
ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދާ މަނަވަރެއްކަމަށެވެ.
މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެއްކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިއީ އެ މަސައްކަތުގައި ދިވެހި ސިފައިންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފަވާ ލަނޑުދަނޑިއަށް ވާސިލވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް ވަނީ ބުނެފައެވެ.
މިއުޅަނދު ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރުމަށްޓަކައި ތުރުކީ ވިލާތުގައި ދިވެހި ސިފައިންގެ ޓީމެއް ދަނީ ތަމްރީންވަމުން ކަމަށާއި ސިފައިންގެ ޚިދުމަތަށް އިތުރުކުރެވޭ މި ޤާބިލުކަމަކީ، ޤާނޫނުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބޭ ވަރަށް ވަރަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް ވެސް އެ ނަޔާނުގައި ބުނެފައި ވެއެވެ.