ވިހަތީރު (103)

( 8 އެޕްރީލް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މެހެމަލްގެ ނާއުއްމީދީ ބަސްތަކުން ހިތަށްކުރި އަސަރުން ދުނިޔެރަންވެ ، ކޮޓަރިތެރެ އެފުށްމިފުށަށް ޖަހައިލުމަށްފަހު ، އެނދުމައްޗަށް ވެއްޓިފައި ޙަމްޒާ އޮތެވެ. ބުޝްރާ އައިސް ޙަމްޒާގެ ކޮޓަރީގެ ކުރިކަނޑައިލިއިރު ، ޙަމްޒާ އޮތީ އެނދުހުރަހަށް އޮށޯވެއެވެ. ބޯން ގެންގުޅުނު އެއްޗެތި އެނދުކައިރީ ތަޅުންގަނޑުމައްޗަށް އެޅިފައި ހުއްޓެވެ. ޙަމްޒާގެ ގައިމަތީ ރަޖާގަނޑު އަޅައި ބޮކި ނިއްވައިލުމަށްފަހު ، ބުޝްރާ ކޮޓަރިން ނުކުތެވެ.

އޭނާގެ ޙަޔާތަށް އެކުރިމަތިވަމުންދާ ކަންކަމާމެދު ވިސްނައި ފިކުރު ކުރުމަށްޓަކައި ، ދިލްނަޝީންވެސް އޮތީ އެނދުގައި އުޑުތިލަމަތިން ޖައްސާލައިގެން ދެލޯބޮޑުކޮށްގެންނެވެ. ޙައިދަރު އެނދަކަށް ނާރައެވެ. ޙައިދަރުވެސް ކޮޓަރިތެރޭހުރި ގޮނޑިއެއްގައި ޖައްސާލައިގެން ފިކުރުބޮޑުވެފައި އިނެވެ. ދިލްނަޝީން އެއްފަރާތަކަށް އެނބުރިލައި ޙައިދަރާ ދިމާލަށް ބަލަހައްޓައިގެން އޮތެވެ. އެތައް އިރެއްވީއިރުވެސް ، ދެމީހުންކުރެމީހެއްގެ ލޮލަށް ނިންޖެއް ނާދެއެވެ.

ޙައިދަރު ތެދުވެގެންގޮސް ، އެނދުގައި ޖައްސައިލިއެވެ. ދިލްނަޝީނާ ދިމާލަށް ބަލައިލިއިރު ދިލްނަޝީންވެސް ނުނިދައެވެ. އަދިވެސް ނުނިދަނީތޯ ޙައިދަރު ސުއާލުކުރުމުން ، އޭނާގާތަށް އަދި ނިދި ނާންނަނީކަމަށް ދިލްނަޝީން ބުންޏެވެ. އެއްވެސް ކަމަކާ ނުވިސްނާ ދެން ނިދައިލުމަށް ބުނަމުން ، ދިލްނަޝީންގެ ބޮލުގައި ޙައިދަރު ފިރުމާލަމުން ގެންދިޔައެވެ. ދިލްނަޝީނަށް ނިދިޖެހުމުން ޙައިދަރު އޭނާގެ އަތް ނަގައި އެނދުމަތީ ބޭއްވުމާއެކީ ، ދިލްނަޝީނަށް ފުރޮޅިލެވި ޙައިދަރުގެ އަތްމަތީ އޭނާގެ އަތްބާއްވައި ލެވުނެވެ. ޙައިދަރުގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ. ޙައިދަރުގެ އަތް އެއޮތްގޮތަށް ބާއްވައި ، އެނދުގެ ކޮޅުފަޑީގައި ބޯއަޅާލައިގެން އިށީނދެލައިގެން އެނދުގައި އިނެވެ. ޙައިދަރަށް ނިދުނީ އެއިންގޮތަށް އޭނާ އެނދުމަތީ އިށީނދެ އިންދައެވެ.

ބުޝްރާގެ ކެބިންގައި ހާރޫނާއެކީ ، ވިޔަފާރިއާބެހޭ މަޝްވަރާއެއްގައި އިންދާ ، ޙަމްޒާ ވަދެގެން އައިސް ، މިއީ ކޮންކަމެއްތޯ ބުނެ ، ބުޝްރާގެ މޭޒުމައްޗަށް ފައިލެއް އެއްލިއެވެ. އެ ވިޔަފާރިއަކީ އޭނާ ވާހަކަ ދައްކައިގެން ހޯދި ވިޔަފާރިއެއްކަމަށް ބުންޏެވެ. ބުޝްރާގާތަށް ރުޅިއައިސް ، އެންމެ ފުރަތަމަ ، އޭނާގެ ކޮޓަރިޔަށް އެގޮތަށް އައިސް ، އެއްވެސް އަދަބެއްސަދަބެއްނެތި ވާހަކަ ދައްކަން ޖެހޭ ސަބަބެއް އޮޅުންފިލުވައި ދިނުމަށް ޙަމްޒާގާތު އެދުނެވެ. ބުޝްރާ އެކަންތައް ކުރަނީތޯ ރަނގަޅަށްތޯ އަހައި ޙަމްޒާވެސް ކުރިމަތިކުރުވީ ސުއާލެކެވެ.

" އަހަރެން ކަންތައް މިކުރަނީ އެންމެ ރަނގަޅަށެވެ. މި ވިޔަފާރިޔަކީ ، އަހަރެންގެ ފިރިމީހާގެ ބުރަމަސައްކަތުން ކޮޅަށްޖެހި ވިޔަފާރިއެކެވެ. މިވަގުތު ، އަހަރެންގެ ފިރިމީހާގެ ހުރިހާ މިލްކިއްޔާތެއް އޮތީ އަހަރެންގެ ނަމުގައެވެ. މިވިޔަފާރީގެ ތެރޭގައި ބޮޑެތިކަންކަން ނިންމުމުގައި ، ޙަމްޒާއަށް ހަމަބުއްދި ލިބެން ޖެހެއެވެ. ތިބޭނުންކުރާ އެއްޗެއްގެ ސަބަބުން ، ޙަމްޒާގެ ވިސްނުން އެއްހަމައެއްގައެއް ނުހިފެހެއްޓެއެވެ. ހިތުގައި ތިއޮތް ލޯބީގައި ބުއްދި އޮތީ އޮޅިފައެވެ. ތި ހުންނަނީ ހަމަ ބުއްދީގައެއްނޫނެވެ. އެ ޙާލަތުގައި އަހަރެންގެ ކުންފުނީގެ ބޮޑެތި ކަންކަން އަހަރެންގެ އިޒުނަޔާނުލައި ކުރުމަށް ، ޙަމްޒާއަކަށް ހުއްދައެއް ނުދޭނަމެވެ. " ބުޝްރާ ބުނަމުން ގެންދިޔައެވެ.

ބުޝްރާ ބުނަން ބޭނުންވެގެން އެއުޅެނީ ކޮންވާހަކައެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. މިހާތަނަށް ސާޅީސްމިލިއަން ރުފިޔާ ، ޙަމްޒާގެ ސަބަބުން އެމީހުންނަށް ގެއްލިއްޖެކަމުގައި ބުޝްރާ ބުންޏެވެ. އަމަލުވެފައި ހުރެގެން ، ޙަމްޒާ ނިންމާ ނިންމުންތަކުން ގެއްލުންވަމުން އެދަނީ ބުޝްރާގެ ޢާއިލާއަށެވެ. އެފަދަ ގެއްލުމެއް އޭނާގެ ކުންފުންޏަށް އިތުރަށް ލިބޭނެ ގޮތަކަށް ޙަމްޒާއަށް ކަންކަން ނިންމުން ހުއްދަ ނުކުރާނެކަމަށް ބުޝްރާ ބުންޏެވެ.

ޙަމްޒާ އެކުންފުނީގައި މަސައްކަތް ނުކޮށް ގޭގައި ހުރެދާނެކަމަށް ޙަމްޒާ ބުންޏެވެ. އޭރަށް ކުންފުންޏަށް ލިބޭނީ ހުސް ގެއްލުމެވެ. އެމީހުން ރިސްކުވެސް ނަގައި  ފައިދާގައި ކުންފުނި ހިންގާނެކަމަށް ބުޝްރާ ބުންޏެވެ. ޙަމްޒާވެސް ބައިވެރިކޮށްގެންނެވެ. ޙަމްޒާ ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ އޭނާޔާ އަދި ބޮޑުބޭބެ ހާރޫނުގެ އިޒުނަ ލިބިގެންނެވެ. އެނޫންގޮތަކަށް ޙަމްޒާގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްނުލާނެކަމަށް ބުޝްރާ ބުންޏެވެ.

އޭގެ މާނަޔަކީ އޭނާއަށް އެކުންފުނީގައި މިނިވަންކަމާއެކީ އެއްވެސްކަމެއް ނުކުރެވޭނީތޯ ޙަމްޒާ ސުއާލު ކުރިއެވެ. ބުޝްރާގެ ޝަރުތަކަށްވީ ޢަމަލުވާ އެއްވެސް އެއްޗެއް ޙަމްޒާ ބޭނުން ނުކުރުމެވެ. އޭރަށް ، މިނިވަންކަމާއެކީ އެކުންފުނީގައި ޙަމްޒާއަށް މަސައްކަތް ކުރެވިދާނެއެވެ. ޙަމްޒާ ބޭނުންކަމަށް ވަންޏާ ، ރިހެބަކަށް ފޮނުވަންވެސް ބުޝްރާ އެހުރީ ތައްޔާރަށެވެ. ޙަމްޒާ ރުޅިއައިސް ހަޅޭއްލަވައިގެންފައި އެތަނުން ނުކުމެގެން ދިޔައެވެ.

ޙަމްޒާ ހަމަޔަކަށް އެޅުވޭނެ މަގެއް ހޯދަން އުޅެއުޅެ އޭނާ ބަލިވެއްޖެކަމުގައި ހާރޫނުގާތު ބުޝްރާ ބުންޏެވެ. އެވަގުތު ހާރޫނު ކުރީ ސުއާލެކެވެ. ބުޝްރާ ބުނެފަ އޮތްގޮތުގައި ޙަމްޒާ ހިތާވެގެން އެއުޅޭ އަންހެންކުއްޖާ އުޅެނީ މީހަކާ އިނދެގެންނެވެ.

އެކުއްޖާ އުޅެނީ މީހަކާ އިނދެގެންކަމަށް ބުޝްރާ ބުންޏެވެ. އެކަމަކު އޭނާގެ ފިރިމީހާއަކީ ފާޑެއްގެ މީހެކެވެ. ޙަމްޒާއާ އެކުއްޖާއާ ރައްޓެހިވެގެން އުޅޭކަން އެނގިހުރެމެ ، އެކުއްޖާ ޙަމްޒާއާ ވާހަކަ ދައްކަން ދޫކޮށްލައިގެން އެހުންނަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ދިލްނަޝީނަށް އިންޒާރުކުރުމަށް ހާރޫނު ލަފާދިނެވެ. އަދި ، ޙަމްޒާ ދޫކޮށްލައި އޭނާއާ ވަކިވާން އެކުއްޖާއަށް މަޖުބޫރު ކުރުވާށެވެ. އެގޭގެ ޅީދަރިޔަކަށްވެގެން އެގެޔަށް އެކުއްޖާއަށް ނާދެވޭނެކަން އެކުއްޖާއަށް އަންގައި އޮޅުންފިލުވައި ދޭށެވެ. ހާރޫނުގެ ލަފާ ، ބުޝްރާ ޤަބޫލު ކުރިއެވެ. އަދި ، އެކަމަށް ކޮންމެވެސްކަމެއް ފިޔަވަޅެއް އަޅޭނެކަމަށް ބުންޏެވެ.

އަރައިގަތް ރުޅި ކޮންޓްރޯލް ނުވެ ، އަތުގައިހުރިއްޔާ ހުރި ބާރެއްލާފައި ދޮރުޖަހައި ، ނުކުމެގެން އޮފީހުގެ ގޯތިތެރެޔަށް ޖެހިލައި ، ދިލްނަޝީނަށް ޙަމްޒާ ފޯނު ކުރިއެވެ. ދިލްނަޝީންގެ ފޯނު އޮތީ ނިއްވައިލާފައެވެ. ޙަމްޒާ ، އޭނާގެ ކާރަށް އަރައި ދުއްވައިލިއެވެ. އޮފީސްގޯތި ތެރެއިން ނުކުތުމަށްފަހު ، ސްޕީޑް ބާރުކުރަމުން ، ކަނަކު ޢިޝަނަމާދަށް ދާހެން ، މަގު ކުޑަޔަށްލައި ކާރު ދުއްވަމުން ދިޔައެވެ. ކާރުގައި އިނދެގެންވެސް ، އެތައް ފަހަރަކު ދިލްނަޝީނާ ގުޅިއެވެ. ދިލްނަޝީނާ ނުގުޅިގެން ، އެއިން ކޮންމެ ފަހަރަކުވެސް ޙަމްޒާގެ ރުޅި އެއްދަރަޖަ ކުރިޔަށް ދެއެވެ. ހަމަހޭގައި ހުރި މީހަކު ނުދުއްވާވަރަށް ބާރަށް ދުއްވަމުން ، އެންމެފަހުން ، ޙަމްޒާގެ ކާރު އެ މިސްރާބުޖެހީ ، ޙައިދަރުގެ ގެޔާ ދިމާލަށެވެ.

ކުލްސޫމް ކުރީދުވަހަކު މައްސަލަ ޖެއްސި ފޮޓޯ ލޯގަނޑުތައް ގެނެސް ހަރުކުރުމުގެ މަސައްކަތް އެގޭތެރޭގައި ކުރެވެމުން ދިޔައެވެ. ހުރިހާ ފޮޓޯއެއްގައިވެސް ، ޙައިދަރާއި ދިލްނަޝީނެވެ. ކޮންމެ ލޯގަނޑެއް ހަފޫޓު ހަތަރުފޫޓުގެ ބޮޑުމިނަށް ހަދާފައި ހުއްޓެވެ. ފޮޓޯތަކަށް ކުލްސޫމް ވަރަށް ހިތްހަމަ ޖެހުނެވެ. ކުލްސޫމްގެ ފޮޓޯ ލޯގަނޑުތަކެއް ، ގޭގައި ހަރުކުރުމަށް ވާހަކަ ދެކެވުނު ދުވަހަކު ، ކުލްސޫމް ޙައިދަރު ގާތު ބުނެފައިވަނީ ، އޭނާގެ ފޮޓޯތަކެއް ގޭގައި ބަހައްޓާނެކަމެއް ނެތްކަމަށެވެ. ކުލްސޫމް ބޭނުންވީ ، އޭނާގެ ޅީދަރިފުޅާއި ޙައިދަރުގެ ފޮޓޯތައް އެގޭގެ އެތައް މިތާނގައި ބެހެއްޓުމަށެވެ. އެދުވަސް އެއޮތީ އައިއްސައެވެ. ކުލްސޫމް އިނީ އުފަލުންގޮސް ފޮޅިފައެވެ.

ކުލްސޫމަށް ބޭސްދިނުމަށްޓަކައި ދިލްނަޝީން އަވަދިނެތި އުޅެނިކޮށް ، ބާބަރާ އައިސް ، ދިލްނަޝީނާ ބައްދަލުކުރަން މީހަކު އައިސްހުރި ވާހަކަ ބުންޏެވެ. އެވަގުތު ނުދެވޭނޭ ބުނެ ، ދިލްނަޝީން ، މަންމަގެ ބޭސްތައް ވަކިކުރަމުން ގެންދިޔައެވެ. ކުލްސޫމަކަށް އެގޮތް ކަމަކު ނުދިޔައެވެ. އެންމެ ދެރަވެގެން ، އެއީ ކާކުތޯ ބަލައިލުމަށް ކުލްސޫމް އެދުނެވެ. އެއީ ދިލްނަޝީންގެ ތިމާގެ މީހެއްކަމަށް ، އައިސްހުރި ފިރިހެނާ ބުނިކަމަށް ބާބަރާ ބުނުމާއެކީ ، ދިލްނަޝީންގެ ބޮލުގައި ރިއްސައިލިއެވެ.

ބޭރަށް ނުކުމެ އެއީ ކާކުތޯ ބަލައިލާފައި އަންނަން ކުލްސޫމް ބާރުއެޅުމާއެކީ ، ދިލްނަޝީން ހިނގައިގަތެވެ. ދިލްނަޝީނަށް ހީވީ ރަނގަޅަށެވެ. ބޭރަށް ނުކުމެ ބަލައިލިއިރު ، އެގެޔަށް އައިސް އެހުރީ ޙަމްޒާއެވެ. ޙަމްޒާ ހުރީ ގޭގެ ގޯތިތެރެޔަށްވަދެ ، ކާރުގައި ލެނގިލައިގެންނެވެ. ހީވަނީ ގަޔަށް ހިނިއަރައިގެން އުޅޭ ހެންނެވެ. އެންމެ އިރުކޮޅަކުވެސް މަޑެއްކޮށެއް ނުހުރެވެއެވެ.

ދިލްނަޝީންގެ ހިނގުމަށް ހުއްޓުން އައެވެ. ކުރިޔަށް އެޅި ފިޔަވަޅު ފަހަތަށް އެޅުނެވެ. ހުއްޓިލުމަށްފަހު ، ކުޑަކޮށް ވިސްނައިލިއެވެ. ޙަމްޒާގާތަށް އޭނާ ނުގޮއްސިނަމަ ، ގޭތެރެޔަށްވެސް ވަދެފާނެއެވެ. އެންމެ ރަނގަޅުވާނީ ، އޭނާ ޙަމްޒާގާތަށް ގޮސް އޭނާ މައިތިރި ކުރުމެވެ. ޙަމްޒާ އެއައީ ދިލްނަޝީނާ ނުގުޅިގެންކަން ދިލްނަޝީނަށް އެނގެއެވެ. އެހެންވީމާ ، އެކަން ހަމަޖައްސާނީ އޭނާއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ، ޙަމްޒާގެ ކުރިމަތީ ދިލްނަޝީން ހުއްޓުނެވެ.

" އަހަރެންނަށް އެނގިފައި އޮތްގޮތުގައި ދިލްނަޝީންގެ މައިދައިތަ އުޅެނީ ބަލިވެއެވެ. މިއައީ ، އެ ދައިތަޔަށް ގޮވައިލާން މިގެޔަށް ޖައްސައިލާން ހިތަށް އަރައިގެންނެވެ. " ޙަމްޒާ ބުންޏެވެ.

އެގެއިން ނުކުމެގެން ދިއުމަށް ޙަމްޒާގާތު ދިލްނަޝީން އެދުނެވެ. އެހެނަސް ، ދިލްނަޝީންގެ ޙަޔާތަށް އޭނާއައީ ، ނުކުމެގެން ދާގޮތަކަށް ނޫންކަމަށް ޙަމްޒާ ބުންޏެވެ. އަދި އެގެއިން ނުކުމެގެން ދިއުމަށް ޙަމްޒާ ، އިންކާރު ކުރަމުން ގެންދިޔައެވެ. ޙަމްޒާ ބޭނުންވަނީ ކޮންގޮތަކަށް އޭނާގެ ޙަޔާތުގައި ދިލްނަޝީން ގެންގުޅެންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙަމްޒާ އެއައީ ދިލްނަޝީން ބަލައެވެ.

" ދިލްނަޝީން އަހަރެންނާއެކީ އަންނާށެވެ ! މިތާހުރެގެން އެއްވެސް ވާހަކައެއް ދައްކާ ހަދާކަށް އަހަރެން ބޭނުމެއްނޫނެވެ. ވަރަށް މުހިންމު ވާހަކަތަކެއް ، ދިލްނަޝީނާ ދައްކަންވެފައި އެބަހުއްޓެވެ. " ޙަމްޒާ ބުންޏެވެ.

ޙަމްޒާއާ އެއްވެސް ވާހަކައެއް ދައްކަން ދިލްނަޝީން ބޭނުންނުވާކަމަށް ބުނެ ، ޙަމްޒާ އެގެއިން ނުކުމެގެން ދިއުމަށް ދިލްނަޝީން އާދޭސް ކުރަމުން ގެންދިޔައެވެ. އެހެންކަމަށް ވަންޏާ ދެންހަދާނެގޮތްވެސް ނިންމީ ޙަމްޒާއެވެ. ދިލްނަޝީން އޭނާއާ އެކީ ނުދާނެކަމަށް ވަންޏާ ، ޙަމްޒާދާނީ ، މަރުވަން ތައްޔާރުވެފައި އިން ، ދިލްނަޝީންގެ މައިދައިތަ ގާތަށްކަމުގައި ޙަމްޒާ ބުންޏެވެ. ގޭތެރެޔަށް ގޮސް ، ޙަމްޒާއާ އެކީ އޭނާގެ ޅީދަރިފުޅު ، ލޯބީގެ ގުޅުމެއް ހިންގާކަމުގައި ، މައިދައިތަގާތު ބުނާނެއެވެ. އަދި ، އެދައިތަ އެއޮތީ މަރަށް ތައްޔާރުވެފައިކަމުގައިވެސް ބުނާނެއެވެ.

ޙަމްޒާއަކީ ހާދަ ގޮތެއްނެތް މީހެއްކަމުގައި ދިލްނަޝީން ބުންޏެވެ. އެ ގޮތެއްނެތް މީހާދެކެ ، ދިލްނަޝީން ލޯބިވިކަމުގައި ޙަމްޒާ ބުންޏެވެ. ޙަމްޒާ އެތަނުން ނުކުމެގެން ދިއުމަށް ދިލްނަޝީން ކުރަމުން ގެންދިޔަ އާދޭސް ، ޙަމްޒާ ޤަބޫލެއް ނުކުރިއެވެ. އޭގެ ބަދަލުގައި ، ދިލްނަޝީން އޭނާއާއެކީ ނުގޮއްސިނަމަ ، ގޭތެރެޔަށްވަދެ ، ދިލްނަޝީންގެ މައިދައިތައާ ބައްދަލުކޮށް ، އޭނާ މަރުވާން ތައްޔާރުވެފައި އޮތް ވާހަކަ ދައްކާނެކަމަށް ބުނަމުން ގެންދިޔައެވެ.

" ތިހެން ނުހަދާށެވެ ! ޙަމްޒާގެ ފަރާތުން ޙައިދަރުގާތު އަހަރެން މިހުރީ ވަޢުދުތަކެއް ވެފައެވެ. " ދިލްނަޝީން ބުންޏެވެ.

އޭނާގާތުގައިވެސް ދިލްނަޝީންވަނީ ، ވަޢުދުތަކެއްވެފައިކަން ޙަމްޒާ ހަނދާން ކޮށްދިނެވެ. މަރުދުވަހަށް ދާނދެން އެކުގައި ލޯބިން އުޅޭށެވެ. ދިލްނަޝީންގެ ފޯނު ނިއްވައިލާފައި އެއޮތީ ކީއްވެތޯ ޙަމްޒާ ސުއާލު ކުރިއެވެ. ދިލްނަޝީންގެ ފޯނު ނިއްވައިލާފައި އޮތީ ، ޙަމްޒާއާ ވާހަކަ ދައްކަން ދިލްނަޝީން ބޭނުން ނުވާތީއެވެ. އެއީ ކީއްވެތޯ ޙަމްޒާ ސުއާލު ކުރިއެވެ. އެއީ ، ދެމީހުން އެއްބަސްވެފައި އޮތްގޮތާ ޚިލާފަށް ، ދިލްނަޝީނަށް އުނދަގޫވާ ގޮތްގޮތަށް ޙަމްޒާ ޢަމަލު ކުރާތީއެވެ. އަދަބާ ޚިލާފު ވާތީއެވެ. ދިލްނަޝީންގެ ޙާލަތު ބުނެދޭނީ ކޮންބައެއްގެ ގާތުގައި ހެއްޔެވެ ؟ ވަކިގޮތަކަށް އެއްބަސްވުމަށްފަހު ، ޙަމްޒާއަށް އެގޮތަށް އުޅެން ކެތްވަނީކީ ނޫނެވެ. ދިލްނަޝީނަކީ މީހެއްގެ ޙަލާލު އަނތްބެކެވެ. ކިތަންމެ ބޭނުންވިޔަސް ، ދިލްނޝީނަށް ޙަމްޒާއާ ވާހަކަ ދެއްކޭނެ ވަގުތާއި ވާހަކަ ނުދެއްކޭނެ ވަގުތު އަންނާނެއެވެ. ޙައިދަރުގެ އަނތްބެއްގެ ގޮތުގައި ދިލްނަޝީން އިންހާ ހިނދަކު ، އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކެއް ހުންނާނެއެވެ. ފުރިހަމަކުރަންޖެހޭ ޒިންމާތަކެއް އޮންނާނާނެއެވެ.

" އަހަރެންގެ ޙާލަތު ބުނެދޭންވީ ، އިނދެގެންއުޅޭ ޙައިދަރު ގާތުގައި ހެއްޔެވެ ؟ ނުވަތަ އިންނަންއުޅޭ ޙަމްޒާގާތު ހެއްޔެވެ ؟ އަހަރެން ވަރުބަލި ވެއްޖެއެވެ. މިއީ އަހަރެންނަށް ދިރިއުޅެވޭނެ ގޮތެއްނޫނެވެ. " ދިލްނަޝީން ބުންޏެވެ.

ޙަމްޒާ އެއައީ ދިލްނަޝީންގެ ޚަބަރެއް ނުވީމާ ކަންބޮޑުވެގެންނެވެ. ދިލްނަޝީނަށް އުނދަގޫ ކުރާކަށްނޫނެވެ. އެކަމަށްޓަކައި ދިލްނަޝީންގެ ކިބައިން ، ޙަމްޒާ މަޢާފަށް އެދުނެވެ. އެހެނަސް ، އެކަމުގެ ފައިދާއެއް މިހާރު ނެތްކަމުގައި ދިލްނަޝީން ބުންޏެވެ. ފައިދާއެއް އޮންނާނީ ، ދިލްނަޝީން އައިސް އޭނާއާ ބައްދަލު ކުރުމުންކަމުގައި ޙަމްޒާ ބުންޏެވެ. ފޯނު ނިއްވައި ނުލުމަށާއި އޭނާއާ ވާހަކަ ދެއްކުމަށް އަދި އޭނާއާ ބައްދަލުކުރަން އަންނާނެކަމަށް ވަޢުދުވުމަށް ، ދިލްނަޝީންގާތު ޙަމްޒާ އެދުނެވެ. އެހެންނޫނީ ، ގޭތެރެޔަށް ވަދެ ، ދިލްނަޝީންގެ މައިދައިތަގާތު ހުރިހާ ވާހަކައެއް ބުނާނެއެވެ. މައިދައިތަގެ ބަލީގެ ޙާލަތުވެސް ސާފުކޮށްދޭނެއެވެ. ގޭތެރެޔަށް ގޮސް ފޯނު އޮން ކުރުމަށާއި އޭނާ ގުޅީމާ ފޯނުނެގުމަށް ޙަމްޒާ ، ދިލްނަޝީނަށް އަމުރު ކުރިއެވެ. ޙަމްޒާ އެދޭ އިންޒާރުތަކުން ރެކި ، އެނުރައްކަލުން ދިލްނަޝީނަށް ސަލާމަތްވެވޭނެ އެއްވެސް މަގެއް ޙަމްޒާއެއް ނުދެއްކިއެވެ. އޭނާ އެގެއިން ނުކުމެގެންދާނީ ، ދިލްނަޝީން ގުޅީމަ ޙަމްޒާގެ ފޯނު ރިންގ ވާންފެށިއްޔާކަމުގައި ބުނެ ، އިންޒާރު ކުރިއެވެ. އެހެންނޫނީ ޙަމްޒާ އެހުރީ ގޭތެރެޔަށް ވަންނަން ނިންމައިގެންނެވެ.

ދިލްނަޝީން ފަހަތަށް ޖެހިލައި ، މަޑުމަޑުންގޮސް ގޭތެރެޔަށް ވަނެވެ. ގޭތެރެޔަށް ވަތްއިރު ، ކުލްސޫމް ހުރީ ޙައިދަރާއި ދިލްނަޝީންގެ އިސްކޮޅަށް ތައްޔާރުކޮށްފައިހުރި ފޮޓޯ ލޯގަނޑަށް ބަލަހައްޓައިގެން އެފޮޓޯގެ ފުރިހަމަކަމަށް ތަޢުރީފް ކުރާށެވެ. އެފޮޓޯ ކިހިނެއްތޯ ދިލްނަޝީނާ ، ކުލްސޫމް ސުއާލު ކުރިއެވެ. ވަރަށް ރީއްޗޭ ބުނެ ، ދިލްނަޝީން އޭނާގެ ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ. ދިލްނަޝީންގެ މޫނުމަތީގައިވާ ހާސްކަމާއި ކަންބޮޑުވުން ، ކުލްސޫމަށްވެސް ފާހަގަ ކުރެވުނެވެ.

ދިލްނަޝީން ދިޔަގޮތަށްގޮސް އޭނާގެ ފޯނު އޮންކޮށް ، ޙަމްޒާއާ ގުޅިއެވެ. އަދި އެގެއިން ނުކުމެގެންދާން އެދުނެވެ. ދިލްނަޝީން އޭނާއާމެދު ކަންތައް ކުރަމުން އެގެންދާ ގޮތް ، ޢުމުރަށްވެސް ހަނދާން ނައްތައިނުލާނެކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީން މިހާރު އެއުޅެނީ ، ފިރިމީހާ ، ޙައިދަރުދެކެ ބިރުންކަމުގައިވެސް ޙަމްޒާ ބުންޏެވެ. ފަހަރެއްގައި ، ޙައިދަރުދެކެ ލޯބިވާކަން ހާމަކޮށްފައިވެސް އޮވެދާނެއެވެ. ޙަމްޒާ ދައްކާ އެއްވެސް ވާހަކައެއްގެ އަޑުއަހާކަށް ދިލްނަޝީން އެވަގުތު ބޭނުމެއް ނުވެއެވެ. ޙަމްޒާ އެގޭތެރޭ ހުއްޓާ ޙައިދަރަށް ފެނިއްޖެނަމަ ، އިތުރު މުޞީބާތާ އޭނާއަށް ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން ، ޙަމްޒާ ހަމަ މިހާރު އެގެއިން ނުކުމެގެންދާން ދިލްނަޝީން އެންގިއެވެ. ޙަމްޒާ އެގެއިން ނުކުމެގެން ދިޔައީ ، އެރޭ ރޭގަނޑު ގުޅާނަމޭ ބުނެފައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.