
(25 އޭޕްރީލް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އައްޒަޣަލް ފޭލިގެކޮޅަށް ވަދެވަޑައިގަތްއިރު ލަޝްކަރުގެ ހުރިހައި ކޮމާންޑަރުން އެތާގައި ތިއްބެވިއެވެ. އެ ބޭފުޅުން އައްޒައިޣަރީއާ ސުވާލުތައް ކުރިމަތި ކުރައްވަނީއެވެ. އޭނާ ބާރަށް ވިދާޅުވަމުން ގެންދަވައެވެ. [އަހަންނަކަށް ނޭނގެއެވެ. ސުލައިމާން ވާހަކަދައްކަން ބޭނުންވީ ހަމައެކަނި ރަސްގެފާނާއެވެ.]
އައްޒަޣަލް ވަދެވަޑައިގަތީމާ ހުރިހައި ބޭފުޅުން ހިމޭންވެވަޑައިގެންފިއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އައްޒަޣަލް ކޮމާންޑަރުންގެ ވަފާތެރިކަމުގެ ހުވައި ކުރުއްވައިފިއެވެ. އަދި ވެގެން އުޅޭ ގޮތް ވަރަށް ސާފުކޮށް އެ ބޭފުޅުންނަށް ވިދާޅުވެ ދެއްވުމަށް ފަހު ބޭރަށް ނުކުމެވަޑައިގެންފިއެވެ. ކޮމާންޑަރުންވެސް އެ ބޭފުޅެއްގެ ފޭލިގެކޮޅަށް ވަޑައިގެންފިއެވެ. މެންދުރުވީއިރު މި ޚަބަރު މުޅި ލަޝްކަރަށް އެނގިނިމިއްޖެއެވެ. މެންދުރުން އަނބުރައި ކުޑައިރުކޮޅެއް ވީތަނާ ގްރަނާދާއިން އައި ބަޔަކު ޚަބަރުގެ ޔަގީންކަން ބަދަހިކޮށް ދީފިއެވެ. މީގެ އިރުކޮޅެއް ކުރީން ކަސްތިއްޔާގެ ޝާހީ ގަނޑުވަރުގައި ދިދަ ނެގުމާއި ސެބިއްޔާ އާއި ކޯރްދޮބާގެ މިސްކިތްތަކުގައި ބަންގި ގޮވުމުގެ ހުވަފެން ދެކެމުން އައި މުޖާހިދުންގެ ސިކުނޑީގައި މިހާރު އޮތީ ރަށުގައި ހުރި އެމީހުންގެ ގެދޮރާއި އަނބިދަރީން ސަލާމަތް ކުރާނޭ ގޮތެއްގެ ފިކުރެވެ. ލޮއްޚާގެ ކާމިޔާބީގެ ޅެންތައް ހަދަމުން ދިޔަ ޅެންވެރިޔާ މިހާރު ހަދަމުން ދަނީ އަބޫ ޢަބްދުﷲގެ ޣައްދާރީގެ ޅެމެވެ. އަންދަލުސްގެ ތަގުދީރު ކުޑައިރުކޮޅަކަށް ހިނިތުންވެލުމަށް ފަހު އަނެއްކާވެސް ކަޅު ވިލާތަކެއްގެ ނިވަލަށް ވަދެ ގެއްލިއްޖެއެވެ.
ބަޝީރް ބިން ޙަސަންގެ ފަރުވާގެ ސަބަބުން ވިދިގެން އައި ދުވަހު އަބުލްޙަސަންގެ އަޑުފުޅު ރަނގަޅުވެ ވާހަކަފުޅު ދެއްކެވޭވަރު ވެއްޖެއެވެ. އެންމެ ފުރަތަމަވެސް ވިދާޅުވީ މިހެންނެވެ. [އަހަރެންގެ ދަރިފުޅާއެވެ. ތިޔަކުރީ ކީއްހެއްޔެވެ؟ ދަރިފުޅު ތިޔަ ޖަހައިގަތް ތަޚުތަކީ ތިޔަހެން ނުހެދިނަމަވެސް ދަރިފުޅުގެ އެއްޗެކެވެ. އެކަމަކު ވެރިކަމަށް އައުމުގެ އެދުމުގައި ދަރިފުޅު މިހާރު ތިޔަވަނީ އަންދަލުސްގެ އިސްލާމުންގެ ކުރިމަގު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓައިލައިފައެވެ. ދަރިފުޅާއި އަންދަލުސްގެ އިސްލާމުންގެ ބޮލާއި ކަނދުރާ ވަކިކުރުމަކީ ބައްޕަ ކުރަންޖެހޭ ކަމެއް ކަމުގައި ﷲ ނުލައްވާށިއެވެ. އަހަރެންގެ ދަރިފުޅާއެވެ. އަހަރެންގެ ޢަބްދުﷲއެވެ. މިހާރު ތިޔައީ ބައްޕަޔާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނެވެ.] އަބުލްޙަސަން އަނެއް ފަރާތަށް އެނބުރިވަޑައިގެންފިއެވެ. ކަންނެޔޮ ގާތަށް ލަފައިލައްވައި މަޑުމަޑުން ކީރިތި ކުރައްވާން ފައްޓަވައިފިއެވެ.
ދެ ދުވަހެއް ވީއިރު އަބުލްޙަސަންގެ ހަށިކޮޅަށް ވެރިވީ ވައުކަންވެސް ފިލައި ހިނގައްޖެއެވެ. އެކަމަކު ހަށިކޮޅުގައި އިހަށްހުރި ހަރާރަތެއް މިހާރަކު ނެތެވެ. އުމުރުފުޅުން ފަސްދޮޅަސް އަހަރުގައި ޒުވާނެއްގެ ބާރާއި ޖޯޝުގައި ހުންނަވާ ރަސްގެފާނު މިހާރު ވަނީ ބަލިކަށިވެވަޑައިގެންފައެވެ. ދިރިއުޅުއްވުމައި ކުރިމަތިވެވަޑައިގަތް އެންމެ ހާދިސާއެއްގެ ސަބަބުން މިހައިތަނަށް ކަނޑިއާ ކުޅުއްވުމުގައި އުޅުއްވި މުޖާހިދު މިހާރު އެ އުޅުއްވަނީ އަސާކޮޅެއްގެ އެހީގައެވެ.
ލަޝްކަރުގެ ގިނަ ކޮމާންޑަރުން ލަފާފުޅު އެރުވީ ދަތުރުފަށައިގެން ގޮސް ގްރަނާދާގެ ކައިރީ ރަށަކަށް ފޭބުމަށް ފަހު އަބޫ ޢަބްދުﷲ އަރިހަށް ވަފުދެއް ފޮނުވާށެވެ. [އޭނާ ހަމަ މަގަށް އެނބުރިވަޑައިނުގެންފިނަމަ ކަނޑީގެ ބާރުގައި ހަމަޔަކަށް އެޅުވުން ނޫން ގޮތެއް ނޯންނާނެއެވެ. ހަނގުރާމައެއްގެ ހާލަތެއް މެދުވެރިވެއްޖެނަމަ ގްރަނާދާގެ އާއްމުން އަބޫ ޢަބްދުﷲއާ ދެކޮޅުވެރިވާނޭކަން ޔަގީނެވެ. ގްރަނާދާގެ ހާލަތުގެ ސަބަބުން މި ލަޝްކަރަށް މެދުވެރިވެފައިވާ މާޔޫސީގެ ހާލަތުން އަރައިގަނެވޭން އޮތް ގޮތަކީވެސް ލަސްނުކޮށް ގްރަނާދާ ހިފުމެވެ. އަބޫ ޢަބްދުﷲ ކްރިސްޓިއަނުންނާ ގުޅިވަޑައިގެންފިނަމަ އަޅުގަނޑުމެންނަށް ކުރެވޭނޭ ކަމެއް ނޯންނަ ހިސާބަށް ކަންތައް ހިނގައިދާނެއެވެ.]
އަބުލްޙަސަން އެ ޚިޔާލުފުޅުތަކަށް ތާއީދު ކުރެއްވިއެވެ. އެހެންނަމަވެސް ދަތުރަށް ފެށުމުގެ ކުރީން ދިމާވީ ކަމަކުން އެމަނިކުފާނުގެ ހިތްވަރުފުޅު މުޅީން އެލިއްޖެއެވެ.
ދަތުރަށް ފަށަން އޮތް ދުވަހުގެ ކުރީ ދުވަހު ގްރަނާދާއިން ހަތަރު އަސްވާރަކު އަތުވެއްޖެއެވެ. އެ މީހުން އައީ އަބުލްޙަސަންގެ ފައިންޕުޅު ދެކޭށެވެ. އަބޫ ޢަބްދުﷲއަށް އެތަކެއްޗެއް ކިޔުމަށްފަހު އެ މީހުން ދެންނެވިއެވެ. [އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ އަރިހުގައި އެންމެ ފަހުގެ ލޭތިތްކާ ހަމައަށް ޖިހާދު ކުރަން ތައްޔާރަށެވެ. ގްރަނާދާގެ ރައްޔިތުންވެސް ތިބީ މަނިކުފާނަށް ތާއީދުކުރުންމަތީގައެވެ. މަނިކުފާނު ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. އަބުލްޙަސަން އެމީހުންނަށް ވަރަށް ކަމޭހިއްތަވައި މެހުމާންދާރީ އަދާކުރެއްވިއެވެ. އަދި ލަޝްކަރުގެ ތެރެއަށް މި ހަތަރު މީހުން ލައްވައިފިއެވެ. އެ މީހުން ލަޝްކަރާއެކު ތިބި ހަތަރު ދުވަހު ފިސާރި ރަނގަޅަށް މަގުސަދު ހާސިލުކޮށްފިއެވެ. އަބޫ ދާވޫދް އެ ހަތަރު މީހުން ފޮނުވީ އަބުލްޙަސަންގެ ލަޝްކަރުގައި ފިތުނަ އުފައްދައި ބައިބައިކުރުވާށެވެ. މި ހަތަރު މީހުން ދަތުރުމަތީގައި އެންމެ ފުރަތަމަ އެރިގަތީ އަރަބީންގެ ބޮލަށެވެ. އެމީހުން ގާތު ބުންޏެވެ. [ގްރްނާދާގައި ބަރްބަރީންނާއި އެރަށުގެ އުފަން އިސްލާމުން އެއްބައިވެގެން ކަލޭމެންގެ އަޚުން އެތިބަގެން މަރައި ހުސްކުރަނީއެވެ.] އޭގެ ފަހުން ވަދެގަތީ ގްރަނާދާގެ އުފަން އިސްލާމުންނާއި ބަރްބަރީންގެ ތެރެއަށެވެ. އެމީހުން ގާތު ބުންޏެވެ. [އަބޫ ޢަބްދުﷲ ގެ ވެރިކަމަކީ ކަލޭމެންނަށް ލެއްވި ރަޙްމަތެކެވެ. އޭނާ މިހާރު ވަނީ ބޮޑެތި މަގާމުތަކުން ބީރައްޓެހިން ވަކިކޮށް ރަށު މީހުންނަށް ވަޒީފާ ދީފައެވެ. އެހެންވީމާ ކަލޭމެންނަށް އެންމެ ފައިދާހުރި ގޮތަކީ ގްރަނާދާއަށް ގޮސް އަބޫ ޢަބްދުﷲއަށް ތާއިދުކޮށް އޭނާގެ ވެރިކަން ގަބޫލުކުރުމެވެ.] ބައެއް ކޮމާންޑަރުންނަށް މަތީ މަގާމުތަކުގެ ދަހިވެތިކަން ކުރިމަތިކުރުވިއެވެ. ވާހަކަތައް ގަބޫލުފުޅު ނުކުރެއްވި ކޮމާންޑަރުން އަރިހު ދެއްކީ މުޅީން އެހެން ވާހަކައެކެވެ. [އަބުލްޙަސަނަށް ތާއީދުކުރައްވައިގެން އުޅުއްވައިފިނަމަ ގްރަނާދާގައި އަބޫ ޢަބްދުﷲ ތިޔަބޭފުޅުންގެ މުޅި އާއިލާ ގަތުލުކުރައްވާނެކަން ކަށަވަރެވެ. އެހެންނޫނީ ބޮޑެތި އަދަބު ދެއްވާނެއެވެ.] ތަންކޮޅެއް އީމާންކަން ބަލިކަށި މީސްމީހުންނަށް ފައިސާ ދީގެން ހައްލައިލައިފިއެވެ. މި މަސައްކަތް މިބައިމީހުން ކުރީ ވަރަށް ހުސިޔާރުކަމާއެކުގައެވެ. އެހެންވީމާ އަބުލްޙަސަންގެ ޚާއްސުންގެ ބަޔަކަށްވެސް ހިލަމެއް ނުވެއެވެ. ފުރަތަމަ ވާހަކަދެއްކީ އެމީހުންނަށް ތާއީދުކޮށްގެން ތިބިކަން ޔަގީންވާ މީހުންނާއެވެ. އެހެން މީހުންނާ ދިމާކޮށްލީ އެ މީހުންގެ އެހީތެރިކަމާ އެކުގައެވެ.
ދަތުރު ފަށައިގެން ކުރިއަށް ގޮސް އެއް ދުވަހަކު ހަވީރުގެ ވަގުތު ލަޝްކަރު ގްރަނާދާއާއި ވިއްސަކަށް މޭލު ދުރުގައި ގާފިލާކޮށްފިއެވެ. އެރޭ ތިންވަނަ ދަމުގައި އަބުލްޙަސަނަށް އެނގިވަޑައިގެންނެވި ގޮތުގައި ލަޝްކަރުގެ އަށެއްކަ ހާސް ބަރްބަރީންނާއި އިސްޕޭނީން ލަޝްކަރު ދޫކޮށް ވަކިވެގަނެގެން ގްރަނާދާއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
އައްޒަޣަލަށް މި ޚަބަރު ލިބިވަޑައިގަތުމާއެކު އަބުލްޙަސަންގެ ފޭލިގެކޮޅަށް ވަޑައިގެންފިއެވެ. ކުޑައިރުކޮޅެއް ފަހުން ދެތިން ކޮމާންޑަރަކުވެސް ވަޑައިގެންފިއެވެ. އައްޒަޣަލް މަޝްވަރާ އެރުވީ ޣައްދާރުވި މީހުން މަގުމަތީން ހުއްޓުވައި އެމީހުންނަށް ވިސްނައިދޭށެވެ. ނަސޭހަތް ގަބޫލުނުކޮށްފިނަމަ ހަނގުރާމަކޮށް ބަލިކުރާނީއެވެ. ބައެއް ކޮމާންޑަރުން މި ވާހަކަފުޅަށް ތާއީދުކުރެއްވިއެވެ. ބައެއް ކޮމާންޑަރުން ތާއީދެއް ނުކުރެއްވިއެވެ. އެންމެ ފަހުން އަބުލްޙަސަން ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. [ދިޔަ ބަޔަކު ދާން ދޫކޮށްލާށެވެ. އިސްލާމުންގެ އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ކުރުމަކީ އަހަރެން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އެކަމުގެ ހުއްދައެއް އަހަރެން ނުދޭނަމެވެ.]
މި ހިތާވެރި ހާދިސާ މެދުވެރިވީމާ ރަސްގެފާނު އަބުލްޙަސަން މިސްރާބު ޖެއްސެވީ މަލަގައާ ދިމާއަށެވެ. މަލަގަ އޮތީ އެންމެ ފުރަތަމަވެސް އަބޫ ޢަބްދުﷲ އާ ދެކޮޅު ކަމަށް އިއުލާނުކޮށްފައެވެ. އެ ރަށަށް ވަޑައިގަތުމާއެކު ރަށުން އަބުލްޙަސަނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަބުލްޙަސަން ހުންނަވާން ޚާއްސަކުރެވުނީ މަލަގަގެ ވެރިޔާގެ ގަނޑުވަރެވެ.
ދެތިން ދުވަހުގެ ތެރޭގައި އެކި ހިސާބުހިސާބުން މީހުން އައިސް އެބައިމީހުންގެ ރަސްގެފާނަށް ވަފާތެރިވާން އަހުދުވެއްޖެއެވެ.
ގްރަނާދާގެ ރަސްގެފާނު މީގެ ހައެއްކަ މަސް ދުވަސް ކުރީން ރަށުން ނުކުމެވަޑައިގަތީ މުޅި އަންދަލުސް ހިއްޕެވުމުގެ އަޒުމުފުޅާއެކުގައެވެ. މިއަދު އެމަނިކުފާނުގެ ވެރިކަން އެ އޮތީ ދެ ބަޔަކަށް ބެހިފައެވެ. ގްރަނާދާގައި އޮތީ އަބޫ ޢަބްދުﷲގެ ވެރިކަމެވެ. މަގަލަގައި އަބުލްޙަސަންގެ ވެރިކަމެވެ.
ނާކާމިޔާބީގެ ހިތާމައަށްވުރެ ބޮޑު އުފަލެއް ފެރްނާންދޯއަށް ލިބުނީ އަބޫ ޢަބްދުﷲގެ ބަޣާވާތުގެ ޚަބަރުންނެވެ. އެހެންވީމާ އަބުލްޙަސަނަށް އެންމެ ފަހުގެ ހަމަލާ ދޭން އޭނާ ތައްޔާރުވާން ފަށައިފިއެވެ.
(6)
ދުޝްމިނުންގެ އަތުން ބަލިވެވަޑައިގަތް ނަމަވެސް އަބުލްޙަސަން ހިތްވަރުފުޅު ދުލެއް ނުކުރެއްވީހެވެ. އެކަމަކު އެ ނާމީޔާބީގެ ސަބަބަކަށް އަމިއްލަފުޅު ދަރިކަލުން ވެވަޑައިގަތް ނާކާމިޔާބީއަކީ ބަރުދާސްކުރައްވާން ދަތިފުޅު ކަމަކަށް ވެއްޖެއެވެ. މިހާރަކު މި ވަގުތަކަށްވެސް އަދި ކުރިމަގަކަށްވެސް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނެތެވެ. ކޮއްކޯފުޅު އައްޒަޣަލާއި އެހެން ބައެއް ބޭފުޅުން ހިތްވަރުފުޅު އެރުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ގެންދަވައެވެ. އެންމެ ފަހުން ގޮސް ފައިންޕުޅު ދެކެވަޑައިގަންނަވާން ވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތު ދެއްވުން ހުއްޓަވައިލައްވައިފިއެވެ. ކުރައްވާހައިވެސް ކަމަކީ ހިތާމަފުޅު ކުރެއްވުމެވެ. ކަރުނަފޮދު އޮއްސެވުމެވެ. އެންމެ ފަހުން ލޯފުޅުގެ ބާރުދެރަވެ ފެނިވަޑައިގަތުމަށް އުނިކަން އަންނާން ފަށައިފިއެވެ.
އެއް ދުވަހަކު އައްޒަޣަލާއި ބަދްރު ބިން މުޣީރާއާ ދެ ބޭފުޅުން އަބުލްޙަސަންގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. އައްޒަޣަލް ކުރިމަގުގެ ރޭވުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާން ފެއްޓެވީމާ އެ ވާހަކަފުޅު މެދުކަނޑުއްވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ކޮއްކޯއެވެ. އެހެން ވާހަކައެއް ދައްކާށެވެ. އަހަރެމެންނަށް ދުޝްމިނުންނާ ދެކޮޅަށް ހަނގުރާ ކުރެވިދާނެއެވެ. އެކަމަކު ތަގުދީރާ ދެކޮޅަށް ކުރެވޭނީ ކޮން ހަނގުރާމައެއް ހެއްޔެވެ؟]
ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މުޖާހިދުން އެބައިމީހުންގެ ތަގުދީރު ލިޔަނީ ކަނޑީގެ ތުނޑުންނެވެ.]
(ނުނިމޭ)