީހަކު ، އެމީހުންގެ މައްސަލަ ހުށަހެޅުމަށް ޚާނަމްގެ ކުރިމައްޗަށް އައެވެ. އެތަނުން އެކަކީ ، އަނެއް ދެއަންހެނުންގެ މައިދައިތައެވެ. މައްސަލައިގެ ޙައްލު ހޯދަންޖެހެނީ އޭނާއެވެ.
" މި ދެ އަންހެނުންނަކީ ، އަޅުގަނޑުގެ ދެ ޅީދަރިންނެވެ. މިދެމީހުންގެ މެދުގައި އޮތް ޙަސަދަވެރިކަމަކާ ގުޅިގެން ، އަޅުގަނޑުގެ ދެ ފިރިހެންދަރިން މިހާރު ތިބީ ދުޝްމަނުންނަށް ވެފައެވެ. " އެ އަންހެނާ ބުންޏެވެ.
އެ އެއްވުމުގައި ޚާނަމަށް ހުށަހެޅޭ ކަންކަމާ ގުޅިގެން ، ޚާނަމް ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ، އެތަނަށް އެއްވެތިބި އެންމެންވެސް ޤަބޫލު ކުރާނެއެވެ. ޚާނަމްގެ ނިންމުމަކީ ، ﷲ ގެ ރުއްސެވުން ލިބިގެންވާނެ ނިންމުމެކެވެ. އެމީހުން އެތަނަށް އައިސް އެތިބީ އެކަމަށް ރުހި ، ހިތުގެ އަޑިން އެކަން ޤަބޫލު ކޮށްގެންނެވެ.
ދެފަހަރިންގެ ތެރެއިން އެކެއްގެ މައްސަލަޔަކަށްވަނީ ، އޭނާ އަންހެންދަރިޔަކު ވިހޭތަނުން އަނެއް އަންހެނާ އެކުއްޖާއަކީ ، އޭނާގެ ޅީދަރިކަމަށް ނިންމައިގެން ހުރުމަށްފަހު ، އޭނާގެ ބަސް އަނބުރާ ރައްދު ކުރުމެވެ. އަދި މިހާރު ބޭނުންވަނީ ، އޭނާގެ ދައްތަގެ އަންހެންދަރިޔަކާ ފިރިހެންކުއްޖާ ދެވުމަށެވެ. އެއީ އަނިޔާއެއްކަމަށްވާތީ ، އޭނާ ބޭނުންވަނީ އެކަން ހުއްޓުވައި ، ޢަދުލުވެރި ނިންމުމެއް ކަނޑައަޅައި ދިނުމަށެވެ.
އެއީ އެކަން ހިނގަމުންދާ ގޮތްތޯ ، އެދެފަހަރިންގެ މައިދައިތައާ ސުއާލުކޮށްގެން ޚާނަމް ސާފުކުރިއެވެ. ދެފަހަރިންނާ ސުއާލު ކުރުމުން ސާފުވީ ، ފިރިހެންކުއްޖާ ހުރީ އަނެއް ފަހަރީގެ އަންހެންދަރިއާ ކައިވެނިކުރަން ބޭނުންވެފައި ކަމުގައެވެ. އެކަމަކު ، އެ އަންހެނާ ގޮތް ދޫނުކޮށް ، އޭނާގެ ފިރިހެންދަރި ، އެއަންހެނާގެ ދައްތަގެ އަންހެންދަރިއާ ކައިވެނިކުރަން ބޭނުންވެ ، ގޮތްދޫނުކުރަނީ ކަމުގައެވެ.
" ފިރިހެނަކަށްވިޔަސް އަދި އަންހެނަކަށްވިޔަސް ، ބުނާބަހުގެ އިތުބާރު ދަމަހައްޓަން ޖެހޭނެއެވެ. އެކަން ޤާއިމްކުރުމަކީ އަހަރެންގެ ޒިންމާގައިވާ ކަމެކެވެ. ފިރިހެންކުއްޖާ ބޭނުންވާގޮތް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ. ފިރިހެންކުއްޖާގެ ނުރުހުމުގައި ކަލޭގެ ފިރިހެންދަރިފުޅު ، އެހެން އަންހެނަކާ ކައިވެނި ކުރުވައިގެން ނުވާނެއެވެ. " ޚާނަމްގެ ނިޔާ އިއްވިއެވެ.
ތިންއަންހެނުންވެސް ، އެތަނުން ނުކުމެގެން ދިޔައީ ، ޚާނަމްގެ ނިންމުން ޤަބޫލުކޮށް ، އެގޮތަށް ޢަމަލުކުރުމަށް އެއްބަސްވެގެންނެވެ.
އަންވަރު އެތަނަށް އައިސް ، އޭނާގެ މަންމަ ޚާނަމްއަށް ގަނޑެއް ދިއްކޮށްލިއެވެ. އެއީ ، މީރަބްގެ ބައްޕަ ، މީރަބް ޤާނޫނު ކިޔެވުމުގެ ހުއްދަ ހޯދުމަށް ހުށަހެޅި މަޢުލޫމާތެވެ. އަންވަރު ބެލީ ، އެއީ އޭނާއަށް ކުރެވުނު މަލާމާތެއްގެ ގޮތުގައެވެ. ޚާނަމަށްވެސް ޤަބޫލުކުރެވުނީ ، އެއީ އެމީހުންނަށް ، ވައްޤާސްކުރާ ޖެއްސުމެއްގެ ގޮތުގައެވެ. އެ ޢާއިލާގެ އަންހެންކުއްޖަކު ޤާނޫނީ ވަކީލަކަށްވެގެން ޝަރީޢަތުގެ މަޖިލީހަށްގޮސް ކޯޓްރޫމްގައި ވަކާލާތުކުރަން އުޅުމަކީ ، މުޖުތަމަޢުގައި އެ ޢާއިލާގެ ޤަދަރު ގެއްލި ތަޞައްވުރު ކިލަނބުވެގެންދާނެ ކަމެކެވެ. އެއީ ، މުއްސަނދި ޢާއިލާތަކުގެ އަންހެންކުދިން އަދާކުރާކަހަލަ ވަޒީފާއެއް ނޫނެވެ. އެގޭގައި އުޅޭ ، ޙަޔާ އާއި މަރިޔަމްވެސް ، އަދިވެސް އެ ކިޔަވަނީއެވެ. ފުރަތަމަ ޑިގްރީ ނިންމާފައި މާސްޓަރސްވެސް ހަދަންވީއެވެ. އެކަމަކު ، ޤާނޫނެއްނޫނެވެ. އެއީ ޚާނަމް ހުއްދަދޭނެކަމެއް ނޫނެވެ.
އަންވަރުގެ އެދުމާވެސް އެކީ ، އޭނާ ކަރާޗީއަށް ފޮނުވަން ، ޚާނިމް ނިންމިއެވެ. އަދި ، މީރަބް އެ ބޭނުންވާ ޤާނޫނީ ވަކީލުކަން ކިޔެވުން ހުއްޓުވުމަށް އަންވަރަށް އެންގިއެވެ. އެޢާއިލާގެ އަންހެންދަރިން ، ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތު ކުރުމަކީ އޭނާ ހުއްދަކުރާނެ ކަމެއްނޫނެވެ. އަންވަރު ދާންވާނީ ، މުރުތަސިމްވެސް ގޮވައިގެން ކަމުގައި ޚާނަމް ނިންމިއެވެ.
ބޭރުގައި އުޅެފައި މީރަބް ގެޔަށް އައިސްވަދެ ، ފެންތަށްޓެއް ގެނެސްދިނުމަށް ބުނުމުން ، ނޯކަރުގެނައި ފެންތަށީގައި ހިފަން ދިއްކޮށްލި އަތް ޖެހުނީ ، ނޯކަރުގެ އަތުގައި ހުރި ޒަޚަމްތަކުގައެވެ. އެއީ ، އެނިކަމެތި އަންހެނާގެ ފިރިމީހާ ދީފައިވާ އަނިޔާ ތަކެކެވެ. އެފިރިހެނާއަށް ލިބިފައިވާ އޭނާގެ އަންހެންދަރިފުޅު އޭނާއަތުން ޖަހައިގަނެގެން ގެންދިޔަތަނެއްވެސް ނޭނގެއެވެ. އޭނާގެ ދަރިފުޅު ، އޭނާއަށް ހޯދައިދިނުން އެދި ، އެނޯކަރު ، މީރަބަށް އާދޭސްކުރަން ފެށިއެވެ. އެ އަންހެނާގެ ފިރިމީހާ ވީތަނެއް އެނގޭތޯ މީރަބް ސުއާލު ކުރިއެވެ. އޭނާގެ ޖަވާބާއެކީ ، މީރަބް އެއަންހެނާގެ އަތުގައި ހިފައި ، އެތަނަށް ދިއުމަށްޓަކައި ނުކުތެވެ.
އެއަންހެނާ އެބުނިތަނަކީ ، ފިރިހެންވެރިން އެއްވެ މަޖާކުރާ ތަނެކެވެ. އެތަނުގައި ނުކުރާ ކަމެއް ނޯވެއެވެ. ފިރިހެނާހުރީ މައިމަގުމަތީ މީހަކާ ޒުވާބު ކުރާށެވެ. މީރަބްގެ ނަޞޭޙަތް އަޑުއަހައި ، އެއަންހެނާ ، ފިރިމީހާގެ ގާތަށް ޖެހިލައި އޭނާގެ އަތުގައިއޮތް ލަޓިބުރި ދަމައިގަތެވެ. އެއީ ، އެއަންހެނާގެ ގައިގައި އެފިރިހެނާ ތެޅި ލަޓިބުރިއެވެ. އޭނާގެ ދަރިފުޅު ކޮބައިތޯ އަހައި ، އެންމެންގެ ތެރޭގައި ، ފިރިމީހާގެ ގައިގައި އެއަންހެނާ ، ލަޓިބުރިން ތަޅަން ފެއްޓިއެވެ. އޭނާ އެދަރިފުޅު ވިއްކާލައިފިކަމަށްބުނެ ، އަންހެންމީހާއާ ދިމާލަށް ހަޅޭއްލަވަމުން ، ތަޅަމުން ގެންދަނިކޮށް ، ފިރިހެނާ އެދަނޑިބުރި އަތުލިއެވެ. އެވަގުތު ، އެތަނަށް ސިފައިންވެސް އައެވެ. ވެގެން އުޅޭގޮތް ސިފައިންނަށް ސާފުކޮށްދިނީ މީރަބެވެ. އަންވަރުމެންނަށްވެސް އެވަގުތު އެހިސާބަށް އާދެވުނެވެ. ކާރުގެ ކުޑަދޮރު ހުޅުވައި މުރުތަސިމް ބަލައިލިއިރު ، އޭނާއަށް ފެނުނީ ، މީރަބް ލަޓިބުރިއެއް ހިފައިގެން ހުއްޓައެވެ. މީރަބް ގާތަށްވެސް ހުރީ ރުޅިއައިސް ރަތްވެފައެވެ. ފިރިހެނާގެ އަތުގައި އޮތް ލަޓިބުރި އަތުލައި ، އޭނާގެ ގައިގައިޖަހަން މީރަބް ހޫރައިލި ލަޓިބުރީގައި މީހަކު ހިފެހެއްޓިއެވެ. މީރަބް ބަލައިލިއިރު ، އެއީ މުރުތަސިމެވެ. ( ނުނިމޭ )
ޝުކުރިއްޔާ ވވވވ ރީތި