
އޭޕްރީލް 17 އިން ފެށިގެން 19އާއި ހަމައަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
3 ސެޝަނަކަށް ބަހައިލައިގެން ކުރިއަށްގެންދިޔަ މި ދަސްވެނިވުމުގެ ފުރުތަމަ ސެޝަން ޝަރަފުވެރިކޮއްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ދަސްވެނިވުމުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮއްދެއްވާފައިވަނީ ދިވެހިބަހާއި ސަޤާފަތްތަކާއި ބެހޭ ވަޒީރު އާދަމް ނަޒީރެވެ. އަދި 3 ވަނަ ސެޝަން ޝަރަފުވެރިކޮއްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ރަޢީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
އައިޔޫއެމްގެ ތަފާތު އެކި ކޯސްތަކުން ގިނަ އަދަދެއްގެ ދަރިވަރުން މި އަހަރު ދަސްވެނިވެފައިވާއިރު، މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފުރުތަމަ އޮނޮރަރީ ޑޮކްޓަރޭޓްކަން ހާޞިލްކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާއިލް މުޙައްމަދަށް ވަނީ އެވޯޑް އަރުވައިފައެވެ. . އުމުރުން 90 އަހަރުވެފައިވާ ޝެއިޚް އިސްމާއިލަށް އޮނޮރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އައިޔޫއެމްގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ނިންމާލައްވަމުން ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އައިޔޫއެމްގެ ކުރިއެރުވުމާއި ތަރައްޤީއަށް ސަރުކާރުން މަސައްކަތްކުރާނެކަމަށާއި، އަދި އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވެސް އައިޔޫއެމްގެ ކުރިމަގު އުޖާލާކުރުމަށް އެކި ކަންކަން ހިމަނުއްވައިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.