ބަނގުރާ ގެންގުޅުނު ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި

ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މޮޓީ މިއާ، ބަންގްލަދޭޝް (38އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިމަހުގެ 8 ވަނަ ދުވަހު މާލޭ މަގުމަތިންނެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މޮޓީ މިއާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި، 500 އެމްއެލްގެ 115 ފުޅި ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް އޮތް އަނެއް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ ކަމަށާއި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް، ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯރޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.