ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އެދިއްޖެ

ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިވަޑައިގެންފިއެވެ.

އިމިގްރޭޝަނުން ވަނީ ރާޢްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްޚަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އެދިވަޑައިގެންފައެވެ.

ސައްޚަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފަވާއިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ހިންގަމުންނެވެ.

އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާފައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.