ޗައިނާގެ ފުޑް އިންޑަސްޓްރީގެ ވަފުދެއް ރާއްޖޭގަ

ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށް ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމެވެ.

ސީއެފްއެންއޭގެ ވަފުދުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ޢިޤްތިޞާދީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުރި ޤަވާއިދުތަކާއި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ސީއެފްއެންއޭގެ ދިރާސާ ޓީމުން ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަޙްމަދު ޝިޔާމަށް އިޙްތިރާމުގެ ޒިޔާރަތެއް ކޮށްފައެވެ. މި ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމާއި، އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.