ވިހަ ތީރު (110)

( 6 މޭ  2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ގޭދޮރުމަތިން ދިލްނަޝީނާ ދިމާވީ ސެކިއުރިޓީއަކާއެވެ. ސެކިއުރިޓީ ބުނިގޮތުގައި ، ޙައިދަރުވެސް އަދި ސާރާވެސް އުޅެނީ މަންމަ މާބޮޑަށް ބަލިވެގެން ، މަންމަ ގޮވައިގެން ހޮސްޕިޓަލުގައެވެ. ރޭގަނޑު ނިދަން ޙައިދަރު ގެޔަށް އާދެއެވެ. ދިލްނަޝީން މަޑުމަޑުން ގޮސް ގޭތެރެޔަށްވަދެ ، މައްޗަށް އަރަންހުރި ސިޑީގެ މެދުގައި މަޑުކޮށްލިއެވެ. ކުރިމަތީ ބެހެއްޓިފައިހުރި ، ދިލްނަޝީނާއި ޙައިދަރުގެ ފޮޓޯއަށް ބަލަހައްޓައިގެން ހުރެ ، ސިޑިމަތީ ދިލްނަޝީން އިށީނދެލިއެވެ.

ކުޑައިރުކޮޅެއްވީތަނާ މީހަކު ހަޅޭއްލަވައިގަތްއަޑަށް ދިލްނަޝީން ސިއްސައިގެން ދިޔައެވެ.

" މިތާ ތިކުރަނީ ކީއް ހެއްޔެވެ ؟ މީކީ ދިލްނަޝީނަށް ޖާގައެއް އޮތް ގެޔެއްނޫނެވެ. "

އެ އަޑު އިވުމާއެކީ ، ދިލްނަޝީން ލޯހުޅުވައިލިއެވެ. ކުރިމަތީ އެހުރީ ޙައިދަރެވެ. އޭނާ އެއައީ ، އޭނާގެ ގެޔަށްކަމުގައި ދިލްނަޝީން ބުންޏެވެ. ޙައިދަރު ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. މިހާރު އެއީ ، ދިލްނަޝީންގެ ގެޔެއްނޫންކަމަށް ޙައިދަރު ބުންޏެވެ. އެހެންނަމަވެސް ، މިހާރުވެސް އޭނާ އެއިނީ ޙައިދަރާއެކު ކުރި ކައިވެނިމަތީ ، ޙައިދަރުގެ އަނތްބެއްގެ ގޮތުގައިކަމަށް ދިލްނަޝީން ބުންޏެވެ. އެގޭގެ ފާރުތަކުގައި އެހުރީ ދިލްނަޝީނާއި ޙައިދަރުގެ ކައިވެނީގެ ފޮޓޯ ތަކެވެ. ގޭގެ ނޯކަރުން ، ދިލްނަޝީނަކީ އަދިވެސް ޙައިދަރުގެ އަނބިމީހާކަމަށް ޤަބޫލު ކުރެއެވެ.

" އާނއެކެވެ ! އެއީ އަހަރެންގެ ކުށެވެ. އަހަރެންގެ ޙަޔާތުން ދިލްނަޝީން ބޭރުކޮށްލުމަށްޓަކައި އަހަރެންނަށް ވަގުތު ނުލިބުނީއެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރާ ވަކިވާން އޭނާ ބޭނުން ނުވާކަމުގައި ދިލްނަޝީން ބުންޏެވެ. އެހެންނަމަވެސް ، ދިލްނަޝީނާއެކީ އިތުރަށް ދިރިއުޅޭކަށް ޙައިދަރު ބޭނުމެއްނޫނެވެ. ދިލްނަޝީން އިންތަނުން ތެދުވިއެވެ. އެދެމީހުންގެ ދިރިއުޅުމުގެ ނިންމުން އޭނާގެ އަތްމައްޗަށް ޙައިދަރު ދޫކޮށްލާފައި އޮތްކަން ، ދިލްނަޝީން ހަނދާން ކޮށްދިނެވެ. ދިލްނަޝީނަށްވެސް ޙައިދަރު ކަމެއް ހަނދާން ކޮށްދިނެވެ. އެއީ އޭނާގެ ޙަލާލު އަނބިމީހާގެ ގޮތުގައި އޭނާގެ ދަރިޔަކަށް ބަލިވެ އިނދެ ހުރެ ، ޙަމްޒާއާ ބައްދަލުކުރުމަށް ދިޔަ ނިންމުމަކީ ، ދިލްނަޝީންގެ ނިންމުން ކަމަށާއި އެހިސާބުން ހުރިހާކަމެއް އެއޮތީ ނިމިފައިކަމަށް ޙައިދަރު ބުންޏެވެ. ދިލްނަޝީން ތެދުވެގެން އައިސް ޙައިދަރާގާތަށް ޖެހިލިއެވެ.

" އަހަރެންނަށް އިތުބާރުކޮށްފައި އަހަރެންގެ ބަސް ޤަބޫލުކުރާށެވެ. އަހަރެން ޙަމްޒާއާ ބައްދަލުކުރަން ދިޔައީ ، ޙަމްޒާއާ ހުރިހާ ގުޅުމެއް ކަނޑާލައި ، ޙަމްޒާއާ ވަކިވުމަށެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އެގެޔަށް އައިއިރު ، ހުރިހާކަމެއް ނިމި ޚަލާޞްވެފައިވާކަމުގައި ޙައިދަރު ބުންޏެވެ. އެހެން ނުހަދާ އޭނާއަށް އިތުބާރުކުރުމަށް ދިލްނަޝީން ރޮމުން ، އާދޭސްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ދެން އިތުރަށް ، ދިލްނަޝީނަށް އިތުބާރު ނުކުރާނެކަމަށް ޙައިދަރު ބުނެ ، ހަމަ މިހާރު އެގެއިން ނުކުމެގެން ދިއުމަށް ދިލްނަޝީނަށް އަމުރު ކުރިއެވެ.

އެގެ ދޫކޮށްލާފައި އެހެންތާކަށް ނުދާނެކަމަށް ދިލްނަޝީން ބުންޏެވެ. އެހެންނަމަވެސް ، އެގޭގައި ދިލްނަޝީނަށް އެއްވެސް ޖާގައެއް މިހާރު ނެތްކަމުގައި ޙައިދަރު ބުންޏެވެ.

" ޙައިދަރެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ. އަހަރެން ދިޔައީ ހުރިހާކަމެއް ނިންމައި ، ޙަމްޒާއާ ވަކިވާކަން ޙަމްޒާއަށް އެންގުމަށެވެ. އެކަމާ ރުޅިއައިސްގެން ، ޙަމްޒާ އެ އެކްސިޑެންޓް ކުރުވީއެވެ. އެކަމާ ގުޅިގެން އަހަރެމެންގެ ދަރިފުޅު .... "

ދިލްނަޝީންގެ ވާހަކަ ޙައިދަރު ހުއްޓުވިއެވެ. އަހަރެމެންގެ ދަރިފުޅު ނޫންކަމަށާއި އެއީ ޙައިދަރުގެ ދަރިފުޅުކަމަށް ބުނާށޭ ބުނެ ޙައިދަރު ހަޅޭއްލަވައިގަތެވެ.

" އެއީ އަހަރެންގެ ދަރިއެކެވެ. އެދަރިފުޅުވެސް ދިލްނަޝީން ތިއައީ ، ދިލްނަޝީންގެ ލޯބިވެރިޔާއާ ދެމީހުންވެގެން ނައްތައިލާފައެވެ. އެކަމުން އަހަރެންނަށް ލިބޭނެ ތަކުލީފު ދިލްނަޝީނަށް އިޙްސާސްވޭ ހެއްޔެވެ ؟ އެ ފިރިހެންކުއްޖާގެ މަންމަ ، ހޮސްޕިޓަލްތެރޭ އެންމެންގެ ކުރިމަތީ އަހަރެންނާ ދިމާލަށް ކީ އެއްޗެތީގެ އަޑެއް ދިލްނަޝީނަކަށް ނީވޭނެއެވެ. ރައްދުގައި އަހަރެން ޗުއްޕުވެސް ނުބުނަމެވެ. މަރަށް ތައްޔާރުވެފައި އިން އަހަރެންގެ މަންމަ ، އެ އަންހެނާގެ ބަސްތަކުން ހިތްފަޅައިގެން ދިޔައެވެ. އަހަރެންގެ ހިތަކީ އެހާ ވަރުގަދަ އެއްޗެއްނޫނެވެ. މިހުރިހާކަމެއް އަހަރެންނަކަށް ތަޙައްމަލެއް ނުކުރެވޭނެއެވެ. އަހަރެންގެ ކުރިމަތިން ދިލްނަޝީން ދުރަށް ދާށެވެ. އަހަރެންނަކަށް ދެނެއް ކެތެއް ނުކުރެވޭނެއެވެ. " ޙައިދަރު ބުނަމުން ގެންދިޔައެވެ.

އޭނާއަށް މަޢާފު ކުރުމަށްއެދި ، ދިލްނަޝީން އާދޭސްކުރަމުން ގެންދިޔައެވެ. އެއިން އެއްވެސް ކަމަކީ ، ދިލްނަޝީންގެ ކުށުން ހިނގި ކަންކަމެއްނޫނެވެ. ބައެއްކަންކަމަކީ ، މަޢާފު ކުރެވޭވަރަށްވުރެ ބޮޑެތި ކަންކަންކަމުގައި ޙައިދަރު ބުންޏެވެ. ދިލްނަޝީން އެކުރީ މަޢާފު ކުރެވޭވަރުގެ ކަމެއްނޫނެވެ. އެހުރިހާކަމެއް ބަރުބާދު ކޮށްލީ ދިލްނަޝީންގެ އަމިއްލަ އަތުންނެވެ. ޙައިދަރުގެ ދިރިއުޅުމާއި އެގޭގެ ހަމަޖެހުން ، ނަގައިލީ ދިލްނަޝީނެވެ. މަންމަގެ ބަލިހާލަތު އިތުރަށް ބޮޑުވެ ، ހޮސްޕިޓަލްގައި ބާއްވަން ޖެހުނީ ދިލްނަޝީންގެ ޢަމަލު ތަކުންނެވެ. ދިލްނަޝީން އެގެޔަށް އެއައީ އޭނާގެ ދަރިފުޅުވެސް މަރައިލާފައެވެ.

އޭނާ އަމިއްލަގަޔަށް ބަޑިޖަހައި މަރުނުވަނިސް އެގެއިން ނުކުމެގެން ދިއުމަށް ޙައިދަރު އެދުނެވެ. އަދި ، ދިލްނަޝީންގެ އަތުގައި ހިފައި ދޮރާދިމާލަށް ދިލްނަޝީން ހޫރައިލުމާއެކީ ، ދިލްނަޝީން ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. ދިލްނަޝީންގެ ގައިގެ އެތަން މިތަނުގައިވާ ޒަޚަމްތައް މުޅިން ފަސޭހައެއް ނުވެއެވެ. ވެއްޓުމާއެކީ ވީތަދުން ދިލްނަޝީނަށް ބާރަށް ރޮއިގަނެވުނެވެ. އެހެންނަމަވެސް ، އެތާ މަޑުނުކޮށް ޙައިދަރު ދުވެފައި ކަހަލަ ގޮތަކަށް ، ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

ހޮސްޕިޓަލުގައި އުޅުމަށްފަހު ، މެހެމަލްއާ ބައްދަލުކޮށްލުމަށްޓަކައި ފޯނުކޮށް ގަޑިއެއް ހަމަޖައްސައިގެން ޙައިދަރުދިޔައީ ، މެހެމަލްގެ ގެޔަށެވެ. ދިލްނަޝީނަށް ކުރިމަތިވި ކަންކަން ޙައިދަރު ، މެހެމަލްއަށް ކިޔައިދިނެވެ. އަޑުންއަޑުނަގާ މެހެމަލް ރޯން ފެއްޓިއެވެ. އަދި ، ދިލްނަޝީން އެގެއިން ބޭރުކޮށްލުމަށްޓަކައި އަދި ޙައިދަރުގެ ޙަޔާތަށް އެނބުރި އައުމަށްޓަކައި ، މެހެމަލް ރޭވިރޭވުންތަކާއި ، ޙަމްޒާ ހައްލައިލުމަށް މެހެމަލްދިން ނަޞޭޙަތާއި ، ދިލްނަޝީނާއި ޙަމްޒާ ގުޅުވުމަށް އޭނާ ކުރި ކަންކަން ޙައިދަރަށް ސާފުކޮށްދިނެވެ. މެހެމަލްގެ ކެހިވެރި ރޭވުންތަކާއި ، ދިލްނަޝީނަށް ދިން އިންޒާރާއި ކުރި މަލާމާތާ އަދި އަނިޔާގެ ހުރިހާ ވާހަކަތަކެއް ޙައިދަރަށް ކިޔައިދިނެވެ. ޙައިދަރަށް މެހެމަލްހެދި ދޮގުތަކާއި ޙައިދަރު ހައްލައިލުމަށްޓަކައި ކުރި ހުރިހާކަމެއްގެ ވާހަކަ ކިޔައިދިނެވެ. ކުލްސޫމަށް އޮޅުވާލައިގެން ، ކުލްސޫމްގެ ހިތުގައި އަދި ޙައިދަރުގެ ހިތުގައި ދިލްނަޝީންގެ މައްޗަށް ރުޅިއާއި ނަފުރަތު އުފެއްދުމަށްޓަކައި ކުރިހާކަމެއްގެ ވާހަކަވެސް ކިޔައިދިނެވެ.

މެހެމަލްއާ ވާހަކަ ދައްކަން ގަޑިއެއްހާއިރު ޙައިދަރު އިނެވެ. މެހެމަލްގެ ވާހަކަތައް ކިޔައިދިންދިންހެން ، ޙައިދަރުގެ ލޮލަށް އެއްވަމުންދިޔަ ކަރުނަތައް ގިނަވަމުން ދިޔައެވެ. ޙައިދަރާއި މެހެމަލްގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި އަންޞާބު އިށީނދެލައިގެން އިނެވެ. އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ، މެހެމަލް އެހުރީ ދިލްނަޝީނަށް ދީފައެވެ. ދިލްނަޝީންގެ ކުށެއްނެތްކަން ، މެހެމަލްގެ ވާހަކަތަކުން ސާބިތު ވެއެވެ. މެހެމަލްގެ ފަރާތުން ޙައިދަރުގެ ޢާއިލާއަށް އެލިބުނީ ،  އެއްވެސް ސިފައެއްގައި އަނބުރާ ހޯދައިދެވޭނެ ވަރަށްވުރެ ބޮޑު އަނިޔާއެކެވެ.

" އަހަރެން ، ތިކަމުގެ ތެރެޔަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ގާތްތިމާގެ މީހެއްގެ ޙައިޞިއްޔަތުން ، ޙައިދަރަށް ދޭން އޮތް ނަޞޭޙަތަކީ ، ދިލްނަޝީނަށް މަޢާފު ކުރުމެވެ. މެހެމަލް އެކުރި ކަމެއްގެ ޝަޒާ މެހެމަލްއަށް ލިބޭނެއެވެ. " އަންޞާބު ބުންޏެވެ.

އަންޞާބަށް ޝުކުރު އަދާކުރުމަށްފަހު ، ޙައިދަރު އެގެއިން ނުކުތެވެ. ޙައިދަރުގެ ގައިގާ ވަރެއްނެތެވެ. ސިކުނޑި މަސައްކަތެއް ނުކުރެއެވެ. މެހެމަލްގެ ޢަމަލުތަކުން ، ދިލްނަޝީންގެ އަމިއްލަ ޢާއިލާގެ މީހުންނަށްވެސް ދިލްނަޝީނަކީ އުޅުމެއްނެތް ވިޔާނުދާ މީހަކަށްވަނީ ހަދާފައެވެ. ދިލްނަޝީނަށް ލިބުނު ގެއްލުމަށްވުރެ ، އޭނާއަށް ލިބުނު ގެއްލުން ވަކި ކުޑައެއްނޫނެވެ. އެންމެބޮޑު ހިތާމަޔަކީ ، އޭނާގެ ދަރިފުޅު ދުނިޔެއަށް ނާންނަނިސް ނެތިގެން ދިއުމެވެ. މަންމަޔަށް ލިބުނު ހިތްދަތިކަން ވަކި ކުޑައެއްނޫނެވެ. މަޑުމަޑުން ކާރުދުއްވަމުން ، ޙައިދަރުދިޔައީ ހޮސްޕިޓަލާ ދިމާލަށެވެ.

ޙަމްޒާވެސް ބޭނުންވިގޮތަށް ، އޭނާއާ އަފްސިޔާގެ ކައިވެނި ހޮސްޕިޓަލްގައި ކުރުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ކުރެވެމުން ދިޔައެވެ. އެންމެ ބޮޑަށް އެކަމުގައި ނަގާކިޔާ އުޅެނީ ހާރޫނެވެ. ޙަމްޒާގެ ޙާލަތު ގޯސްވެގެން ، އޭގެފަހުންވެސް އެއްފަހަރު ، އައިސީޔޫއަށް ވައްދައިފިއެވެ. ޙަމްޒާގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. ޙަމްޒާއަށް ގޮތެއްނުވެ އޮއްވާ ، އަފްސިޔާއާ ކައިވެނިކުރެވިއްޖެނަމަ ، ހާރޫނުގެ ބޭނުން ފުދުނީއެވެ. ކައިވެނީގެ ފަހުން ޙަމްޒާ ދުނިޔޭގައި އޮތަސް އަދި ދުނިޔެއާ ވަކިވިޔަސް ، ހާރޫނަށް ތަފާތެއް ނެތެވެ. ކޮންމެ ޙާލެއްގައިވެސް ، އެކައިވެނި ކުރެވުނީމަ ، އޭނާއަށް އެ ވީއެވެ. ބުޝްރާގެ ބޭނުމަކީ ، އޭނާގެ ގޮތްދޫނުކުރުމުގެ ތެރެއިން ކަމަށްވިޔަސް ، އަދި ޙަމްޒާ ކޮންމެ ޙާލެއްގައި އޮތަސް ، އެކައިވެންޏަށް ޙަމްޒާ އެއްބަސްވީ ވަގުތު ، ޙަމްޒާގެ ކައިވެނި ކުރުވުމެވެ. އޭރަށް ދިލްނަޝީންގެ ކިބައިން އޭނާގެ ދަރިފުޅު ސަލާމަތް ކުރެވުނީއެވެ.

ކައިވެނީގެ މައުޛޫނާއި ދެހެކިން ، އަދި ހާރޫނުގެ ދެބަފައިންނާއި ބުޝްރާވެސް ،  ކައިވެނީގެ ރަސްމިއްޔާތަށް ، އައިސް ، ޙަމްޒާ ބޭއްވިފައި އޮތް ކޮޓަރީގައި ޖަމާވެފައި ތިއްބެވެ. ހާރޫން ، އޭނާގެ ދަރިފުޅު އަފްސިޔާގެ ވަލީ މައުޛޫނާ ޙަވާލު ކުރިއެވެ. ކައިވެނީގެ ރަނަކަށް ، އަފްސިޔާ ކިޔާފައިވަނީ ދެލައްކަ ރުފިޔާއެވެ. ކައިވެނީގެ ޚުޠުބާ ކިޔައި ކައިވެނި ލައިދެމުން ، އަނބި ބަލައިގަންނަންތޯ ޙަމްޒާގާތު އެހުނެވެ.  ޙަމްޒާ އޮތީ ، ވެންޓިލޭޓަރުން ނެރެގެން ގެނެސް ، ކައިވެނީގެ ރަސްމިއްޔާތަށް ތައްޔާރު ކުރުވައި ރީތި ކޮށްފައެވެ. އޭނާގެ ލޮލެއް އޭރަކުވެސް ރަނގަޅަކަށް ނުހުޅުވެއެވެ. އަނބި ބަލައިގަތުމަށް މައުޛޫނު އެދުމާއެކު ، ޙަމްޒާގެ ޖަވާބެއް ނުލިބިގެން ، ބުޝްރާ ޙަމްޒާއާ ގާތަށް ޖެހިލިއެވެ. އަދި ޙަމްޒާގެ އަތުގައި ހިފައި ފިރުމާލަމުން ، އަނބި ބަލައިގެންފީމޭ ބުނުމަށް ބުޝްރާ އެދުނެވެ. ޙަމްޒާ އޮތީ އަނެއްފަރާތަށް އެނބުރިގެންނެވެ. ޖަވާބެއް ނުދިނެވެ. ޙަމްޒާގެ މޫނު އަނބުރައިލުމަށް ، ބުޝްރާގެ އަތް ޙަމްޒާގެ އަތުން ދޫކޮށްލުމާއެކީ ، ޙަމްޒާގެ އަތް އެނދުމައްޗަށް ވެއްޓުނެވެ. އޭރު ޙަމްޒާގެ ފުރާނައެއް ނެތެވެ.

ބުޝްރާއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނެވެ. މުޅިކޮޓަރި ތެރޭ އަޑުގަދަވެގެން ދިޔައެވެ. ރިދާއާއި ބުޝްރާ ، ބައްދާލައިގެން ތިބެ ބާރަށް ރޮމުން ގެންދިޔައެވެ.

މަޑުމަޑުން ކާރު ދުއްވަމުން ޙައިދަރަށް ހޮސްޕިޓަލަށް އާދެވުނީ ، އޭނާ އަންނަން ބޭނުންވި ވަރަށްވުރެ ލަހުންނެވެ. ޑ. ޝާހިދު މިހާރު ހުންނާނީ މަންމަގެ ރިޕޯޓްތައް ހިފައިގެން އައިހެވެ. ޙައިދަރަށް ކިޔައިނުދީ ، ރިޕޯޓްގައިވާ އެއްވެސް ނަތީޖާއެއް އެއްވެސް މީހަކަށް ނުއެންގުމަށް ޙައިދަރު އޮތީ ޝާހިދު ގާތު އެދިފައެވެ. ޑިއުޓީ ގަޑިވީމަ ، ޝާހިދަކަށްވެސް އެހާ ގިނައިރު ، ޙައިދަރަކަށް އިންތިޒާރެއް ނުކުރެވޭނެއެވެ.

ދުވަމުން ކަހަލަ ގޮތަކަށް ޙައިދަރު ހޮސްލިޓަލަށް ވަދެގެން އައެވެ. އޭނާގެ ކުރިމަތިން އެ ފެނުނީ ، އެނދަކަށް ލައިގެން މީހަކު އެމްބިއުލެންސަށް ވެއްދި މަންޒަރެވެ. އޭނާ އޮތީ މަރުވެފައިކަން ، މޫނާއެކު އެޅިފައި އޮތް ފޮތިގަނޑުން ޙައިދަރު ދެނެގަތެވެ. އޭނާގެ ވަށައިގެން ތިބި އެންމެން އޭރު އަޑުންއަޑުނަގާ ރޮމުން ގެންދެއެވެ. އޭގެތެރޭގައި ބުޝްރާ ހުރިތަން ޙައިދަރަށް ފެނުނެވެ.

" އެ ފިރިހެންކުއްޖާއަކީ ، މަޢުޞޫމް އަންހެންކުއްޖަކަށް ، އެވަރުގެ ލަނޑެއްދިނީމަ ، ދެރަގޮތަކަށް ނިމިގެންދިޔަ މީހެކެވެ. މީހަކަށް ލަނޑެއްދީފައި ސަލާމަތެއް ނުވެވޭނެއެވެ. އަހަރެން ޚިދުމަތްކުރި ބަލި އަންހެނާގެ މުޅި ދުނިޔެ ބަރުބާދުވެގެން އެދިޔައީ ، އެ ފިރިހެން ކުއްޖާގެ ސަބަބުންނެވެ. " ޙައިދަރާ ދާދި ގާތުގައިހުރި ނަރުސްކުއްޖަކު ، އެހެން ނަރުސްކުއްޖަކާ ދިމާލަށް ބުނިއަޑު ޙައިދަރަށް އިވުނެވެ.

އެއީ އެއްކަލަ ޙަމްޒާއެވެ. ދިލްނަޝީނާއި ޙައިދަރުގެ ދިރިއުޅުން ބަރުބާދުކޮށްލި އަނިޔާވެރިޔާއެވެ. މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ކައިވެނީގެ ހެދުމުގައި އޮވެއެވެ. ޤާޟީއަކުވެސް އެތާހުއްޓާ ފެނުނެވެ. ޙަމްޒާގެ ކައިވެނި ކުރެވުނީއެއްކަމެއް ނުވަތަ އެއީ ، ދައްކާ ފޮނިމަންޒަރެއްނޫންކަމެއް ނޭނގެއެވެ. ކައިވެނީގެ ހެދުން އަޅައި ޒީނަތްތެރިވެގެންހުރި ޅަ އަންހެން ކުއްޖަކުވެސް އެތާ ހުއްޓެވެ. އެއީ ކާކުކަމެއް ޙައިދަރަކަށް ނޭނގެއެވެ. އެއީ ، ކާކުތޯ ބަލާކަށްވެސް ޙައިދަރު ބޭނުމެއް ނޫނެވެ.  އެއީ ކޮންމެ ގޮތަކަށް ނިމިދިޔަ ކަމެއްކަމަށް ވިޔަސް ، ޙައިދަރަށް ކީކީ ހެއްޔެވެ ؟ އެކަމަށް ވިސްނައި ފިކުރު ކުރުމަށްވުރެ ، އޭނާގެ މަންމަގެ ކަންކަމަށް ސަމާލުވުން ، މިވަގުތު ޙައިދަރަށް މާމުހިންމެވެ. ޑރ. ޝާހިދު ބުނެފައިވާ ގޮތުގައި ، ބަލައިގެން ގެންގުޅެފިނަމަ ، މަންމައަށް އަދި ދުވަސްކޮޅެއް އެބައޮތެވެ. ރަނގަޅަށް ފަރުވާ ދެވިއްޖެނަމަ ، މުޅިން ރަނގަޅުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

2 ޚިޔާލު

  1. ކެތްތެރިކަމަކީ ، އިންސާނާގެ ކިބައިގާ ލައްވާފައިވާ އެންމެ މާތް ސިފަ. ދިލްނަޝީނަށް ހެޔޮގޮތް މިންވަރު ކުރައްވާށި.

  2. ދިލްނަޝީން އުފާވެރި ބާއްޖަވެރި ރޯޝަނީ ކުރިމަގަކަށް އެދެން !މިހާރުގެ ކައިވެނި ނުރޫޅި ދަރިންލިބި ފާގަތިކަން ލިބުމަށް އެދެން! ހައިދަރަށް ހެޔޮ ވިސްނުން ދެއްވުންއެދެން
    އަސްލުވެސް މިއަދުގެ ބައި ކިޔާފާ ވަރަށްދެރަވެއްޖެ!
    ދިލްނަޝީން އަށް.ހަމްދަރުދީވެ އޯގާވެރިކަމުގެ ތިރިކޮށްލާނެ އެކަކުވެސް މިއުޑުދަށަކުނެތް! ކިހާހިތާމަވެރިކަމެއް، ވިހޭ މައިމީހާ ބޭބެ މީ ދިލްނަޝީންގެ
    ޖާނީ ދުޝްމަނުންނަށްވެއޖެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.